އޭޝިއާގައި ވަޒީފާ އަދާކުރަން އެންމެ ރަނގަޅު ކުންފުނީގެ އެވޯޑު 4 ވަނަ ފަހަރަށް ބީއެމްއެލްއަށް

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިން އިންސްޓިޓިއުޓުން ދޭ ޝަރަފުވެރި އެވޯޑް "އޭޝިއާސް ބެސްޓް އެމްޕްލޯޔާ ބްރޭންޑް އެވޯޑް" ހަތަރު ވަނަ ފަހަރަށް ބީއެމްއެލްއަށް ލިބިއްޖެއެވެ.

މިއަދު އޮންލައިންކޮށް ބޭއްވި އެވޯޑު ރަސްމިއްޔާތުގައި ބީއެމްއެލްގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ އެ ބޭންކުގެ ހެޑް އޮފް ޓެލެންޓް އެންޑް ޓޯޓަލް ރިވޯޑްސް، މުހައްމަދު މާއިޒް އަދި ހެޑް އޮފް ބްރާންޗަސް އެންޑް ސާވިސް ސެންޓާސް، ހުސައިން ރަޝީދުގެ އިތުރުން ހެޑް އޮފް ކަސްޓަމާ ޕޭމަންޓްސް އެންޑް ސެޓްލްމަންޓް ހުޒާތު އަލީއެެވެ.

ބީއެމްއެލްއަށް އެ އެވޯޑު ލިބުނީ އެ ބޭންކުން ކަނޑައަޅާފައިވާ ސިޔާސަތުތަކާއި ވަޒީފާ ދިނުމާއި މުވައްޒަފުން ތަމްރީނު ކުރުމާއި ހުނަރުވެރި މުވައްޒަފުން ވަޒީފާގައި ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށް އެ ބޭންކުން ބުނެއެވެ.

މީގެ އިތުރުން މުޅި ދުނިޔެއަށްވެސް ދިމާވި އެންމެ ދަތި އުނދަގޫ އެއް ހާލަތު ކަމަށްވާ ކޮވިޑް-19 ޕެންޑެމިކްގެ ހާލަތުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ބޭންކުން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފައެވެ.

ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އެެވޯޑަކީ މުވައްޒަފުންނާ ގުޅޭ ކަންކަމުގައި މުވައްސަސާތަކުން އަމަލުކުރަމުންދާ އެންމެ ރަނގަޅު ސިޔާސަތުތަކަށް ރިއާޔަތްކޮށް، އެކިއެކި ދާއިރާތަކަށް ބަހާލައިގެން އަހަރަކު އެއްފަހަރު ދޭ އެވޯޑެކެވެ.

އެ އެވޯޑްގެ ޖަޖިން ޕެނަލްގައި ހިއުމަން ރިސޯސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފަރާތްތަކެއް ހިމެނޭއިރު، ކުންފުނިތަކަށް އެވޯޑް ދެނީ އެޗްއާރުގެ ދާއިރާއިން ހޯދާފައިވާ ކާމިޔާބަށް ބެލުމަށްފަހުގައެވެ.

އެ އެވޯޑު ލިބުމާ ގުޅިގެން ބީއެމްއެލްގެ ޕީޕަލް އެންޑް ޗޭންޖް ޑައިރެކްޓާ ސަހާ ވަހީދު ވިދާޅުވީ ހަތަރު ވަނަ ފަހަރަށް އެ އެވޯޑް ލިމުބަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ހިއުމަން ރިސޯސް ސްޓްރެޓަޖީގެ ދަށުން އެންމެ މުހިންމު އިސްކަމެއް ދެނީ ބޭންކަކީ މުވައްޒަފުން މަސައްކަތް ކުރަން ޝައުގުވެރިވާ ކުންފުންޏަކަށް ހެދުމާއެކު މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުމާއި އަމިއްލަ ކުރިއެރުމުގެ ފުރުސަތު ފަހިކޮށްދިނުން. މި އެވޯޑް ބޭންކަށް މިފަހަރުވެސް ހޯދައިދިނުމަށްޓަކައި ޓީމުން ކޮށްފައިވާ ބުރަ މަސައްކަތް ފާހަގަކޮށް މި ފުރުސަތުގައި ޝުކުރު އަދާކުރަން." ސަހާ ވިދާޅުވިއެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނައިން ވަޒީފާ ދެމުންގެންދާ އެއް ކުންފުންޏެވެ. އެގޮތުން ބޭންކުގެ 99 ޕަސެންޓު މުވައްޒަފުންނަކީ ދިވެހިންނެވެ.

ބީއެމްއެލްއިން ބުނީ އެ ބޭންކުން މުވައްޒަފުންނާ ގުޅޭ ސިޔާސަތުތައް އެކުލަވާލަނީ އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ކަމަށެވެ. ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ދިނުމާއި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް މިހާރު ވެސް ދަނީ ގެންނަމުންނެވެ.

ހަމައެއާއެކު ބޭންކުގައި އެންމެ ރަނގަޅަށް ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ ޝަރަފުގައި އަދި އެ ފަރާތްތަކުގެ އިހުލާސްތެރި ހިދުމަތްތައް ފާހަގަކުރުމަށް އެ ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސާވިސް އެވޯޑް ފަދަ އެކި ހަރަކާތްތައް ބާއްވަމުންނެވެ.

comment ކޮމެންޓް