ތިޔަ ލޯބި އެދިގެން... - 17

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

ޝިޒާން ބުނެލި އެއްޗަކުން މިންހާއަށް ސޯފާއިން ތެދުވެވުނެވެ. އޭނާގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރުތައް ވެރިވިއެވެ. ރުޅިވެރިކަމާއެކު އޭނާއަށް ޝިޒާންއަށް ބަލައިލެވުނެވެ.

މިންހާގެ އެ ބަލައިލުމުން އެކަނިވެސް މިންހާގެ ހިތުގައި ދައުރުވާނޭ ޝަކުވާތައް ޝިޒާންއަށް ވަޒަން ކޮށްލެވުނެވެ. އޭނާ މިންހާ ބުނާނެ އެއްޗަކަށް އިންތިޒާރުކުރިއެވެ.

"ބައްޕަ ދުނިޔޭގައި ހުރިނަމަވެސް ތީތަ ކަންތައް ކުރަން ރާވާފައި އޮތް ގޮތަކީ؟ އަހަންނާ ބައްޕައާއި ވަކިކުރުން." މިންހާއަށް ޝަކުވާގެ ރާގުގައި ސުވާލުކޮށްލެވުނެވެ. އެ އަޑުގައި ހިތްހަަމަނުޖެހުމުގެ އަސަރުތައް ވިޔެއްކަމަކު، ހިސާބެއްގެ ހިތާމަވެރިކަމެއް ވެސް ވެއެވެ. ކޮންމެވެސް ވަރަކަށް ކަރުނަތައް ވެސް ލޮލުގެ ތެރެއަށް ޖަމާވިއެވެ. ބައްޕަ މި ދުނިޔެއާ ވަކިވި ނަމަވެސް، ބައްޕަގެ ހަނދާންތައް ގުޅިފައިވާ އެގެއާ ވަކިވާކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާގެ މުޅި ދިރިއުޅުން ގުޅިފައިވަނީ އެގެއާއެވެ. ވީއިރު އޭނާ އެގެ ދޫކޮށްލާފައި ޝިޒާންއާއެކު ދާނީ ކިހިނެއް ހެއްޔެވެ؟ ޝަކުވާއިން މިންހާގެ ހިތް ފުރި ބަނޑުންވެގެން ދިޔައެވެ.

މިންހާގެ މޫނުމައްޗަށް އެފަދަ ކުލަވަރުތަކެއް އަރާނެކަމުގެ ޔަޤީންކަން ޝިޒާންއަށް ލިބިފައިވި ނަމަވެސް، އެ އަސަރުތައް އެ މޫނުމައްޗަށް ވެރިވުމުން އޭނާއަށް ވެސް ބުނާނެ އެއްޗެއް ނޭނގި ހިނދުކޮޅަކު އިނދެވުނެވެ. އޭނާއަށް ކަންތައްތައް އަވަސް އަރުވާލެވެނީ ބާއޭ ވެސް ޝިޒާންގެ ހިތަށް އެރިއެވެ. މިންހާއަށް ވިސްނައިދޭން އުޅުނަސް މިންހާ އޭނާ ދައްކާ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާނެހެން ވެސް އޭނާއަށް ހީވާން ފެށިއެވެ.

"ނޫން. މިންހާ ބައްޕަ ހުރިނަމަ މިންހާ ބައްޕައާއި މިންހާ އަހަރެން ދުވަހަކުވެސް ވަތްކެއް ނުކުރާނަން..." ޝިޒާން ބުނެލިއެވެ. އޭނާ މިންހާއަށް ޔަޤީންކަން ދޭން ބޭނުންވާ ފަދައެވެ.

"އަހަރެން ބައްޕަ ނިޔާވިތާ އަދި މިއުޅެނީ ދެ ދުވަސްނުވެ. އެހާ އަވަހަށް ތި ވިސްނަނީ އަހަރެން ގޮވައިގެން މާލެ ދާން!." މިންހާ ބުނެލިއެވެ.

"އަހަރެން މިންހާއަށް ދެރަގޮތެއް ނުހަދާނަމޭ... ޓްރަސްޓް މީ. މިންހާގެ ބައްޕައަށް އަހަރެން ވީ ވަޢުދު ފުއްދާނަން. ދުވަހަކުވެސް، އަހަރެން މިންހާއަށް ދެރަގޮތެއް ނުހަދާނަން. އަދި މިންހާއަށް އަހަންނާ މެދު ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭނަން. މިންހާ ދުލެއް ނުކުރާނަން." ޝިޒާން ވާހަކަ ދެއްކިއެވެ. އެ އަޑު އަހަން ހުރުމަށްފަހު، މިންހާ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނާ ލޯ މަތި ފުހެލަމުން ޝިޒާންއަށް ބަލައިލިއެވެ.

"ތި ކުރަނީ ކީއް؟ ތި ދެނީ އަހަންނަށް ޝަކުވާ ކުރާނެ ފުރުސަތެއް ނޫންތަ؟ ގައިމު ދެންމެ ބުނީ..." މިންހާ ވާހަކަ ހުއްޓައިލިއެވެ. ޝިޒާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އޭނާއަށް ނުގޮސް ހުރެވޭކަށް ވެސް ނެތެވެ. ކޮންމެހެންވެސް މާދަމާ އޭނާ އެންމެ ލަސްވެގެން މާލެ ދާން ޖެހޭނެއެވެ. މިންހާ ބަހައްޓާފައި ދާކަށް އޭނާގެ ހިތް އެއްގޮތަކަށްވެސް އެއްބަހެއް ނުވެއެވެ. ކޮންމެ ގޮތެއް ވިޔަސް މިންހާގެ ދިރިއުޅުން ދެން ބިނާވާނީ މާލޭގައެވެ. އޭނާ ހުރީ ކައިވެނި ކޮށްގެން ހަނީފްވެސް ގޮވައިގެން މާލެ ބަދަލުވާން ނިންމައިގެންނެވެ. އެހެންނަމަވެސް ކަންތައް ދިމާވީ ހީވެސް ނުކުރާ ގޮތަކަށެވެ. ލިބިފައިވާ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި، މިންހާ އެއްބަސްކުރުވާނޭ އެއްގޮތެއްވެސް ޝިޒާންއަކަށް ނޭނގުނެވެ.

"މިންހާ!" މިންހާ އެތަނުން ދުރަށް ދާން ހިނގައިގަތުމުން، ޝިޒާން މިންހާއަށް ގޮވައިލި ނަމަވެސް، މިންހާ އަޅައެއް ނުލިއެވެ. އޭނާ އެދިޔަ ގޮތަށް ގޮސް ވަނީ ކޮޓަރިއަށެވެ. އެ މަންޒަރު ބަަލަން އިނުމަށްފަހު، ޝިޒާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. އެހެން އިންދާ އޭނާއަށް އަނެއްކާވެސް ފޯނު ކޯލެއް ލިބުނެވެ. ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން، އޭނާ ދަތުރު ފަސްކޮށްލަން ޖެހިދާނެކަމަށް ބުނެލިއެވެ. އެއާއެކު އެކޮޅުން އެ ގޮތަށް ކަންތައް ކޮށްފިނަމަ ލިބިދާނޭ ގެއްލުން ޝިޒާންއަށް ކިޔައިދިނެވެ. ވުމާއެކު ޝިޒާންއަށް މަޖުބޫރުވީ ކޮންމެ ގޮތެއް ހަދާފައިވެސް މިރޭ ފުރައިގެން ދާށެވެ. އެކޮޅުން ބުނީ ލޯންޗް ވެސް ފޮނުވަން ތައްޔާރުކޮށްފައިވާކަމަށެވެ. ޝިޒާން އެންމެ ރަނގަޅު ކަމަށްބުނެ ފޯނު ބޭއްވިއެވެ. އޭނާއަށް ވިސްނުނީ އެންމެ ގޮތެކެވެ. ޔޫލިން މެދުވެރިކޮށް މިންހާއަށް ވިސްނައިދިނުނެވެ. ފޯނު ނަގާ އޭނާ ޔޫލިންގެ ނަންބަރަކަށް ގުޅައިލިއެވެ. ލަސްތަކެއް ނުވެ، ޔޫލިން ފޯނު ނެގިއެވެ.

"އަހަންނާ ބައްދަލުކޮށްލަދެވިދާނެތަ؟" ޝިޒާން ސުވާލުކޮށްލިއެވެ.

"އާނ. ކޮން އިރަކު؟" ޔޫލިންގެ އަޑުގައި ހިސާބެއްގެ ހައިރާންކަމެއް ހުރިނަމަވެސް، އޭނާ އެއްބަސްވިއެވެ.

"މިހާރު. ވަރަށް ބޮޑު ކަމަކު." ޝިޒާން ބުނެލިއެވެ.

"އޯކޭ އަހަރެން އެބަ ދަން ތި ދިމާލަށް." ޔޫލިން ބުނެލިއެވެ.

"އަހަރެން އެބަ ނިކުންނަން. ބަނބުކެޔޮ ގަސްދޮށުގައި މަޑުކުރާނަން." ފޯނު ބާއްވަމުން، ޝިޒާން ގޮސް ޖޯލިފަތީގައި ޖައްސައިލިއެވެ. އޭނާއަށް އަދިވެސް ވިސްނެމުން ދިޔައީ މިންހާއާ މެދުގައެވެ. އެހެން އޮއްވާ ޔޫލިން އައިސް ޝިޒާންއަށް ގޮވައިލިއެވެ. ޔޫލިން ގަހުގައި އެލުވާފައި ހުރި އުނދޯލީގައި އިށީނދެލިއެވެ.

"ކިހިނެއްވީ؟ ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ އެބަ..." ޔޫލިންއަށްވެސް ޝިޒާންގެ މޫނުމަތީގެ ކުލަވަރު އެހާ ރަނގަޅުނޫންކަން ދެނަގަނެވުނެވެ. ޝިޒާން ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ. އެއަށްފަހު، ފުންނޭވާއެއް ދޫކޮށްލީ އޭނާގެ އެތެރެ ހަށީގައި އުފެެދިގެން އުޅޭ އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ.

"މިންނުއާ ގުޅޭ ކަމެއްތަ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"އާނ. އަހަންނަށް ހީވާގޮތުން އަހަރެން މިވާހަކަ ބުނީމަ މިންހާ އެކޭ އެއްގޮތަށް ޔޫލިންވެސް އަހަރެން ދެކެ ރުޅި ކަންނޭގެ އަންްނާނީ. އެކަމަކުވެސް އަހަންނަށް ވެސް މިވަގުތު އިތުރު ގޮތެއް ނެތް." ޝިޒާން ވާހަކަ ފެށިއެވެ. އޭނާ މިންހާ ގޮވައިގެން ދިރިއުޅުން މާލެއަށް ބަދަލުކުރަން ނިންމާފައިވާކަމުގައި ހިއްސާކޮށްލިއެވެ. އޭގެ އިތުރުންވެސް އޭނާ އެތަކެއް ވާހަކައެއް ޔޫލިންއާ ދެއްކިއެވެ.

"އަހަންނަށް އެނގޭ މިންހާ އިތުރަށް ކިޔަވަން ބޭނުންވާކަންވެސް. ބައްޕަ ނިޔާވުމުގެ ކުރިން އެ ހުރިހާކަމެއް އަހަންނަށް އޮތީ ކިޔައިދީފަ. ހުރިހާ ގޮތަކުން ވިސްނިޔަސް މިންހާއަށް އެންމެ ރަނގަޅު ގޮތަކީ އެއީ... ނޫންތަ؟" ޝިޒާން ވާހަކަ ނިންމައިލަމުން އެންމެފަހުން ބުނެލިއެވެ. ޝިޒާން ދެއްކި ވާހަކަތަކާމެދު، ޔޫލިން ފުންކޮށް ވިސްނިއެވެ. އޭނާ ބުނީ މިންހާއާ ވާހަކަ ދައްކާނޭ ކަމުގައެވެ.

"އެކަމަކު. ޒުބައިދައްތަ އާ ވެސް ވާހަކަ ދައްކައިލަން އަހަންނަށް ފެންނަނީ." ޔޫލިން ބުނެލިއެވެ.

"އަހަރެންވެސް އެބަ ވިސްނަން ތިކަމާ. މިއަދު ހަވީރު އަހަރެން އެގެއަށް ގޮސް މިވާހަކަ ދައްކާނަން..." ޝިޒާން ބުނެލިއެވެ. އެ ދެމީހުން އެތަނުގައި ތިއްބާ އައިހަމް ވެސް ކޮޓަރިން ނުކުމެގެން އައިސް އެމީހުން ކައިރީގައި މަޑުކޮށްލިއެވެ.

"މިންނު ކިހިނެއް؟" އޭނާ ޝިޒާންއަށް ބަލައިލިއެވެ. ޝިޒާން ބުނީ މަޑުމަޑުން މިންހާ ހަމައަކަށް އެޅެމުން ދާ ކަމުގައެވެ. ޔޫލިން ޝިޒާންއަށް ބަލައިލުމަށްފަހު، އޭނާ މިންހާ ކައިރިއަށް ދަނީ ކަމަށް ބުނެ ގެއާ ދިމާލަށް ހިނގައިގަތީ އައިހަމްއަށް ވެސް ބަލައިލާފައެވެ. އޭނާ ގޮސް މިންހާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލުމަށްފަހު، ތަޅުގައި ހިފައިލިއެވެ.

"ބޭނުމެއް ނޫން މިގަޑީގައި ވާހަކަ ދައްކާކަށް..." މިންހާ ބުނެލި އަޑު އިވުނެވެ.

"މީ އަހަންނޭ... ލީންއޭ " ޔޫލިން އެހެން ބުނެލުމާއެކު، މިންހާ ދޮރު ހުޅުވައިލިއެވެ.

"ހޭ ރޮނީތަ އަނެއްކާ؟" މިންހާގެ ދެލޮލަށް ބަލައިލަމުން ޔޫލިން ސުވާލުކޮށްލިއެވެ.

"ދެން އަހަރެން ނުރޮއި ކީއްކުރާނީ؟" މިންހާއަށް ބުނެވުނެވެ.

"އަހަންނަށް އެނގެޔޭ ކީއްވެގެންކަން ތިއުޅެނީ. މާލެ ދާ ވާހަކަ ޝިޒާން ދެއްކީ ދޯ..." ޔޫލިންގެ އެ ޖަވާބާއެކު، މިންހާއަށް ހައިރާކަންކަމާއެކު، ޔޫލިންއަށް ބަލައިލެވުނެވެ.

"މިހާރު އޭނަ އެހާއަވަހަށް ލީން ކައިރީވެސް އެވާހަކަ ދެއްކީ. އަހަރެން ނޫޅެން ދާކަށް" މިންހާ ބުނެލިއެވެ. އެ އަޑުގައި ރުންކުރުގޮތެއް ހުއްޓެވެ.

"ރުޅި މަޑުކޮށްބަލަ! ހިނގާބަލަ އެނދުގައި އިށީންނަން. އަހަރެން ދައްކާ ވާހަކަ ވެސް އަޑު އަހާލަބަލަ!" ޔޫލިން ބުނެލިއެވެ. އެތެރެއަށް ވަދެފައި ދެމީހުން އެނދުމަތީގައި ހަމަޖެހިލިއެވެ. މިންހާއަށް ވިސްނައިދޭން އެތަކެއް ގޮތަކަށް ޔޫލިން ވާހަކަ ދެއްކިއެވެ.

"ދެން ހަމަ އަހަރެން އެގޮތަށް ކަންތައް ކުރަންވީތަ؟" އެންމެ ފަހުން މިންހާއަށް ސުވާލުކޮށްލެވުނެވެ.

"އޭނައަށް މިންނުގެ މައްޗަށް ފުރިހަމަ ބާރު އޮތްނަމަވެސް، އޭނަ ކޮންމެވެސް ކަމެއްވެގެން ދޯ މިންނުގެ ރުހުމުގަ ހުރިހާކަމެއް ކުރަން އުޅޭނީ.." ޔޫލިން ބުނެލިއެވެ. އެތަކެއް ވާހަކަތަކަށްފަހު، މިންހާ ބުނީ އޭނާ ވިސްނައިލަން ވަގުތު ކޮޅެއް ބޭނުންވާ ކަމުގައެވެ.

"ރަނގަޅު ޑެޒިޝަނެއް ނަގާތި. މީ މިންނުގެ ވެސް މުސްތަޤްބަލާ ގުޅިފައިވާ ސުވާލެއް." ޔޫލިން ކުޑަކޮށް މިންހާގެ ގައިގައި ބައްދައިލިއެވެ. މިންހާ ހަމައަކަށް އެޅުމުން އެ ދެ އެކުވެރިން އެތަކެއް ވާހަކަތަކެއްގައި ތިއްބެވެ.

މިންހާއާ ވާހަކަ ދައްކާލާފައި ޔޫލިން ކޮޓަރިން ނުކުތީ ބޮލުގައި ރިއްސާތީ އަރާމުކޮށްލަން ބޭނުންވާކަމަށް މިންހާ ބުނުމުންނެވެ. އޭނާ ގޮސް ޝިޒާން ގާތު ކޮންމެވެސް ވަރެއްގެ އަލިމަގެއް ފެނިއްޖެކަމުގައި ބުނުމުން، ޝިޒާންގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ދިއްލުނެެވެ.

"އައިހަމް ކޮބާ؟" ޔޫލިން ސުވާލުކޮށްލިއެވެ.

"ކޮޓަރިއަށް ދިޔައީ..." ޝިޒާން ބުނެލިއެވެ.

"އޯކޭ އަހަރެން ދިޔައިއްޔޭ. " ޔޫލިން އެހެން ބުނެފައި އޭނާގެ ގެއާ ދިމާލަށް ހިނގައިގަތެވެ. ގެއަށް ވަތްއިރު، ސިޓިން ރޫމުގައި ސަކީނާއާ ރަތީބްވެސް ތިއްބެވެ. އެ ދެމީހުން ފެނުމުން ޝިޒާން ދެއްކި ވާހަކަ ޔޫލިން އެ ދެމީހުންނާ ހިއްސާކުރިއެވެ. އެވަގުތު ރައިހާންވެސް އައިސް ހުއްޓުނެވެ.

"އަހަންނަށް ފެންނަ ގޮތުން އެއީ ހަމަ ރަނގަޅު ގޮތެއް. ދޮގެއްތަ ރަތީބް؟ މިންހާ މި މާހައުލާވެސް ކުޑަކޮށް ދުރުކޮށްލުން އަހަންނަށްވެސް ފެންނަނީ." ސަކީނާގެ ވާހަކައަށް ރަތީބް އެއްބަސްވިއެވެ.

"އެކަމަކު އެކަމަށް މިންނު ޤަބޫލުތަ؟" ރައިހާންއަށް ސުވާލުކޮށްލެވުނެވެ.

"މިންނު ޤަބޫލުވާނެ." ޔޫލިން ބުނެލިއެވެ.

******

އަސުރު ނަމާދުން ފައިބައިގެން ޝިޒާން ދިޔައީ ޒުބައިދާމެން ގެއަށެވެ. ސަލާން ގޮވައިލުމުން ސަލާމަށް ޖަވާބުދިނީ ޒުބައިދާގެ ފިރިމީހާއެވެ. އޭނާ ހިނިތުންވުމަކާއެކު، ޝިޒާންއަށް މަރުހަބާ ކިޔަމުން އެތެރެއަށް ވައްދާ، ސޯފާގައި އިށީނުމަށް ބުނުމަށްފަހު، ޒުބައިދާއަށް ގޮވާ ގެނައެވެ.

"ދައްތާ!"

"އަނހާ ޝިޒާން. ކިހިނެއްވީ ކުއްލިއަަކަށް ތިއައީ؟" ޒުބައިދާ ވެސް ސޯފާގައި އިށީނދެލިއެވެ.

"ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން." ކުޑަ ހާސްކަމަކާއެކު، ޝިޒާން ބުނެލިއެވެ.

"އަނެއްކާ ކޮން ވާހަކަައެއް؟" ކުޑަ ހައިރާންކަމަކާއެކު، ޒުބައިދާއަށް ސުވާލުކޮށްލެވުނެވެ. ކުޑަކޮށް ނުތަނަވަސްވެފައި އިނދެ ނަމަވެސް ޝިޒާން އޭނާ އައި ބޭނުން ޒުބައިދާއަށް ހާމަކޮށްލިއެވެ. އޭނާއަށް އިތުރަށް މަޑުކުރެވެން ނެތްކަމަށް ވެސް ޝިޒާން ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން މިންހާ އެކަނިކޮށްލާކަށް. އަނެއްކޮޅުން އަހަރެން ދިޔައިމަ އޭނައަށް މާ ބޮޑަށް އެކަނިވެރިކަން އިޙްސާސްވެސް ވާނެ. ބައްޕަގެ ހަނދާންތައް މާ ބޮޑަށް މިންހާއަށް ގޯނާކުރާނެ. މިންހާ ކިތަންމެ ހިތްވަރު ގަދަ ކަމަށް ދެއްކިނަމަވެސް، ހަޤީގަތުގައި ވަރަށް ބަލިކަށި. އަހަރެން މިންހާއަށް ދެރަގޮތެއް ނުހަދާނަން." ޝިޒާން ބުނެލިއެވެ.

"ދައްތައަށް ވެސް ފެންނަ އެންމެ ރަނގަޅު ގޮތްތީ." ޝިޒާންގެ އެތަކެއް ވާހަކަތަކަކަށްފަހު، ޒުބައިދާ ބުނެލިއެވެ.

"ދައްތަ އެހެންވީމަ މިންނުއާ ވާހަކަ ދައްކާނަންދޯ..." ޝިޒާން ބުނެލިއެވެ.

"އާނ.ކޮންއިރަކުން ފުރާގޮތަށް؟" ޒުބައިދާ އަހައިލިއެވެ.

"މިރޭ... އެކޮޅުން ލޯންޗްވެސް ފޮނުވަން ތައްޔާރުކޮށްފަ އޮތީ... އެނގޭ ވަރަށް އަވަސްކަން އެކަމަކުވެސް..." ޝިޒާން ވާހަކަ ހުއްޓައިިލިއެވެ.

"މިންހާއަށް ދެރަ ގޮތެއް ނުހަދައްޗޭ! އެ ޔަޤީންކަން ދައްތައަށް ދޭހާ ހިނދު ދައްތަ މިންހާއާ ވާހަކަ ދައްކާކަން." ޒުބައިދާ ބުނެލިއެވެ. ޝިޒާން ވައުދުވިއެވެ. ޒުބައިދާ ބުނީ އިރުއޮއްސޭއިރު އޭނާ މިންހާއާ ވާހަކަ ދައްކަން ދާނޭކަމުގައެވެ.

"އެޗެއް ކާލައިގެނެއްނު ދެން ދާންވާނީ." ޝިޒާން އެގެއިން ދިޔައީ ސައި ވެސް ބޮއި ހަދައިގެންނެވެ. އޭނާ ގެއަށް ގޮސް ވަތްއިރު، މިންހާ ސިޓިން ރޫމުގައި އިނެވެ. އޭނާ މިންހާއަށް ގޮވައިލާފައި ފެންވަރާލަން ދަނީކަމަށް ބުނެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.

އިރުއޮއްސެން އުޅެނިކޮށް ޒުބައިދާ އައިސް މިންހާއާ ވާހަކަ ދެއްކިއެވެ. މިންހާގެ މައްޗަށް ޝިޒާންއަށް ފުރިހަމަ ހައްޤު އޮންނާނެކަމަށް ބުންޏެވެ. ފިރިމީހާގެ އެދުމަށް ކަމާހިތުމަށް މިންހާއަށް ނަސޭހަތް ދިނެވެ. އަދިވެސް އިތުރު ވާހަކަ ތަކެއް އޭނާ ދެއްކިއެވެ. މިންހާ ނެތަސް އެގެ އޭނާ ބަލާނެކަމުގައި ވެސް ބުންޏެވެ. މިންހާ އެއްބަސްވީ އުނދަގުލުން ނަމަވެސް، އެކަމުން ޒުބައިދާ އުފާވިއެވެ. އޭނާ އެ ވާހަކަ ޝިޒާންއާ ހިއްސާކުރީ ޝިޒާން އައިސް އެތެރެއަށް ވަނުމުންނެވެ.

*****

ފުރަން ހަމަ ޖެހުނީ ރޭގަނޑު ނުވައެއް ޖަހާއިރުއެވެ. ފޮއްޓަށް އެއްޗެހި އަޅާ ތައްޔާުކޮށްދިނުމުގައި މިންހާއަށް ޒުބައިދާއާ، ޔޫލިން އެހީތެރިވެދިނެވެ.

"އައި ވިލް މިސް ޔޫ މިންނު." ޔޫލިންގެ އަޑު ކުރެހުނެވެ. ކުޑައިރުއްސުރެ އެންމެ ގާތްކޮށް އުޅުނު އެކުވެރިޔާ ވަކިވެގެން ދަނީކަމަށް ގަބޫލުކުރާކަށް އޭނާއަކަށް ވެސް ފަސޭހައެއް ނުވިއެވެ. މިންހާ އައިސް ޔޫލިންގެ ގައިގައި ބައްދައިލިއެވެ. ޔޫލިންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މިންހާވެސް ހުރީ ޖަޒުބާތީވެފައެވެ. އޭނާގެ ދެލޮލަށް ވެސް ކަރުނަތައް ޖަމާވިއެވެ.

"އަހަރެން އަންނާނަމޭ..." މިންހާ ބުނެލިއެވެ. ޔޫލިން ބޯ ޖަހައލިއެވެ.

ނުވައެއް ޖަހަން ފަނަރަ މިނިޓަށް ވީއިރު، މިންހާމެން ތިބީ ޖެޓީ ސަރަހައްދުގައެވެ. އޭރު ރައިހާންއާ އައިހަމްގެ އިތުރުން ޒުބައިދާއާ ސަކީނާވެސް ތިއްބެވެ. މިންހާ ފަހަރަކު މީހަކާ ވަދާޢީ ސަލާންކުރަމުން ދިޔައިރު، އޭނާގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެެވެ. ކުޑަ އިރުއްސުރެ އުޅެ ބޮޑުވި ފަސްގަނޑު ދޫކޮށްފައި ދާން ޖެހޭތީ، އޭނާގެ ހިތް ބާރަށް ރޮމުންދިޔައެވެ. އޭނާ ރަށުގެ އަތިރި މައްޗަށް ފަރުވާތެރިކަމާއެކު، ބަލައިލިއެވެ. ހީވާކަހަލައެވެ. އެ ރަށާ ގުޅިފައިވާ ކޮންމެ ހަނދާނެއްވެސް އޭނާ ހިތުގެ ފުނުގައި ރައްކާކުރަނީއެވެ. ޖެހެމުންދިޔަ ވައިރޯޅިތައް މިންހާގެ މޫނާ ގޯނާކުރަމުން ދިޔައެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފެންކަޅިވީ ބޭއިޚްތިޔާރުގައެވެ. އެ ހުރިހާ މަންޒަރެއް ބަލަހައްޓައިގެން ޝިޒާން ހުރިއިރު، އޭނާގެ ހިތުގައި ދައުރުވަނީ ކީކޭކަން ދެނެގަންނާކަށް ނޭނގެ އެވެ.

ޔޫލިން އައިސް މިންހާގެ ގައިގައި ބައްދައިިލިއެވެ. ވަކިވާން ޖެހޭތީ ދެ އެކުވެރިންވެސް ވަނީ އިންތިހާ ދެރަވެފައެވެ.

"ހިނގާ ލޯންޗަށް އަރަން ދާން." ޝިޒާން އައިސް މިންހާގެ ކައިރީގައި ހުއްޓެމުން ބުނެލިއެވެ. ފަހު ފަހަރަށް ފަހަރަކު މީހެއްގެ މޫނަށް ބަލައިލަމުން މިންހާ ލޯންޗާ ދިމާލަށް ހިނގައިގަތެވެ. ޝިޒާން ލޯންޗަށް އަރާ މިންހާއަށް އޭނާގެ އަތް ދިކޮށްލިއެވެ. ދެ ވިސްނުމެއްގައި ހުރެފައި، މިންހާ އެ އަތުގައި ހިފައިލިއެވެ. އެއީ މިންހާ ޝިޒާންގެ އަތުގައި ހިފައިލި ފުރަތަމަ ފަހަރެވެ. ޝިޒާންއަށްވެސް ބުނެދޭން ނޭނގޭ އިޙްސާސްއެއް ކުރުވިއެވެ. މިންހާގެ މަޑުމަޑު އަތްތިލައިގެ ބީހިލުން އޭނާއަށް އިޙްސާސްވީ އަލަށެވެ. އެގޮތަށް ޝިޒާންގެ އަތުގައި ހިފަން ޖެހުމުން މިންހާއަށް ވެސް ތަފާތު އިޙްސާސްއެއް ކުރެވެމުން ދިޔައެވެ. ބުނެދޭން ނޭނގޭ ގޮތްތަކެއް ވަމުން ދިޔައެވެ. ލޯންޗަށް އެރުމާއެކު، މިންހާ ޝިޒާންގެ އަތުން އަވަސް އަވަހަށް އަތް ދޫކޮށްލިއެވެ. އެއަށްފަހު، އޭނާ އަނެއްކާވެސް ޔޫލިންމެންނާ ދިމާލަށް ބަލައިލިއެވެ. އެންމެން އަތުން ހަނާ އަޅައިލިއެވެ. މިންހާވެސް އެގޮތަށް އަމަލުކުރިއެވެ. ޝިޒާންވެސް އަތުން އިޝާރާތް ކޮށްލުމަށްފަހު، މިންހާ ގޮވައިގެން އެތެރެއަށް ވަނެވެ. ގޮނޑީގައި އިށީނުމާއެކު ލޯންޗް ނައްޓައިިލިއެވެ. ފަހު ފަހަރަށް ދިއްލާފައިވާ ރަށަށް މިންހާ ބަލައިލިއެވެ. އެއަށްފަހު އެނބުރި ޝިޒާންއަށް ބަލައިލިއެވެ. އޭރު ޝިޒާންވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. މިންހާ ތުންފަތުގައި ދަތް އަޅައިލަމުން ކަނޑުގެ ލޮނުގަނޑަށް ނަޒަރު ހުއްޓައިލިއެވެ. ލޯންޗުގެ އަލި ކަނޑުގެ ސަތަހައިގެ ލޮނުގަނޑަށް އެޅިފައިވުމުން ހީވަނީ ޖަވާހިރުތަކެއް ވިދާހެންނެވެ. އޭނާ އެމަންޒަރު ބަލަން އިންއިރުވެސް ރަށުގެ ހަނދާންތައް އޭނާއަށް ގޯނާކުރަމުން ދިޔައެވެ.

ޝިޒާން ދިޔައީ މިންހާގެ ކޮންމެ ހަރަކާތަކަށްވެސް، ފަރުވާތެރިވެ ބަލަމުންނެވެ. އޭނާ މިންހާގެ މޫނުން ކަމެއް ދެނެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. ލޯންޗުގައި ހޭދަކުރެވުނު އެއްގަޑިއިރާ ސާޅީސް ފަސްމިނިޓެއް ހާއިރު އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ވެރިވެފައިވި ހިމޭންކަން ފޫދުއްވައިލަން ޝިޒާން ވެސް މަސައްކަތެއް ނުކުރެއެވެ. ހީވާ ކަހަލައެވެ. އޭނާ އެ އިނީ މިންހާއަށް ބޭނުންވާ ވަގުތު ދީގެންނެވެ.

މާލޭގެ އެއް ނަންބަރު ޖެޓީއަށް ލޯންޗް ކައިރިކޮށްލިއެވެ.

"މިންހާ..." ޝިޒާން މިންހާއަށް ގޮވައިލިއެވެ. މިންހާ އޭނާގެ އަތް ދަބަސް ހިފައިގެން ޝިޒާންގެ ފަހަތުން ލޯންޗުން ފައިބަން ހިނގައިގަތެވެ. ލޯންޗުން ފޭބުމާއެކު، މިންހާއަށް ވަށައިގެން ބަަލައިލެވުނެވެ. އޭނާ މާލެ އައި ހަނދާންވަނީ ވަރަށް ކުޑައިރުއެވެ. އޭގެ ފަހުން އޭނާ މާލެއެއް ނާދެއެވެ. އޭރުގެ ހަނދާންތައް ރަނގަޅަށް އޭނާގެ ސިކުނޑީގައި ނުވެސް ނެތެވެ. ފޮޓޯތަކުން މާލެ ފެނުނު ނަމަވެސް، ހަމަ ލޮލަށް ފެނުމުން ކުރެވުނު އިޙްސާސް ތަފާތެވެ. ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގައި ދުއްވަމުންދިޔަ އުޅަަނދުފަހަރު ގިނަކަމުން ވެސް އޭނާ ހައިރާންވިއެވެ. މިންހާ ވަށައިގެން ބަލަމުން ދިޔައެވެ. ޝިޒާންގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އެހެން ތިއްބާ އެމީހުންނާ ދާދިގާތަށް ކަޅު ބިއްލޫރި ޖަހާފައިވާ ކަޅުކުލައިގެ ކާރެއް އައިސް މަޑުކޮށްލިއެވެ. ދޮރު ހުޅުވާފައި، ބޭރަށް ނުކުތް ޑްރައިވަރަށް މިންހާ ބަލައިލިއެވެ. ޑްރައިވަރު ޝިޒާން އާ ވާހަކަ ދެއްކުމުން އޭނާއަށް ވެސް ޝިޒާންއަށް ބަލައިލެވުނެވެ.

ގެނައި ފޮށިތައް ޑިކީއަށް އެރުވީ ޑްރައިވަރެެވެ. ޝިޒާން މިންހާ އަރަންވެގެން ކާރުގެ ދޮރުފަތް ހުޅުވައިލަދިނެވެ. ހައިރާންކަމާއެކު، ޝިޒާންއަށް ބަލަމުން އައިސް މިންހާ ކާރަށް އެރިއެވެ. ޝިޒާން އެރީ ކުރިއަށެވެ. މާލޭގެ މަގުތަކުގައި ކާރު ދުއްވާފައި ދިޔައިރުވެސް، މިންހާއަށް ލޯގަނޑުން ބޭރު ބެލެމުން ދިޔައެވެ. މަގުމައްޗަށް ގެއްލިފައި އިން މިންހާއަށް ހަމަބިމަށް އާދެވުނީ ކުއްލިއަކަށް ކާރުގެ ދުވެލި މަޑުވިހެން ހީވުމުންނެވެ. އޭނާ ކުރިމަތި ބަލައިލިއެވެ. އޭރު ބޮޑު ގޭޓަކުން ކާރު އެތެރެއަށް ވައްދައިލަނީއެވެ. އެމީހުން ވަނުމާއެކު ގޭޓު ލައްޕައިލިއެވެ. އެއާއެކު އޭނާއަށް ދެފަރާތަށް ބަަލައިލެވުނެވެ. ރޭގަނޑަށް ވިޔަސް ދިއްލާފައިވާ ބޮކިތަކުގެ ސަބަބުންނާ ކާރުގެ އަލިން ތަނުގައި ހައްދާފައިވާ ވިނަގަނޑާއި އެ ބޮޑު ގޯތި އޭނާގެ ލޮލުގައި އަޅައިގަތެވެ.

ކާރު މަޑުކޮށްލުމުން ޝިޒާން ކާރުން ފައިބައިގެން އައިސް، މިންހާއިން ދިމާ ހުޅުވައިލަންދެން ވެސް މިންހާއަށް އިނދެވުނީ ހުއްޓުން އަރާފައެވެ. އޭނާއަށް ހަމަބިމަށް އާދެވުނީ ޝިޒާން ގޮވައިލުމުންނެވެ. ކާރުން ފައިބަމުން، އޭނާ ވަށައިގެން ބަލައިލިއެވެ. އެއާއެކު، އޭނާގެ ދެލޯ ބޮޑުވިއެވެ. ކާރު އޮތީ ގެއަށް ވަންނަ ދޮރާ ދިމާ ކުރިމަތީގައެވެ. ފެންޑާގައި ވެސް ސޯފާ ގޮނޑިތައް ބެހެއްޓިފައިވާއިރު، ހިތްގައިމެވެ. ވިދާ އޮފުއަރާ ތަޅުމުންނާ ގޭގެ ޑިޒައިނުންވެސް ޝާހީކަން ފެންނަމުންދިޔައެވެ. ގޭގައިވާ ބޮޑެތި ތަނބުތަކުން ގޭގެ ހައިބަވަންތަކަން ދައްކަމުންދިޔައެވެ. އެ ތަނބުތަކަށް އިތުރު ފުރިހަކަމެއް ގެނެސްދެނީ އޭގެ ވަށައިގެން ހައްދާފައިުވާ ވެޔޮ ގަޑުންނެވެ. ގޯތިތެރޭގައި ވެސް ތަފާތު ވައްތަރުގެ ގަސްތައް އިންދާފައވާއިރު، ހިނގަން އޮންނަ މަގުގައި ވަނީ ގާޖަހާ ވަކިކޮށްލާފައެވެ. ހަމަ އެގޮތުން ކާރު ދުއްވޭ ގޮތަށް ވެސް ވަނީ ގާޖަހާފައެވެ. އޭނާގެ ލޯ އެއްފަރާތަށް އަމާޒުވުމާއެކު، ކާރު ބާއްވަން ގެއާ އިންވެެގެން ހިޔާކޮށްފައި ހަދާފައި ހުރިތަންވެސް އޭނާގެ ލޮލުގައި އަޅައިގަތެވެ. އެތަނުގައި އޭރުވެސް ކަނޑުނޫކުލައިގެ ކާރެއް ބާއްވާފައި އޮތެވެ. އޭގެ އިތުރުން ސައިކަލެއްވެސް ހުއްޓެވެ.

ހައިރާންވެފައި ހުރި މިންހާއަށް ބަލައިލަމުން ޝިޒާން އެތެރެއަށް ވަންނަން ދަޢުވަތު ދިނެވެ. އެ އާދެވުނު ތަނަކާމެދު ސުވާލުތަކެއް ހިތުގައި އުފެދުނު މިންހާ ޝިޒާންގެ ފަހަތުން އެތެރެއަށް ވަނެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. އޭނާއަށް ވަށައިގެން އެގެއަށް ބަލައިލެވުނީ ހައިރާންކަމާއެކުއެވެ. ޝިޒާން އޭނާ އެ ގެނައީ ގަނޑުވަރެއް ފަދަ ގެއަކަށެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު