ފަތުހުﷲ ޖަމީލުގެ އާއިލާ އަށް ކުރީގެ ރައީސް މައުމޫން ތައުޒިޔާ ވިދާޅުވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއް ކޮށްދެއްވި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ފަތުޙުﷲ ޖަމީލް ސިންގަޕޫރުގައި ރޭ އަވަހާރަވުމާ ގުޅިގެން އެ މަނިކުފާނުގެ އާއިލާ އަށް ގުޅުއްވައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ސެކްރެޓަރީ އޮފް ދަ ފޯމާ ޕްރެޒިޑެންޓްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަތުހުﷲ ޖަމީލު އަވަހާރަވި ހަބަރު ކުރީގެ ރައީސް މައުމޫން އެއްސެވީ ނުހަނު ފުން ހިތާމަޔާ އެކުގައި ކަމަށެވެ. އަދި ފަތުހުﷲގެ ފުރާނަފުޅަށް މާތް ﷲ ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢްމަތް ދެއްވުން އެދި ﷲ އަށް ދުއާ ދަންނަވާ ކަމަށާއި ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެން ދުއާ ކުރައްވާ ކަމަށެވެ.

"މިހިތާމަވެރި ޚަބަރު ލިބިވަޑައިގަތުމާގުޅިގެން ރައީސް މައުމޫން މެލޭޝިޔާގައި ހުންނަވާފައި ވަގުތުން އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ އަނބިކަނބަލުން އަލްފާސިލާ ފާތިމަތު މޫސާ އާއި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ބޭބެ އަލްފާޟިލް ޢަބްދުﷲ ޖަމީލާ ފޯނުން ގުޅުއްވައި ޢާއިލާގެ ހުރިހާ ބޭފުޅުންނަށް، ރައީސް މައުމޫނާއި އެމަނިކުފާނުގެ ޢާއިލާގެ ހުރިހާ ބޭފުޅުންގެ ފަރާތްޕުޅުން ވަރަށް ފުން އަސަރާ އެކު ތައުޒިޔާ ވިދާޅުވި އެވެ،" ކުރީގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފަތުޙު ﷲ ޖަމީލުގެ ޙާލުކޮޅު ބޮޑުވުމާގުޅިގެން، ރައީސް މައުމޫން މެލޭޝިޔާގައި ހުންނަވާފައި ހުސްވި ފެބްރުވަރީ މަހުގެ 21 ދުވަހު ސިންގަޕޫރަށް ވަޑައިގެން، އެމަނިކުފާނު އޮންނެވި ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި އެމަނިކުފާނުގެ ޙާލުކޮޅު ބެއްލެވި ކަމަށެވެ.

ރައީސް މައުމޫން އާއި ފަތުޙު ﷲ ޖަމީލް އާ ދެ ބޭފުޅުންނަކީ، 12 އަހަރުގެ ދިގު މުއްދަތުގައި މިޞުރުގައި އެއްގެއެއްގައި ތިއްބަވައިގެން އަޒްހަރުން ތަޢްލީމް ޙާޞިލް ކުރެއްވި ދެ ބޭފުޅުންނެވެ.

ފަތުހުﷲ ޖަމީލަކީ 27 އަހަރު ވަންދެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ މަނިކުފާންގެ ދައުރުގައި ރާއްޖެ އަށް އައިސްފައިވާ ތަރައްޤީ އާއި ކުރިއެރުން ޙާޞިލުކުރުމުގައި ފަތުޙު ﷲ ޖަމީލް ކޮށްދެއްވާފައިވާ އިޚްލާޞްތެރި ޚިދްމަތްތައް ފާހަގަކުރައްވައި ރައީސް މައުމޫންގެ ވެރިކަމުގައި، 2008 ވަނަ އަހަރު ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ޝަރަފް ފަތުހުﷲ އަށް ދީފައިވާ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު