ދުނިޔޭގެ ޓީޓީ ޖޫނިއާ މުބާރާތަށް ދީމާ ކޮލިފައި ވެއްޖެ

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ދީމާ އަލީ --- ފޮޓޯ// އެމްއޯސީ

ރާއްޖޭގެ އެއްވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، ފާތިމަތު ދީމާ އަލީ ދުނިޔޭގެ އެންމެ ބޮޑު ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވެއްޖެއެވެ.

ދީމާ، 13 އަކީ ވޯލްޑް ޖޫނިއާ ޓޭބަލް ޓެނިސް މުބާރާތަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔާއެވެ. މިވަގުތު ރާއްޖެއާއި، މި ސަރަހައްދުގައި ވެސް އެންމެ ކުރިއަރަމުން އަންނަ، އަދި އެހާ ޅަ އުމުރެއްގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ދީމާއަށް ވެސް މި މުބާރާތަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ލިބޭނެ އެންމެ ބޮޑު ތަޖުރިބާއެވެ.

ދީމާ މުބާރާތަށް ކޮލިފައިވުމާ ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ދީމާ މި މުބާރާތުގައި ދިވެހި ރާއްޖެ ތަމްސީލުކޮށް، މި ގައުމު ފަޙުރުވެރިކޮށްދޭނެ ކަމާ މެދު ޝައްކެއް ނެތް ކަމަށެވެ.

ދުނިޔޭގެ މުބާރާތުގެ 15 އަހަރުން ދަށުގެ އަންހެން ސިންގްލަސް ކެޓަގަރީގެ މެއިން ޑްރޯ އަށް ކޮލިފައިވި 24 ކުޅުންތެރިންގެ އެންޓްރީ ލިސްޓުގައި ދީމާގެ ނަން ހިމަނާފައިވަނީ 13 ވަަނައިގަ އެވެ. ދީމާ، ދުނިޔޭގެ މުބާރާތަށް ކޮލިފައިވެފައިވަނީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އޭނާގެ ކާމިޔާބީ އާއި ދުނިޔޭގެ ރޭންކިން އަށް ބެލުމަށް ފަހު އެވެ.

ދީމާ ވަނީ މިހާރު އޮމާންގެ މަސްކަޓްގައި ކުރިއަށްދާ އައިޓީޓީއެފް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކޮށް 15 އަހަރުން ދަށުގެ ބައިގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އެ މުބާރާތުގެ 17 އަހަރުން ދަށުގެ ކެޓަގަރީގައި ވެސް ދީމާ ވާދަކުރިއިރު، ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

ވޯލްޑް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ޑިސެމްބަރު މަހު 2 އިން 8 އަށް ޕޯޗުގަލްގައެވެ.

comment ކޮމެންޓް