މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފި

ޖުލައި 7، 2021: މާލެއަށް ބޯކޮށް ވާރޭ ވެހުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ޔެލޯ އެލާޓް ނެރެފިއެވެ.

އެންމެ ފުރަތަމަ މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައި ވަނީ ރޭ 00:30 އިން ފެށިގެން މިއަދުގެ ހެނދުނު 8:30 އާ ހަމައަށެވެ. އޭގެ ފަހުން މިއަދުގެ 16:30 އާ ހަަމައަށް އެލާޓް ނެރުމަށްފަހު މިހާރު ވަނީ މިރޭ 20:30 އާ ހަމަ އަށް އިތުރުކޮށް އެލާޓް ނެރެފައެވެ.

މެޓް އޮފީހުން ލަފާ ކުރަނީ ރާއްޖޭގެ ހުރިހާ ރަށްތަކަށް ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ ކަނޑުތައް ކަނޑުތައް ވަރަށް ގަދަ ވާނެ ކަމަށެވެ.

މީގެ ކުރިން ޔެލޯ އެލާޓް ނެރިފައިވަނީ ގަޑިއަކު 25 މޭލާއި 30 އާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.

މިއަދު ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް އަންނަނީ ބޯކޮށް ވިއްސާރަ ވެހި ވައިގަދަ ވަމުންނެވެ.

އެގޮތުން މާލެ އަށް ވަނީ ވަރަށް ބާރަށް ވައިޖެހި ބައެއް ގަސްތައް ވެސް މުލުން ލުހި ވެއްޓިފައެވެ. ހަމައެހެންމެ ބުރިޖުގައި ސައިކަލު ދުއްވަމުން ދާއިރު ހާއްސަ ސަމާލު ކަމެއް ދިނުމަށް މިއަދު މެޓް އޮފީހުން އިލްތިމާސް ކޮށްފައިވެއެވެ.

އެހެންކަމުން މެޓް އޮފީހުންވަނީ އެންމެންވެސް، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް