ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ ސަރަހައްދު ތަކުގައި ވައި ގަދަވެ، މޫސުން ގޯސް ވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ލަފާ ކޮށްފި އެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ އިރުއުތުރުން ސްރީލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރިއަށް އޮތް ތިން ދުވަހު ރާއްޖެ ސަރަހައްދުގައި ވަޔާއި ކަނޑު ގަދަވެ، ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މި ވިއްސާރައާ ގުޅިގެން މެޓް އޮފީހުން ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައެވެ. އަދި މިސަރަހައްދަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
އެހެންކަމުން އާއްމުކޮށް ހުރިހާ ފަރާތްތަކުންނާއި ހާއްސަކޮށް ކަނޑުދަތުރު ކުރާއިރު މޫސުމަށް ސަމާލުވުމާއެކު، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.