ލޯންޗު އެކްސިޑެންޓުގައި މީހަކު މަރުވުމުން، ކެޕްޓަން ދެ މަސް ދުވަހު ރޯދަ ހިފަން ހުކުމްކޮށްފި

ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަން އެންޑް އޮންލީ ރީތި ރަށުން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޯންޗުގެ ކެޕްޓަނަށް ނިދިޖެހިގެން، ހިނގައިދިޔަ އެކްސިޑެންޓުގައި، އެ ލޯންޗުގެ ކެޕްޓަނު ދެ މަސް ދުވަހަށް ރޯދަ ހިފަން ހުކުމްކޮށްފިއެވެ.

މި ހާދިސާ ހިނގައިފައިވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު08:38 ހާއިރުއެވެ.

ލޯންޗު ކެޕްޓަނަށް ނިދި ޖެހިގެން، ލޯންޗު ގޮސް މަޑުކޮށްފައި އޮތް ބާޖެއްގައި ޖެހިގެން ހިނގި މި އެކްސިޑެންޓުގައި ވަނީ މީހަކު މަރުވެފައެވެ. އެކްސިޑެންޓުގައި މަރުވެފައިވަނީ ހދ. ކުޅުދުއްފުށި/ ޒޭވަރު، ދާއޫދު މުހައްމަދު އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލައިފައިވަނީ ބޯޓުގެ ކެޕްޓަން، ވ. މޫންމޫންރައިޒް، މުހައްމަދު އަރީފުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލައިފައިވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއެވެ.

އަރީފު ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި އަމުރަށް ނުކިޔަމަންތެރިވުމުގެ ދައުވާއަށް އިންކާރުކޮށްފައެވެ. އެހެންނަމަވެސް އެކްސިޑެންޓު ހިނގި ކަމަކަށް އޭނާ އިންކާރުކޮށްފައެއް ނުވެއެވެ. އޭނާ ބުނި ގޮތުގައި އެކްސިޑެންޓު ހިނގީ ވަން އެންޑް އޮންލީ ރިސޯޓުން ފުރައިގެން މާލެ ދަތުރު ފެށިތާ 40 ވަރަކަށް މިނެޓު ހަމަވަނިކޮށެވެ.

އެގޮތުން އޭނާ ވަނީ ދައުވާއަށް އިންކާރު ކުރަމުން އެކްސިޑެންޓު ހިނގިއިރު ލޯންޗު ދުއްވުމުގެ ލައިސެންސް އޮންނާނެ ކަމަށާއި ލޯންޗުގެ ސަލާމަތީ ކަންކަން ހަމަވާނެ ކަމަށާއި ހުރިހާ ލައިފް ޖެކެޓެއް ވެސް ހަމަ ވާނެ ކަމަށް ބުނެފައެވެ.

ދައުލަތުން ވަނީ އަރީފާ ދެކޮޅަށް އަށް ހެއްކެއް ހުށަހަޅައިފައެވެ. އެއީ ލޯންޗުގައި ތިބި މީހުންނާއި ބާޖުގައި ތިބި މީހުންގެ އިތުރުން ފުލުހުންނެވެ. ދިފާއުގައި އަރީފް އެއްވެސް ހެއްކެއް ހުށަހަޅައިފައެއްނުވެއެވެ.

އަރީފް އާ ދެކޮޅަށް ހެކިބަސް ދިން މީހުން ވަނީ އެކްސިޑެންޓު ހިނގިއިރު އަރީފް ހުރީ ވަރަށް ވަރުބަލިވެފައި ކަމަށާއި އެކަމުގެ ސަބަބުން ލޯންޗު ދުއްވަން އިން އިރު އޭނާ ނިދި ޖެހިފައި އިން ކަމަށް ބުނެފައެވެ. މައްސަލައިގެ ތަހުގީގުގައި ހާދިސާ ހިނގިއިރު އަރީފް ނިދި އައިސްފައި އިން ކަމަށް ބުނި ކަން ފުލުހުން ވެސް ފާހަގަކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ މި ކަންކަމަށް ބަލައި އޭނާގެ މައްޗަށް އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން މި ހާދިސާގައި މީހަކު މަރުވެފައިވާތީ، މަރުވި ދާއޫދުގެ ވާރިސުންނަށް މަރުގެ ދިޔަ ހައްގު ނަމަވެސް އޭނާގެ ވާރިސުން ވަނީ އަރީފަށް މާފު ދީ، މަރުގެ ދިޔަ ބޭނުން ނުވާ ކަމަށް ބުނެފައެވެ.

ދާއޫދުގެ ވާރިސުންގެ ތެރޭގައި ހިމެނޭ އޭނާގެ ދެ ދަރިންނަކީ ކުޑަކުދިން ކަމަށް ވުމުން އެ ކުދިންގެ ބަސް ނަގައިފައިނުވާއިރު، މަރުގެ ދިޔަ ލިބިގަތުމަށް ކޯޓުގައި ދައުވާކުރުމުގެ ހައްގު އެކުދިންނަށް އޮތް ކަން ހުކުމުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އަރީފު ކުރި ކުށުގެ އުގޫބާތެއްގެ ގޮތުން ކައްފާރާގެ ގޮތުގައި ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުމަށް އޭނާގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ.

comment ކޮމެންޓް