ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ މެންބަރުކަމުގެ މަގާމަށް، ގދ. ތިނަދޫ، އަސޭގެ އަލްއުސްތާޒާ ސަމާއު އަހުމަދު ނަޖީބު އައްޔަން ކޮށްފިއެވެ.
ސަމާއު އެ މަގާމަށް އައްޔަންކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި އެޗްއާރްސީއެމް މެންބަރުކަމުގެ މަގާމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމާއުއާ ހަވާލުކުރައްވާފައެވެ.
ސަމާއުއަށް މަގާމުގެ ހުވައި ލައި ދެއްވީ ރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދެވެ.
ސަމާއު ވަނީ މީގެ ކުރިން އެޓާނީ ޖެނެރަލްގެ އޮފީހުގައި 2015 ވަނަ އަހަރުން ފެށިގެން ސްޓޭޓް އެޓާނީ ކަމާއި ސީނިއާ ސްޓޭޓް އެޓާނީގެ މަގާމު ފުރުއްވާފައެވެ. އަދި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި އެޓޭޗެއްގެ މަގާމު ވެސް 2010 ވަނަ އަހަރާއި 2011 ވަނަ އަހަރާއި ދެމެދު ފުރުއްވާފައިވެއެވެ.
އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް މެލްބަން އިން މާސްޓާ އޮފް ހިއުމަން ރައިޓްސް ލޯ ހާސިލުކުރައްވާފައިވާ ސަމާއު ވަނީ އިންސާނީ ހައްގުތަކާ ބެހޭ އެތަކެއް ވޯކްޝޮޕްތަކާއި ސެމިނާތަކުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން އޭނާއަކީ އ.ދ.ގެ ޔޫ.އެން.ސީ.އޭ.ސީއަށް ރާއްޖެއިން ކަނޑައަޅާފައިވާ މާހިރުންގެ ޓީމުގެ ޥެސް މެންބަރެކެވެ.