ހެޔޮލަފާ މުޖުތަމައެއް ބިނާކުރެވޭނީ އެންމެންވެސް ޒިންމާ ނަގައިގެން: ޚުތުބާ

މާލޭގެ މަގުމަތީގައި ބަޔަކު ހިނގާފައި ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހެޔޮލަފާ މުޖުތަމައެއް ބިނާކުރެވޭނީ އެންމެންވެސް ޒިންމާ ނަގައިގެންކަން ހަނދާންކޮށްދެމުން، މިއަދުގެ ޚުތުބާ 'ހެޔޮލަފާ މުޖުތަމައެއް ގާއިމު ކުރުން' މި މައުޟޫއަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ ކޮންމެ މީހެއްވެސް އެމީހެއްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނެ ކަމަށެވެ. އަދި އިސްލާމީ އުންމަތް ހެޔޮގޮތުގައި ބިނާވެގެން ދިއުމުގެ އަސްލަކީ، މުސްލިމުން ދަރިން ތަރުބިއްޔަތު ކުރަން ދިން ސަމާލުކަން ކަމަށެވެ.

މުޖުތަމައު ބިނާކުރުމަށް އެންމެން ޒިންމާ ނަގަން ޖެހޭނެކަން ބަޔާން ކޮށް، އިމާމު ބުޚާރީ ރިވާކުރައްވާފައިވާ ހަދީޘެއް ޚުތުބާގައި ކިޔައިދިނެެވެ. އެ ހަދީޘުގައި ވަނީ މުޖުތަމައުގައި ކޮންމެ މީހަކީވެސް ބެލެހެއްޓުންތެރިއެއް ކަމަށެވެ.

އެގޮތުން ވެރިމީހާއަކީ އޭނާގެ ރައްޔިތުންނާ މެދު މަސްއޫލުވާން ޖެހޭ މީހެއް ކަމަށާއި ފިރިމީހާ އަކީ އޭނާގެ ގޭގެ އަހުލުވެރިންގެ ބެލެހެއްޓުންތެރިޔާ ކަމަށް ހުތުބާގައިވެއެވެ.

ހަމައެއާއެކު އަނބިމީހާއަކީ އޭނާގެ ފިރިމީހާގެ ގޭގެ ބެލެހެއްޓުންތެރިޔާ ކަމަށާއި އޭނާގެ އާއިލާއާ މެދު އަނބިމީހާ މަސްއޫލުވާން ޖެހޭނެ ކަމަށް އެ ހަދީޘުގައިވާކަން ހުތުބާގައި ކިޔައިދިނެވެ.

މީގެ އިތުރުން ޚާދިމަކީ އޭނާގެ ސާހިބާގެ މުދާ ބަލަހައްޓާ މީހާ ކަމަށާއި އޭނާގެ ސާހިބާގެ މުދަލާމެދު އެމީހަކު މަސްއޫލުވާން ޖެހޭ ކަމަށް ހުތުބާގައި ބުންޏެވެ.

ހަމަ އެގޮތަށް ހެޔޮލަފާ ރަނގަޅު ޒުވާނުން ބިނާ ކުރުމަށްޓަކައި ކޮންމެ މީހެއްވެސް އެމީހެއްގެ ޒިންމާ އަދާ ކުރަން ޖެހޭނެ ކަމަށް ހުތުބާގައި ބުންޏެވެ.

އެހެންކަމުން ކުށަށް އަރައިގަންނަ ޒުވާނުންނަށް ނަސޭހަތް ދީ، ތަރުބިއްޔަތުކޮށް، އެމީހުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން މަސައްކަތް ކުރުމަށް ހުތުބާގައި އިލްތިމާސްކުރިއެވެ.

މީގެ އިތުރުން މުންކަރާތްތައް މަނާކުރުމުގައި، މީހުން ބަދުނާމުކޮށް، އެމީހުންގެ އާއިލާއަށް މަލާމާތް ރައްދު ކުރުމާއި ފަޟީހަތް ކުރުމަކީ ކީރިތި ރަސޫލާ މަނާ ކުރައްވާފައިވާ ކަމެއްކަން ހުތުބާގައި ހަނދާންކޮށްދިނެވެ.

comment ކޮމެންޓް