ގިނައިން ފެން ނުބޯނަމަ ހީނުކުރާފަދަ ކަންކަމާ ކުރިމަތިވެދާނެ!

ފެން

ފެނަކީ އިންސާނާގެ ހަށިގަނޑަށް ވަރަށް މުހިއްމު އެއްޗެކެވެ. އިންސާނާ ދުޅަހެޔޮ ސިއްހަތެއްގައިވުމަށް އެދޭނަމަ ދުވާލަކު 2 ނުވަތަ 3 ލީޓަރުގެ ފެން ބޯންޖެހެއެވެ. ކާނާއާނުލައި ހަފުތާތަކެއް ވޭތު ކުރެވުނަސް ދިރާސާތަކުގެ އަލީގައި ފެނާ ނުލައި އިންސާނާއަށް ދިރިހުރެވޭނީ ގިނަވެގެން 3 ދުވަހެވެ. އެހެންކަމުން ފެނަކީ އިންސާނާގެ ހަށިގަނޑުގެ ގުނަވަންތައް އޭގެ އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ވަރަށް މުހިންމު އެއްޗެކެވެ.

ރަނގަޅަށް ފެން ނުބޮވޭނަމަ ކާތަކެތި ހަޖަމުކުރުމުގެ މައްސަލަ ވަރަށް އަވަހަށް ދިމާވެއެވެ. މިކަން ކުރިމަތިވެއްޖެނަމަ ބަނޑުހިކުމުގެ މައްސަލަ ދިމާވެ ބޮޑުކަމުދިއުމަށް ދަތިތައް ކުރިމަތިވެއެވެ. އެހެންކަމުން ކާތަކެތި ފަސޭހައިން ހަޖަމުކޮށް ބަނޑުހިކުުމުން ރައްކާތެރިވުމަށްޓަކައި ގިނައިން ފެންބުއިން ވަރަށް މުހިންމެވެ.

ޒުވާން އުމުރުގައި ގައިގެ ހަންގަނޑު ހިކި ކުރަކިވެ، ރީތިކަން ގެއްލުމަކީ ގިނަ މީހުން ހިތާމަކުރާނެ ކަމެއްކަން ޔަގީނެވެ. ތަފާތު ޑޮކްޓަރީ ބޭހާއި މޭކަޕް ސާމާނު ބޭނުންކުރުމަށް ސިކުނޑި މަޖުބޫރުކުރުވާ ކަމެއްވެސް މެއެވެ. ނަމަވެސް މިއީ ހައްލެއް ނޫނެވެ. ދާއިމީ ހައްލަކީ ގިނައިން ފެންބުއިމެވެ. ހަންގަނޑު އޮމާންވެ ހަންގަނޑުގައި ތެތްކަން ބެހެއްޓުމަށްޓަކައި ފެންބޯ މިންވަރު އިތުރުކުރާށެވެ. ކެމިކަލްތަކުން ފުރިފައިވާ މޭކަޕް ސާމާނުގެ ބޭނުމެެއް ނުޖެހޭނެއެވެ. ބިހިތަކާއި ލަކުނުތައްވެސް ފިލުވައިލުމަށް ގިނައިން ފެންބުއިމަކީ މޮޅު ގޮތެކެވެ.

އަވަހަށް ވަރުބަލިވެ އެނބުރުން އެރުމަކީ ހަށިގަނޑުގައި ފެން މަދުވުމުން ދިމާވާ މައްސަލައެކެވެ. ކިޑްނީގެ މައްސަލަތަކާވެސް ގިނަ މީހުންނަށް ކުރިމަތިލާން ޖެހެނީ އެކަށީގެންވާ މިންވަރަށް ފެން ނުބޮވޭތީއެވެ. ގިނައިން ފެން ބުއިމަކީ ހަށިގަނޑުގައިވާ ބެކްޓީރިއާ ނައްތާލުމަށް އެންމެ ފަސޭހަ ގޮތެވެ. ހަށިގަނޑުން ބެކްޓީރިއާ ނައްތާލެވޭނަމަ ތަފާތު ބަލިމަޑުކަމުން އިންސާނާ ރައްކާތެރިކޮށްދޭނެއެވެ.

comment ކޮމެންޓް