މިދިޔަ މަހުވެސް އިމްޕޯޓާއި އާމްދަނީ އިތުރުވެ އެކްސްޕޯޓް ދަށަށް

ވިޔަފާރި ބަނދަރު --- ފޮޓޯ: ކަސްޓަމްސް

މި އަހަރުގެ އޮގަސްޓް މަހެކޭ އެއްގޮތަށް، ހުސްވި ސެޕްޓެމަބަރު މަހު ރާއްޖެއިން ބޭރުކުރި މުދަލުގެ އަގު ދަށްވި ނަމަވެސް، އެތެރެ ކުރި މުދަލާއި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އިތުރު ވެއްޖެއެވެ.

ކަސްޓަމްސްއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ އެ މުއްދަތުގައި ރާއްޖެއިން މުދާ ބޭރުކުރި މިންވަރު ވަނީ 13 ޕަސެންޓު ދަށްވެފައެވެ.

އެގޮތުން، ނިމުނު ސެޕްޓެމްބަރު މަހު 328 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 378 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން ބޭރުކޮށްފައިވެއެވެ.

ރާއްޖެއިން ބޭރު ކުރަނީ މަހުގެ ބާވަތްތަކެވެ. އެގޮތުން އެންމެ ގިނައިން މަސް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެ ލިސްޓުގައި ދެން ހިމެނެނީ ޔޫކޭ، ޖާމަނީ އަދި ފްރާންސްގެ އިތުރުން އިޓަލީއެވެ.

އިމްޕޯޓަށް ބަލާއިރު، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރާއްޖެ އެތެރެކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާގެ މުދަލެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ 3.6 ބިލިއަނަށް އިތުރުވެފައެވެ. އެއީ، 90 ޕަސެންޓުގެ އިތުރުވުމެކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް:

އޮމާން: 603 މިލިއަން ރުފިޔާގެ މުދާ

ޗައިނާ: 441 މިލިއަން ރުފިޔާގެ މުދާ

ޔޫއޭއީ: 418 މިލިއަން ރުފިޔާގެ މުދާ

އިންޑިއާ: 434 މިލިއަން ރުފިޔާގެ މުދާ

ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރެކުރާ މުދަލުން ނަގާ ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މިއަހަރުގެ ސެޕްޓެމްބަރު މަހު 137 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އިމްޕޯޓް ޑިއުޓީގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު އާމްދަނީ 281 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް