ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސް (ސީއެސްއެމް)އިން އިސްނަގައިގެން އުރަމަތީގެ ކެންސަރަށް މީހުން ހޭލުންތެރި ކުރުވުމަށް އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއެޅުމަށް އިންތިޒާމް ކޮށްގެން ހިންގާ "ޕިންކް ރިބަން ރަން ވޯކް" އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ނިންމައިފިއެވެ.
މި ގޮތުން ބީއެމްއެލްއިން ވަނީ 150،000 ރުފިޔާގެ ހިލޭ އެހީއެއް ސީއެސްއެމްއަށް ހަދިޔާ ކޮށްފައެވެ. މިއީ ސީއެސްއެމް އިން ކެންސަރަށް ހޭލުންތެރި ކުރުމަށް ކުރާ މަސައްކަތްތަކަށާއި ކެންސަރު ބަލީގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ އާއިލާއަށް ފޯރުކޮށްދެމުންދާ ސައިކޯސޯޝަލް ސަޕޯޓުގެ ހިދުމަތްތަކަށް އެހީވުމުގެ ގޮތުން ދީފައިވާ އެހީތެރިކަމެކެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔާ ވިދާޅުވީ ހަވަނަ އަހަރުވެސް މި މަސައްކަތުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ބީއެމްއެލްއިން އުފާވާ ކަމެއްގެ ގޮތުގައެވެ.
"ސީއެސްއެމް އިން ހިންގާ ވަރޗުއަލް އިވެންޓަކީ ގިނަ މީހުންގެ ބައިވެރިވުން އިތުރުކުރުމާއި، ހޭލުންތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކެންސަރު ބަލިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން މީހުންނަށް އަންގައިދިނުމަށް ބޭއްވޭ މުހިންމު އިވެންޓެއް. މި ހަރަކާތުގެ އެންމެހާ ބައިވެރިންނަށް މަރުހަބާ ކިޔަން،" އޭނާ ވިދާޅުވިއެވެ.
މި ޕާޓްނާޝިޕް ގެ ދަށުން ސީއެސްއެމް އިން ވަނީ ބީއެމްއެލްގެ މުވައްޒަފުންނަށް ހިލޭ ކެންސަރ ސްކްރީން ޕްރޮގްރާމެއް ބާއްވާފައެވެ. އަދި ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުމުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދިނުމަށް މައުލޫމާތު ދެވޭ ސެޝަންތަކެއް ހިންގުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ސީއެސްއެމް އިން ބުނެއެވެ.
ކޮވިޑް-19 އާ ގުޅިގެން، މިދިޔަ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ "ޕިންކް ރިބަން ރަން ވޯކް" އިވެންޓް ވެސް ކުރިޔަށް ދާނީ އޮންލައިންކޮށެވެ. މި އިވެންޓް މި މަސް ނިމެންދެން ކުރިޔަށް ދާއިރު، ބައިވެރިންނަށް ކޮންމެ ތަނެއްގައި ހުރެގެންވެސް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓަރ ކުރުމަށްފަހު ބޭންކުން ކަނޑައަޅާފައިވާ ޕޭމަންޓް ނިޒާމުގެ ދަށުން ސީއެސްއެމް އަށް ފައިސާގެ އެހީތެރިކަން ދެވޭނެ އިންޒިތާމް ވަނީ ހަމަޖެހިފައެވެ.
2016 ވަނަ އަހަރުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ސީއެސްއެމް އަދި ޕިންކް ރިބަން ރަން ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެެވެ.