އަންހެން ކުދިން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުމަށް އެޗްޑީސީން ޕްރޮގްރާމެއް ބާއްވަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ވިމެން އިން ޓެކް ގުޅިގެން ބާއްވާ "ގާލް ޕަވާޑް 2021" ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުމާލޭ ސްކޫލްތަކުގެ ގްރޭޑް ހަޔަކާއި ހަތެއްގައި ކިޔަވާ އަންހެން ކުދިންނަށް ފުރުސަތު ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ، މި ޕްރޮގްރާމަކީ ޓެކްނޮލޮޖީގެ ދާއިރާއަށް ވަނުމަށް ޒުވާން އަންހެން ކުދިންނަށް ހިތްވަރު ދިނުމަށް ހިންގޭ ޕްރޮގްރާމެއް ކަމަށެވެ. އަދި ޓެކްނޮލިޖީގެ ބޭނުން ކޮށްގެން ސްމާޓްސިޓީއަށް ގެނެވޭ ބަދަލުތަކަށް ކުދިން އަހުލުވެރި ކުރުވުމަކީވެސް ޕްރޮގްރާމްގެ މަގުސަދެއް ކަމަށް އެޗްޑީސީން ބުންޏެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ޑިސެމްބަރު ހަވަނަ ދުވަހާ ހަމައަށެވެ.

އެހެންކަމުން މި ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ކުދިން، އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު ތިނެއްގެ ކުރިން އޮންލައިންކޮށް ފޯމު ފުރުމަށް އެޗްޑީސީން ވަނީ އެދިފައެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ، މި ޕްރޮގްރާމުގައި ބައިވެރި ވުމަށް ފުރުސަތު ދެވޭނީ ޝަރުތުހަމަވާ ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމު ހުށަހަޅާ 20 ކުދިންނަށް ކަމަށެވެ.

އެޗްޑީސީން ބުނީ މިއީ އޮންލައިންކޮށް ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށެވެ.

comment ކޮމެންޓް