ގާސިމް ދައުލަތަށް އަދާކުރައްވަންޖެހޭ ހުރިހާ ފައިސާއެއް ފަނަރަ ދުވަހުގެ ތެރޭގައި ނުދައްކަވައިފިނަމަ އެ ފައިސާ ހޯދުމަށް ރައްޔިތުން ނިކުންނާނެ: އެމްޑީޕީ

10:00


ޖުމްހޫރި ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދައުލަތަށް އަދާކުރައްވަންޖެހޭ ހުރިހާ ފައިސާއެއް ފަނަރަ ދުވަހުގެ ތެރޭގައި އަނބުރާ ނުދައްކަވައިފިނަމަ، އެ ފައިސާ ހޯދުމަށް ރައްޔިތުން ނިކުންނާނެ ކަމުގެ އިންޒާރު އެމްޑީޕީން ދީފި އެވެ.


އެމްޑީޕީން ހުޅުވާފައިވާ "ރައްޔިތުންގެ ކޯޓު' ގެ އަޑުއެހުމެއް ކަމަށް ބުނެ ދަރުބާރުގޭގެ ބިއްދޮށުގައި އޮންނަ އުސްފަސްގަނޑުގައި ރޭ ކުރިއަށް ގެންދިއަ އެމްޑީޕީގެ އެއްވުމުގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސް ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ،  ގާސިމް އިބްރާހިމް މިއަދު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ދެކޮޅަށް ނިކުންނެވީ، އެމަނިކުފާނުގެ ކަރުގައި ހިއްޕަވައިގެން ދައުލަތުގެ މުދަލާއި ފައިސާ ނުހޯއްދެވުމުން ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެއްވުމަށް ގާސިމަށް ލާހިކު ކުޅަދާނައެއް ނުވާނެ ކަން ފާހަގަކުރައްވާ، ގާސިމް ދައުލަތަށް އަނބުރާ ދައްކަވަން ޖެހޭ ހުރިހާ ފައިސާއެއް 15 ދުވަހުގެ ތެރޭގައި އަނބުރާ ނުދައްކަވައިފިނަމަ ރައްޔިތުން ނުކުމެ އެ ފައިސާ ހޯދާނެ ކަމުގެ އިންޒާރު މޫސަ ދެއްވި އެވެ. އަދި އެއީ ރައްޔިތުންގެ ކޯޓުގެ އަމުރެއް ކަމަށްވެސް މޫސަ ވިދާޅުވި އެވެ.


އެމްޑީޕީން ހުޅުވާފައިވާ "ރައްޔިތުންގެ ކޯޓުން" އިންސާފުވެރި ގޮތެއްގައި ނިންމާ ނިންމުންތަކަކީ ގޯސް ކަމެއް ކަމަށާއި ވަކި ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ކަމަށް ސިޔާސީ ޕާޓީތަކުންނާއި އަދި ވެރިކަން ކުރާ ފަރާތުން ބުނިކަމުގައިވިޔަސް، އެ ހުރިހާ ފަރާތްތަކަކީ ރާއްޖޭގައި އަދުލު އިންސާފު ނަގާލުމަށް އުޅޭ ބައެއް ކަމަށްވެސް ކަނޑައަޅުވައި، މޫސަ ވަނީ ރޭ އަމުރެއް ނެރުއްވައިފަ އެވެ.


ރައްޔިތުންގެ ކޯޓެއް ކަމަށް ބުނެ އެމްޑީޕީން ހިންގާ ހަރަކާތްތަކަކީ ޤާނޫނު އަސާސީއާ ޚިލާފަށް އެމްޑީޕީން ހިންގާ އަމަލުތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުންދާއިރު، ރޭގެ އެއްވުމުގައި ވާހަކަދައްކަމުން އެމްޑީޕީގެ މެމްބަރުން ބުނެފައިވަނީ، ރައްޔިތުންގެ ކޯޓުން ނިންމާ ނިންމުމަކީ ރައްޔިތުންގެ ނިންމުން ކަމަށާއި އެ ކަމަށް އެއްވެސް މީހަކަށް ދެކޮޅު ނުހެދޭނެ ކަމަށެވެ. އަދި އެ ކޯޓަށް ހާޒިރުވާން ޖެހޭ އެއްވެސް މީހަކު ހާޒިކުކޮށްފައި ނޫނީ ދޫނުކުރާނެ ކަމަށްވެސް އެމްޑީޕީގެ މެމްބަރުން ގޮވަމުން ދިޔަ އެވެ. އެގޮތުން ރިޝްވަތުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރުމަށްފަހު، މިހާރު ކޯޓު އަމުރެއްގެ ދަށުން ދޫކޮށްލާފައިވާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާސިމް އިބްރާހިމް އަލުން ހައްޔަރުކުރުމަށް ކޯޓު އަމުރު ނެރެ ނުދެއްވި ޖިނާއީ ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދަކީ ރައްޔިތުންގެ ކޯޓަށް ހާޒިރުކުރަން ޖެހިފައިވާ މީހެއް ކަމަށް ބުނެ އޭނާ ހާޒިރުކުރުމަށް މެމްބަރުން ތަކުރާރުކޮށް ގޮވާ، އޭނާ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ އެވެ.


އަދި 'ހޯދާ ނުފެނިފައިވާ މީހެއް" ކަމަށް ބުނެ އަބްދުﷲ މުހައްމަދު ގެ ފޮޓޯ ޖެހި ގަނޑުތަކެއް އެ ސަރަހައްދުގައި ވަނީ ބަހައިފަ އެވެ.


ދަރުބާރުގޭގެ ބިއްދޮށުގައި އޮންނަ އުސްފަސްގަނޑުގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގައި ރައްޔިތުންގެ ކޯޓުގެ އަޑުއެހުމެއް ކަމަށް ބުނެ އެމްޑީޕީން ބޭއްވި އެ އެއްވުމުގައި މޫސާ މަނިކު ވަނީ، ކުރީގެ ސަރުކާރުގެ އިސްވެރިންނާ ގުޅޭ ގޮތުން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި ހުރި މައްސަލަތަކުގެ ލިސްޓެއް ތައްޔާރުކުރުމަށްފަހު މިރޭ އޮންނަ އެއްވުމުގައި ހުށަހެޅުމަށް ރައްޔިތުންނަށް ގޮވާލައްވާފަ އެވެ. އަދި ކުރީގެ ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ބައެއް ބޭފުޅުން ބޭންކް އޮފް މޯލްޑިވްސް އިން ބޮޑު އަދަދަކަށް ލޯނު ނެގުމަށްފަހު އަނބުރާ އަދާކޮށްފައިނުވާ މައްސަލަ ކޯޓުތަކުގައި ކުރިއަށް ނުގެންދެވިފައިވާ މައްސަލަވެސް ބަލައި، އެ ފައިސާވެސް ރައްޔިތުންގެ ކޯޓު މެދުވެރިކޮށް ހޯދަން ޖެހިފައިވާ ކަމަށް މޫސަ ވިދާޅުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު