އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންނަށް ބީއެމްއެލްއިން އެވޯޑު ދީފި

ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެންމެ ރަނގަޅަށް މަސައްކަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށް، އެ ބޭންކުން އެމީހުންނަށް އެވޯޑް ދީފިއެވެ.

ރޭ ބޭއްވި ބީއެމްއެލްގެ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައި އެ ބޭންކުގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ދީފައި ވަނީ އެ ބޭންކުގެ ހެޑް އޮފް ބޭންކިން ސޮލިއުޝަންސް، އަފްރާހް އަހުމަދަށެވެ. އަދި 2019 ވަނަ އަހަރުގެ އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު ދިނީ ހެޑް އޮފް ލޯން ސާވިސަސް، ހައްވާ ޝީނިއާޒް އަދުނާނަށެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެ ދުވަސްތަކުގައި ބީއެމްއެލްގެ މުވައްޒަފުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭންކުގެ 17 ޓީމަކަށް ރެކޮގްނިޝަން އެވޯޑް ދީފައިވެއެވެ.

ބީއެމްއެލްގެ ސީއީއޯ އެވޯޑް ފޯ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލިބުނީ އަފްރާހް އަހުމަދަށް -- ފޮޓޯ: ބީއެމްއެލް

އެ ހަފްލާގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވި އެ ހަފްލާގެ ބޭނުމަކީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް ފާހަގަކުރުން ކަމަށެވެ.

"އަޅުގަނޑުމެންގެ ސްޓާފް އެވޯޑުގައި ފާހަގަ ކުރަނީ މުވައްޒަފުންގެ ނަމޫނާ މަސައްކަތް. ތިޔަ މުވައްޒަފުން މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި ކުރަމުންދާ މިންނަތް މަސައްކަތަކީ އަޅުގަނޑުމެން އެންމެންނަށް ވެސް ލިބޭ ނުހަނު އަގުހުރި ފިލާވަޅެއް." ޓިމް ވިދާޅުވިއެވެ.

ހަމައެއާއެކު ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބީއެމްއެލްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތް ޓިމް ފާހަގަކުރެއްވިއެވެ.

"ކޮވިޑް-19 ގެ މުއްދަތަކީ ބޭންކަށާއި މުޅިގައުމަށްވެސް މިހާތަނަށް ދިމާވި އެންމެ ދަތި އުނދަގޫ އެއް ދުވަސްތައް. މި ދަނޑިވަޅުގައި މެދުނުކެނޑި ކަސްޓަމަރުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އަޅުގަނޑުމެންގެ މުވައްޒަފުން ކުރި ބުރަ މަސައްކަތަކީ ދެވަނައެއްނުވާ ލާމަސީލް މަސައްކަތްތަކެއް،" ޓިމް ވިދާޅުވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. އަދި ބީއެމްއެލްގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލްއިން ދަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު، މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުން ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ. އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭފަދަ ބޮޑު ބަދަލުތަކެއް ގެންނަމުންދާ ކަމަށް އެ ބޭންކުން ބުންޏެވެ.

https://sun.mv/158188

މިދިޔަ މަހު ބީއެމްއެލްއިން ވަނީ އެ ބޭންކުގައި 15 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، އެވޯޑުދީފައެވެ.

comment ކޮމެންޓް