ހަލުވި ފެރީ ނެޓްވޯކުގެ ފުރަތަމަ އުޅަނދު ޓެސްޓުކޮށްފި

އެމްޓީސީސީގެ ފެރީއެއް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅައިލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު މަޝްރޫއުގެ ފުރަތަމަ އުޅަނދު ޓެސްޓުކޮށްފިއެވެ.

އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތަށް، "ނޭޝަނަލް ސްޕޭޝަލް ޕްލޭން 2020-2040" ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅާލުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ.

ފެރީ ހިދުމަތުގެ ފުރަތަމަ ފިިޔަވަހީގެ ދަށުން ގުޅުވާލާނީ ހއ، ހދ އަދި ށ. އަތޮޅެވެ.

ހަލުވީ ފެރީގެ ފުރަތަމަ އުޅަނދު ބޭލީ މިދިޔަ މަހުގެ ފަހުކޮޅުއެވެ. އެއާއެކު އެމްޓީސީސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ފެރީގެ ނިޒާމަށް އިންގިލާބެއް ގެނެވޭނެ ކަމަށެވެ.

މި ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ ދިގުމިނުގައި 47 ފޫޓު ހުންނަ، 40-50 މީހުންގެ ޖާގައިގެ ލޯންޗުތަކެވެ. އާޒިމް މީގެ ކުރިން ވިދާޅުވީ އާންމުކޮށް 14 ލޯންޗު ބޭނުންކުރާނެ ކަމަށާއި ބެކަޕްގައި ތިން ލޯންޗު އޮންނާނެ ކަމަށެވެ.

އެމްޓީސީސީއިން ބުނީ އެ ކުންފުނީގެ މަގުސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއް ގޮތުގައި ދެމިތިބުން ކަމަށެވެ.

comment ކޮމެންޓް