އިރާގުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވީ ކިރިޔާ

އިރާގުގެ ބޮޑުވަޒީރު އަލް ކަދީމީ--

އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލްކާޟިމީ އަވަހާރަކޮށްލަން ގޮވާތަކެތި ހަރުކޮށްފައި ހުރި ޑްރޯންއެއް ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާއަކުން އޭނާ ސަލާމަތްވެއްޖެ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ބޮޑުވަޒީރުގެ ސެކިއުރިޓީއާ ގުޅުން ހުރި ފަރާތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރި ގޮތުގައި އެ ހަމަލާގައި ބޮޑުވަޒީރަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވެއެވެ. ނަމަވެސް އެހަމަލާގައި ބޮޑުވަޒީރުގެ ޕާސަނަލް ޕްރޮޓެކްޝަން ފޯސްގެ ހަ މެންބަރަކަށް އެކިވަރުގެ އަނިޔާތައް ލިބުނު ކަމަށް އެ ނޫހުގައިވެއެވެ.

އެ ހަމަލާއަށް ފަހު ކާޟިމީ ވަނީ އޭނާ ގަދަވެ ސަލާމަތުން ހުރި ކަމަށް ޓުވީޓު ކުރައްވައިފައެވެ. އަދި އިރާގުގެ ސަލާމަތަށްޓަކައި ގައުމުގެ ރައްޔިތުންގެ ހަމަޖެހުމަށް އޭނާ ގޮވައިލެއްވިއެވެ.

"އަޅުގަނޑު މިހިރީ ގަދަވެ ސަލާމަތުން. އިރާގުގެ ސަލާމަތަށްޓަކައި ހުރިހާ ރައްޔިތުން ހަމަޖެހިގެން ތިބުމަށް ގޮވައިލަން،" ކާޟިމީގެ ޓުވީޓުގައިވެއެވެ.

އިރާގުގެ ސަރުކާރުން ބުނީ އެ ހަމަލާ ދިނީ ބޮޑުވަޒީރު އޭނާގެ ގެކޮޅުގައި އުޅުއްވަނިކޮށް، މިއަދު ފަތިސްވާން ކައިރިވެފައި ވަނިކޮށް ކަމަށެވެ. އަދި ހަމަލާ ދިނީ އެ ގެ މައްޗަށް ގޮވާތަކެތި ހަރުކޮށްފައި ހުރި ޑްރޯން ވައްޓާލައި، އޭތި ގޮއްވައިލައިގެން ކަމަށް ސަރުކާރުން ބުންޏެވެ.

ބޮޑުވަޒީރުގެ ގެކޮޅު ހުންނަނީ އިރާގުގެ ވެރިރަށް ބަގުދާދުގައި އޮންނަ ގްރީން ޒޯންގައެވެ. އަދި އެ ހަމަލާ ދިން ވަގުތު ބާރުގަދަ އެއްޗެއް ގޮވި އަޑާއި ބަޑީގެ ހަމަލާތަކެއްގެ އަޑު އިވުނު ކަމަށް އެ ސަރަހައްދުގައި ދިރިއުޅުއްވާ ބޭރު ގައުމުތަކުގެ ސަފީރުންގެ ގެތަކުގައި ދިރިއުޅޭ ބައެއް މީހުން ވަނީ ބުނެފައެވެ.

އިރާގުގެ ސިފައިން ވަނީ އެ ހަމަލާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައެވެ. އަދި ގްރީން ޒޯން ހިމެނޭ ސަރަހައްދުގެ ސަލާމަތީ ފިޔަވަޅުތައް މިހާރު ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

އިރާގުގެ ބޮޑުވަޒީރު އަވަހާރަކޮށްލަން ހަމަލާއެއް ދީފައި ވަނީ، މިދިޔަ މަހުގެ ތެރޭގައި އެގައުމުގައި ބޭއްވި އާންމު އިންތިހާބުގެ ނަތީޖާއާ ދެކޮޅު ހެދުމުގެ ގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި މުޒާހަރާއެއްގައި ހަމަނުޖެހުންތައް ހިނގި ފަހުންނެވެ. އެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ކަރުނަ ގޭހައި ބަޑި ޖެހިއެވެ. އޭގެ ސަބަބުން މުޒާހަރާގައި އެކަކު މަރުވިއެވެ.

comment ކޮމެންޓް