ޓޮމްގެ ރައްދެއް ރޮޒައިނާއަށް: މާ ގިނަ ވާޙަކަ ދައްކަންޏާ ފަލީހަތް ވެދާނެ

ރައްޔިތުން މަޖިލީހުގެ 2018 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 1 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ / ރައްޔިތުން މަޖިލީސް

މާ ގިނަ ވާހަކަ ދައްކާނަމަ ފަލީހަތް ވެދާނެ ކަމަށް ބުނެ، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ދެއްކެވި ވާހަކައަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ރައްދުދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ރޮޒައިނާ ވަނީ ޕީޕީއެމްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ގެކޮޅު، ހ. ދޫވެހި ވިއްކާލައިގެން ލިބޭ ފައިސާއިން، ހިޔާ ފްލެޓު ލިބުނު މީހުންނަށް ތަށިމުށި ގަނެދިނުމަށް ގޮވައިލައިފައެވެ.

ރޮޒެއިނާގެ ވާހަކައަށް ރައްދުދެއްވަމުން މިއަދުގެ ޖަލްސާގައި ތޯރިގް ވިދާޅުވީ 2007 ވަނަ އަހަރު ގާނޫނުތަކާއި ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހުތަކަށާއި އަދި ބައެއް މީހުން ބޭރުކުރުމަށާއި އެތެކުރުމަށް ނެގި ވޯޓްތަކުގައި ރޮޒެއިނާ އެމްޑީޕީގެ ވިޕްތަކާއި ހިލާފަށް ވޯޓް ދިނީ ކީއްވެގެންތޯ ސުވާލުކުރައްވައިފައެވެ.

ޓޮމް ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވުމަށްފަހު ރައީސް ޔާމީން އާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.

"މިއަދު އެސެޓް ރިކަވަރީ ކޮމިޝަނާއި މިތަނުން ނެރޭ ރިޕޯޓުތަކުގައި ނަން ނެތަސް އަޅުގަނޑުމެން މިތިބީ ވާހަކަ ދެއްކޭ ހާލަތުގައި، އެހެންވީމާ އިތުރަށް ރައީސް ޔާމީންގެ ވާހަކަ، ގެ ނަގާ ވާހަކަ ދައްކަންޏާ އަޅުގަނޑުމެންގެ އަނގައިގަ ހިފާ ދަމާ ވަރަކަށް ދެން އިތުރަށް ވާހަކަ ދައްކަން ޖެހޭނީ،" ޓޮމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރޮޒައިނާ އާ ގުޅޭ ވާހަކަތައް ދައްކަން ފަށައިފިނަމަ ފަލީހަތް ވާނީ ހަމަ ރޮޒައިނާ ކަމަށެވެ.

ކުރީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ރޮޒެއިނާ އިއްޔެގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުން ސޯޝަލް ހައުސިން ޕްރޮޖެކްޓުގެ ނަމުގައި "ހާވައިފައި ހުރި ހަޑި" ވެސް އެންމެންނަށް ފެންނަން އޮތް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެ މަޝްރޫއަށް ނެގި ލޯނުގެ އަދަދަކީ އެ ފަދަ ދެ މަޝްރޫއެއް ހިންގޭނެ ފައިސާގެ އަދަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެހާ ބޮޑު ލޯނެއް ނަގައިގެން، ތަނުގެ ތަށިމުށި ނުޖަހާ ހުރި ވާހަކަ ދައްކައި، ރައްޔިތުންނަށް ތަށިމުށި ގަންނަން ލާރި ދިނުމަށް އިދިކޮޅު މެންބަރުން ގޮވާލަން ލަދު ގަންނަން ޖެހޭ ކަމަށެވެ.

"ތަށިމުށި ޖަހަން ރައްޔިތުންނަށް ފައިސާ ދޭށޭ ބުނާއިރު، ތަށިމުށި ޖަހަން ވީ ފައިސާއިން އެހެރީ އަތިރިމަތީގައި 15 ބުރީގެ އިމާރާތެއް ހަދާފަ. އަޅުގަނޑު ގޮވާލަން ސަރުކާރަށް އެ 15 ބުރީގެ އިމާރާތް ވިއްކާލައިފައި ތަށިމުށި ގަނެދޭށޭ ރައްޔިތުންނަށް، އެއީ އެއް ނޫންތޯ އަޅުގަނޑުމެން ކުރަން ވެފަ އޮތް ކަމަކީ،" ރޮޒެއިނާ ވިދާޅުވިއެވެ.

comment ކޮމެންޓް