ހިޔާ ޓަވަރުގެ ފްލެޓްތަކެއްގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔަ މައްސަލައެއް ފެންމަތިވެއްޖެ

ހިޔާ ފްލެޓެއްގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި --

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓް ޓަވަރުތަކުގެ ބައެއް ފްލެޓްތަކުގައި ހުރި ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔުމުގެ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.

ހިޔާ ޔޫނިއަންގެ ހެޑް ފައުންޑަރު، އަބްދުﷲ އަމްޒަލް "ސަން" އަށް ވިދާޅުވީ އެފަދަ މައްސަލަތަކެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ ޔޫނިއަނަށް ވެސް ލިބިފައިވާކަމަށެވެ. އަދި އެކަމުގައި ބަލަންޖެހޭ އިތުރު ކަންކަން ބެލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް މިފަދަ މައްސަލައެއް ފަސް ފްލެޓެއްްގައި ދިމާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވެސް ވިދާޅުވިއެވެ.

"އިންވެސްޓިގޭޓްކުރަމުން އަންނަނީ އެޗްޑީސީން. މިހާތަނަށް ގަބޫލުކުރެވޭ ގޮތުގައި އެފަދަ މައްސަލައެއްް ދިމާވީ އެއީ ބިއްލޫރީގެ ކޮލިޓީ ދަށްވުމުގެ ސަބަބުން. އެހެންނަމަވެސް އެއީ ޔަގީނެއް ނޫން،" އަމްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިއްލޫރިތައް އަވީގެ ހޫނުގެ ސަބަބުން ތަޅައިގެން ދިޔުމަކީ ވެސް ވެދާނެކަމެއްކަމަށެވެ. ނަމަވެސް އެކަން ވެސް ޔަގީންކުރެވޭނީ އެޗްޑީސީން އެކަން ބެލުމުންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގެ ތެރޭ ބޯކޮށް ވާރޭ ވެހުމާ ގުޅިގެން ފްލެޓަށް ފެން ވަނުމުގެ މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފައެވެ. ހަމައެއާއެކު ފްލެޓްތަކުގައި ހުންނަ ޑްރެއިން ހޮޅިތައް ބެދުމުގެ މައްސަލަ ވެސް ދިމާވަމުން އަންނަކަމަށް ހިޔާ ޔޫނިއަނުން ބުންޏެވެ.

"ކޮންސްޓަރްކްޝަން މަސައްކަތްކުރާތީ ޑްރެއިން ހޮޅިތައް ބެދުމުގެ މަައްސަލަ ވެސް މިހާރު ވަރަށް ބޮޑަށް ދިމާވޭ. ސިމެންތި އެއްޗެހި ދޮވެލާއިރު ޑްރެއިންއަށް އެޅެނީ،" އަމްޒަލް ވިދާޅުވިއެވެ.

އަދި އެ މައްސަލަ ހައްލުކުރުމަށް ވެސް ދަތިތަކެއް ހުރިކަމަށް ވެސް ވިދާޅުވިއެވެ. ހިޔާ ފްލެޓު ލިބުނު މީހުން ފެލެޓަށް ބަދަލުވަމުން އަންނަ އިރު ފްލެޓުގައި ކުރަންޖެހޭ އިތުރު މަސައްކަތްތައް ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް