ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ރައީސް ޔާމީން މިނިވަން ކުރުމުން: އިދިކޮޅު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އިދިކޮޅު ކޯލިޝަންގެ އިސް ބައެއް ފަރާތްތަކާ ބައްދަލުކުރައްވަނީ --

ސިޔާސީ އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުން މިނިވަން ކުރުމުން ކަމުގައި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުގައި ދަންނަވައިފިއެވެ.

އިދިކޮޅުން މިހެން ދެންނެވީ ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގެ އިސް ފަރާތްތަކާއެކު ރައީސް ނަޝީދު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި، އިދިކޮޅާ ގުޅިން ބައެއް ކަހަލަ މަސައްކަތްތައް ކުރައްވަން ބޭނުންފުޅުވާ ކަމަށް ނަޝީދު ވިދާޅުވުމުންނެވެ.

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރު "ސަން"އަށް ވިދާޅުވީ ރައީސް ނަޝީދުގެ އެދިލެއްވުމަކަށް މިއަދު ބޭއްވި ބައްދަލު ކުރުމުގެ ތެރޭގައި އިދިކޮޅާ ގުޅިގެން ގާނޫނު އަސާސީއަށް ބަދަލު ގެނައުން ފަދަ ބައެއް މަސައްކަތްތައް ކުރައްވަން ބޭނުންފުޅުވާ ކަމުގައި ނަޝީދު ވިދާޅުވި ކަމަށެވެ.

"އަޅުގަނޑުމެން ސުވާލު ކުރިން ކޮން ވާހަކައެއްތޯ ތިޔަ ދައްކަވަނީ. ދެންނެވީމަ ވިދާޅުވީ ވަކި ވާހަކައެއް ނުދައްކަވަމޭ. ވަކި އެޖެންޑާއެއް ވެސް ނެތޭ. ނަމަވެސް ތިމަންނައަށް ގަބޫލު ކުރެވޭ ގޮތުން ގާނޫނު އަސާސީއަށް ވެސް އެބަޖެހެއޭ ބަދަލުތަކެއް ގެންނަން. ދެން އަޅުގަނޑުމެން ދެންނެވިން އެއްވެސް މަޝްވަރާއެއްގައި ބައިވެރިވާނީ ރައީސް ޔާމީން މިނިވަން ކުރުމުން ކަމަށް،" އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސިޔާސީ މަޝްވަރާއެއް ކުރާނީ އިދިކޮޅު ލީޑަރު އަދި 2023ގައި އިދިކޮޅުގެ ކެނޑިޑޭޓް، ރައީސް ޔާމީން ޖަލުން މިނިވަން ކުރުމުން ކަމަށެވެ. މީގެ އިތުރުން ވިދާޅުވީ އެމަނިފާނުގެ ބައިވެރިވުން ނެތި ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން އެއްވެސް މަޝްވަރާއެއްގައި ބައިވެރިނުވާނެ ކަމަށެވެ.

ރައީސް ނަޝީދުގެ އެދިވަޑައިގަތުމަކަށް މިއަދު ބޭއްވި މި ބައްދަލުކުރުމުގައި ޕީޕީއެމާއި ޕީއެންސީގެ ފަރާތުން ބައިވެރިވެވަޑައިގަތީ ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫނާއި ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އުމަރުގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމްއެވެ.

ބައްދަލު ކުރެއްވުމުގައި ރައީސް ނަޝީދާއެކު ތިއްބެވީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްއެވެ.

comment ކޮމެންޓް