ތިޔަ ލޯބި އެދިގެން... - 13

ލަސްފިޔަވަޅުތަކެއްގައި ޝިޒާން މިންހާއާ ދިމާލަށް ހިނގަމުންދިޔައިރު، ޚުދު އޭނާގެ ހިތުގައިވެސް ތަފާތު ޝުއޫރުތައް ދައުރުވަމުންދިޔައެވެ. މިންހާގެ ހިތުގައި އުތުރޭނޭ ޖަޒުބާތުތައް އޭނާއަށް އެނގޭކަހަލައެވެ

މިންހާއާ ކުރިމަތިލުމަކީ އޭނާއަށް އުނދަގޫކަމެއް ނަމަވެސް، އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއްކަން އޭނާއަށް އެނގެއެވެ.

ޝިޒާން ގޮސް މިންހާއާ ދާދިގާތުގައި ހުއްޓުނެވެ. އެއާއެކު، މިންހާގެ ރުޅިވެރި މޫނު އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، މިންހާ އާ ވާހަކަ ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނޭ ކަމެއްކަމަށް އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔައެވެ. އެހެންނަމަވެސް، ޝިޒާން ބޭނުންވީ އެއްފަހަރު ނަމަވެސް މަސައްކަތް ކޮށްލުމަށެވެ.

"މިންހާ! އަހަރެން ބޭނުން މިންހާ އާ ވާހަކަ ދައްކައިލަން..." ޝިޒާން މަޑުމައިތިރިކަމާއެކު، މިންހާއާ ދިމާލަށް ބަލައިލަމުން ބުނެލިއެވެ. މިންހާ އިތުރު އެއްޗެއް ނުބުނެއެވެ. އޭރުވެސް އެމޫނުމަތީގައިވަނީ ނުރުހުމުގެ އަސަރެވެ.

"މިންހާ!" މިންހާގެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް ހުރި ޝިޒާން، އަނެއްކާވެސް ވާހަކަ ދެއްކީ މިންހާ އިތުރު އެއްވެސް އެއްޗެއް ނުބުނުމުންނެވެ.

"ކޮންމެވެސް އެއްޗެއް ބުނެބަލަ! ކައިވެނި ކުރުމުގެ ކުރިން އަހަރެން ބޭނުންވޭ މިންހާއާ ވާހަކަ ދައްކައިލަން. ހަމައެކަނި މިންހާ ބައްޕައާ ހުރިހާ ވާހަކައެއް ދެއްކިޔަކަސް ނުވާނެއެއްނު. އަހަރެން ވެސް ބައެއްކަންތައްތަކުގެ ޔަޤީންކަން މިންހާއަށް ދޭން ބޭނުން..." ޝިޒާން ބުންޏެވެ.

"އަހަންނާ ދައްކަން އޮންނާނީ ކޮން ވާހަކައެއް. ބޭނުންވިކަންތައް ވެއްޖެއެއްނު." ކިތަންމެ ހަމަޖެހެން މަސައްކަތް ކުރިނަމަވެސް، މިންހާއަށް ވާހަކަ ދެއްކުނީ ހަރުކަށިކޮށެވެ.

"ކޭން ވީ ޖަސްޓް ޓޯކް ފޯ އަ މިނިޓް... ކުޑަ ވަގުތުކޮޅަކަށް ވިޔަސް..." ޝިޒާންގެ އަޑުގައިވަނީ އާދޭހެވެ. ތެދުވެރިކަމެވެ. މިންހާއާ ވާހަކަ ދައްކަން ބޭނުންވެފައި ހުރިވަރު އެ އަޑުން އެކަނިވެސް ދޭހަވެއެވެ.

ޝިޒާންއާ ކިތަންމެ ވާހަކަ ދައްކަން ބޭނުންނުވެ ހުރެވެސް މިންހާ އެއްބަސްވީ އޭނާ އެކިޔާ އެއްޗެއްވެސް އަޑު އަހައިލުމުގެ ބޭނުމުގައެވެ. ކޮންމެގޮތެއްވިޔަސް ޝިޒާން އަކީ އޭނާގެ ވާންއުޅޭ ފިރިމީހާއެވެ. އަބަދަކު ފިލައިގެނެއް ވެސް ނޫޅެވޭނެއެވެ. ކޮންމެވެސް ދުވަހަކުން ޝިޒާންއާ ކުރިމަތިލާން ޖެހޭނެއެވެ.

މިންހާ އެއްވެސް އެއްޗެއް ނުބުނެ ގެއިން ނުކުމެގެން ޖޯލިފައްޗާ ދިމާލަށް ހިނގައިގަތެވެ. ޝިޒާންވެސް ފުންނޭވާއެއް ދޫކޮށްލަމުން މިންހާގެ ފަހަތުން ހިނގައިގަތެވެ. މިންހާ ގޮސް ޖޯލިފަތީގައި އިށީނދެލިއެވެ. ޝިޒާންވެސް އެއް ޖޯލި ދޫކޮށްފައި އިށީނެވެ. އޭނާ މިންހާއަށް ބަލައިލިއިރު، މިންހާ އިނީ ދުރުބަލަހައްޓައިގެންނެވެ.

"ޝިޒާން ދައްކަން ބޭނުންވާ ވާހަކައެއް ދައްކަބަލަ!" މިންހާ އެއިން ގޮތަށް އިނދެ ބުނެލިއެވެ. އެ އަޑުގައި ހުރި ނުރުހުމުގެ އަސަރުން ޝިޒާން ހިސާބަކަށް ޖެހިލުންވާގޮތްވިއެވެ.

"އަހަންނަށް އެނގޭ މިންހާއަށް މި ޑެޒިޝަން ނަގަން ވަރަށް އުނދަގޫވާނެކަންވެސް. އަންހެން ކުއްޖަކު ޙަޔާތުގައި ނިންމާނޭ އެންމެ ބޮޑު ނިންމުމަކީ މިއީ. އަހަންނަށް އެނގޭ އަހަންނަކީ މިންހާ ނުވެސް ދަންނަ މީހެެއްކަންވެސް. ކުއްލިއަކަށް ހުރިހާކަމެއް ނިންމަން ޖެހުނީމަ އުނދަގޫވާނެކަންވެސް..." ޝިޒާން މިންހާއަށް ބަލައިލީ މިންހާގެ ފަރާތުން އެއްވެސް އިޝާރާތެއް ލިބޭތޯއެވެ. މިންހާ އިން ގޮތަށް އެއްވެސް އެއްޗެއް ނުބުނެ އިނުމުން އޭނާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މިންހާ ނުޖެހޭނެ އެއްވެސް ކަމަކާ ހާސްވާކަށް. އަހަރެން މިންހާގެ ޒިންމާ އެންމެ ފުރިހަމައަށް ނަގާނަން. މިންހާގެ ބައްޕައަށްވީ ވަޢުދު ފުއްދާނަން... އަހަންނާ މެދު ޝަކުވާ ކުރާނެ ފުރުސަތެއް އަހަރެން މިންހާއަކަށް ނުދޭނަން." ޝިޒާން ބުނެލިއެވެ.

"ހުރިހާ ވާހަކައެއް ނިމުނީތަ؟ ދެން އަހަރެން ދިޔަޔަސް އެެންމެ ރަނގަޅުތަ؟" ވެރިވެގެންދިޔަ ހަމަހިމޭންކަމުގެ ވަގުތުކޮޅަށްފަހު، މިންހާ ވާހަކަ ދެއްކިއެވެ. އޭނާ އިނީ އެތަނުން ދާން ބޭނުންވެފައެވެ.

"ކުޑަ އިރުކޮޅަކު މަޑުކޮށެއް ނުލެވޭނެތަ؟ ކޮންމެވެސް ވަރަކަށް އެކަކު އަނެކަކާ ވާހަކަ ދައްކައިލެވުނީމައެއްނު އެކަކު އަނެކަކު ދަސްވާނީ. ކައިވެނި ކޮށްގެން ދެމީހުން ބާކީ ދުވަސްތައް ހޭދަކުރަން ޖެހޭނީ އެކުގައިކަމަށް ވާއިރު، އެއީ ވަރަށް މުހިންމު ކަމެއްކަމުގައި އަހަރެން ދެކެނީ. ވާހަކަ ދައްކާލީމަ މިންހާވެސް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހޭނެ!" ޝިޒާން އޯގާތެރިކަމާއެކު ވާހަކަ ދެއްކިއެވެ.

"އިނދެގެން އަހަރެމެން އުޅޭނީ ކޮންތާކު؟ އަހަރެން ބައްޕަ ދޫކޮށްލާފަ ދާކަށް ބޭނުމެއް ނޫން!" މިންހާ ކުއްލިއަކަށް އަހައިލިއެވެ.

"އަހަރެން މިންހާއާ މިންހާގެ ބައްޕައަކާ ދުވަހަކުވެސް ދުރެއް ނުކުރާނަން." ޝިޒާން ޔަޤީންކަން ދިނެވެ.

"އަހަރެންނަށް ގިނައިރު މަޑުކުރޭވޭކަށް ނެތް..." މިންހާ ބުނެލިއެވެ. އޭނާ ޖޯލިން ތެދުވިއެވެ. އެއަށްފަހު، އެތަނުން ދިޔުމަށް ހިނގައިގަތެވެ. ޝިޒާން ވެސް ފުންނޭވާއެއް ދޫކޮށްލަމުން ޖޯލީގައި އޮށޯވެލިއެވެ. މިންހާ ގޮސް ގޭތެރެއަށް ވަދެ ދޮރު ލައްޕަންދެން އޭނާ ބަލަން އޮތެވެ. އެދިޔަ ގޮތަށް ގޮސް މިންހާ ވެއްޓުނީ އެނދުމައްޗަށެވެ. އެއާއެކު އަނެއްކާވެސް ތާޒާ ކަރުނައިން އޭނާގެ ދެ ކޯތާފަތް ތެމެން ފެށިއެވެ. ހިތާ ދެކޮޅަށް އޭނާ އެ ނިންމި ނިންމުމުގެ ސަބަބުން ނަފްސުގައި އުފެދިގެން އުޅޭ ގިލަންވެރިކަމުގެ އަސަރު މުޅިހަށިގަނޑަށްވެސް ކުރަންފެށިއެވެ. ފިލައިގެން އާހިލް ކައިރިއަށް ދާންވީބާއޭ ވެސް އެތައް ފަހަރަކު ހިތަށް އެރިއެވެ. އެހެންނަމަވެސް އެކަމަށް ހުރަސް އަޅަނީ އޭނާގެ ބައްޕައަށްޓަކައި އެ ހިތުގައިވާ މަތިވެރި ލޯތްބެވެ.

*****

އައިހަމްއަށް ގުޅައިގެން އޮތް ޔޫލިންގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ.

"ދޮންބެ ކައިރީގައި އަހަރެމެން ދެމީހުންގެ ވާހަކަ ބުނާކަށް ގަސްތެއް ނުކުރަންތަ؟" އައިހަމް ޔޫލިންއާ ސުވާލުކޮށްލިއެވެ.

"އަހަންނަކަށް ނުކެރޭނެ! އަނެއްކާ ދޮންބެ ޤަބޫލު ނޫނިއްޔާޔޯ..." ޔޫލިން ބުނެލިއެވެ.

"އެ ކީއްވެ ގަބޫލުނުވާންވީ؟. ގައިމު އަހަރެންގެ ގޮތް އެންމެ ރަގަޅަށް އެނގޭނީ ލީން ދޮންބެއަކަށްނު..." އައިހަމް ބުނެލިއެވެ.

"އެކަމަކުވެސް ނުކެރޭނެ." ޔޫލިންގެ އަޑުގައި ލަދުވެތިކަން ވެއެވެ.

"ހެހެ އެވަރުކަމެއްތަ އެއީ... ކޮންމެވެސް ދުވަހަކުން ބުނަން ޖެހޭނެ ދޯ. އަހަރެން ލީންއާ އެކީ ވަރަށް ސީރިއަސްކޮށޭ މިއުޅެނީ..." އައިހަމް ބުނެލިއެވެ.

"އަހަންނަށް އެނގެޔޭ ސީރިއަސްވީމަކަން ތިގޮތަށް ވާހަކަ ދައްކާނީ..."

އެ ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.

******

ދެ ދުވަސްފަހުން ހަނީފް އަނެއްކާވެސް ގެއަށް ދޫކޮށްލެވުނެވެ. ހަނީފްގެ ޙާލަތު ރަނގަޅުވުމުން، ގެއަށް ދޫކޮށްލައިގެން ބޭހުން ފަރުވާ ކުރިއަށް ގެންދިޔުމަށް ޑޮކްޓަރު އޮތީ ލަފާ ދީފައެވެ.

ހަނީފް ސިޓިން ރޫމު ސޯފާގައި އިށީނދެލައިގެން އިންދާ މިންހާ ޖޫސްތައްޓެއް ހިފައިގެން އައިސް ހަނީފްގެ ކައިރީގައި އިށީނދެލިއެވެ. އެއަށްފަހު ހަނީފްއަށް ޖޫސްތަށި ދިއްކޮށްލިއެވެ. ގެއަށް ދޫކޮށްލެވުނު ކަމުގައި ވިނަމަވެސް، ހަނީފްގެ ހަށިގަނޑު ބަލިކަށިކަމުން ޑޮކްޓަރުން އޮތީ ގިނައިން ދިޔާ އެއްޗެހި ދިނުމަށް ލަފާ ދީފައެވެ.

"ޝިޒާން ގޭގައި އެބައުޅޭތަ؟"

ހަނީފް ޖޫސްތަށީގައި ހިފަމުން ވާހަކަ ދެއްކިއެވެ.

"ނޭނގެ!" މިންހާ ފަރުވާ ކުޑަގޮތަކަށް ޖަވާބުދިނެވެ.

"ދަރިފުޅާ!" ހަނީފް ގޮވައިލިއެވެ. މިންހާ ހަނީފްއަށް ބަލައިލިއެވެ.

"ވާހަކައެއް ބުނަން ބޭނުންވީތަ؟" މިންހާގެ މޫނުމަތީގައިވީ ކުލަވަރުތައް ދިރާސާކުރާ ފަދައަކުން ހަނީފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ޝިޒާން އަހަންނާ ކައިވެނިކޮށްގެން ދިރުއުޅޭނީ މިތަނުގަތަ؟ ނޫނީ އޭނަ އަހަންނާ ބައްޕައާ ދުރުކުރާނީތަ؟" މިންހާ ކުއްލިއަކަށް އޭނާ ކުރިން ޝިޒާންއާ ކުރި ސުވާލު ހަނީފްއާ ވެސް ކޮށްލިއެވެ.

"ނޫނޭ ދަރިފުޅާ. ދަރިފުޅު ބައްޕަ ދޫކޮށްލާފަ ދާން ބޭނުން ނުވަންޏާ ޝިޒާންއެއް ބައްޕައާ ދަރިފުޅާ ވައްކެތް ނުކުރާނެ. ޝިޒާން އަކީ ދަރިފުޅު ތި ހީކުރާ ވަރަށް ވުރެ ރަނގަޅު ކުއްޖެކޭ..." ހަނީފް ލުއި ހިނިތުންވުމެއް މިންހާއަށް ރައްދުކޮށްލިއެވެ.

"ބައްޕަގެ އެދުމަކީ ދަރިފުޅު ޝިޒާންއާ އެކީ އުފާވެރި ދިރިއުޅުމެއް އުޅުން. " ހަނީފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މިންހާއަށް އިސްޖަހައިލެވުނެވެ. އޭނާގެ އުފާވެރިކަން ގުޅިފައިވަނީ އާހިލްއާ ކަން ބައްޕައަށް އެނގޭނީ ކިހިނަކުންހެއްޔެވެ؟ އެހިތް ހަލާކުވެފައިވާވަރު، ބައްޕައަށް އިޙްސާސްވާނީ ކިހިނަކުންހެއްޔެވެ؟ އޭނާ އެ ކައިވެނި އެކުރަނީ ހަމައެކަނި ބައްޕަގެ ޙައްޤުގައެވެ. އެ ބައްޕަގެ ހިތުގައި ޖައްސަން ބޭނުންނުވާތީއެވެ.

ހަނީފްގެ ޙާލަތު އަދިވެސް އެއްކޮށް ހަމައަކަށް ނޭޅޭކަމަށް ޑޮކްޓަރުން ބުނެފައިވާތީ، އާހިލްގެ ވާހަކަ ދައްކައިގެން އޭނާ ބައްޕައަށް ދީފައި އޮތް އުންމީދު ފުނޑުފުނޑުކޮށްލާކަށް މިންހާއަކަށް ނުކެރުނެވެ. އާބަސް ބުނެފައި ބައްޕަ ހިތުގައި ޖައްސާކަށް އޭނާ ބޭނުމެއް ނޫނެވެ. އޭނާ ބުނާ އެއްޗަކުން މާ ބޮޑަށް ދެރަވެގެން އަނެއްކާ ބައްޕަގެ ޙާލު ދެރަވެދާނެއެވެ. ފަހަރެއްގައިވެސް އެހެން ވާކަށް އޭނާ ނޭދެއެވެ.

"ދަރިފުޅާ! މި ނިންމުން ނިންމައިގެން ދަރިފުޅު ފަހުން އުފާކުރާނެ." ހަނީފް އަނެއްކާޥެސް މިންހާއަށް ނަސޭހަތް ދިނެވެ. ޝިޒާންއާއެކު ޒަވާޖީ ޙަޔާތެއް ފެށުމަކީ މިންހާގެ ނަސީބު ކަމުގައި ހަނީފް ބުނެލިއެވެ. މިންހާ އިތުރު އެއްޗެއް ނުބުނެއެވެ. ހަނީފް މިންހާއަށް ފުންނަޒަރަކުން ބަލައިލިއެވެ. އެއަށްފަހު އޭނާ އެއް އަތުން މިންހާގެ ބޮލުގައި ފިރުމައިލިއެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އައިހަމް ޖޯލިފަތީގައި އޮށޯވެލައިގެން އޮތީ ޔޫލިންގެ އިންތިޒާރުގައެވެ. އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއްވެރިވީ، އެ ދިމާލަށް އަންނަމުންދިޔަ ޔޫލިން ފެނުމުންނެވެ.

ޔޫލިން އައިސް އައިހަމްގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓުމާއެކު، އައިހަމް ޔޫލިންގެ ފައިން ފެށިގެން ބޮލާ ހަމައަށް ފުން ނަޒަރެއް ދިނެވެ. ޔޫލިންގެ ބުޅި އިސްތަށިގަނޑު ދޫކޮށްލާފައިވާއިރު، ލާފައިހުރީ ވަޅުފެހިކުލައިގެ ހެދުމަކާއި ހުދުކުލައިގެ ޖީންސްއެކެވެ. ކޮށްފައިވާ ލުއި މޭކަޕްގެ ސަބަބުން އަނދިރީގެ ތެރެއިންވެސް ޔޫލިންގެ އުޖާލާވެފައިވާ މޫނު އައިހަމްއަށް ފާހަކަ ކުރެވުނެވެ. އޭނާ ހިނިތުންވެލަމުން ޖޯލިން ތެދުވިއެވެ.

" ޔޫ ލުކް ބިއުޓިފުލް..." އައިހަމް ޔޫލިންގެ އަތުގައި ހިފައިލިއެވެ. އެއާއެކު ޔޫލިންގެ މުޅި ހަށިގަނޑު ފިނިވެލިއެވެ. އޭނާއަށް ނޭވާ ލާން ވެސް ހަނދާންނެތުނުފަދައެވެ. އައިހަމް އޭނާއާ ކައިރިވެލުމާއެކު، ޔޫލިން އިސްޖަހައިލިއެވެ.

"އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް. ހިނގާބަލަ ދާން..." އައިހަމް ޔޫލިންގެ އަތުން އަތް ދޫކޮށްލަމުން، ޖީންސްގެ ޖީބަށް އަތް ޖަހައިލިއެވެ. އެ ދެމީހުން ހިނގައިގަތްއިރު، އެ ދެމީހުންނަކަށް ނޭނގުނުކަމަކީ އިތުރު މީހެއްގެ ލޮލުގައި އެ މަންޒަރު އަޅައިގަތްކަމެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު