ވިލިނގިލި ބުރިޖުގެ އަމަލީ މަސައްކަތް އަވަހަށް ފެށުމަކީ އެންމެ ބޮޑު އުއްމީދު: ސައުދު

ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން: -- ސަން ފޮޓޯ / އަހުމަދު އަވްޝަން އިލްޔާސް

ގއ. ވިލިނގިއްޔާއި އެއަތޮޅު ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް އަވަހަށް ފެށުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ކޫއްޑޫ، ވިލިނގިލި ކަނޑުއޮޅީގައި ބްރިޖު އެޅުމަކުން އެތަނުގައި ދިރިއުޅޭ އެއްވެސް ބާވަތެއްގެ ދިރޭ ނަސްލަކަށް ގެއްލުމެއް ވެދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ.

ސައުދު މި މޭރުމުން ވިދާޅުވީ އެ ބްރިޖު އަޅާ ސަރަހައްދަކީ މިޔަރު އާލާވާ ތަނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމުން އެ ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

މާލެ، ވިލިމާލެ، ގުޅިފަޅު، ތިލަފުށި ގުޅާލާ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ސަރުކާރުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ނަމަވެސް ތަފާތު އެކިއެކި ސަބަބުތަކާ ހެދި، ވިލިނގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ އަމަލީ މަސައްކަތް، މިހާތަނަށް ވެސް ފެށިފައެއް ނުވެއެވެ. ބުރިޖުގެ އަމަލީ މަސައްކަތް ލަސްވާތީ އެ މަސައްކަތް އަވަސް ކުރުމަށް ގޮވާލާ، އެ ރަށު ރައްޔިތުން އަންނަނީ ހިތްހަމަނުޖެހުން ފައުޅުކޮށް އަޑު އުފުލަމުންނެެވެ.

ގްރިޖް މަސައްކަތް އަވަސް ކުރެވޭތޯ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވެސް މަސައްކަތް ކުރައްވައެވެ.

"ސަން'އަށް މައުލޫމާތު ދެއްވަމުން ސައުދު ވިދާޅުވީ ވިލިނގިއްޔާއި ކޫއްޑޫ ގުޅާލަދޭ ބުރިޖުގެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ފެށޭތޯ، ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސައުދު ވިދާޅުވީ ވަކި ޓައިމްލައިނެއްގެ ދަށުން އެ މަސައްކަތްކުރާނެ ގޮތް މިހާރު ރާވަމުން އަންނަކަމުގެ މައުލޫމާތު އޭނާއަށް ލިބިފައިވާ ކަމަށެވެ.

މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ތެރޭގައި އެމްޑީޕީ ކެނޑިޑޭޓަށް ތާއީދު ހޯއްދެވުމުގެ ގޮތުން ވިލިނގިއްޔަށް ވަޑައިގެން، އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ، ރައީސް ސޯލިހް ވިދާޅުވެފައިވަނީ ކޫއްޑޫއާއި ވިލިނގިއްޔާއި ދޭތެރޭގައި މިޔަރު ޒާތުގެ އެއްޗެއް އާލާވާ ތަނެއް އޮންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

comment ކޮމެންޓް