ތިޔަ ލޯބި އެދިގެން... - 18

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

ހައިރާންވެފައި ހުރި މިންހާއަށް ބަލައިލަމުން ޝިޒާން އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. އެ އާދެވުނު ތަނަކާމެދު ސުވާލުތަކެއް ހިތުގައި އުފެދުނު މިންހާ ޝިޒާންގެ ފަހަތުން އެތެރެއަށް ވަނެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނާއަށް ވަށައިގެން އެގެއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. ޝިޒާން އޭނާ އެ ގެނައީ ގަނޑުވަރެއް ފަދަ ގެއަކަށެވެ.

ބަލައިލި ކޮންމެ ދިމާލަކުންވެސް ގޭގެ ޝާހީކަން ފެންނަމުންދިޔައެވެ. ގޭގެ ޑިޒައިނަކީވެސް، މޮޅު ފަންނުވެރިއެއްގެ ހުނަރުކަން ޔަޤީނެވެ. ބޮޑުކޮޓަރީގައި ހުރި ސޯފާތައް ރަތާ، ރަންކުލައިން ހުރިއިރު، ދަމާފައިވާ ދޮރުފޮތިތައް ވެސް ހުރީ އެހާ ޝާހީކޮށް އެ ކުލަޔާ ގުޅުވާފައެވެ. މިންހާގެ ނަޒަރު ހުއްޓުނީ މައްޗަން އަރަން ހަދާފައިވާ ފުޅާ ސިޑިއަށެވެ. ސިޑީގެ ހިފައްޓާ ބައިގެ ޑިޒައިންގައި ހިތްގައިމު ގޮތެއް ހުރިއިރު، ރަތްކުލައިގެ ދޫލައެއް ސިޑިމަތީގައި ފަތުރާލާފައި ވުމުން، ވެސް އިތުރަށް ރީތިކަމަށް ދައްކައެވެ. އެއަށްފަހު، އޭނާއަށް ބަލައިލެވުނީ ބޮޑު ކޮޓަރީގައި އެލުވާފައި ހުރި ޗާނދަލިއާއަށެވެ. އޭނާގެ ޙަޔާތުގައިވެސް މީގެ ކުރިއަކުން އެހާ ބޮޑު، ރީތި ޗާނދަލިޔާއެއް ދެކިފައެއް ނުވެއެވެ. ހަޤީގަތުގައިވެސް އޭނާއަށް އެހުރެވުނީ ހަމަ އެހާ ރީތިގެއެއްގެ ބާއޭ މިންހާގެ ހިތަށް އެރިއެވެ. މުޅީންވެސް އޭނާ އެފަދަ ޝާހީ ގެތަކުގެ ވާހަކަ އަޑު އަހަނ ވާހަކަ ފޮތްތަކުގައެވެ. ނޫނީ ބަލާ ފިލްމުތަކުގައެވެ. އަދި އަމްދުން އެފަދަ ގެއެއް މި ކުޑަ ރާއްޖޭގައި ހުންނާނޭކަމަށް އޭނާއަށް ދުވަހަކުވެސް ހީކުރެވިފައެއް ނުވެއެވެ. ސިޑި ހުރީ ގެއަށް ވަންނަ އިރު މޫނުޖެހޭ ދިމާ އެއްފަރާތުގައެވެ.

އެ މީހުން އެތަނުގައި ތިއްބާ ތަންކޮޅެއް ހަރު އުމުރުގެ އަންހެނެއް އައިސް ޝިޒާންގެ ކައިރިއަށް ހުއްޓުނެވެ. އޭނާ ހުރީ ބުރުގާއަޅާފައެވެ. މޫނުމައްޗަށް ވެރިކޮށްލާފައިވާ ހިނިތުންވުމުން ހިތްހެޔޮ ފާޑު ޖަހައެވެ. އޭނާ ޝިޒާންއަށް ގޮވައިލަމުން ކަމެއް ބޭނުންތޯ ސުވާލުކޮށްލިއެވެ.

"ނޫނޭ ރާމިޒައްތާ! މި ގަޑީގައި އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އެކޮޅުން ފުރީ ކައިގެން... އެހެންވީމަ ކުޑަކޮށް މޭވާކޮޅެއް ކަހަލަ އެއްޗެއް ރަނގަޅުވާނެ މިރޭ..." ޝިޒާން ބުނެލިއެވެ. ރާމިޒާއަކީ އެގޭގައި އުޅޭ ނޯކަރުންގެ ތެރެއިން އެންމެ އިސް މީހާއެެވެ. ރާމިޒާއާ ޝިޒާންއާ ދެމެދު ވަރަށް ވަރުގަދަ ގުޅުމެއް އޮވެއެވެ. ޝިޒާންވެސް ރާމިޒާ ދެކެނީ އަމިއްލަ އާއިލާގެ މީހަކު ފަދައިންނެވެ.

ރާމިޒާގެ ނަޒަރު ޝިޒާންގެ ފަހަތުގައި ހުރި މިންހާއަށް ހުއްޓުމާއެކު، އޭނާއަށް ސުވާލުގެ ނަޒަރަކުން ޝިޒާންއަށް ބަލައިލެވުނެވެ. އެހެންނަމަވެސް، އެއްވެސް ސުވާލެއް އެ ވަގުތު ކުރާކަށް އޭނާއަކަށް ނުކެރުނެވެ.

"މިންހާ..." ޝިޒާން މިންހާއަށް ގޮވައިލިއެވެ. މިންހާ ކުރިއަށް ޖެހިލިއެވެ.

"މީ އަހަރެންގެ އަންހެނުން..." ޝިޒާން ރާމިޒާއަށް ބަލައިލިއެވެ. އެއާއެކު ރާމިޒާއަށް ލިބުނީ ހައިރާންކަމެކެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހިނދުކޮޅަކު ހުރެވުނެވެ. ޝިޒާން ކުއްލިއަކަށް ފުރައިގެން ދިޔަ ސަބަބަކީ މިއީ ހެއްޔެވެ؟ އޭނާ މިންހާގެ ފައިން ފެށިގެން ބޮލަށް އަވަސް ނަޒަރެއް ދިނެވެ. މިންހާގެ ރީތިކަމަށް އޭނާއަށް ހިތާ ހިތުން ތަޢުރީފް ކުރެވުނެވެ. މިންހާއާ ޝިޒާންއާ ނުހަނު ގުޅެޔޭ އޭނާ ހިތަށް އެރިއެވެ. އޭނާ މިންހާއަށް ވެސް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުން އޭނާގެ ނަން ބުނެލާ ތަޢާރަފްވެލިއެވެ.

"މޭވާ ކޮޓަރިއަށް ގެންގޮސް ދޭނަން... ކޮން ކޮޓަރިއެއް؟" އެނބުރިލާފައިވެސް ރާމިޒާއަށް ސުވާލުކޮށްލެވުނެވެ.

"އަހަރެން ތައްޔާރުކޮށްލަން ބުނީމެއްނު ކޮޓަރިއެއް..." ޝިޒާން ބުނެލިއެވެ. މިންހާގެ ހިތް ތެޅިލިއެވެ. އޭނާ ދެން ޝިޒާންއާއެކު ހިއްސާކުރަން ޖެހޭނީ އެއް ކޮޓަރިއެއްހެއްޔެވެ؟

"ހިނގާ ދަމާ..."

ޝިޒާން މިންހާއަށް ގޮވައިލަމުން އޭނާއާ އެކު އަންނަން އިޝާރާތްކޮށްލަމުން ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ހަމަބިމަށް އާދެވުނު މިންހާ އޭނާގެ އަތުގައި ކުޑަކޮށް ވިކައިލިއެވެ. އަނެއްކާވެސް އޭނާއަށް އެގެއަށް ވަށައިގެން ބެލެން ފެށުނެވެ. އެއީ ހުވަފެނެއްބާއޭ ވެސް މިންހާގެ ހިތަށް އެރިއެވެ. އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި ހުއްޓުން އަރާފައެވެ. މިއީ އަނެއްކާ ޝިޒާންގެ ގެ ހެއްޔެވެ؟.

ޝިޒާންގެ ފަހަތުން ސިޑިން އަރައިގެން އޭނާ ދިޔައެވެ. ވާ އަތް ފަރާތުން ފުޅާ ކޮރިޑޯތެރެއިން ދިޔައިރުވެސް، މިންހާއަށް އެގޭގެ ފަރުމާއާ މެދު ވިސްނެމުންދިޔައެވެ. ވަށައިގެން ބަލަމުން ދިޔަ މިންހާއަށް ޝިޒާން ހުއްޓުނުކަމެއް ނޭނގުނެވެ. އޭނާ ގޮސް ލައްވީ ޝިޒާންގެ ބުރަކަށީގައެވެ. އެއާއެކު ޝިޒާން ޖަހާފައިހުރި ފިރިހެން ސެންޓުގެ މީރުވަސް އޭނާގެ ނޭފަތުގައި ޖެހި އޭނާއަށް ނޭފަތް އެތެރެއަށް ދަމައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނަ ދުރުވެލަމުން ދެއަތްތިލަ ޖޯޑު ކޮށްލިއެވެ.

ޝިޒާން އެނބުރި ބަލައިލިއިރު، މިންހާ ހުއްޓި ހުރި ގޮތް ފެނުމުން، އޭނާއަށް ކުޑަކޮށް ހެވެން އުޅުނެވެ. އެހެންނަމަވެސް، ހިނިގަނޑު ކޮންޓްރޯލްކުރަމުން އޭނާ އެނބުރި، ކޮޓަރީގެ ދޮރުފަތް ހުޅުވައިލިއެވެ. އެއަށްފަހު، މިންހާއަށް ބަލައިލަމުން އެތެރެއަށް ވަނުމަށް އިޝާރާތްކޮށްލިއެވެ. މިންހާ ޝިޒާންއަށް ބަލައިލަމުން އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު އޭނާގެ ހިތް އާދަޔާ ޚިލާފް ބާރަށް ތެޅެން ފެށިއެވެ. ޝިޒާންއާ އެއް ކޮޓަރިއެއްގެ އުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންނަމަވެސް އޭނާއަށް ކުރެވޭނީ ވެސް ކީއްހެއްޔެވެ؟ މި މާލޭގައި އޭނާއަކީ އެކަނިވެރިއެކެވެ. އޭނާ ދަންނަ އެއްވެސް މީހަކު ނުހުންނާނެއެވެ. އޭނާއަށް ހިމާޔަތް ދޭނޭ އެކަކުވެސް ނުހުންނާނެއެވެ. އޭނާ ޖެހޭނީ ޝިޒާން ހެދިހާ ގޮތެއް ހެދިގެން އިންނާށެވެ. އެ ވަގުތު ކޮޅު ވެސް އޭނާއަށް އާހިލްމަތިން ހަނދާންވެ ރޮވޭ ގޮތްވިއެވެ. އެހެންނަމަވެސް ވަރަށް މަސައްކަތުން އެ ކަރުނަތައް ހުއްޓުވާ އޭނާ ކޮޓަރިއަށް ވަނެވެ.

ކޮޓަރިތެރެއަށް ނަޒަރު ހިންގައިލި މިންހާ ހުރީ އާޝޯހުވެފައެވެ. ކޮޓަރީގެ ތަރުތީބުކަމާއި ރީތިކަމުންނެވެ. ކޮޓަރީގެ ހުރިހާ ފަރުނީޗަރެއްވެސް ހުރީ ކަޅާ ހުދުންނެވެ. ކިންގް ސައިޒްގެ އެނދުގެ ދެ ފަރާތުގައި ސައިޑް ކަބަޑު ހުރިއިރު ދޮރުން ވަންނައިރު ކުރިމަތީ ފާރުގައި ހުރި ކުޑަދޮރުތައް ނިވާކޮށްލާފައިވަނީ ކާޓެއިންތަކަކުންނެވެ. ވަންނަ ދޮރުގެ އެއްފަރާތުގައި ސޯފާސެޓެއް ބެހެއްޓިފައިވާއިރު، އެވެސް ހުރީ ކަޅާ ހުދުންނެވެ. އޭގެ އިތުރުންވެސް އެ ކޮޓަރިތެރޭގައި ސްޓަޑީ ޓޭބަލްއެއް ހުއްޓެވެ. ކޮޓަރިތެރެއަށް ބަލަމުން ދިޔަ މިންހާގެ ސަމާލުކަން މިފަހަރުވެސް ޝިޒާން އަތުލިއެވެ.

"މީ ހަމައެކަނި މިންހާގެ ކޮޓަރި." ޝޒިާން ބުނެލިއެވެ. އެއަށްފަހު، އޭނާ މިންހާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ޝިޒާން ނިދާނީ ވަކިންބާއޭ މިންހާގެ ހިތަށްއެރިއެވެ. އެހެންނަމަވެސް އެހެން އަހާކަށް އޭނާއަށް ނުކެރުނީ ޝިޒާންގެ އެ ޓާކިޝް ގްރީން ކުލައިގެ ދެލޮލުގައި ހުރި ތޫނުކަމުންނެވެ.

"އަހަރެން ތިރިއަށް ގޮސް މިންހާގެ ހުރިހާއެއްޗެއް މައްޗަށް އަރުވަދޭނަން... މިގޭގައި މިންހާއަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހޭނެ. ހުރިހާކަމެއް ކުރަންވެސް މިގޭގައި ނޯކަރުން ތިބޭނެ. ދެންމެ ދިމާވި ރަމީޒައްތަ އެއީ ނޯކަރުންގެވެސް އެންމެ އިސް މީހާ. ރާމިޒައްތަ ނޫނީ ދެން އުޅޭނީ ހުސް ބޭރު މީހުން. މިންހާ ބޭނުންވެއްޖެ ކޮންމެ ކަމެއްގެ ވާހަކަވެސް ރާމިޒައްތަ ކައިރީގައި ބުނެވޭނެ." ޝިޒާން ފައްޗަކަށް އަމުނައިލިއެވެ.

"އަހަރެން ބޭނުމީ އެންމެ ކަމެއް..." މިންހާއަށް ބުނެވުނެވެ.

"ކޮން ކަމެއް؟" ޝިޒާން މިންހާ ބުނާނެ އެއްޗަކަށް ސަމާލުވެލިއެވެ.

"ވަރިވާން..."

"އަހަރެން ދުވަހަކުވެސް މިންހާ ވަރިއެއް ނުކުރާނަން." މިންހާގެ އެ ވާހަކައިން ޝިޒާންގެ މޫނުމަތީގެ ކުލަވަރު ވެސް ބަދަލުވެގެން ދިޔައެވެ.

މިންހާއަށް ބަލައިލާފައި އެ ކޮޓަރިން ނުކުންނަން ޝިޒާން ހިނގައިގަތެވެ. ހައްޤު އޮތެއްކަމަކު މިންހާއާ ކަރިވާކަށް ޝިޒާން ނޫޅުނެވެ. އޭނާ ކޮޓަރިން ނުކުމެގެން ތިިރިއަށް ގޮސް، އެންމެ ފުރަތަމަވެސް ނޯކަރަކު ލައްވާ މިންހާގެ ސާމާނު މިންހާގެ ކޮޓަރިއަށް ވެއްދިއެވެ. އެއަށްފަހު އޭނާ މަތީގައި ހުންނަ އޭނާގެ ކޮޓަރިއަށް ގޮސް ވަނީ އޭނާއަށް ކާ އެއްޗެހި އެ ކޮޓަރިއަށް ފޮނުވަދިނުމަށް ރާމިޒާ ކައިރީގައި އެދިފައެވެ. ރާމިޒާއަށް ހައިރާންކަން ލިބުނަސް އޭނާ އިތުރު ސުވާލެއް ނުކުރެއެވެ. އޭނާ އަކީ ދުވަހަކުވެސް، ޝިޒާން ކުރާކަމަކަށް ސުވާލުކޮށް ހަދާ މީހެއް ނޫނެވެ. އެ ދެމެދުގައި އޮތް ގުޅުން ކިތަންމެ ރަނގަޅަށް ރާމިޒާ ދުވަހަކުވެސް ޝިޒާންގެ ނިންމުންތަކާ ބެހޭގޮތުން އެއްވެސް ޝަކުވާއެއް، އަދި ސުވާލެއްވެސް ނުކުރެއެވެ. ޝިޒާންއަކީ އޭނާގެ "ބޮސް"ކަން އޭނާ އަބަދުވެސް ހަނދާން ބަހައްޓައެވެ.

މިންހާ ކޮޓަރި ތަޅުލުމަށްފަހު، ގޮސް އެނދުގައި އިށީނދެލިއެވެ. އޭނާއަށް ފޮށިތަކަށް ނަޒަރު ހުއްޓާލައިގެން އެތައް އިރަކު އިނދެވުނެވެ. ރޮވެން ފެށުނީ ދެނެވެ. ޝަކުވާތަކުން ހިތް ބަރާވާން ފެށީ ވެސްދެނެވެ. އެ ރީތި ޝާހީ ކޮޓަރިއަކުން އޭނާއަށް އެއްވެސް އުފާވެރިކަމެއް އިޙްސާސްއެއް ނުކުރެވުނެވެ. އޭނާއަށް ލިބުނީ އިތުރު ހިތްދަތިކަމެކެވެ. އޭނާގެ ހުރިހާ ހިތާމައެއްގެ ހިއްސާދާރަކީ އެ ހަތަރު ފާރުބާއޭ މިންހާގެ ހިތަށް އެރިއެވެ. ނުވެސް ދަންނަ މާހައުލަކަށް ޝިޒާން އޭނާ ގެނެސް އެއްލައިލީ ބާއޭ ވެސް މިންހާގެ ހިތަށް އަރަމުންދިޔައެވެ. ޝިޒާންއާ މެދު ހިތުގައި ޝަކުވާތައް އުތުރި އަރަން ފެށިއެވެ. ބައްޕައާ މެދު ވިސްނެން ފެށި މިންހާއަށް ގިސްލެވެން ފެށިއެވެ. ތަޤުދީރާމެދު އޭނާއަށް ޝަކުވާ ކުރެވެން ފެށިއެވެ. ބައްޕަ އޭނާއާ އެހާ އަވަހަށް ވަކި ވީ ކީއްވެހެއްޔެވެ؟ ޙަޔާތުގައި އޭނާގެ ފުރަތަމަ ލޯބިވެސް އޭނާއަކަށް ނުލިބުނެވެ. ކީއްވެހެއްޔެވެ؟ އޭނާގެ ކުށަކީ ކޮބައިހެއްޔެވެ؟ އެނދުމައްޗަށް ބަންޑުން ވެއްޓިގަތް މިންހާގެ ކަރުނަތައް ބާލީހުގެ ތެރެއަށް ހިނދެމުންދިޔައެވެ. ކަރުނައިގެ ތެރޭގައި އޭނާގެ ނަފްސުވެސް އޮޔާބެހިގެން ދާހެން މިންހާއަށް ހީވިއެވެ. އެ ހިތާމައިގައި އޭނާ ގެނބެނީއޭ ވެސް މިންހާއަށް ހީވާން ފެށިއެވެ.

ރުއިން ހުއްޓުވޭތޯ ކިތަންމެ ވަސައްކަތެއްވެސް މިންހާ ކުރިއެވެ. އެންމެ ފަހުން ކެތްނުވެގެން އޭނާއަށް ފޯނު ނަގާ ގުޅުނީ އާހިލްއަށެވެ. އާހިލް ފޯނެއް ނުނަގައެވެ. ރިންގްވެފައި ކެނޑެނީއެވެ. އެކަމުގެ ސަބަބުން މިންހާގެ ރުއިން އިތުރުވެގެން ދިޔައެވެ. އޭނާ ރޯން އޮއްވާ ކޮޓަރީގެ ދޮރުގައި ދެފަހަރަކު ޓަކި ޖަހައިލިއެވެ. ކަރުނަތައް ފުހެމުން މިންހާ އެނދުން ތެދުވެލަން ވާއިރަށް އަނެއްކާވެސް ޓަކި ޖަހައިލިއެވެ. މިންހާ އޭނާގެ މޫނު ފުހެމުން ގޮސް ދޮރު ހުޅުވައިލިއެވެ. މިންހާގެ މޫނުމަތި ފެނުމުން ރާމިޒާއަށް ވެސް މިންހާ ރޮނީކަން ދެނެގަނެވުނެވެ. އެހެންނަމަވެސް، އޭނާއަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. އެހެންކަމުން އަތުގައި ހުރި ތަށި އޭނާ މިންހާއަށް ދިއްކޮށްލަމުން އޭގައި ހިފުމަށް އެދުނެވެ.

"އަހަރެން މި ވަގުތު ބޭނުމެއް ނޫން..." މިންހާ ދެކޮޅު ހެދިއެވެ. އެއަށްފަހު އޭނާ ކޮޓަރީގެ ދޮރުފަތް ލައްޕައިލިއެވެ.

ޝިޒާންއަށް ވެސް ޖޫހާއެކީ މޭވާ ކޮށައިގެން އެ ހިފައިގެން ދިޔައީ ރާމިޒާއެވެ. އޭނާ ގޮސް ޓަކި ޖަހައިލުމާއެކު، ޝިޒާން ދޮރު ހުޅުވައިލިއެވެ. އޭނާ ޝިޒާންއަށް އެ ތަބަށް ދީފައި ބަލައިލީ އެއްޗެއް ބުނަން ބޭނުންވެފައި ހުރި ފަދައަކުންނެވެ. އެހެންނަމަވެސް، ދެވަނަ ވިސްނުމަކަށް ދިޔަ ފަދައަކުން އޭނާ ދެފަރާތަށް ބޯ ހޫރައިލަމުން އެތަނުން ދާން ހިނގައިގަތެވެ.

"ރާމިޒައްތާ..." ރާމިޒާ ވާހަކައެއް ބުނަން ބޭނުންވެފައި ހުރިކަން އެނގޭތީ ޝިޒާން ގޮވައިލިއެވެ. ވަގުތުން ރާމިޒާ ހުއްޓުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު