ކްލޭ އެލްއެލްޕީގެ ބާނީ މުހައްމަދު އަލީ، އިމާރާތް ކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ، އުމުރުން އެންމެ އަށް އަހަރުގައެވެ. އެއީ އުފަން ރަށް، ށ. ކަނޑިތީމުގައި އޭރު ދިރިއުޅެމުން ދިޔަ ގެ ރޭނުމަށް ޓަކައި ބައްޕައާ އެކުގައި މަސައްކަތް ކުރުމުގެ ތެރޭގައެވެ.
"އެންމެ ކުޑައިރު ހުންނާނީ ފަން ގެއެއް. ތަންދޮރު އެނގޭވަރު ވީއިރު ބައްޕަ ދިޔައީ ގެ ރާނަމުން. ބައްޕައާއެކު އެ މަސައްކަތް ކުރަން އަޅުގަނޑުވެސް އުޅުނިން. އޭރު އުމުރުން ގާތްގަނޑަކަށް އަށް އަހަރު ނޫނީ ނުވަ އަހަރު އަޅުގަނޑަށް ވާނީ،" މި ދާއިރާއަށް ޝައުގުވެރިކަން އުފެދިގެން އައި ގޮތް މުހައްމަދު ކިޔައިދިނެވެ.
އިމާރާތް ކުރުމުގެ މަސައްކަތަށް އޭރު އުފެދުނު ޝައުގުވެރިކަމާއެކު މުހައްމަދު ދިޔައީ އެ ދާއިރާގެ ކަންކަން ދަސް ކުރަމުންނެވެ. އެހެން ނަމަވެސް އުމުރުގެ ހަގުކަމާއި ސްކޫލުގައި އުޅުނު ދުވަސްވަރަށް ވުމާއެކު އޭރު މުހައްމަދަށް ޖެހުނީ ހަމައެކަނި އަމިއްލަ ގޭގައި ކުރަން ހުރި މަސައްކަތްތަކުން ފުއްދާލައިގެން ހުންނާށެވެ.
"ކިޔަވައި ނިންމާލައިގެން އެންމެ ފުރަތަމަ ވަދެވުނީ ވެސް މި ދާއިރާއާ ގުޅުން ހުރި ވަޒީފާއަކަށް. އެންމެ ފުރަތަމަ ވަނީ އެމްޓީސީސީގެ ހެޑް އޮފީހަށް. އެތަނުން އަޅުގަނޑު ބަދަލުވީ ސީދާ ކޮންސްޓްރަކްޝަން ސައިޓަށް. ހަނދާންވާ ގޮތުގައި އެއީ 1991، 1992 ހިސާބުގައި. އެއީ ވެލި އަކިރި މަސައްކަތް ކުރި ދުވަސްވަރު،" މުހައްމަދު ބުންޏެވެ.
އެމްޓީސީސީ ދޫކޮށްލުމަށްފަހު ރިސޯޓު ދާއިރާގެ ވަޒީފާއަކަށް ދިއުމުން އެމަސައްކަތަށް ކޮންމެވެސް ވަރެއްގެ މެދުކެނޑުމެއް އައެވެ. ރިސޯޓުގައި އުޅުމަށްފަހު މުހައްމަދު ދެން ބަދަލުވީ ކަނޑިތީމުގެ ވަޑާންގެއަކަށެވެ. އިމާރާތް ކުރުމުގެ ދާއިރާއަށް މުހައްމަދު ބޮޑަށް ހިތް ޖެހުނީ އެތަނުގައި އުޅުނު ދުވަސްވަރުގައެވެ.
"އަމިއްލައަށް ވެސް މި މަސައްކަތް ކުރެވިދާނެ ކަމުގެ އުންމީދެއް އެތަނުގައި އުޅުނުއިރު ލިބުނު. މިކަން ދަސްވެއްޖެނަމަ މިއީ ރަނގަޅު ކަމެއް ކަމާއި މިއީ ކުރިއަށް ދެވިދާނެ މަގެއްކަން ދަސްވި. އެހެންވެ އެތަނުގައި އުޅެފައި އަޅުގަނޑު ދިޔައީ ރިސޯޓު ކޮންސްޓްރަކްޝަނަށް،" މުހައްމަދު ބުންޏެވެ.
ފައުންޑޭޝަނުން ތަޅުދަނޑިއާ ހަމައަށް ހުރިހާ މަސައްކަތެއް ތަޖުރިބާ ކުރި
ރިސޯޓު ކޮންސްޓްރަކްޝަންގެ މަސައްކަތުން ތަޖުރިބާ ހޯދުމަށްފަހު މުހައްމަދު މަސައްކަތް ކުރީ އަމިއްލަ ކުންފުނިތަކުގައެވެ. ރަށްރަށުގެ ސިއްހީ މަރުކަޒުތަކާއި ބޭސްފިހާރައާއި ބޭސް ގުދަން އިމާރާތް ކުރުމުގައެވެ.
"ސުޕަވައިޒަރެއް ގޮތަކަށް ނޫން. މަސައްކަތު މީހެއްގެ ގޮތުގައި އަމިއްލަ އަތުން ހުރިހާ މަސައްކަތެއް ވެސް އޭރު ކުރީ. އަޅުގަނޑަށް ނޭނގޭނޭ، ނުވާނެއޭ ކިޔާފައި، ނުކޮށް ދޫކޮށްލާ މަސައްކަތެއް ވަރަށް ނޯންނާނެ. ބިލްޑިން ކޮންސްޓްރަކްޝަން މަސައްކަތުގެ ތެރޭގައި ފައުންޑޭޝަނުން ފެށިގެން ތަޅުދަނޑިއާ ހަމައަށް، އަޅުގަނޑު އަމިއްލަ އަތުން ނުކުރާ، ތަޖުރިބާ ނުކުރާ އެއްވެސް މަސައްކަތެއް ނޯންނާނެ،" މުހައްމަދު ބުންޏެވެ.
އަމިއްލަ މަސައްކަތުގެ ފެށުމަކަށް މެދުވެރިވީ މާލެއަށް ހިޖުރަ ކުރުން
މުހައްމަދުގެ ދިރިއުޅުން މާލެއަށް ބަދަލުކުރުމަށްފަހު ފުރަތަމަ މަސައްކަތް ކުރީ އެކިއެކި އަމިއްލަ ކުންފުނިތަކުގައެވެ. އެހެން ނަމަވެސް މާލޭގައި ކުއްޔަށް އުޅެން ޖެހުމުން ކުރިމަތިވި ގޮންޖެހުންތަކާއެކު މުހައްމަދަށް ވިސްނުނީ އަމިއްލަ މަސައްކަތެއް ފެށުމަށެވެ.
"މާލެ ބަދަލުވުމާ ގުޅިގެން ތާށިތަކެއް ކުރިމަތިވަމުން ހިތަށް އެރީ އަމިއްލައަށް މަސައްކަތް ކުރެވޭތޯ ބަލާނީއޭ. ބައެއް ފަހަރު މުސާރަ ލަސްވުމާއި އޭގެ ސަބަބުން އުޅޭ ތަނުގެ ކުލި ދެއްކުން ފަސްކުރަން ޖެހުން ފަދަ ކަންކަން ކުރިމަތިވާން ފެށީމަ،" އޭނާ ބުންޏެވެ.
އެ ވިސްނުން ހަގީގަތަކަށް ހެދުމަށް ޓަކައި މުހައްމަދު ނިކުތީ އިތުރު އެކަކު ގޮވައިގެން ހުޅުމާލެއިން މަސައްކަތް ހޯދުމަށެވެ. ފެށީ ވަރަށް އާދައިގެ ގޮތަކަށެވެ.
"އޭރު މަސައްކަތް ކުރަން އުޅުނީ ހުޅުމާލެ ތެރޭގައި. އެކި ތަންތަނުގެ ކަބަޑުސެޓު ޖަހާލުމާއި ސީލިން ކޮށްލުމާ، މިކަހަލަ ކަންކަން ކުރަން އުޅުނީ. ފުރަތަމަ އެންމެ ކުއްޖަކު ގޮވައިގެން އުޅުނީ. ފަހުން ދެ ކުދިން،" މުހައްމަދު ބުންޏެވެ.
ފުރަތަމަ ބޮޑު މަޝްރޫއު: ނިލަންދޫ މިސްކިތް
ކުދިކުދި މަސައްކަތް ކުރަމުންދަނިކޮށް މުހައްމަދަށް ލިބުނު ފުރަތަމަ ބޮޑު މަޝްރޫއަކީ ސަބްކޮންޓްރެކްޓަށް މިސްކިތެއް އެޅުމުގެ މަސައްކަތެވެ. އެއީ ކުރިން އެކި ކުންފުނިތަކުގައި މަސައްކަތް ކުރިއިރު، މިސްކިތް އެޅުމުގެ މަސައްކަތުގެ ތަޖުރިބާ މުހައްމަދަށް ލިބި، އެކަން ކުރެވިދާނެކަން އެ ކުންފުނިތަކަށް ސާބިތުކޮށްދީފައި އޮތުމުންނެވެ.
"ކުދިން ހޯދައިގެން ގޮސް އެ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ކުރީ އަޅުގަނޑު އަމިއްލައަށް. ފައުންޑޭޝަނުން ފަށައިގެން ހުރިހާ މަސައްކަތެއް. އިސްލާމިކް މިނިސްޓްރީގެ އޭރުގެ ރިކޯޑު މުއްދަތެއްގެ ތެރޭގައި އެ މަސައްކަތް ކޮށް ނިންމާލިން،" މުހައްމަދު ބުންޏެވެ.
މުހައްމަދު ބުނީ އެ މަޝްރޫއު ކާމިޔާބުކަމާއެކު ނިންމާލުމަކީ މި ދާއިރާގައި އަމިއްލައަށް ވެސް ކުރިއަށް ދެވިދާނެ ކަމުގެ ޔަގީންކަން ލިބުނު ކަމެއް ކަމަށެވެ. އަދި އެ މަޝްރޫއު ނިމުމާއެކު އިތުރު ފުރުސަތުތައް މުހައްމަދަށް ލިބެން ފެށިއެވެ.
މިސްކިތުގެ މަސައްކަތް ނިންމާލުމަށްފަހު މާލެ އައުމާއެކު ހަމަ އެ ކުންފުނީގެ ފަރާތުން އަޅަން ސަބް ކޮންޓްރެކްޓަށް ހަތް ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ލިބުނެވެ. އަަދި މުހައްމަދުގެ އަމިއްލަ ކުންފުންޏެއް އުފެއްދީ އެ މަސައްކަތް ނިންމާލުމަށްފަހުގައެވެ.
އަމިއްލަ ކުންފުނި، ކްލޭ އެލްއެލްޕީ
ކްލޭ އެލްއެލްޕީގެ ނަމުގައި މުހައްމަދުގެ އަމިއްލަ ކުންފުންޏެއް ރަޖިސްޓްރީ ކުރީ 2016 ވަނަ އަހަރުގައެވެ. ކުންފުނި ރަޖިސްޓްރީ ކުރުމަށްފަހު ވެސް ފުރަތަމަ ކޮޅުގައި ކުރީ ސަބްކޮންޓްރެކްޓް މަސައްކަތްތަކެވެ. ކޮންޓްރެކްޓް އުސޫލުން އަމިއްލައަށް މަސައްކަތް ނަގަން ފެށީ އޭގެ އަހަރެއްހާ ދުވަސް ފަހުންނެވެ.
ކުންފުނީގެ ފުރަތަމަ ބޮޑު މަޝްރޫއު ނެގީ 2018 ވަނަ އަހަރުގައެވެ. އެއީ މާލޭގައި 13 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތެވެ. ގާތްގަނޑަކަށް 37 މިލިއަން ރުފިޔާގެ އެ މަޝްރޫއު ނިމުމަކާ ހަމައަށް ވަނީ އައިސްފައެވެ.
އެ މަސައްކަތާއެކު މާލޭގައި ހަ ބުރީގެ އިތުރު އިމާރާތެއް އެޅުމުގެ މަސައްކަތް ވެސް ކްލޭ އެލްއެލްޕީއިން ދަނީ ކުރަމުންނެވެ.
މިއީ އެ ކުންފުނިން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން އެންމެ އަވަހަށް ނިމޭނެ މަސައްކަތެވެ.
މާލޭގެ އިތުރުން އަތޮޅު ތެރޭގެ މަސައްކަތްތަކެއް ވެސް ކްލޭ އެލްއެލްޕީއިން ދަނީ ކުރަމުންނެވެ.
"އިތުރަށް މިހާރު މި ކުރަމުންދަނީ އަތޮޅު ތެރޭގައި މަސައްކަތްތަކެއް. އޭގެ ތެރޭގައި ހިމެނޭނެ ނ. މަނަދޫ އަތޮޅު ހޮސްޕިޓަލާއި ވާދޫ ސިއްހީ މަރުކަޒު އަދި ދަނގެތި ހެލްތު ސެންޓަރު ބޮޑު ކުރުމުގެ މަސައްކަތް،" މުހައްމަދު ބުންޏެވެ.
ކުރީގެ ވެރިން، މުހައްމަދާ މެދު ދެކޭ ގޮތް
ކުދިކުދި މަސައްކަތްތަކުން ފެށި މުހައްމަދު، މިއަދު އައިސްފައި ހުރި ހިސާބަށް ވާސިލުވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ފަރާތަކީ، ކަނޑިތީމުގައި ހުންނަ މުރީދު ކާޕެންޓްރީގެ އިސްމާއިލް ނަސީރުއެވެ. ނަސީރު ބުނި ގޮތުގައި މުހައްމަދަކީ ހިތްވަރާއެކު މަސައްކަތް ކުރާ މީހެކެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ އޭނާއާ ހަވާލުކުރީ އޭނާގެ އަމިއްލަ ގޭގެ ދޮރުފަތް ޖަހަން. އަލަށް ވީމަ ކުޑަކޮށް ޖެހިލުންވެފައި ހުރީ. އެކަމަކު ފަހުން އޭނާ އަމިއްލައަށް އެކަހަލަ މަސައްކަތް ކުރީ،" ނަސީރު ބުންޏެވެ.
ނަސީރުއާ އެއްކޮށް މަސައްކަތް ކުރި ދުވަސްވަރު މުހައްމަދަށް ދިން ނަސޭހަތަކީ އެއްވެސް މަސައްކަތަކަށް ނޫނެކޭ ނުބުނުމަށެވެ. މިއަދު މުހައްމަދު ހުރި ހިސާބަށް ވާސިލު ވެވުނީ ވެސް އެ ސަބަބާ ހުރެ ކަމަށް ނަސީރު ބުނެއެވެ.
"އަޅުގަނޑާ އެކުގައި މަސައްކަތް ކުރި އިރު ބުނިން އެއްވެސް މަސައްކަތަކަށް ނޫނެކޭ ނުބުނައްޗޭ. އެކަމުގައި އޭނާ އަދިވެސް ހިފަހައްޓަމުން އެ ދަނީ. ވަކި މަސައްކަތެއް ނޯންނާނެ އޭނައަށް ނުކުރެވޭ. އާންމުކޮށް ދިވެހިން މި ކުރާ ގެދޮރު އިމާރާތް ކުރުމުގެ ހުރިހާ މަސައްކަތެއް ކުރެވޭނެ އޭނައަށް،" ނަސީރު ބުންޏެވެ.
މުހައްމަދުގެ މެސެޖު
އިމާރާތް ކުރުމުގެ ދާއިރާއަށް ނުކުންނަށް ބޭނުންވާ ފަރާތްތަކަށް މުހައްމަދަކީ ލާމަސީލު މިސާލެކެވެ. އޭނާ މި ދާއިރާގައި ކުރިއަށް ދިޔައީ އަމިއްލަ މަސައްކަތުން ލިބުނު ތަޖުރިބާގައެވެ. މި ދާއިރާއަށް ނުކުންނަށް ޝައުގުވެރިވާ ފަރާތްތަކަށް މުހައްމަދު ދިން ނަސޭހަތަކީ މި ދާއިރާއިން ކުރިއަށްދާނަމަ މިކަމާ ގުޅޭ ހުރިހާ މަސައްކަތެއް ދަސް ކުރުމަށެވެ.
މި ދާއިރާގައި ކުރިއަށް ދެވޭނެ ބައިވަރު މަގުތައް ހުރި ނަމަވެސް، އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަން މުހައްމަދުގެ ވާހަކައިން ދޭހަވެއެވެ. މުހައްމަދަކީ ވެސް މި ދާއިރާގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތެއް ދަސްކޮށް، ތަޖުރިބާ ކޮށްފައި ހުރި މީހަކަށް ވާއިރު، އޭނާގެ ކްލޭ އެލްއެލްޕީ ކުންފުންނަކީ ވެސް އިމާރާތް ކުރުމުގެ ދާއިރާގެ ހުރިހާ ހިދުމަތެއް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭ ކުންފުންޏެކެވެ.
"ތިމަންނަ ކުރާނީ މިވެނި މަސައްކަތެކޭ ކިޔާފަ، އެ މަސައްކަތަށް ހާއްސަ ވެގެން ހުއްޓާ ކުއްލިއަކަށް އެ ދުވަސްކޮޅެއްގައި އެ މަސައްކަތް ނުލިބުނީ. ދެން ނޯންނާނެ ނޫންތޯ އިތުރު ގޮތެއް. އެކަމަކު ހުރިހާ މަސައްކަތެއް ދަސްކުރީމަ، އެއް މަސައްކަތް ނެތިއްޔާ އަނެއް މަސައްކަތް ވެސް އޮންނާނެ،" މުހައްމަދު ބުންޏެވެ.
މި ދާއިރާއިން ކުރިއަށްދާން ވިސްނާ ފަރާތްތަކަށް މުހައްމަދު ދޭ ޔަގީންކަމަކީ، ކުރިއަށްދާން މިއަށްވުރެ ވަކި ރަނގަޅު ދާއިރާއެއް ނޯންނާނެ ކަމުގެ ޔަގީންކަމެވެ.
"މިއީ ދުނިޔެ އޮތްހާ ދުވަހަކު ނިމޭނެ ދާއިރާއެއް ނޫން. ދުނިޔޭގައި އިންސާނުން އުޅޭހާ ދުވަހަކު ހުސްވާނެ މަސައްކަތެއް ނޫން. މަސައްކަތް މަދުވުން، ގިނަވުން މިކަހަލަ ކަމެއް ކުރިމަތިވެދާނެ. މަސައްކަތް ތަފާތު ވެދާނެ. އެކަމަކު ހުއްޓުމެއް ނާންނާނެ،" މުހައްމަދު ބުންޏެވެ.