އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ހައިކޯޓުން އަމުރެއް ނުދިން

އަލީ ވަހީދު: އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ހައިކޯޓުން ނެރެ ނުދިން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއްގައި ދައުވާ އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރު ނެރެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފިއެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައިވަނީ، ރާއްޖެއިން ފުރައިގެން ގޮސްފައިވާ މީހެއްގެ ޕާސްޕޯޓް ހިފަހައްޓަން ގާނޫނީ އިހްތިޔާރު ފަނޑިޔާރުންނަށް ލިބިފައިނުވާ ކަމަށެވެ.

ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ހިފެހެއްޓުމުގެ އަމުރަކަށް އެދެވޭނީ އެކަން ރައްދުވާ މީހާ ރާއްޖޭގެ އިހްތިސޯސް ހިނގާ ސަރަހައްދުގައި ހުއްޓައި ކަމަށް އެ ހުކުމްގައިވެއެވެ.

ހައި ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައި ނުވާއިރު، އޭނާ މިވަގުތު ހުރީ އިނގިރޭސިވިލާތުގެއެވެ. އެ ގައުމުގައި ހުއްޓައި ވިސާގެ މުއްދަތު ހަވަމުން އޭނާ ހައްޔަރުވެސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ދޫކޮށްލައިފައެވެ.

އަލީ ވަހީދުގެ މައްސަލާގައި އެންމެ ފުރަތަމަ، ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން އޭނާގެ ޕާސްޕޯޓް ހިފެހެއްޓި ނަމަވެސް، ކުރިމިނަލް ކޯޓުން އެ އަމުރު ފަހުން ބާތިލުކުރީ އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުންނެވެ.

އެއަށްފަހު އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދުނީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ މަގްސަދެއް އޮތްކަމަށް ކޯޓަށް ނުފެންނާތީ އެ އަމަރު ނެރެދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިދިޔަ ޖުލައި މަހުގެ ހަތަރެއްގައި ނިންމެވިއެވެ.

އަލީ ވަހީދު ރާއްޖެއިން ފުރީ އޭނާގެ ޕާސްޕޯޓް ކޯޓުން ދޫކޮށްލުމުގެ ކުރީގައި ކަމަށް ޕީޖީ އޮފީހުން މީގެ ކުރިން ބުނެފައިވާއިރު އޭނާ ފުރާފައިވަނީ އޭނާގެ ގާތް އެކުވެރިޔާ އަދި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އޭނާއަށް ޖާމިނުކޮށްފައެވެ.

comment ކޮމެންޓް