މާފުށީ ޖަލުގައި ރިހެލިޓޭޝަން ފްރޭމްވޯކުގެ ފޭސް އެކެއްގެ ދެ ބެޗް ފަށައިފި

ކަރެކްޝަނުން ގައިދީންނަށް ހިންގި ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ކަރެންޝަން

ކ. މާފުށީ ޖަލުގައި ހުކުމް ތަމްފީޒު ކުރަމުން އަންނަ ގައިދީންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ފޭސް އެކެއްގެ ދެ ބެޗް ފަށައިފިއެވެ.

މިއީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ފަރާތުން ޖަލުގައި ތިބޭ ގައިދީން އިސްލާހުކޮށް، ރަނގަޅު ބައެއްގެ ގޮތުގައި އަނބުރާ މުޖްތަމައަށް ނެރުމަށް ޓަކައި ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ހިންގާ ޕްރޮގްރާމެކެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިސަރު، އައިމިނަތު ޔުޝްރީން އަހުމަދު "ސަން"އަށް ވިދާޅުވީ ރިހެބިލިޓޭޝަން ފްރޭމްވޯކުގެ ފޭސް އެކެއްގެ ސަތާރަ ވަނަ ބެޗްގައި 50 ފިރިހެން ގައިދީން ހިމެނޭއިރު، އަންހެން ގައިދީންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދާ ބެޗްގައި ނަވާރަ ގައިދީން ބައިވެރިވެފައިވާ ކަމަށެވެ.

ޔުޝްރީން ވިދާޅުވީ ކަރެކްޝަނުން މި ފްރޭމްވޯކު ތައާރަފް ކުރުމުގެ މައިގަނޑު މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދިނުމުގެ އިތުރުން މުޖްތަމައުއަށް ނުކުތުމަށްފަހު، ކުށުގެ ވެށިން ދުރުހެލިވެ، އާމްދަނީއެއް ލިބޭނޭ ފަދަ މަސައްކަތެއް ކޮށްގެން ދިރިއުޅުމުގެ މަގު ފަހިކޮށްދިނުން ކަމަށެވެ.

ކަރެކްޝަނުން ގައިދީންނަށް ހިންގި ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ ކަރެންޝަން

މި ފްރޭމްވޯކު އެކުލެވިގެންވަނީ ޖުމުލަ ހަތަރު ފޭހަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ ގައިދީންގެ ކިބައިގައި ރަނގަޅު އަހްލާގެއް އަށަގެންނެވުމާއި އެމީހުންނަށް ނަފުސާނީ ޕްރޮގްރާމްތައް ހިންގުމާއި އެޑިއުކޭޝަން އަދި ވޮކޭޝަނަލް ދަސްކޮށްދިނުމުގެ އިތުރުން ޕްރިޒަން ކޮމިއުނިޓީ ސަރވިސް އެވެ.

ޔުޝްރީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕެރޯލްގެ ދަށުން މުޖުތަމައުއަށް ނުކުތުމުގައި މީގެ ހަތަރު ފޭސް ފުރިހަމަކުރާ ގައިދީންނަށް އިތުރު ބާރަކަށް ވާނެ ކަމަށެވެ.

comment ކޮމެންޓް