ތިޔަ ލޯބި އެދިގެން... - 16

ތިޔަ ލޯބި އެދިގެންގެ ޕޯސްޓަރު --

އެވާހަކަ ބުނުމުން މިންހާ ތެދުވިއެވެ. އެތެރެއިން ހަނީފް ނެރޭނޭ ވަގުތަކަށް މިންހާ އިންތިޒާރުކުރިއެވެ. ޑޮކްޓަރު ނުކުތުމާއެކު، މިންހާ ކުރިއަށް ޖެހިލިއެވެ. އެއާއެކު ޝިޒާން ސުވާލުކޮށްލިއެވެ. އަދިވެސް ހަނީފް ނުނެރެނީ ކީއްވެތޯ އަހައިލިއެވެ. އެންމެންވެސް ޑޮކްޓަރުގެ ޖަވާބަކަށް އިންތިޒާރު ކުރަމުންދިޔައެވެ. މިންހާވެސް ހުރީ ކެތްތެރިކަން ކޮޅުންލާފައެވެ. އޭރުވެސް އޭނާގެ ގިސްލުމަކަށް ބަދަލެއް ނާދެއެވެ. ޑޮކްޓަރު މާޔޫސްވެފައިވާ، މޫނަކައިގެން ދިން ޚަބަރަކުން މިންހާގެ ފައިދަށުން ބިންގަނޑު ދެމިގެންދިޔަފަދަ އިޙްސާސްއެއް އޭނާއަށް ކުރެވުނެވެ. ވަގުތުން އޭނާއަށް ފަހަތަށް ފިޔަވަޅެއް، އަޅައިލެވުނެވެ.

މިންހާއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް ހުއްޓުމަކަށް އައިހެންނެވެ. ފައިން ވާގި ދޫވެ އޭނާއަށް މީހެއްގެ އެހީތެރިކަމަށް އެދި އަތް ދިއްކޮށްލެވުނެވެ. ހުޝިއާރުކަމާއެކު، ޝިޒާން ގޮސް މިންހާގެ ކޮނޑުގައި ހިފައްޓައިލަމުން، އޭނާއާ ކައިރިކޮށްލިއެވެ. ވަގުތުގެ ނާޒުކުކަމުން މިންހާވެސް، ޝިޒާންއާ ދުރުވާކަށް ނޫޅުނެވެ. އެއަށްވުރެ ބޮޑަށް އޭނާ ވަނީ ހިތުގައި ޖެހިފައެވެ. ދެރަވެފައެވެ. ކަރުނަތައް އެއްވެސް ހުއްޓުމެއްނެތި އޭނާގެ ކޯތާފަތް މަތިން ތިރިއަށް ރޮނގު ދެމިގެން ދާން ފެށިއެވެ. ޝިޒާން މިންހާ ގެންގޮސް އެއްފަރާތުގައި ހުރި ގޮނޑީގައި ބެއިންދިއެވެ. މިންހާގެ ކުރިމައްޗަށް ވާގޮތަށް ޝިޒާން އިށީންއިރު މިންހާ އިނީ ހުއްޓުން އަރާފައެވެ. ދެލޯ ބޮޑުވެފައިވީއިރު، އޭރުވެސް އޮހެމުންދިޔަ ކަރުނަތަކަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

"މިންހާ! މިންހާ!" ޝިޒާން ދެފަހަރަކު މިންހާއަށް ގޮވައިލިއެވެ. އެހެންނަމަވެސް، މިންހާގެ ޚަބަރެއް ނުވެއެވެ. އޭރުވެސް އޭނާގެ ކަންފަތް ދޮށުގައި ގުގުމަމުން ދިޔައީ ޑޮކްޓަރުގެ ބަސްތަކެވެ. ހަނީފް މި ދުނިޔެ ދޫކުރި ޚަބަރާއެކު، މިންހާގެ މުޅި ދުނިޔެވެސް ބަނަވިއެވެ. އޭނާއަށް ބަރުދާސްތުނުކުރެވޭ ފަދަ ހިތާމައެއް އެ ޚަބަރުން ލިބިފައިވެއެވެ. ޒުބައިދާވެސް ގޮނޑިއެއްގައި އިށީނެވެ. އޭނާގެ ކައިރީގައި ހުރެ ސަކީނާ ހިތްވަރު ދެމުން ދިޔައެވެ. ޔޫލިންވެސް އެ ހުރިހާ މަންޒަރެއް ބަލަން ހުރީ ފެންކަޅިވެފައިވާ ޙާލުގައެވެ. މިންހާގެ ކައިރިއަށް ދާން ބޭނުންވެފައި ހުރި ނަމަވެސް، ޝިޒާން މިންހާގެ ކައިރީގައި އިނުމުން އޭނާ މަޑުކޮށްލައިގެން ހުރީއެވެ.

"މިންހާ... ހިތްވަރުކުރޭ!" ޝިޒާން މިންހާއަށް ހިތްވަރުދެމުން ދިޔައެވެ. ތުރުތުރު އަޅަމުންދިޔަ ތުންފަތުގައި ދަތް އަޅައިލި މިންހާއަށް ޝިޒާންއަށް ބަލައިލެވުނެވެ. އެ ދެލޮލުން އޭނާއަށްޓަކައި ކަންބޮޑުވެފައިވާ މިންވަރު މިންހާއަށް ވެސް އަންދާޒާ ކޮށްލެވުނެވެ. އެ ބެލުމުގައި ވަނީ ޙަމްދަރުދީއެވެ. އޭނާ ޝިޒާންގެ އަތް ފޮޅުވައިލިއެވެ. އެއްޗެއް ބުނަން އުޅުނުނަމަވެސް، އޭނާއަށް ހިތްވަރެއް ނުލިބުނެވެ. އަނެއްކާވެސް އޭނާއަށް ބާރަށް ރޮވެން ފެށުނެވެ. ބައްޕައާއެކު އޭނާ ހޭދަކުރި ދުވަސްތަކުގެ ހަނދާންތައް ސިކުނޑީގައި ފިލްމެއް ފަދައިން ނިއުޅެމުން ދިޔައެވެ. އެހާ އަވަހަށް އޭނާއާ ބައްޕަ ވަކިވެދާނެކަމަކަށް ފަހަރެއްގައިވެސް މިންހާއަށް ހީކުރެވިފައެއް ނުވެއެވެ. އޭނާ އެކަނި ކޮށްލާފައި ބަައްޕަ މި ދުނިޔެއަށް އަލްވަދާޢު ކީކަން ޤަބޫލުކުރާކަށް އަދިވެސް މިންހާގެ ސިކުނޑި އެއްބަހެއް ނުވެއެވެ. ނުވެސް ދަންނަ ޒުވާނަކާ އޭނާ ޙަވާލުކޮށްފައި، އެހާ އަވަހަށް އެ ބައްޕަ އޭނާއާ ދުރަށް ގޮސްދާނެކަމަކަށް މިންހާއަށް ހީކުރެވިފައެއް ނެތެވެ.

ކައިރީގައި ޝިޒާން އިނދެގެން ހިތްވަރު ދެމުންދިޔަ ނަމަވެސް، އެ ބަސްތަކުން މިންހާއަށް އެއްވެސް އަސަރެއް ނުކުރެއެވެ. ބައްޕަގެ އެ ވަކިވުމުން އޭނާއަށް ވަނީ ފުން އަސަރުތަކެއް ކުރުވާފައެވެ. އެހިތްވަނީ ކުދިކުދި ވެފައެވެ.

ޑޮކްޓަރުން ބަލަން ޖެހޭ ހުރިހާކަމެއް ބަލާފައި އާއިލާއާ ހަށިގަނޑު ހަވާލުކުރިއެވެ.

"ޒުބައިދާ... ހިތްވަރުކުރޭ! މިއަދު މިންހާއަށް ހިތްވަރުދޭން ހުރި މީހަކީވެސް ތިއީ... ޒުބައިދާ ތި ގޮތަށް ހިތްވަރު ދޫކުރީމަ މިންހާއަށް ކިހިނެއްވާނީ؟"

ސަކީނާގެ ހިތްވަރުގެ ބަސްތަކުން ޒުބައިދާވެސް ކުޑަކޮށް ހަމައަކަށް އެޅުނެވެ. އޭރު އޭނާގެ އާއިލާގެ އެންމެންނާ ފިރިމީހާގެ އާއިލާގެ ބައެއް މީހުންވެސް އެތަނުގައި ތިއްބެވެ. އެ ހުރިހާއިރުވެސް ޝިޒާން ހުރީ މިންހާގެ ކައިރީގައެވެ. ކޮންމެހެން ދާން ޖެހިއްޖެކަމެއްގައި ނޫނީ ޝިޒާން މިންހާގެ ކައިރިން އެންމެ ހިނދުކޮޅަކަށްވެސް ދުރަކަށް ނުދެއެވެ. މިންހާ އެވަރަށް ރޯތަން ފެނި ރައިހާން ހުރީ ދެރަވެފައި ނަމަވެސް، އޭނާއަށް މިންހާ ކައިރިއަށް ދާކަށް ނުކެރުނެވެ. އެ ހުރިހާއިރުވެސް އޭނާގެ ސަމާލުކަން ޝިޒާން އަތުލިއެވެ. ޝިޒާން މިންހާއަށް އަޅައިލާ އޯގާތެރިވާގޮތުން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. ޝިޒާން މިންހާ އުފަލުގައި ގެންގުޅޭނޭ ކަމަށް އޭނާގެ ހިތްބުނެލީ އެވަގުތެވެ. ޝިޒާންގެ ކޮންމެ ހަރަކާތެއްގައި ވެސް ވަނީ އޯގާތެރިކަމާއި ހަމްދަރުދީއާއި ކުލުނެވެ.

ޔޫލިންގެ އަތުގައި މަޑުމަޑުން ކޮށްޓައިލަމުން އައިހަމް ވާހަކަ ދެއްކިއެވެ. އޭރު ޑޮކްޓަރާ ވާހަކަ ދެއްކުމަށް ޝިޒާން ހުރީ ތަންކޮޅެއް ދުރުގައެވެ.

"ދޭބަލަ މިންނު ކައިރިއަށް." އައިހަމް ބުނެލިއެވެ. ޔޫލިން އޭނާގެ ކަރުނަތައް ފުހެލަމުން މިންހާއާ ކައިރިއަށް ޖެހިލިއެވެ. އޭރުވެސް މިންހާ ދިޔައީ ރޮމުންނެވެ. އޭނާގެ ގިސްލުން ކޮންމެވެސް ވަރަކަށް މަޑުވިނަމަވެސް، އަންނަމުންދިޔަ ކަރުނައަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

"މިންނު. ހިތްވަރުކުރޭ! ކޮންމެ މީހަކީވެސް މި ފަނާވަނިވި ދުނިޔެއާ އަލްވަދާޢު ކިޔާނެ މީހެއް. އިންޝާ ﷲ. ހަނީފްބެ ވާނީ ސުވަރުގޭގައި." ޔޫލިންގެ ބަސްތަކުން މިންހާއަށް އިތުރަށް ރޮވި އޭނާއަށް ޔޫލިންގެ ގައިގައި ބައްދައިލެވުނެވެ.

"އަހަރެން ކިހިނެއް... ލީން! ބައްޕަ!" މިންހާއަށް ރަނގަޅަށް ވާހަކައެއްވެސް ނުދެއްކެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ޙާލުވަނީ ދެރަވެފައެވެ.

"މިންނު ބައްޕައެއް ބޭނުމެއް ނުވާނެ އެއްނު މިންނު ތިގޮތަށް ރޯކަށް. ހިތްވަރުކުރޭ! އަހަންނަށް އެނގޭ މިންނުއަށް އުނދަގޫވާނެކަން މިކަން ޤަބޫލުކުރަން. އެކަމަކުވެސް..."

"ލީން! އަހަރެން ނުވެސް ދަންނަ މީހަކާ ޙަވާލުކޮށްފައި ކީއްވެތަ ބައްޕަ އެހާ އަވަހަށް އަހަންނާ އެ ވަކިވީ. އަހަރެން ކިހިނެއް ހަދާނީ..." ޔޫލިންގެ ވާހަކަ ހުއްޓުވުމަށްފަހު، މިންހާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އޭރުވެސް އޭނާ އޮތީ މިންހާގެ ކޮނޑުގައި ބޯ އަޅައިލައިގެންނެވެ.

"ދެން ހުއްޓާލާ! އިންޝާ ﷲ. ޝިޒާން ވާނީ މިންނުއަށް އަޅާލާ އޯގާތެރި ފިރިއަކަށް. މިންނު ވިސްނާބަލަ! މިންނުގެ ބައްޕަ މި ދުނިޔެއާ އެ ވަކިވީ މިންނުއަށް ދިރިއުޅެވޭނޭ މަގެއް ތަނަވަސް ކޮށްދީފަ. މިންނުގެ ޒިންމާ އެހެން މީހަކާ ހަވާލުކޮށްފަ." ޔޫލިން އެތައް ގޮތަކަށް މިންހާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ހަނީފް ބާއްވާފައި އޮތް ތަނަށް ވަނުމަށް ޑޮކްޓަރުން ހުއްދަ ދިނުމާއެކު، ޝިޒާން އައިސް މިންހާގެ ކައިރީގައި މަޑުކޮށްލިއެވެ. އެންމެނަށް އެއްފަހަރާ ނުވަދެވޭތީ އެންމެ ފުރަތަމަ ވަނީ މިންހާއާ ޝިޒާާންއެވެ. އެތެރެއަށް ވަދެފައި މިންހާގެ ފިޔަވަޅުތައް ލަސްވިއެވެ. ވަކި ހިސާބަކުން އޭނާއަށް މަޑުޖެހިލެވުނެވެ. އޭރުވެސް، ޝިޒާން ހުރީ މިންހާގެ ކޮނޑުގައި ހިފައްޓައިލައިގެންނެވެ.

"އާ ޔޫ އޯކޭ؟ ނޫނީ އަދި މަޑުކޮށްލަންތަ ބޭނުމީ؟" ޝިޒާން އޯގާތެރިކަމާއެކު، ސުވާލުކޮށްލިއެވެ. މިންހާ ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނާ ހިންދިރުވައިލަމުން ކަރުނަތައް ކޮންޓްރޯލް ކުރަމުން އޭނާގެ ބައްޕަ ބާއްވާފައި އޮތް އެނދާ ދާދި ގާތަށް ޖެހިލިއެވެ.

ހަނީފްގެ މޫނަށް ބަލައިލުމާއެކު، މިންހާއަށް ބާރަށް ތުންފަތުގައި ދަތް އަޅައިލެވުނެވެ. ދެން ދުވަހަކުވެސް އެ ބައްޕަ ލޯ ހުޅުވައިނުލާނެކަން އެނގުމުން، އޭނާއަށް އަނެއްކާވެސް ރޮވެން ފެށުނެވެ.

"މިންހާ! ނުރޮއި. ހިތްވަރުކުރަން ވާނެއެއްނު." ޝިޒާން ހިތްވަރުދިނެވެ. ޚުދު ޝިޒާންވެސް ހުރީ އިންތިހާ ދެރަވެފައެވެ. އެހެންނަމަވެސް އޭނާ ހިތްވަރުކުރިއެވެ. ހަނީފް އަކީ ވަރަށް ރަނގަޅު މީހެކެވެ. މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ހަނީފް ވަނީ އޭނާގެ ހިތުން ވެސް ވަރަށް ޚާއްސަ ޖާގައެއް ހޯދާފައެވެ. މިންހާ ހަނީފްގެ މޫނަށް ބަލަން އެތައް އިރަކު ހުއްޓެވެ. އޭނާ އެ ބައްޕައަށްޓަކާ ހެޔޮ ދުޢާ ކުރިއެވެ.

ޝިޒާންއާ މިންހާއާ ދެމީހުން ނުކުތުމުން، ފަހަރަކު ބަޔަކު އެތެރެއަށް ވަންނަން ފެށިއެވެ. އެތަނުން ހަނީފް ގެންދަން ނިންމީ ހިނަވާގެއަށެވެ. އެންބިއުލާންސްއަށް ލާންވެގެން ހަނީފްގެ ހަށިގަނޑު ނެރުނު ވަގުތު ޝިޒާން މިންހާގެ ކައިރީގައި ހުރެފައި އެދިމާލަށް ހިނގައިގަތެވެ. ޒުބައިދާ މިންހާގެ ކައިރިއަށް ޖެހިލާ ކޮނޑުގައި ފިރުމައިލިއެވެ.

ކަށުކަމާކެމީގެ ކަންތައް ނިމުމުން މައްޔިތާގެ މޫނު ދެއްކުން ކުރިއަށް ގެންދެވުނެވެ. ވަޅުލަން ނިންމީ ފަތިސްނަމާދަށްފަހު، ކަށުނަމާދު ކުރުމަށްފަހުއެވެ. ހިނަވާގެއިން ސަންދޯކަށް ލައިގެން ހަނީފްގެ ހަށިގަނޑު ނެރުމާއެކު، މިންހާއަށް އަނެއްކާވެސް ރޮވުނެވެ. އޭރު ޒުބައިދާ ހުރީ ހަމައަކަށް އެޅިފައިކަމުން އޭނާ މިންހާއަށް ހިތްވަރު ދިނެވެ. ޝިޒާން އެދިމާލަށް އައުމުން އޭނާ މިންހާއަށް ބަލާނެކަމުގައި ޒުބައިދާ ބުންޏެވެ. ޝިޒާންވެސް މިސްކިތާ ދިމާލަށް ހިނގައިގަތެވެ. މިންހާއަށް ހިތްވަރުދެމުން ޒުބައިދާވެސް، މިންހާ ހަމައަކަށް އަޅުވަމުން އެންމެންނާއެކު، މިސްކިތާ ދިމާލަށް ހިނގައިގަތީ ކަށުނަމާދުގައި ބައިވެރިވުމުގެ ބޭނުމުގައެވެ.

ނަމާދުކޮށް ނިމިގެން ހަނީފްގެ ހަށިގަނޑު އަނެއްކާވެސް އެންބިއުލާންސްއަށް އެރުވުނެވެ.

"ދައްތާ. މިންނުއަށް ރަނގަޅަށް ބަލަހައްޗޭ. އަހަރެން މިދަނީ އެކޮޅަށް." ރައިހާންއާ އައިހަމް ކައިރީގައި ހުރެފައި ޝިޒާން އައިސް ޒުބައިދާގެ ކައިރިއަށް ހުއްޓުމަށްފަހު، ބުނެލިއެވެ. ޒުބައިދާ ބޯ ޖަހައިލުމުން ޝިޒާން ގޮސް ރައިހާންމެން ކައިރީގައި ހުއްޓުނެވެ.

"މިންނު އޯކޭތަ؟" ރައިހާންއަށް ކުޑަ ހާސްކަމަކާއެކު ސުވާލު ކޮށްލެވުނެވެ.

"މިހާރު އޯކޭ އަނެއްހެން. ހަމައަކަށް އެޅިފަ ހުރީ ކުޑަކޮށް." ޝިޒާން އެހެން ބުނެފައި އެންމެންނާއެކު ސަހަރާއަށް ދާން އަވަސްވެގަތެވެ.

ޒުބައިދާ މިންހާ ގޮވައިގެން އައީ ގެއަށެވެ. އޭނާއާ އެކީ ސަކީނާއާ ޔޫލިންމެންވެސް އައެވެ. ގޭތެރެއަށް ވަނުމާއެކު ބައްޕަގެ ހަނދާންތައް މިންހާއަށް ގޯނާ ކުރަން ފެށިއެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވާން މަސައްކަތް ކުރިއެވެ. ސިޓިން ރޫމް ސޯފާގައި މިންހާ ބައިންދަމުން، ޒުބައިދާ ވާހަކަ ދެއްކިއެވެ.

"މިންނު ކުޑަކޮށް އަރާމުކޮށްލަން ވީނު. ރޭގަވެސް ނުނިދައެއްނު ތިއުޅެނީ." ޒުބައިދާ އެހެން ބުނުމުން މިންހާ ހަމައެކަނި ބޯ ޖަހައިލީއެވެ. އިތުރު އެއްޗެއް އޭނާ ނުބުނެއެވެ.

"ޒުބައިދައްތަ އެބުނީ ރަނގަޅުވާހަކައެއް މިންނު. ދެން އަރާމުކޮށްލާ..." ޔޫލިން ބުންޏެވެ.

"ކޮންމެވެސް އެއްޗެއް ކައިލަން ވާނެ އެކަމަކު. ކޯންޗެއް ހަދައިދޭންވީ؟" ޒުބައިދާ ސުވާލުކޮށްލިއެވެ.

"އެއްވެސް އެއްޗެއް ކާކަށް ބޭނުމެއް ނޫން.." މިންހާ ބުނެލިއެވެ. އެތަނުގައި އެމީހުން ތިއްބާ ވަޅުމުގެ ކަންތައް ކޮށްނިންމާފައި ޝިޒާންމެން އައިސް ގެއަށް ވަނެވެ. ޝިޒާން ސޯފާގައި އިން މިންހާއަށް ބަލައިލިއެވެ. އެއަށްފަހު، އޭނާ ޒުބައިދާއަށް ބަލައިލިއެވެ. ޒުބައިދާ ބޯ ޖަހާލާފައި ސޯފާއިން ތެދުވެލިއެެވެ.

"ދައްތަމެން އެންމެންވެސް ދެން ގެއަށް ގޮސް އަރާމުކޮށްލަންވީނު. ރޭގަ އެކަކުވެސް ނުނިދައެއްނު ތިއުޅެނީ. އަހަރެން މިންހާ ކައިރީގައި ހުންނާނަން." ޝިޒާން ބުނެލިއެވެ. ސަކީނާވެސް ޒުބައިދާއަށް ބަލައިލަމުން އެގޮތަށް ކަންތައް ކުރުން ރަނގަޅުވާނެކަމުގައި ބުނެލިއެވެ. އަދި އަރާމުކޮށްލާފައި މިންހާކައިރިއަށް އައުމަށް އެދުނެވެ. ޔޫލިންވެސް މިންހާގެ ގައިގައި ކުޑަކޮށް ބައްދައިލުމަށްފަހު، ރައިހާންއާއެކު ގެއާ ދިމާލަށް ހިނގައިގަތީ ސަކީނާ ފަހަތުންނެވެ. އައިހަމްވެސް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގޭތެރެ ހިމޭންވުމާއެކެ، ޝިޒާންއާއި މިންހާ އެކަނިވިއެވެ.

ސޯފާގައި ކުޑަކޮށް ބޯ އަޅާލައިގެން އޮތް މިންހާއަށް ބަލައިލަމުން ޝިޒާން ގޮސް މިންހާގެ ކައިރީގައި އިށީނދެލިއެވެ. އޭނާގެ ވިސްނުމަކަށް ދައްކާނޭ އެއްވެސް ވާހަކައެއް ނައެވެ. ނިދަން ކޮޓަރިއަށް ވަންނަ ވާހަކަ ބުނުމުން މިންހާ ޝިޒާންއަށް ބަލައިލިއެވެ. އެ ނަޒަރުގެ މާނަ ޝިޒާންއަށްވެސް އަންދާޒާކޮށްލެވުނެވެ. އޭނާ އިތުރު އެއްޗެއް ނުބުނެއެވެ.އޭގެ އިރުކޮޅެއްފަހުން މިންހާ އަނެއްކާވެސް ޝިޒާންއާ ނަޒަރު ވަކިކޮށްލަމުން އޭނާ އިހު އޮތް ގޮތަށް އޮށޯވެލިއެވެ. ދެލޯ މަރައިލަމުން މިންހާ ފުންނޭވާއެއް ދޫކޮށްލިއެވެ.

ދެލޯ މަރާލައިގެން އޮތް މިންހާއަށް ބަލަހައްޓައިގެން އެތައް އިރަކު ޝިޒާން އިނެވެ. މިންހާ ނިދީކަން ޔަޤީންވުމުން، އޭނާ ބެލޭންކެޓެއް ގެނެސް މިންހާގެ ގައިމަތީގައި އަޅައިލަދިނެވެ. އެއަށްފަހު، މިންހާގެ މޫނުމައްޗަށް ވެރިފައިވާ އޭނާގެ ކޮޕަރބްލޮންޑް ކުލައިގެ އިސްތަށިގަނޑު މޫނުން އެއްފަރާތްކޮށްލަމުން، އެ ކޯތާފަތުގައި ވަރަށް ލޯބިން ފިރުމައިލިއެވެ. މިންހާގެ ދުޅަވެފައިވާ ދެލޮލަށް ބަލައިލުމާއެކު، އޭނާގެ ހިތުގައި ރިއްސައިލިއެވެ. ޖަންބުކުލަ އަރާފައިވާ ނޭފަތާއި ރަތްވެފައިވާ މޫނުން ވެސް މިންހާގެ ރީތިކަން ފަނޑެއް ނުކޮށްދެއެވެ. އެހެނެއްކަމަކު އެ ރީތިކަން އިތުރުކޮށްދީފަވާހެން ހީވިއެވެ. އެތައް އިރަކު ޝިޒާން މިންހާއަށް ބަލަހައްޓައިގެން އިނެވެ.

*****

ނިދާ ހަދާލާފައި ޒުބައިދާމެން އަނެއްކާވެސް މިންހާ ކައިރިއަށް އައީ މެންދުރު ނަމާދުވެސް ކޮށްލައިގެންނެވެ. އައިއިރު ޝިޒާން އެއް ގެއަކު ނެތެވެ. މިންހާ އުޅެނީ މެންދުރު ނަމާދު ކުރާށެވެ.

"ކޮބާ ޝިޒާން؟" މިންހާ ނަމާދުކޮށް ނިމުމުން ޒުބައިދާ ސުވާލުކޮށްލިއެވެ.

"މިސްކިތަށް ކަންނޭނގެ ދިޔައީ..." މިންހާ ޖަވާބު ދިނެވެ. ހަމައަކަށް އެޅިފައި އިން މިންހާ ފެނުމުން ޒުބައިދާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.

"މިހުރީ ކާ އެއްޗެހި. " ޒުބައިދާ އޭނާ ގެނައި ތަށިތައް މިންހާއަށް ދައްކައިލިއެވެ. މިންހާ އޭގައި ހިފަމުން ޝުކުރު އަދާކުރިއެވެ.

"މިގަޑީގައި ނެތޭ ހުރެވޭކަށެއް ވެސް. އެކަމަކު ޝިޒާން އައިމަ ދާނީ..." ޒުބައިދާ ބުނެލިއެވެ. މިންހާ ބޯ ޖަހައިލިއެވެ.

އެ ދެމީހުން ސޯފާގައި މަޑުކޮށްލައިގެން ތިއްބާ ޝިޒާންއައިސް ގޭތެރެއަށް ވަނެވެ. އޭރު އޭނާ ދިޔައީ ފޯނުން ކޮންމެވެސް ވާހަަކައެއް ދައްކަމުންނެވެ. އެ އަޑުން ކޮންމެވެސް ކަމަކާ ކަންބޮޑުވެފައިވާކަން ހާމަވަމުން ދިޔައެެވެ. އިނގިރޭސިން ވާހަކަ ދައްކަމުންދިޔަ ޝިޒާންއަށް ޒުބައިދާއާ މިންހާ ފެނުމުން އޭނާ ގުޅާނަން ކަމުގައި ބުނެ ފޯނު ބޭއްވިއެވެ.

ޝިޒާން އައުމުން ޒުބައިދާ އޭނާ ދަނީކަމުގައި ބުނެ ގެއިން ނުކުތެވެ. މިންހާއަށް ބަލައިލުމަށްފަހު، ޝިޒާން އައިސް މިންހާގެ އެއްފަރާތުގައި ސޯފާގައި އިށީނދެލިއެވެ.

"މިންހާ! އަހަރެން އެބަ ޖެހޭ ވަރަށް މުހިންމު ވާހަކައެއް ދައްކަން!" ޝިޒާން ސީރިއަސްކަމާއެކު، ބުނެލިއެވެ. މިންހާއަށް ބަލައިލިއިރު އެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. މިންހާ އިތުރު އެއްޗެއް ނުބުނުމުން ޝިޒާން ވާހަކަ ދެއްކަން ފެށިއެވެ.

ޝިޒާން ބުނެލި އެއްޗަކުން މިންހާއަށް ސޯފާއިން ތެދުވެވުނެވެ. އޭނާގެ މޫނުމައްޗަށް ހިތްހަމަ ނުޖެހުމުގެ ކުލަވަރުތައް ވެރިވިއެވެ. ރުޅިވެރިކަމާއެކު އޭނާއަށް ޝިޒާންއަށް ބަލައިލެވުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު