އިސްލާމް ދީނުގެ އުސޫލުތަކަށް އަހަރެމެންގެ މުޅި ހަޔާތް ބައްޓަން ކުރަން ޖެހޭ: ހުތުބާ

ނަސްރުގެ ދުވަހު ސިފައިން ޖަމާއަތުގައި ނަމާދު ކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިސްލާމް ދީނުގެ އުސޫލުތަކަށް އަހަރެމެންގެ މުޅި ހަޔާތް ބައްޓަން ކުރަން ޖެހޭނެކަމަށް ހަނދުމަ ކޮށްދެމުން، މިއަދުގެ ހުކުރު ޚުތުބާ، "އިސްލާމް ދީނުގެ މަތިވެރި ނިއުމަތް" މި މައުޟޫއަށް ހާއްސަކޮށްފިއެވެ.

ހުތުބާގައި ބުނީ، ދިވެހިންނަށް އިސްލާމީ ނޫރުގެ އަލިކަން މިންވަރު ކުރެއްވި ކަމަށްޓަކައި ޝުކުރުވެރިވާން ޖެހޭ ކަމަށާއި މި ވަތަނުގައި އެ ޝިއާރު ދަމަހައްޓަން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ހިޖުރީގޮތުން މާދަމާ ފެށޭ ރަބީޢުލްއާޚިރު މަހަކީ، މާތް ﷲ އަހަރެމެން ދިވެހިންނަށް އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ދެއްކެވި މައްސަރުކަން ހުތުބާގައި ފާހަގަ ކުރިއެވެ.

ދިވެހިން ރަސްމީކޮށް އިސްލާމްދީނުގެ މަތިވެރި އަގީދާ ބަލައިގަތީ މީގެ 895 އަހަރު ކުރިން، ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހު އެވެ.

މާތް ﷲ ބަޔަކަށް ދެއްވާނޭ އެންމެ މަތިވެރި ނިއުމަތަކީ އިސްލާމް ދީނުގެ ހިދާޔަތުކަން ފާހަގަކޮށް، ހުތުބާގައި ބުނީ އިސްލާމް ދީނުގެ މަތިވެރި އަގުތައް މިއަދު މުސްލިމުންގެ ހިތްތަކުގައި އަލުން އަށަގަންނުވަން ޖެހޭ ކަމަށެވެ.

ހަމައެއާއެކު، ޓެކްނޮލޮޖީގެ ގޮތުން އިންސާނުން ކުރިއަރައި، ރައްވެހިކަމުގެ ސަބަބުން އިންސާނީ ހަޔާތަށް ލިބެމުންދާ މާއްދީ މަންފާއާއި ފާގަތިކަން ލިބުނު ނަމަވެސް، އިލްމާ ދުރުވެއްޖެ ނަމަ ރޫހާނީ ކާނާ މަދުވެ، ފަގީރުވާނެ ކަމަށް ހުތުބާގައި ބުންޏެވެ. އަދި ފަރުދުންނާއި، އާއިލާއާއި މުޖުތަމައު ގުޅުވައިދޭ ނިޒާމަކީ ދީން ކަމަށާއި، އެއީ މުޅި އިންސާނިއްޔަތަށް ލާބަ ހުރި މަގު ދައްކައިދިނުމަށް މާތް ﷲ ބާވައިލެއްވި ރިސާލަތު ކަމަށް ހުތުބާގައި ބުންޏެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، އިންސާނީ ހަޔާތުގެ ހުރިހާކަމެއް އިސްލާމް ދީނުގައި ޝާމިލުވާ ކަމަށެވެ. އެގޮތުން އިސްލާމް ދީނަކީ، މުސްލިމަކު ދުނިޔެއަށް އުފަންވީއްސުރެ، އުޚުރަވީ ހަޔާތަށް ވާސިލު ވުމާ ހަމައަށް އޭނާގެ ހުރިހާ ކަމެއް ރާވައިދޭ މަންހަޖު ކަމަށް ހުތުބާގައި ބުންޏެވެ.

comment ކޮމެންޓް