ޓީޗަރަކަށް ވެވުނީ ރައްޓެއްސެއްގެ ސަބަބުން، ދަރިވަރުން ބިނާ ކުރުމުގައި 28 އަހަރު!

އިމާދުއްދީން ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް "ސަން"އަށް އިންޓަވިއު ދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ކިޔަވައިދިނުމުގެ ދާއިރާއަށް އާދަމް ޝަރީފް (ޝަރީފް ސަރ) ޝައުގުވެރިކަން އުފެދުނީ އެންމެގާތް ރަހުމަތްތެރިޔާގެ ސަބަބުންނެވެ. އޭނާ ދިން ހިތްވަރު ވީ މި ދާއިރާއަށް ނުކުތުމަށް އެޅުނު ފުރަތަމަ ފިޔަވަޅެށެވެ. އެ ފިޔަވަޅާއެކު ތައުލީމީ ދާއިރާއަށް ޝައުގުވެރިކަން އުފެދުނީ 1992 ވަނަ އަހަރުގެ ތެރޭގައެވެ.

މިއަދާ ހަމައަށް ވެސް ދެގޮތެއް ނުވެ ސާބިތު ކަމާއެކު އެދާއިރާގައި އަދިވެސް ހުރި ޝަރީފް ސަރ އަކީ ދ. މީދޫގެ ރައްޔިތެކެވެ. އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުން ދާއިރު އޭނާގެ ހަޔާތުގެ ބޮޑު ބައެއް ހޭދަ ކުރީ އުނގަންނައިދިނުމުގައެވެ. އުނގަންނައިދިނުމުގެ 28ވަނަ އަހަރު ގުނަމުންދާ ޝަރީފު ސަރ އަކީ ވަސްމީރު މާތަކެއްގެ ގޮތުގައި ދަރިވަރުން ބިނާކުރަމުން އަންނަ މުދައްރިސެކެވެ.

"އެންމެ ކުޑައިރުވެސް ވަރަށް ބޭނުންވޭ އެނގިފަ ހުރި އެއްޗެއް އެހެން ބަޔަކަށް ފޯރުކޮށްދޭން. އަބަދުވެސް ވަރަށް ބޭނުންވާ ކަމެއް އެއީ. އެހެންވީމަ ކަންނޭގެ ޓީޗިން ދާއިރާއަށް ވަދެވުނީ،" ޝަރީފް ސަރ ބުންޏެވެ.

ޝަރީފް ސަރ އެންމެ ފުރަތަމަ މިދާއިރާއަށް ވަނުމަށް ފޯމެއް ހިފައިގެން ވެސް އައީ އެކުގައި ކިޔަވަން އުޅުނުއިރު އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. އެ ފޯމާއެކު ދާއިރާއަށް ވަދެވި، މިއަދާ ހަމައަށް ސާބިތުކަމާއެކު ހުރުމުގެ އެންމެ ބޮޑު އެއް މޭސްތެރިއަކީ ވެސް އެ ރަހުމަތްތެރިޔާއެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް ކްލާސްރޫމްގައި ކިޔަވައިދެނީ --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ކޮންމެ ބަގީޗާއެއްގައިވެސް މާތައް ފޮޅި އެ މިލާ މޯޅިވާނެއެވެ. ހަމަ އެގޮތުން މާއަޅާ ގަސްގަހާއި މާ ނާޅާ ގަސްގަސް ވެސް ހުންނާނެއެވެ. އެގޮތުން މާ އަޅާ ބަރާވެފައި އޮންނަ ގަހެއް ފެނުމުން އެ ބަގީޗާއެއްގެ ވެރިއަކު އުފާވާ ފަދައިން އެ ގަސްތަކަށް ފެންދީ އާރޯކަން ގެނެސްދޭން ތިބޭ ބަޔަކުވެސް އުފާވާނެއެވެ. ހިކި އަނަރޫފަ ވެފައިވާ ގަހެއް މިލާ މޯޅިވާތަން ބަލަން ނުހަނު ދެރަވާނެއެވެ. ހިތަށް އެތަކެއް އަސަރުތަކެއް ކުރާނެއެވެ.

ޝަރީފު ސަރ ރޯޝަން ކުރަމުން އަންނަ ބަގީޗާގައި ވެސް މިފަދަ ދުވަސްތައް ތަޖުރިބާ ކުރަން ޖެހިފައި އެބަހުއްޓެވެ. އެގޮތުން ޝަރީފް ސަރގެ ތަޖުރިބާއެއްގެ ގޮތުގައި ހިކި އަނަރޫފަ ވެފައި ގަހެއް އަލުން އެގަހަށް ކުލަ އައިސް ވަރުގަދައަށް ހެދެން ފެށުމަކީ ގައިމު ވެސް ޝަރީފު ސަރ އަށް ކުރެވުނު ހަނދާނުން ފުހެލަން ދަތި ތަޖުރިބާއަކަށް ވާނެއެވެ.

އަނދިރިކަމެއްގެ ތެރެއަށް ގެނބެމުން ދިޔަ ކުއްޖަކު އަލިކަމުގެ މަގަށް އެނބުރި އައީ ޝަރީފު ސަރގެ ނަސޭހަތްތަކުންނެވެ. އޭނާގެ ފަރާތުން އެދުރުވި ދަރިވަރަކަށް މިފަދަ ބޮޑު ކަމެއް ހާސިލްވުމުން ޝަރީފް ސަރއަށް ކުރެވޭ އިހުސާސްތައް ތަފާތެވެ. އުފަލުން ގޮސް ލޮލުން ކަރުނަ ނިރާލުން އެކަމުގެ ހެއްކަކަށް ފުދެއެވެ. މުޖުތަމައުއަށް ރަނގަޅު ބަތަލެއް ނެރެވިއްޖެ ކަމުގެ އިހުސާސް ފޮންޏެވެ.

ތައުލީމީ ދާއިރާއަށް 1992 ވަނަ އަހަރު ޝައުގުވެރިކަން އުފެދުނު ނަމަވެސް އެންމެ ފުރަތަމަ އެކަމުގެ އަމަލީ މަސައްކަތް ފެށުނީ 1994 ވަނަ އަހަރުއެވެ. 28 އަހަރު މެދު ނުކެނޑި މި ދާއިރާއަށް ހިދުމަތް ކުރުމުގައި ދެމި ހުރިއިރު ދާއިރާގެ އެންމެ މަތީ ފަންތިއަކަށް ދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނެވެ.

މިއަދު މާސްޓާސް ފެންވަރުގެ ސަނަދެއް ޝަރީފު ސަރ އަތުގައި އެބަ އޮތެވެ. އެންމެ ފުރަތަމަ އެޑްވާންސް ސަނަދެއްގައި ދިހަވަރަކަށް އަހަރު ދ. އަތޮޅު މަދަރުސާގައި ކިޔަވައިދިނެވެ. އެއަށްފަހު 2004ގައި ގުޅުނީ އިމާދުއްދީން ސްކޫލާއެވެ. ދިވެހި ޑިޕްލޮމާ ހެދުމަށްފަހު އެޑްވާންސް ޑިޕްލޮމާ ނިންމިއެވެ. ހަމައެއާ ވިދިގެން ޑިގްރީ ހާސިލް ކުރިއެވެ. އަދި އެހިސާބުން ނިންމާނުލާ މާސްޓާސް ފެންވަރަށް ވެސް ތައުލީމު ހާސިލް ކުރިއެވެ.

"ޓީޗިން ދާއިރާގައި މި ހުރިހާ ލެވެލް އެއްވެސް ކަޑައްތު ކުރެވިއްޖެ. މިހުރިހާ ކިޔެވުމެއް ކިޔެވީވެސް ސްކޫލުން ޗުއްޓީއެއް ނަގައިގެން ނޫން. ހަމަ ބަރާބަރަށް ސްކޫލަށްވެސް ހާޒިރުވަމުން. ހަވާލު ކުރެވުނު ހުރިހާ މަސައްކަތެއްވެސް ކުރަމުން،" ޝަރީފް ވިދާޅުވިއެވެ.

އިމާދުއްދީން ސްކޫލްގެ ޓީޗަރު އާދަމް ޝަރީފް --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ

ޝަރީފު ސަރ ދެކޭ ގޮތުގައި މިއީ އޭނާއަށް ލިބުނު ވަރަށްވެސް ބޮޑު ކުރިއެރުމެކެވެ. އެއްވެސް ކަމަކަށް ބުރޫ ނާރާނެހެން ވަރަށް ފުރިހަމަކޮށް ހުރިހާ ކަމެއްވެސް ހަމަޖެއްސިއެވެ. އޭނާއަކީ ކިޔަވަމުން އެހެން ކަމެއް ނުކުރެވޭނެއޭ ބުނާ މީހުންނަށް ހުރި ނަމޫނާއެކެވެ. ކެއްސަމުން ލޯގަނޑު ވެސް އުކާލީއެވެ.

ޝަރީފު ސަރއާއެކު ދ. އަތޮޅު މަދަރުސާގައި މަސައްކަތް ކުރި އަދި މިހާރު ވެސް އެ ސްކޫލުގެ ސިނިއަރ ޓިޗަރެއްކަމުގައިވާ ޢާއިޝަތު ލަތީފާ ވިދާޅުވީ ޝަރީފަކީ ވަރަށް ޒިންމާދާރުކަމާއެކު މަސައްކަތް ކުރައްވި މުދައްރިސެއްކަމަށެވެ.

"ވަރަށް މައުލޫމާތު މުއްސަނދިވާނެ. ކުދިންގެ ސިކުނޑި ހޭލާދަފަ މައުލޫމާތު ދެއްވާ،"

ލަތީފާ ސިފަކުރައްވާ ގޮތުގައި ޝަރީފް ސަރއަކީ މަސައްކަތަށް ފަރުވާ ބަހައްޓައިގެން ކުދިންނާއެކު މަސައްކަތްކުރާ މުދައްރިސެއްގެ ގޮތުގައެވެ. އަދި އެކުގައި މަސައްކަތްކުރެއްވި އިރު ބެލެނިވެރިންގެ ފަރާތުންވެސް ޝަރީފު ސަރގެ ނެގެޓިވް ކޮމެންޓެއް ނުލިބޭކަމަށް އޭނާ ފާހަގަ ކުރިއެވެ.

މިހާތަނަށް އައިރު ޝަރީފު ސަރގެ ބަގީޗާގައި ގިނަ މާއަޅާ ގަސްތަކެއް އިންދިއްޖެއެވެ. ވަސްމީރު އެތަކެއް ކުލައެއްގެ މާތަކެއް މުޖުތަމައުއަށް ނެރެވިއްޖެއެވެ. އެ މާތައް ޝަރީފު ސަރ ދެކެ ހިތްހަމަ ނުޖެހިފައެއް ނުހުރެއެވެ. ފޮޅެމުން ގުލްޒާރުވަމުން އަންނަނީ ނުހަނު އުފަލާ ހިތްހަމަޖެހުމުގައެވެ. އެ މާމެލާމެލީގެ ވެރިންވެސް ނުރުހުން ފާޅެއް ނުކުރެއެވެ. ހުރިހާ ބެލެނިވެރިންގެވެސް ހިތްސާފެވެ.

ކޮންމެ ވެރިއެއްވެސް އެ ވެރިއެއްގެ ގަހެއްގެ ބެލެހެއްޓުންތެރިއަކަށް ޝަރީފު ސަރ ވުމަށް އެދެއެވެ.

މާބަގީޗާތަކަށް ބޭނުންވާ ފެން ދީ އާރޯ ކުރުމަށްޓަކައި ގިނަގުނަ ކަންކަމާ ކުރިމަތިލާފައި ހުންނާނެއެވެ. ޓެކްނޮލޮޖީގެ މޮޅެތި އީޖާދުތަކާ ނުލާ ކިޔަވައިދިނުމުގެ މަރުހަލާތައްވެސް އެއްވެސް ފޫހިކަމެއްނެތި ކަޑައްތު ކޮށްފައިވާ ޝަރީފު ސަރ ވަރަށްވެސް ތަފާތު ތަޖުރިބާއެއް ހިއްސާ ކުރިއެވެ. ޕްރިންޓަރު ނެތް ޒަމާނެއްގައި ކަންތައް ކުރަމުން އައި ގޮތް ކިޔައިދިނެވެ.

"އޭރުގަ ޕްރިންޓް ކުރަން ޖެހޭ ހުރިހާ އެއްޗެއް 'ސްޓެންސިލް'ގަ ލިޔެގެން އޭތި އަތުން އަނބުރާ މެޝިނަކުން އަނބުރައިގެން ޕްރިންޓް ކޮށްގެން ކިޔަވައި ދޭނީ. ބައެއް ފަހަރު ހުންނާނެ އެއްކަލަ ސްކޫލުން ސްޓެންސިލް ހުސްވެގެން ކައިރި ރަށްރަށުން ސްޓެންސިލް ލިބެންދެކަށް ޕްރިންޓް ނުކޮށް މަޑުކޮށްގެން،"

މި ދާއިރާގައި ކުރިއަށް ދިއުމަށްޓަކައި ޝަރީފު ސަރއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރު ކޮށްދީފައިވަނީ އޭނާގެ އާއިލާގެ ފަރާތުންނެވެ. މިދާއިރާގައި މިއަދާ ހަމައަށް ވެސް އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރެވިފައިމިވަނީ އާއިލާއިން ލިބުނު އެހީތެރިކަމާ އެއްބާރުލުމުގެ ސަބަބުންކަން ފާހަގަކުރިއެވެ.

މި ދާއިރާގައި ކިޔަވައިގެންތިބި މޮޅެތި މީހުން ދުވަހެއް ދުވަހަކަށް ދަނީ މަދުވަމުންނެވެ. ދާއިރާގަ އުޅޭ ގިނަ މުދައްރިސުން އެހެން ދިމަދިމާއަށް ދަނީ ކުރަންޖެހޭ މަސައްކަތާ ހޭދަކުރަންޖެހޭ ވަގުތާ އަޅާބަލާއިރު އެކަށީގެންވާ އުޖޫރައެއް މިދާއިރާގައި ނުލިބޭތިކަން ޝަރީފު ސަރ ފާހަގަ ކުރިއެވު. މިފަދަ ފަރާތްތަކަށް ޝަރީފް ސަރ ދޭން ބޭނުންވާ މެސެޖު ކުރުވެފައި ފޮންޏެވެ. އެހާމެ މާނަވެސް ފުނެވެ.

"މަސައްކަތަށް އޮތް ލޯތްބެއްގެ ސަބަބުން މަސައްކަތް ކުރާށޭ،"

ތައުލީމީ ދާއިރާގައި ކާމިޔާބުކަމާއެކު އެތަކެއް މާބަގީޗާތަކެއް އިންދުމަށްފަހު މިއަދު އެ ދާއިރާ ދޫކޮށް ޝަރީފް ސަރ ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ތައުލީމީ ދާއިރާއަށް މިހާ ގިނަ ދުވަހު ހިދުމަތްކޮށް ގިނަ ދަރިވަރުންތަކެއް ތަރުބިއްޔަތު ކުރި ފަރާތެއް ގެއްލިގެން ދިއުމަކީ ވަރަށް ބޮޑު ހިތާމައަކަށް ވާނެކަން ކަށަވަރެވެ.

comment ކޮމެންޓް