ކޮވިޑަށް ފަހު ދާރުލްއާސާރާއި ނެޝަނަލް ލައިބްރަރީ މިއަދު ހުޅުވައިފި

ގައުމީ ދާރުލްއާސާރު

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ބަންދުކޮށްފައި ހުރި ގައުމީ ދާރުލްއާސާރާއި ނެޝަނަލް ލައިބްރަރީ މިއަދު ހެނދުނު މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ހުޅުވައިފިއެވެ.

ހެރިޓޭޖު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ތޯރިގު "ސަން"އަށް ވިދާޅުވީ ނޭޝަނަލް ލައިބްރަރީއާއި ދާރުލްއާސާރު ނުހުޅުވައި ހުރީ ކޮވިޑްގެ ހާލަތު ހުރި ގޮތުން ކަމަށާއި މިއަދު އެ ދެތަން ހުޅުވައި ހިދުމަތްދޭން ފަށާނެ ކަމަށެވެ.

"ކޮވިޑަށް ފަހު މިއަދު ނޭޝަނަލް ލައިބްރަރީއާއި ދާރުލްއާސާރު ވަނީ ހުޅުވިފައި. އެހާ ގިނަ ދުވަހު ނުހުޅުވައި ހުރީ ވެސް ކޮވިޑުގެ ބަލިމަޑުކަން ކުރިމަތިވެފައި ވާތީ. މިހާރު ވާނީ އެތަނުގެ ލައިޓިންތައް ރަނގަޅުކޮށް ޑިސްޕްލޭއަށް ވެސް ބަދަލު ގެނެސްފައި،" ތޯރިގު ވިދާޅުވިއެވެ.

އެ މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އިސްމާއިލް ނާއިލް ނަޝީދު "ސަން"އަށް ވިދާޅުވީ 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ސަގާފީ ތަރިކަ ރައްކާތެރިކުރުމާ ބެހޭ ގާނޫނަށް މިދިޔަ އަހަރުގެ ޖޫން މަހު އަމަލު ކުރަން ފެށުމުން، ދާރުލް އާސާރަށް ބައެއް ބަދަލުތައް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން އެޑްމިނިސްޓްރޭޝަނަށް ބަދަލުތަކެއް ގެނެސް، ދާރުލްއާސާރުން ކުރިން ފެންނަން ނެތް ބައެއް އާ އެއްޗެހި މިހާރު ފެންނަން ހުންނާނެ ކަމަށާއި އުމްރާނީ ގޮތުން ބައެއް ކަންކަން ރަނގަޅުކޮށްފައި ވާނެކަމަށް ނާއިލް ވިދާޅުވިއެވެ.

"ދިހަ އަހަރުވެފައި ހުރި އިމާރާތެއް ދާރުލް އާސާރަކީ. މީގެ ކުރިން އެތަން ހުރީ ވަރަށް ބޮޑަށް އަޅާ ނުލައި. އެހެން ހުރުމުގެ ސަބަބުން އެތަނަށް ހުރީ ގެއްލުންވެފައި. އެގޮތުން އޭސީ އާއި ލައިޓުތައް ވެސް ހުރީ ރަނގަޅަކަށް ނޫން، ނަމަވެސް ކަރަންޓުގެ ހިދުމަތާއި އޭސީ ރަނގަޅު ކޮށްފައި ވާނީ. ލައިޓުތަކުގެ ފެންވަރު ރަނގަޅު ވާނެ އިހުނަށް ވުރެ،" ނާއިލް ވިދާޅުވިއެވެ.

ލައިޓްތަކަށް ގެނައި ބަދަލާ ގުޅިގެން ނާއިލް އިތުރަށް ވިދާޅުވީ ދާރުލްއާސާރުގެ އެތެރެއަށް އެހާ ބޮޑަށް އަލި ނުވި ނަމަވެސް، ތަނުގައި ހުންނަ ތަކެތި ފެންނާނެހެން، އެ ތަކެއްޗަށް އަޅުވާފައި ހުންނަ ލައިޓުގެ އަލިގަދަ ވާނެ ކަމަށެވެ. އަދި އެއީ ބައިނަލްއަގުވާމީ ފެންވަރުގެ ލައިޓިން ސިސްޓަމަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ނާއިލް ވިދާޅުވިއެއެވެ.

މީގެ އިތުރުން ނެޝަނަލް ލައިބްރަރީގައި ހުންނަ ފޮތްތައް މިހާރު ތަފާތު ވާނެކަމަށްވެސް ނާއިލް ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ލައިބްރަރީ ބަންދުކުރުމަށް ފަހު އަލުން މީގެ ކުރިން ވެސް ހުޅުވިއެވެ. ނަމަވެސް ހާލަތު ގޯސްވުމުން އެތަން އަނެއްކާވެސް ބަންދުކުރީއެވެ.

ރާއްޖޭގެ އެންމެ ބޮޑު އާކައިވް ކަމަށްވާ ނެޝަނަލް ލައިބްރަރީ ދެން ކޮންމެ އާދިއްތަ ދުވަހަކުން ބުރާސްފަތި ދުވަހަށް 9:00އިން 15:00އަށް ހުޅުވާފައި ހުންނާނެއެވެ. އަދި ދާރުލްއާސާރު ހުޅުވާފައި ހުންނާނީ އެދުވަސްތަކުގެ ހެނދުނު 10:00އިން ހަވީރު 16:00 އަށެވެ.

ދާރުލް އާސާރަކީ ރާއްޖެއަށް އަންނަ ފަތުރުވެރިން ޒިޔާރާތް ކުރަމުންދާ ތަނަކަށް ވާއިރު، އެތަނަށް ގެންނަން ޖެހޭ ޒަމާނީ ތަރައްގީ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް