ޓީ20 ވޯލްޑް ކަޕް: އިންޑިއާއަށް މުބާރާތުގެ ފުރަތަމަ މޮޅު

އިންޑިއާ އާއި އަފްޢާނިސްތާން ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ލައިވްސްކޯ

މިހާރު ކުރިއަށްދާ ޓީ20 ވޯލްޑް ކަޕުގައި ރޭ ކުޅުނު މެޗުން އަފްޣާނިސްތާން އަތުން އިންޑިއާ ކުރި ހޯދައި، މިފަހަރުގެ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ޔޫއޭއީގައި ކުޅެމުން އަންނަ ވޯލްޑްކަޕުގައި އިންޑިއާގެ ފަރާތުން މިހާތަނަށް އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، އެ ޓީމު ވަނީ ފުރަތަމަ މެޗުގައި އެންމެ ވާދަވެރި ޕާކިސްތާން އަތުން ބަލިވެފައެވެ. މިއީ ވޯލްޑް ކަޕުގެ މެޗެއްގައި ޕާކިސްތާން އަތުން އިންޑިއާ ބަލިވި ފުރަތަމަ ފަހަރެވެ. އެ މެޗުން އިންޑިއާ ބަލިވީ 10 ވިކެޓުންނެވެ.

ދެވަނަ މެޗުގައި ވާދަވެރި ކުޅުމަކަށްފަހު އިންޑިއާއިން ބަލިވީ ނިއުޒީލަންޑުގެ އަތުންނެވެ. އެ މެޗުން އިންޑިއާ ބަލިވީ އަށް ވިކެޓުގެ ތަފާތަކުންނެވެ.

ފުރަތަމަ ދެ މެޗުން ލިބުނު ބައްޔާއެކު ރޭ އަފްގާނިސްތާނާ ދެކޮޅަށް ކުޅުނު މެޗަކީ އިންޑިއާއަށް މޮޅުވުން މަޖުބޫރު މެޗެކެވެ. ރޭގެ މެޗުން އިންޑިއާ ބޮޑު ފަރަގަކާ އެކު ވަނީ މޮޅުވެފައެވެ. އެ މެޗުން އެ ގައުމު މޮޅުވީ އަފްޣާނިސްތާން އަތުން ފަސޭހަކަމާއެކު 66 ލަނޑުންނެވެ.

އިންޑިއާ އެންމެ ފުރަތަމަ ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ދެ ކުޅުންތެރިން ނުބައިވެގެން ވަނީ 210 ލަނޑު ހަދާފައެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ 47 ބޯޅައިން 74 ލަނޑު ހެދި ރޯހިތު ޝަރްމާ އާއި އާއި 48 ބޯޅައިން 69 ލަނޑު ހަމަކުރި ރާހުލްއެވެ.

ރައްދުގައި އަފްޣާނިސްތާން ކުޅެން އަރައި، 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 144 ލަނޑެވެ. އެ ގައުމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 22 ބޯޅައިން 42 ލަނޑު ހެދި ކަރީމް ޖަނަތާއި 32 ބޯޅައިން 35 ލަނޑު ހަމަކުރި މުޙައްމަދު ނާބީއެވެ.

comment ކޮމެންޓް