ރާއްޖޭގެ ހިތްގައިމު ނެޓްބޯޅަ ކޯޓަށް ދުނިޔޭގެ ނެޓްބޯޅަ އިދާރާގެ ސަމާލުކަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަޅާ ބައިނަލްއަގުވާމީ ފެންވަރުގެ ނެޓްބޯޅަ ކޯޓު - ކުޅިވަރާ ބެހޭ ވުޒާރާ

ރާއްޖޭގައި ގާއިމްކުރާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ފެންވަރުގެ އައުޓްޑޯ ނެޓްބޯޅަ ކޯޓަށް ނެޓްބޯޅައާ ބެހޭ މައި އިދާރައިގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ދުނިޔޭގެ ނެޓްބޯޅައާ ބެހޭ މައި އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި އަލަށް ގާއިމު ކުރި ކޯޓާއެކު މި ކުޅިވަރު އިތުރަށް ތަރައްގީވާނެ ކަމުގެ އުންމީދު ބޮޑު ކަމަށާއި، މި ކޯޓުގައި ބައިނަލްއަގުވާމީ މެޗުތަކެއް ކުޅޭތަން ދެކެން ބޭނުންވާ ކަމަށެވެ.

މާލޭ އެކުވެނި ދުވާ ޓްރެކް ކައިރީ އޮންނަ ހުސްބިމުގައި އަޅާ ބައިނަލްއަގުވާމީ ނެޓްބޯޅަ ކޯޓުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި ވަރަށް އަވަހަށް މި ކޯޓު ހުޅުވާނެ ކަމަށް ޔޫތު މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.

ދުނިޔޭގެ ނެޓްބޯޅަ އިދާރާއިން ކުރި ޓްވީޓަށް ޖަވާބު ދެއްވަމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި، މީގެ އިތުރު ކޯޓުތައް ރާއްޖެތެރޭގައި ވެސް ގާއިމު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މި ކޯޓުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނެޓްބޯޅަ އެސޯސިއޭޝަނުން އާރުކޭއެލް ގްރޫޕާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ނެޓްބޯޅަ ކުޅުމަށް ބައިނަލްއަގްވާމީ ފެންވަރުގެ ކޯޓެއް ފުރަތަމަ ފަހަރަށް ތަރައްގީކުރަމުން އަންނައިރު މީގެކުރިން ނެޓްބޯޅަ ފަރިތަކުރުންތައް ކުރިޔަށްގެންދަނީ ސޯޝަލް ސެންޓަރުގެ އިންޑޯ އަދި އައުޓްޑޯ ކޯޓުތަކުގައެވެ.

comment ކޮމެންޓް