"އެކަމަށް އަހަރެއް ނަގާފާނެއެވެ. ނޫނީ ހަމަ އެންމެ ދުވަހެއްވެސް ނަގާފާނެއެވެ. މާތްﷲ ކަމަކަށް އިރާދަކުރައްވައިފިނަމަ ކޮންމެވެސް ގޮތަކުން އެކަމަށް މަގު ފަހިވާނެއެވެ."

***

"މިތާ ކީއްތިކުރަނީ؟" ނޯރާ ސުވާލުކުރިއެވެ. އައިޒަކް ބުނީ މާމައާއެކު އައީކަމުގައެވެ. މާމައަކީ ހޮސްޕިޓަލުގެ ފައުންޑަރުންގެ ތެރޭ ހިމެނޭމީހެކެވެ. އަދި ވިޔަފާރީގެ ކަންތައް ހިނގާގޮތް ދެނެގަންނަން އައި އައުމެއްކަމުގައެވެ. އެވަގުތު ޒައިނަބްވެސް އެދިމާލަށް އައިއިރު އޭނަގެ ލޯ ހުއްޓިފައިވަނީ ޒާފިރާއަށެވެ. ޝޮކެއް ލިބިފައިވާފަދަ ބެލުމެކެވެ.

"މިއީ މާމަތަ؟ ނޯރާ..." ރަތްކުލައިން ޕެއިންޓްކޮށްފައިވާ ތުނި ތުންފަތަށް ހިނިތުންވުމެއް ވެރިކުރަމުން ޒައިނަބު އަހާލައިފިއެވެ. ނޯރާއަށް އޭނަ ވައްތަރީ ކްއީން އެލިޒަބަތާއެވެ. ނޯރާ ބޯ ޖަހައިލީ އެބުނި އެއްޗެއް ރަގަޅަށް ސިކުނޑިއަށް ނަގައިނުގަނެވި ހުރެއެވެ. ޒައިނަބުގެ ކަނދުރާއާއި ކަންފަތާއި އަތާއި އިނގިލިތަކުގައިވާ ވިދާ ގަހަނާތަކުގެ ތެރެއަށް ގެއްލުނުވަރުން ވަށައިގެންވާ އެހެން ކަމަކަށް ސަމާލުކަން ދެވޭނީ ކިހިނެއް ހެއްޔެވެ؟

"އިޒް ޝީ؟ ....ވެލް ހެލޯ ދެއާ....." ޒައިނަބު ގުދުވެލިއިރު ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އޭނަ އޯގާތެރިކަމާއެކު ޒާފިރާގެ ރޫޖެހިފައިވާ އަތް ގެނެސް އޭނަގެ އަތުތެރެއަށް ލެއްވިއެވެ. އޭނަގެ އަތްތިލައިން ފައުޅުވަނީ މުއްސަދިކަމާއި ސިއްހަތު ރަގަޅުކަމެވެ. ނޯރާގެ ނޭފަތުގައި ޖެހުނީ ޒައިނަބު ލައިގެން ހުރި އަގުބޮޑު އަތަރުގެ ވަހެވެ. ވަސްގަދަކަމުން އޭނަ ކެއްސައިގަތެވެ.

"ކޮންނަމެއް ކިޔަނީ؟މަހުމޫދު ކައިރިން އަހާވެސް ނުލެވުނު......" ޒައިނަބުގެ ލޯ ޒާފިރާގެ ހުރިހާ ސިފަތަކުގެ މައްޗަށް ހުއްޓެމުން ދިޔައީ ދަސްކުރާފަދައަކުންނެވެ.

"ނޯރާ މާމަ ފާޚާނާއަށް ދާން ޖެހިއްޖެ. އަވަހަށް ގެންގޮސްދީފާނަންތަ؟" ޒާފިރާގެ އަޑު ކިރިޔާ ނިކުތްކަމެވެ. އެހާވެސް ބަލިކަށި އަޑެކެވެ. އެކަމަކު ޒާފިރާ އިށީދެގެން އިންގޮތަކަށް ބަދަލެއް ނާދެއެވެ. ހަމަޖެހިގެން އިށީދެގެން އިންއިރު ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެއެވެ. ނޯރާއަށް ޒާފިރާގެ ލޮލުން ބިރާއި ނުތަނަވަސްކަމާއި ހާސްކަން ފާހަގަނުވިޔަސް ޒައިނަބު އެކަމެއް ދުށްޓެވެ. ޒައިނަބުގެ މޫނުގެ ކުލަ ފަނޑުވެގެން ދިޔައެވެ.

"އެންމެ ފަހުން ކައިލްގެ މާމައަށް އަހަރެންގެ ނަން ރަގަޅަށް ކިޔަން އެނގިއްޖެ." ނޯރާ އަމިއްލަ ނަފުސަށް ބުނެލިއެވެ." މިހުރިހާ ދުވަހު އޭނައަށް މާމަ ގޮވަމުން އައީ "އަނާ"ގެ ނަމުންނެވެ. މިއަދު ފުރަތަމަ ފަހަރަށް އޭނަގެ އަސްލު ނަމުން ގޮވާލައިފިއެވެ. ނޯރާ އަދަބުވެރިކަމާއެކު ހިނިތުންވެލާފައި އެތަނުން ދިޔުމުގެ ހުއްދައަށް އެދުނެވެ. އަދި ފުރޮޅުލީ ގޮނޑި ދުރަށް ދުއްވާލައިފިއެވެ. އައިޒަކް އަތް އުފުލާލަމުން ނޯރާއަށް ސަލާމްކޮށްލިއެވެ. ނޯރާގެ ބުރުސޫރަ މިހާ ރީތިވީ ކިހިނެއްހެއްޔެވެ؟ފެނުނު ފެނުނުހެން ހިތްދަމައިގަންނަ ގޮތް އިތުރުވާފަދައެވެ. އައިޒަކް ކަޅިވެސް ޖަހާނުލާ ނޯރާ ފަސްދިން މަންޒަރު ބަލަން ހުރިކަން ޒައިނަބު ފާހަގަކުރިއެވެ.

"އައިޒަކް ދަމާ ހިނގާ.."ބުމަ ކައިރިކޮށްލަމުން ތަންކޮޅެއް ހަރުކޮށް ޒައިނަބު ބުނެލައިފިއެވެ.

***

"އެމީހުން ދިޔައީތަ؟" ޒާފިރާ އަހައިލީ ވައިއަޑަކުންނެވެ.

"އާނ....އެއީ އެކުވެރިއަކާއި އޭނަގެ މާމަ...." ނޯރާ ޒާފިރާގެ އަތުގައި ފިރުމާލައިފިއެވެ. ނޯރާގެ ހިތް ހަމްދަރުދީއިން ފުރުނެވެ. ކަޅުކުލައިގެ ދުނިޔެއެއްގައި ހާދަ އެކަނިވެރިވެ ބިރުގަންނާނެއެވެ. ބީރައްޓެއްސެއްގެ އަޑު އިވުނަސް ސިހި ބިރުގެންފާނެއެވެ. ސަބަބަކީ އެއިން އެކަކުވެސް ނުފެންނަކަމެވެ. ނޯރާ ޔަގީންކުރީ ޒާފިރާ އެހާ ސިހި ހާސްވި ސަބަބަކީ އެއީކަމުގައެވެ. އަދިވެސް މާމަ ރޫރޫ އެބަ އަޅައެވެ.

"މާމާ. އަޅުގަނޑަކީ އަނާ ނޫންކަން އެނގެންޏާ އެނަމުން ކިޔަމުން އައީ ކީއްވެތަ؟"

ހޮސްޕިޓަލުގެ ގޯތިތެރޭގައި ހުރި ބެންޗެއްގައި އިށީދެލަމުން ނޯރާ ސުވާލުކުރިއެވެ. ވޯޑަށް ދާކަށް އަދިވެސް ޒާފިރާ އެއްބަހެއްނުވެއެވެ. ޒާފިރާ ނޯރާގެ އަތުގައި ބާރަށް ހިފަހައްޓައިލަމުން ހިނިތުންވެލިއެވެ." ހިތަށް އެރީ އަހަރެމެންނާއެކު ގިނަ ދުވަހަށް މަޑުކުރާނީ އެނަމުން ގޮވީމައޭ. ކިހާ މަޑުހިތެއް އޮތީމަ ތިގޮތަށް މުސްކުޅި އަންހެނަކު އުފާކޮށްދޭން މަޑުކުރާނީ؟ އަދި އަހަރެމެންނަށް ދަރާފައި އޮތީއެއްވެސް ނޫން.. ދަރިފުޅުގެ ނަމަކީ ނޯރާ މަހުމޫދު...ނޫންތަ؟ އަހަރެންގެ މާމަ ދަރިއާއި ގަޔާވޭތަ؟" ޒާފިރާ ނޯރާގެ އަތުގައި ފިރުމަމުން ދިޔައިރު ނަޒަރު އެކި ދިމާލަށް ހޫރެމުން ދިޔައެވެ. ބައެއްފަހަރު އުދަރެހަށެވެ. ވަށައިގެންވާ މާހައުލަށެވެ. ހުސްކަމުގެ ތެރެއަށެވެ. ނޯރާގެ މޫނަށް ފުން ރަތްކަމެއް ވެރިވީ އެވަގުތު ކައިލް އަރާ ހަމަކުރުމުންނެވެ.

"އޭނަ އެހާ މީހުންނާއި ރުހޭގޮތެއް ނުހުރޭ ދޯ." ލަދުގަތްވަރު ހުނުމުގެ ފަހަތުގައި ފޮރުވައިލަމުން ނޯރާ ބުނެލިއެވެ.

"ތިކަހަލަ އަންހެންކުއްޖަކަށް އެކަން ބަދަލުކުރެވިދާނެ..." ޒާފިރާގެ ޖުމްލައިން ކޯތާފަތުގައިވާ ކުލައަށް އިތުރު ރަތްކަމެއް ވެރިވިއެވެ. ކުއްލިއަކަށް މާމަ އެ މައުޟޫއަށް ވާހަކަދައްކަން ފެށީ ކީއްވެބާވައެވެ. އެންމެ ނުބައި ދަނޑިވަޅުގައެވެ.

"އެނގޭތަ؟ އެއީ ވަރަށް ހިތްހެޔޮ ކުއްޖެއް.މިހާ ދުވަސްވީއިރު އެކަން އެނގިފައިވާނެކަން ޔަގީން....."

"މާމާ. މިތާ ކީއްކުރަނީ؟" ކައިލްގެ ޖުމްލައިން ޒާފިރާގެ ވާހަކަތައް ހުއްޓުނެވެ.

"އެކަމާމެދު ވިސްނާލައްޗޭ...." ޒާފިރާ ނޯރާގެ އަތަށް ފިތައިލުމަށްފަހު ކައިލްއަށް ސަމާލުކަން ދިނެވެ. އަދި ކައިލްގެ ސުވާލަށް ޖަވާބުދިނެވެ.

***

ޒާފިރާ ހޮސްޕިޓަލުން ދޫކޮށްލީ ތިން ދުވަސް ފަހުންނެވެ. އެ ދުވަސްތަކުގައި ނޯރާ ހިތާރުހުމުން އަމިއްލައަށް އެދިގެން ޒާފިރާގެ ޚިދުމަތުގައި ދެމިހުއްޓެވެ. ޚާއްސަކޮށް ކައިލް ބޭކަރީގައި މަސައްކަތްކުރާ ގަޑީގައެވެ. ދެމީހުން ދެގަޑިއަށް ބަހާލައިގެން މަސައްކަތްކުރަނީ އެކަކަށް މާމަގާތުގައި ހުރެވޭނެ ގޮތަށެވެ. ނޯރާގެ މަގުސަދެއް ކައިލްއަކަށް ނޭގެއެވެ. ތިމާގެ ކުއްޖަކަށް ނުވާއިރު މާމައާއި އަޅާލާ ސަބަބެއްވެސް ނުވިސްނުނެވެ.

"އަހަރެން ކައިލްގެ މާމަދެކެ ވަރަށް ބޮޑަށް ލައިކްވޭ...އަދި އަހަރެން މިތާ ހުންނާނީ ދާއިމަކަށް ނޫން. ވީމަ އަހަރެން ކުރާ ކަންތަކާ އަޅާނުލާ. ވެވެންޏާ އަހަރެން މާމައަށް އެހީވިޔަދީ. ބައެއްކަންތަށް ހަމަޔަކަށް އެޅުނީމަ މިތަން ދޫކޮށް ގޮސްދާނަން....." ނޯރާގެ މަގުސަދާއި ބެހޭގޮތުން ކައިލް ސުވާލުކުރުމުން ދިން ޖަވާބަކީ އެއީއެވެ.

***

"މާމަ ކިހިނެއްތަ؟" ބޭކަރީ އިން ދިމާވެގެން ކޮފީއަކަށް އިށީދެފައި އިސްހާގު ސުވާލުކުރިއެވެ.

"މިހާރު މާމަ ރަގަޅު އަލްހަމްދުލިﷲ..." ކައިލް ޖަވާބުދިނެވެ." އިސްހާގު ކިހިނެއް؟ ކިހިނެއް ކަންތައްތައް ދަނީ؟"

ކައިލްގެ ނަޒަރު އިސްހާގުގެ މޫނަށް ހުއްޓުނެވެ. އެމޫނުގެ ކުލަ ފަނޑުވެ ކުރިން ވިދާ ދެލޮލުގެ ވިދުން ގެއްލިއްޖެއެވެ."އަހަންނާއިމެދު ފިކުރުނުކުރޭ."

އިސްހާގު ކެއްސައިގަތުމާއެކު ކޮށި އަރާގޮތްވެ އިރުގަނޑެއްވާންދެން ވާހަކަ މެދުކަނޑައިލަން ޖެހުނެވެ." އެތައް އަހަރެއްވާންދެން ސިގްރެޓް ބުއިމުގެ ސަބަބުން އެންމެފަހުން މިއޮތީ އެކަން ފެނިފާ. ޑޮކްޓަރ ބުނީ ބްރޮންކައިޓިސްއޭ. ހީލްވާނެއޭ. ސިގްރެޓް ބޯތަން މަށަށް ފެނިގެން ނުވާނެ. ކުއްޖާ. މިހާރުވެސް މި ނުރައްކަލުން ނަފުސް ސަލާމަތްކުރޭ ނޫނީ އަހަރެންގެ އުމުރަށް ދާއިރު މަށެކޭ ތަފާތެއް ނުވާނެ. ދުޅަހެޔޮ ސިއްހަތެއްގައި އުމުރުން ދުވަސްވާއިރު ހުންނަން މިހާރުވެސް މަސައްކަތް ފަށަން ޖެހޭ...." އިސްހާގު އޭނަގެ ކަޅު ކޮފީތަށި ގިރާލަންފެށިއެވެ.

"އަހަންނަކީ ކުޑަކުއްޖެއް ނޫން އިސްހާގު...."ކައިލް ސެންޑްވިޗްގައި ހުރި ކިއުކަމްބާކޮޅުތައް ހޮވާލާފައި ތަށީގެ އެއްފަރާތަށް ލިއެވެ.

"އަބަދުވެސް މަގޭ ގާތުގައި ކުޑަކުއްޖަކަށް ވާނީ" އިސްހާގު ހެމުން ކޮފީ ތަށިން ކޯވަރެއް ދަމާލައިިފިއެވެ." ކައިލް މަންމައެކޭ ތަފާތެއްނެތް. މަންމަވެސް ކިއުކަމްބާ ނުކާނެ."

އިސްހާގުއާއި ކައިލް އެކީ ކޮފީއެއްގައި ތިބިތަން ފެނި އެތަނަށް ވަން މިކާލް ކަޅި އަނބުރައިލިއެވެ." މި ފުރިހަމަ ޑޭޑް ސަން ޑުއޯ ދެކެބަލަ. ކައިލް ސަފަކޭޓްވާތީ އެހެން މީހުންނާއެކު އިށީދެގެން ނީދެވޭ. އެކަމަކު އަހަންނާއި ނުލާ މި ލަވްލީ ބްރޭކްފާސްޓް ތި ނަގަނީ...." "ބައްޕަ" ކަމުގައި ބުނުމުން އިސްހާގުގެ ހިތަށް ލައްކިއެއް ޖެހިހެން ހީވިއެވެ. އޭނަ ސިކުންތުކޮޅަކަށްވެސް ހަނދާން ނައްތައިނުލަނީ ކުރިމަތީގައި މިއިނީ އޭނަ ހަޔާތުގައި ހަމައެކަނި ލޯބިވި އަންހެނާގެ ދަރިފުޅުކަމެވެ. އަބަދުގެ އަބަދަށްވެސް އޭނަގެ ހިތުގައި ކައިލްއަށްޓަކާ ޚާއްސަ ޖާގައެއް އޮންނާނެއެވެ.

"އޯ......ބައިދަވޭ މިފަހުން ހުޅުވިއެއްނު މާވިއްކާ ފިހާރައެއް. އެތަނުން ކޮންމެވެސް ގަހެއް ގަނެދީބަލަ. ރީތިގަހެއްކަން ޔަގީންކުރަންވާނެ އިނގޭ....." އިސްހާގު އެއްލޯ މަރާލާފައި އެތަނުން ނުކުތީ ކައިލަށް ސުވާލެއް ކުރެވުމުގެ ކުރިންނެވެ.

***

އެރޭ އަހަރުގެ ފުރަތަމަ ސްނޯ ވެހެން ފެށިއެވެ. ކައިލް އުދަރެހަށް ނަޒަރު ހިންގައިލިއިރު އާދައިގެ މަތިން ކަޅު ރޭގެ އުދަރެސްވަނީ ގަދަ ނޫކުލައެއްގައެވެ. ފިނި މޫސުމްގެ ނިޝާނެކެވެ. ކައިލް އޭނަގެ މުށުތެރޭގައި އޮތް ނޯޓްކޮޅާއި ފައިސާއަށް ބަލައިލިއެވެ. އެއީ ނޯރާދިން އެއްޗެކެވެ." މާމައަށް ކެހެރި ސްކާފެއް ގަންނަން ހަނދާން ނައްތާނުލާތި. ފައިސާކޮޅެއް ބަހައްޓާފައި އައީ..." ޒާފިރާއާއި އެކު ވުމަށް އަވަހަށް ގެއަށް މިސްރާބު ޖެހުމުން ފިހާރައަކަށްވެސް ވަދެލެވޭނެ ގޮތެއްނުވިއެވެ. އެހެންވެ ކައިލްއަށް ޖެހުނީ މޯލަކަށްގޮސް ސްކާފެއް ގަންނާށެވެ. އެހުރިހާއިރުވެސް ކައިލްގެ ޚިޔާލަށް އަންނަމުން ދިޔައީ އޭނައަށްވުރެ ނޯރާ މާ ގަދަޔަށް މާމަ ދަރިއަކަށް ހެދިގެން އުޅެނީ ކިއްވެކަމެވެ. ސްނޯގެ އެތިކޮޅެއް ކައިލްގެ މޫނުގައި ބީހިލިއެވެ. ފިނިމޫސުމްގެ ފުރަތަމަ ސްނޯއެވެ. އޭނަ އެތެރެއަށް ނޭވާ ދަމައިލިއެވެ. އެލޮލުގައި ވިދުވަރެއް އުފެދުނީ ފިނިމޫސުމްގެ މީރުވަސް އައިސް އޭނަގެ ފުރާނަ ގަދަ ނިންޖަކުން ހޭލައްވައިލިފަދައިންނެވެ. ކައިލް އެ ބޮޑު ހަދިޔާ ކޮތަޅު ހިފައިގެން ގެއާއި ދިމާލަށް ހިނގައިގަތީ ލަސްފިޔަވަޅުތަކެއްގައެވެ. ސްނޯ ބޯކޮށްލި ނަމަވެސް އޭނަގެ ހިނގުމަކަށް ބަދަލެއް ނައެވެ. އެ ލަސް ހިނގުމެވެ.

ކޮޓެޖުގެ ފެންސާއި އަރާ ހަމަވެފައި ފިޔަވަޅުތައް ހުއްޓި ހިޔަނިތަކުގެ ފުރަގަހުގައި ބުދެއްހެން ހުއްޓި ހަރަކާތެއް ނެތިފައި ހުރެވުނީ ފެނުނު މަންޒަރަކުންނެވެ. ނޯރާ އުދަރެހަށް މޫނު ދިއްކޮށްލައިގެން ހުރިއިރު އަތް އުފުލާލެވިފައިވިއެވެ. ޕޯޗުގައިވާ ރީދޫއަލީގައި އޭނަ ލޯންޑްރީ ވަށިގަނޑެއް ހިފަހައްޓައިގެން ހުރިއިރު އެޅިފައިވާ އަލީގެ ސަބަބުން އެމޫނު ވިދާ ބަބުޅައެވެ. ފުރާޅުގެ ހިޔާވަހިކަން ދޫކޮށް ސްނޯގެ ތެރެއަށް ބަގީޗާތެރެއަށް ނޯރާ ނުކުތެވެ. ކުޅޭ އެއްޗެއް ލިބުމުން އުފާވެފައިވާ ކުޑަކުއްޖެއްފަދައިން އޭނަ ވަށައިގެން އެނބުރެމުން ދިޔައެވެ. އެ ތުންފަތުގައި ހިނިތުންވުމެކެވެ. ފުރަތަމަ ފަހަރަށް ނޯރާ ރީތިކަމުގެ އިހުސާސް އޭނައަށް ކުރެވިއްޖެއެވެ. އޭނަގެ ހުރި ގޮތަކުން ހިތަށް ހޫނުކަމެއް އިހުސާސްވިއެވެ. އެހެން އެވަނީ ނޯރާ އޭނަގެ މާމައަށް އަޅާލާވަރުން ހެއްޔެވެ؟ނޫނީ އެހެން އެވީ ނޯރާވެސް އޭނަ ފަދައިން ފިންޏަށް ލޯބިކުރާތީ އިހުސާސްތަކެއް ހިތުގައި ހިނގީހެއްޔެވެ؟ ރަތްވެފައިވާ ކޯތާފަތާއެކު ނޯރާ ސްނޯ އޭނަގެ ހާމަޔަށް ހުރި އަތަށް ނެގުމުގައި އުޅުނެވެ.

ނޯރާ އަބަދުވެސް ސްނޯއަށް އިންތިހާއަށް ލޯބިކުރެއެވެ. އެކަމަކު އޭގެ ސަބަބުން ހީކަރުވާ ގިނަފަހަރު ރޯގާވެސް ޖެހެއެވެ. އެކަމަކު އެހުރިހާ އުދަގޫތަކާއިއެކުވެސް އޭނަ އެ ފިންޏަށް ލޯބިކުރެއެވެ. އަމިއްލަ ދުނިޔެއަށް ގެއްލި ހުރެ އަނެއްކާވެސް ނޯރާ އެނބުރިގަތެވެ. އެވަގުތު އޭނައަށް އަނދިރީގެ ތެރޭގައި މަޑުކޮށްލައިގެން ހުރި ހިޔަންޏެއްހެން މީހަކު ފެނުނެނެވެ. ކުއްލިއަކަށް އޭނަ ސިހިއްޖެއެވެ. ކައިލްއާއި ލޯ ގުޅުނުއިރު އޭނަގެ ކޯތާފަތް ރަތްވެގެން އައީ ފިންޏަށްވުރެ ބޮޑަށް ގަތް ލަދެއްގެ ބޮޑުކަމުންނެވެ. އޭނަގެ އިސްތަށިގަނޑު މުޅިން ހާލިވެފައި އޮތުން އެކަންޏެއް ނޫނެވެ. އޭނަގެ ހުރިހާ މޮޔަ ހަރަކާތެއްވެސް ކައިލްއަށް ފެނިއްޖެއެވެ. ކައިލް ސިކުންތުކޮޅަކަށް ނަމަވެސް ތިރިއަށް ނަޒަރު ހުއްޓާލުމަށްފަހު އިސްއުފުލާލައިފިއެވެ. ނޯރާއަށް އެ މަންޒަރު ފެނުމުން ގަބޫލުނުކުރެވިފައި ދެތިންފަހަރު އެސްފިޔަ ޖަހައިލިއެވެ. ކައިލް ހީލިތަން ފެނިފައި އަމިއްލަ ހިތްވެސް އެނބުރިގަތެވެ. ހިތްވެސް އޭނަ ފަދައިން ހޫރިގަތީއެވެ. އެހެންނުވާންވީ ސަބަބެއް ނެތެވެ. ކައިލް އޭނައަށް ހިނިތުންވުމެއް ހަދިޔާއެކުރީ މުޅިން އަލަށެވެ. އެހިނިތުންވުމުގެ ސަބަބުން މުޅި މޫނުގެ ހަރުކަށިކަން އެއްކޮށް ފިލާ މަޑުވެ އެ ހިލަހިތުގެ ބައި އެއްކޮށް ނެތިގެން ހިގައްޖެއެވެ. ނޯރާވެސް ބައްތިރީސް ދަތް އެއްކޮށް ފެންނަވަރަށް ހީލައިފިއެވެ.

ތިމާގެ އިސްތަށިގަނޑު އެއްކޮށް ދޫވެ ފިނިމޫސުމްގެ ވައިގެ ސަބަބުން ހާވިޔާވެފައިވާ ކަމެއްވެސް ނޭގުނެވެ. ނޯރާ ބޭނުންވީ ކައިލް އެގޮތަށް ހީލައިގެން އޭނަގެ ކުރިމަތީގައި ހުރި ވަގުތު ދިގު ދެމުމެވެ. އެ އަގުހުރި ވަގުތުކޮޅު އަބަދަށްޓަކާ އެގޮތަށް ބޭއްވުމަށެވެ. ސަބަބަކީ އެވަގުތު އޭނަގެ ހިތްވެސް ނަށަމުން ދިޔައީ ވިލާތަކުގެ ތެރެއިންނެވެ. އެކަމަކު ހިނދުކޮޅެއްފަހުން އެކަން ބަދަލުވެގެން ހިނގައިދާނެއެވެ. މާދަން އަންނާނެއެވެ. އަދި އޭގެ ފަސްވެސް މެއެވެ. އަދި ފަހަރެއްގައި ހުރިހާކަމެއްވެސް ބަދަލުވެދާނެއެވެ. މިވަގުތުކޮޅުފަދައިން ދުވަހަކުވެސް ނުވެ ހިނގައިދާނެއެވެ. ކައިލް އޭނައާއި ހިނިތުންވެގެން ހުރެ އަދި ފައިބަމުންދާ ސްނޯއާއި ފިނިމޫސުމްގެ ހިތްގައިމު ވައިރޯޅިތަކެވެ.

"ތިތާ ކޮޅަށް ހުރީ ކީއްވެ؟" ނޯރާ ގަތްލަދު ފޮރުވުމުގެ ގޮތުން ކިޔާލައިފިއެވެ. މޮޔައެއްހެން ހެވިފައި އޭނަ ހުންނަތާ ކޮންއިރެއް ހެއްޔެވެ؟ ކައިލް ހީކުރާނީވެސް ކީކޭހެއްޔެވެ؟ އޭނަ އަތުގެ ތެރެއަށް ނެގި ސްނޯ ގުޅަވަރަކަށް ހަދާލައިފިއެވެ. އަދި ހިތަށްވެސް ނާރާ ހުއްޓާ ކައިލްގެ ކަނދުރާއަށް ސްނޯގެ ހަމަލާއެއް އައެވެ. އަދި ވައިގެތެރޭގައި ހިފައިލީ ނޯރާގެ ހުނުމުގެ އަޑެވެ. އެއީ އެ ހުނުމެވެ. އެ ހުނުމަކަށް އެދި އޭނަގެ ހިތް ގަޔާވާ ހުނުމެވެ. ނޯރާގެ ހުނުން ހުއްޓުނީ ކައިލްގެ މޫނުމަތިން ހިނިތުންވުން ފިލައިގެން ދިޔައީމައެވެ. އޭނައަށް މާ ދުރަށް ދެވުނީބާވައެވެ. ކައިލް ރުޅިއައީބާވައެވެ. ނޯރާ ރަކިވެފައި މޫނު ރަތްކޮށްލައިގެން ހުއްޓެވެ.

"އަހަރެން...މިހެދުންތައް ގެއަށް ވައްދަން ވެއްޖެ...." އޭނަ ރޯނުގައި އަޅާފައިވާ ހިކިހެދުންތައް ނަގަންފެށިއެވެ. ކުއްލިއަކަށް އޭނަގެ ބުރަކަށީގައި ފިނިފިނި މަޑު އެއްޗަކުން ޖެހުމުން ލޯ ފުޅާކޮށްލަމުން ބަލައިލެވުނެވެ. އޭނަ ކައިލްއަށް ކަޅި އަޅައިލިއެވެ.

"ފުރަތަމަ އެއްލީ ނޯރާ...." ކައިލް ދިފާއުގައި ކޮނޑު އަރުވައިލިއެވެ. އެވަގުތު ނޯރާގެ ލޮލަށް ކަރުނަ އެއްވިއެވެ. ފިނީގެ ސަބަބުން ކަމެއް ނޫނީ ކައިލްގެ ހިނިތުންވުމުން ކަމެއް ނޫނީ އޭނަ ފޮރުވަން އެ މަސައްކަތްކުރާ އިހުސާސުން ކަމެއް ނޭގުނެވެ.

"ރޮނީތަ؟"ކައިލް ނޯރާއާއި ދިމާލަށް އައެވެ." ތަދުވީތަ އަނެއްކާ؟

ކައިލް ހުއްޓުނީ ކުޑަތަންކޮޅެއް ދުރުގައެވެ. ނޯރާއަށް ބަލައިލެވުނީ ސްނޯތެރެއަށް ގެނބެމުން ދިޔަ އޭނަގެ ބޫޓަށެވެ. މުށުތެރޭ ރޫޖެހެމުން ދިޔަ ހެދުމަށެވެ. ބޭނުންވާ ލަފުޒުތައް އެކަމަކު އެ ލަފުޒުތައް އިއްވުމުން އެދޭތެރޭގައިވާ ފާރު އިތުރަށް އުސްވެދާނެކަމުގެ ބިރު ހުރި ލަފުޒުތަކެވެ. އެކަމަކު މިއީ އެންމެ ފުރިހަމަ ދުވަހެވެ. ހަޔާތުގައި ދުވަހަކު ހަނދާން ނައްތައިނުލެވޭނެ ދުވަހެކެވެ. ނޯރާ ފުން ނޭވާއެއް ދޫކޮށްލާފައި ކައިލްގެ މޫނަށް ބަލައިލިއެވެ. އަދި އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް އެލޮލަށް ބަލައިލުމާއެކު ވަގުތުން ލައްޕާލައިފިއެވެ. އެދެމީހުންގެ ލޯ ގުޅުނުއިރު ނޯރާގެ ލޮލުގައިވި ކުލުނާއި އޯގާތެރިކަމުގެ އިދިކޮޅު ކައިލްގެ ލޮލުން ފެނުނެވެ. އެލޮލުގައި އެއްވެސް ޝުއޫރެއް ނެތެވެ. މިކާލް އިސްހާގު އަދި ބީރައްޓެއްސަކަށްވެސް އޭނަ ބަލާނީ ހަމަ އެ ނަޒަރުންނެވެ.

"މޮޔަ ނޯރާ....." ނޯރާ އަމިއްލަ ނަފުސަށް އަޑުލިއެވެ.

"މިއަދަކީ ނޯރާގެ އުފަން ދުވަސް ނޫންތަ؟" ކައިލް ސުވާލުކޮށްލުމުން ނޯރާ ބޯ ޖަހައިލިއެވެ.

"ކިހިނެއް އެނގުނީ؟"

"އެންމެފަހުން އަށާރަ އަހަރު ފުރުނީ ދޯ. މިކާލް އަށް އެކަން އެނގުނީމަ ވަރަށް އަޕްސެޓްވެފައި ހުރީ. މިކާލް ބުނީ އަބަދުވެސް އޭނައަށް އޯޑަރުކުރުމުން މާ ބޮސީވެގެން އުޅުނުއިރު އޭނަ ހީކުރީވެސް ނޯރާ ދޮށިވާނެކަމަށް އެކަމަކު އެނގުނުއިރު އޭނަ ނޯރާއަށްވުރެ ދެއަހަރު ދޮށި....."

ނޯރާ ހޭންފެށިއެވެ."އެކަމާ ކީއްކުރާނީ؟ އޭނައަށް އަމުރުކުރަން ވަރަށް ފަސޭހަ. އެހާވެސް ގަލިބްލް."

"މިހިރީ....." ކައިލް ހަދިޔާ ކޮތަޅު ނޯރާއަށް ދިއްކޮށްލައިފިއެވެ.

"އަހަންނަށްތަ؟"ނޯރާ ބުމަ އުފުލައިލިއެވެ. އޭނަ ކޮތަޅު އަތުލީ ކައިލްގެ ގައިގާ އަތް ޖައްސައިނުލަން ވިސްނައިގެން ހުރެއެވެ." ލެވެންޑާ ގަހެއް....."

ކޮތަޅުގެ ތެރެއަށް ބަލައިލުމާއެކު ނޯރާގެ ލޯ ދިއްލުނެވެ." ތެންކިއު ސޯ........."

ނޯރާއަށް އެ ޖުމްލަ ފުރިހަމަ ކުރެވުމުގެ ކުރިން ކައިލް މެދުކަނޑައިލިއެވެ." އަހަންނަށް ޝުކުރު އަދާނުކުރޭ. ތިއީ ބޭކަރީގައި މަސައްކަތްކުރަން ފެށީމަ ސެލެބްރޭޓްކުރުމުގެ ގޮތުން ލޭޓް ގިފްޓަކާއި އަދި ހީވާގޮތުން ނޯރާގެ އުފަން ދުވަސްވީމަ." ކައިލް ތަފްސީލު ކިޔާދިނެވެ.

"ކޮންމެގޮތެއްވިޔަސް ޝުކުރިއްޔާ.." ނޯރާ ހިނިތުންވެލިއެވެ. އެހަދިޔާއާއިމެދު ހަގީގަތުގައި ހިތް ހަމަޖެހި އުފާވިޔަސް ކައިލްގެ ފަރާތުން ދިން އެއްޗެއް ނޫންކަން އެނގި ކޮންމެވެސް ވަރަކަށް މޮޅިވެރިކަން ހިތަށް ވެރިވިއެވެ. އަވަސް އަރުވާލާފައި އަދި އެކަން އަންގާދިންގޮތުންނެވެ. ދެން ނޯރާގެ ހިތް ކުއްލިއަކަށް ނުހުއްޓުނީ ހަމަ ކިރިޔާއެވެ. ކައިލް ތަންކޮޅެއް ގާތްވެލިއެވެ. އޭނަގެ މޫނާއި ދިމާލަށް އަތް ހިއްލައިލިއެވެ. ނޯރާ ހިންދިރުވައިލިއެވެ. އޭނަ އުޅެނީ މޫނުގައި އަތްލާންހެއްޔެވެ؟ އޭނަ ހަދަންވީ ކިހިނެއްހެއްޔެވެ؟" އޭނަގެ ފައި ހަރަކާތެއްނުކުރިއެވެ. ގާބުދެއްހެން ހުރެވުނީއެވެ. އޭނަ ދުއްވައިގަންނަން ވީހެއްޔެވެ؟ ނުވަތަ......އެކަމަކު ދެން ކުއްލިއަކަށް ކައިލް އަތް ތިރިކޮށްލާފައި އަނެއް ފަރާތަށް އެނބުރުނެވެ. އަދި އިތުރު އެންމެ ލަފުޒެއް ބުނުމެއްނެތި ގެއަށް ވަދެ ލޯމަތިން ގެއްލުނެވެ. އަވަސްވެފައިވާ ހިތަކާއެކު ނޯރާ އެކަނިކޮށްލާފައެވެ.

ކައިލްގެ ހަރަކާތުގެ ހަގީގަތް ނޯރާއަށް އެނގުނީ ފަހުންނެވެ. އޭނަ މޫނުބަލާ ލޯގަނޑު ކުރިމަތީގައި ހުއްޓުމުންނެވެ. އޭނަގެ އިސްތަށިގަނޑުގައި ހިކިފައިވާ ފަތެއް ހަރުލާފައި އޮތެވެ. އޭނަގެ މޫނުގައި އަތްލާން ކައިލް އުޅުނީކަމުގައި ހީކުރެވުނީ މުޅިން ނުބައިކޮށެވެ. އޭނަ މޮޔަވަނީބާވައޭ އެވަގުތު ހިތަށް އެރިއެވެ.

***

ކައިލް ކޮޓަރިއަށް ވަނުމުގެ ކުރިން މާމަގެ ކޮޓަރިއަށް ވަނުމާއެކު ޒާފިރާ ގޮވާލައިފިއެވެ.

"ކޮއިފުޅާ. ދަރިފުޅުތަ؟ތަންކޮޅެއް އަވަހަށް ގެއަށް އައިނަމަ.މިހާ ދަންވާއިރު އެކަނި މަގުމަތީގައި އުޅޭކަށް ނުވާނެ.."

"މާމާ ކިހިނެއްތަ؟" ކައިލް އޭނަގެ މާމަގެ ގާތުގައި އިށީނެވެ. އަދި ރަޖާ ރަގަޅުކޮށްލަދިނެވެ." އަދިވެސް މާމަ ތިއޮތީ ނުނިދާ.."

"މާމަގެ ހިތް މިދުވަސްކޮޅު ނުތަނަވަސްވެފައި ކޮއިފުޅާ...މާމައަށް ނުނިދޭ ކައިލްގެ އަޑު ކަންފަތުގައި ނުޖެހެނީސް."ޒާފިރާގެ އަތް އެކިގޮތްގޮތަށް ހަރަކާތްކުރަމުން ދިޔައީ ކަންބޮޑުވެފައިވާ ގޮތަކަށެވެ." މިގައުމު ދޫކޮށްފައި ދުރަށް ނުދެވޭނެތަ؟"

"ކީއްވެ މާމާ؟"ކޮންމެވެސް ކަމެއްވީތަ؟" ކައިލްއަށްވެސް މާމަގެ މޫނުމަތީގައި ވި ނުތަނަވަސްކަން ނަގައިގަނެވުނެވެ. ޒާފިރާ ތުން ފިތާލައިގެން އިނީ ވާހަކަދައްކަން އުދަގޫވެފައެވެ.

"އަނާއަށް އެހެން ހެދި މީހުން....ދަރިފުޅުގެ ފަހަތުން އައިސްދާނެ. އެހެންވިޔަދޭކަށް ބޭނުމެއްނޫން.."

ކައިލް ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒާފިރާގެ ބިއްލޫރިކޮޅެއްފަދަ ލޮލުން ކަރުނަ އޮހިގަތެވެ. ހިމޭން ކަރުނަތެކެވެ.

"މާމާ. އިތުރަށް ބިރުގަނެ ހާސްވާކަށް ނުޖެހޭނެ. އިތުރަށް ދުވާކަށްވެސް ނުޖެހޭނެ. އަޅުގަނޑުހުރިހާކަމެއް ނިންމައިލާނަން.." ކައިލް ޔަގީންކަން ދިނެވެ. ޒާފިރާއަށްވެސް އޭނަގެ މާމަ ދަރިފުޅުގެ ބަހަށް އިތުބާރުކުރެވުނީ އެބަސްތަކުގައި ހުރި އަޒުމަކާއި ވަރުގަދަކަމުންނެވެ.

"އަޅުގަނޑު ވައުދުވަން. މާމާ. އެފަދަ ގޮތެއް ދެނެއް ނުވާނެކަމުގެ ޔަގީންކަން ހޯދާނަން. މާމައަށް އަދި އަޅުގަނޑަށްވެސް..." ޒާފިރާ ހިމޭންވިއެވެ. އެކަމާއިމެދު ޚިޔާލުކޮށްލެވުނެވެ. ކައިލްއަކީ ދީނުގައި ހިފަހައްޓައިގެން ހުރި ޒުވާނެކެވެ. ﷲ ސުބުހާނަހޫ ވަތައާލާ ނަސްރު ބާވައިލައްވަނީ މުއުމިނުންނަށެވެ. ތަގުވާވެރިންނަށް އެފަދަ ނުބައިމީހުންގެ ފަރާތުން ނަސްރު ލިބޭނެއެވެ.

"މާތްﷲގެ އިރާދައާއެކު އިންސާފު ލިބޭނެ.."

ކައިލްގެ ރުމާލުން ޒާފިރާގެ ކަރުނަތައް ފޮހެދިނެވެ." އަޅުގަނޑު އެކަން ހަދާން ނައްތައެއްނުލާނަން މާމާ..އެކަމާއި ފިކުރުނުކޮށް ދެން ނިދައިލާ...."

ކައިލްއަށްވެސް ސައްތައިން ސައްތަ ޔަގީންވާކަމަކީ އާޚިރުގައި ކާމިޔާބު ލިބޭނީ ހައްގުގައި ތިބި މީހުންނަށް ކަމެވެ." އެމީހުން އެކުރި ކަންތައްތަކަށް ސަޒާ ދޭނަން އިންޝާﷲ. މަރަށް މަރު...." ކައިލް އަމިއްލަ ނަފުސަށް ކިޔާލައިފިއެވެ. އަލްޔަސް ދިން އެޑްރެސް އޭނަގެ އަތުގައި އެބައޮތެވެ. އެ މަރު ރާވާ އަމަލީ ސިފަ ގެނައި ތިން މީހުންގެއެވެ. ކައިލް މިހުރިހާ ދުވަހު މަޑުކުރީ އޭނަގެ މާމަ ބަލިވީމައެވެ. މިހާރު މާމަގެ ސިއްހަތު އަނބުރާ އިއާދަވެއްޖެއެވެ. އޭނަގެ މަންމައަށް އިންސާފު ހޯދަން އޭނަގެ މާމަގެ ޚިޔާލުތައް ނިމުމަކަށް ގެންނަން އެ ހިމޭން ކަރުނައާއި އުދާސްތައް އަބަދަށްޓަކާ ނައްތައިލަން އޭނަ ޖެހޭނީ އެކަމާއި ކުރިމަތިލާށެވެ. މާދަންރޭ އެމީހުން ތިބިތަނެއް ހޯދާ ބަދަލުހިފުމުގެ ހުރިހާކަމެއް ނިންމަން އޭނަ އަޒުމް ކަނޑައެޅިއެވެ. ކުރިއަށް އޮތް ބޮޑު ތޫފާނުގެ ހިލަމެއް އޭރު ކައިލްއަކަށް ނުވެއެވެ.

"ކައިލް...."

"ލައްބަ މާމާ...."

އަދިވެސް އެބަ އިނިންތަ؟"ޒާފިރާ ކުއްލިއަކަށް ލޯ ހުޅުވައިލަމުން ސުވާލުކުރިއެވެ."ނޯރާއާއިމެދު ޚިޔާލު ކުރަންތަ؟"

"ނޯރާ؟"

"އެއީ މާމަ ވަރަށް ރުހޭ ކުއްޖެއް ދަރިފުޅާ...އެކަހަލަ ކުއްޖެއް މަދުވާނެ....އެފަދަ ކުއްޖެއް ދެން ދިރިއުޅުމުގައި ދިމާނުވެ ހިނގައިދާނެ. އެންމެ ރަގަޅުވާނީ ތި ދެކުދިން ކައިވެނިކުރުން.ރަގަޅުކަމެއް ނޫނެއްނު އަންހެނަކާއި ފިރިހެނަކު........"

"އެހެންވިއްޔާ އޭނަ ގާތު މިގެއިން ދާން އަޅުގަނޑު ބުނާނަން..."ކައިލްގެ އަޑުގައިވަނީ ހަމަޖެހުމެވެ.

"ނޫން.."ޒާފިރާ ވަގުތުން ބޯ ހޫރައިލިއެވެ."އެކުއްޖާ ދާނެ ތަނެއްވެސް ނެތް..ހަމަ ޚިޔާލެއް ފައުޅުކޮށްލީ. މިވަގުތު ކައިވެނި ކުރާށޭ ނުބުނަމެއްނު...އެކަމަކު އެއްވެސް އިހުސާސެއް އޮތިއްޔާ ދެން ކައިވެންޏަށް އެދޭ..ކައިވެނިލަސްނުކޮށް..."

"މާމާ... އަޅުގަނޑަށް ހީވާ ގޮތުން އޭނައަށް ވުރެ އަޅުގަނޑު މިގެ ދޫކޮށްފައި ދިޔަސް މާމައަށް މާ ރަގަޅުވާނެ. އެކުއްޖާ ކޮންކަހަލަ ފަންޑިތައެއް މާމައަށް ހަދައިގެން އުޅެނީ؟" ކައިލްގެ އެ ޖުމްލައިން މާމަ ހިނިތުންވެ ތަބީއަތު ރަގަޅުވިތަން ފެނި ކައިލްގެ ހިތް ހަމަޖެހި ހުރިހާ ހާސްކަމެއް ފިލައިފިއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު