ތިޔަ ލޯބި އެދިގެން....- 10

"ދަރިފުޅާ... ބައްޕައަށް ކަމެއް ކޮށްދެންޏާ ދަރިފުޅު ޝިޒާންއާ ކައިވެނިކުރޭ... ބައްޕަ... ބައްޕަ ދުނިޔޭގައި... އޮއްވާ... ދަރިފުޅުގެ ކައިވެނި ކުރެވުމަކީ ބައްޕަ ދެކެން ބޭނުންވާ ދުވަހެއް..." ހަނީފްގެ ޖުމްލައާއެކު، މިންހާގެ ފައިދަށުން ބިންގަނޑު ހީވީ ދެމިގެން ދިޔަހެންނެވެ.މިންހާއަށް ހަނީފްއަށް ބަލައިލެވުނީވެސް ކަރުނަވީ ދެލޮލުންނެވެ.

އޭނާއަށް އަތްވެސް ދަމައިގަންނަން ނޭނގިފައި އިނދެވުނީ ހުއްޓުން އަރާފައެވެ. ހަނީފް މިންހާގެ އަތަށް ކުޑަކޮށް ބާރުކޮށްލިއެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ މިންހާގެ ޖަވާބެކެވެ.

"ބައްޕާ... އަނެއްކާވެސް މިންހާއަށް ހަނީފްއަށް ގޮވައިލެވުނެވެ. ބައްޕަގެ ދެލޮލުން އޭނާއަށް ފެނުނީ އުންމީދުގެ ކުލަވަރެވެ. އެ ދެލޯ އޭނާއަށް އެތަކެއް ވާހަކަތަކެއް ބުނެދޭން މަސައްކަތްކުރާ ފަދައެވެ. މިންހާއަށް ޝިޒާންގެ ދެލޮލަށް ބަލައިލެވުނެވެ. އޭރު ޝިޒާންވެސް އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ޝިޒާން އެކައިވެންޏާ ދެކޮޅު ހަދާނެނަމަ ކިހާ ރަނގަޅުހެއްޔެވެ؟ ނުވެސް ދަންނަ ޒުވާނަކާ ބައްޕަ އޭނާގެ ކައިވެނި ކުރުވަން އުޅެނީ ކީއްވެހެއްޔެވެ؟ އޭނާއަކަށް ޝިޒާންއަކީ ކާކުކަމެއް ނޭނގެއެވެ. ކޮންތާކު އުޅޭ، ކީއްކުރާ މީހެއްކަމެއް ވެސް ނޭނގެއެވެ. ވީއިރު އެނާ ކައިވެންޏާ އެއްބަސް ވާނީ ކިހިނަކުން ހެއްޔެވެ؟ ތުންފަތުގައި ދަތް އަޅައިލި މިންހާ ޝިޒާންއާ ނަޒަރު ވަކިކޮށްލަމުން އިސްޖަހައިލިއެވެ. އޭނާގެ ހިތުގައިވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާގެ ހިތް އާހިލް ނޫން އެހެން ޒުވާނަކަށް މިލްކެއް ނުކުރެވޭނެއެވެ. ދުރުގައި ހުއްޓަސް އޭނާއަކީ އާހިލްގެ ހައްޤެކެވެ. އެހިތުގައިވަނީ ހަމައެކަނި އާހިލްގެ ނަމެވެ. އެހެން މީހެއް ދެކެ ލޯބިވުމަކީ އޭނާއަށް ދުވަހަކުވެސް ކުރެވޭނޭ ކަމެއް ނޫނެވެ. ބައްޕައަށްޓަކައިވިޔަސް ލޯބިނުވާ މީހަކާ އެކު ކައިވެނިކޮށްގެން އޭނާ އުޅޭނީ ކިހިނެއްހެއްޔެވެ؟

މިންހާގެ ހިތުގައި ޝިޒާން އާ މެދު ވެސް ޝަކުވާ އުފެދުނެވެ. ޝިޒާން ބައްޕަ ކައިރީގައި ވާހަކަތަކެއް ދެއްކީކަމުގައި އޭނާގެ ސިކުނޑި ވިސްނައިދެމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން، ޝިޒާންއާ މެދު އެހިތުގައި ކިލަނބުކަމެއް އުފެދުނެވެ. އާހިލް މަތިން ހަނދާންވެ، އޭނާ އިތުރަށް ހިތްދަތިވާގޮތްވިއެވެ.

މިންހާ އިސްޖަހާލައިގެން އިންތަން ފެނި، ޝިޒާންގެ ހިތުގައި ވެސް ތަފާތު އެއްޗެހި ދައުރުވަމުންދިޔައެވެ. އެ ކައިވެންޏަށް މިންހާ އެއްބަސްނުވާނެކަން އޭނާއަށް ކުރިންވެސް އެނގޭކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު މިންހާއަށް ބަލަން އިނުމަށްފަހު، ޝިޒާން އިސްޖަހައިލިއެވެ. އެމޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ސިއްރުވެރި ގޮތެއް ޝިޒާންގެ މޫނުމަތީގައި ވެއެވެ. އެމޫނުމަތިން ފެނުނު އަސަރުތަކުން ހަނީފް އެ ވާހަކަ ދައްކައިގެން އޭނާ ހައިރާންނުވާކަން ދޭހަވެއެވެ. ޝިޒާން އިސް އުފުލައިލާ އަނެއްކާވެސް މިންހާއަށް ބަލައިލިއެވެ.

"ދަރިފުޅާ..." މިންހާގެ އަތަށް ބާރުކޮށްލަމުން، ހަނީފް ގޮވައިލިއެވެ. އޭނާއަށް ނޭވާލާންވެސް ދަތިވިއެވެ. މިންހާ ހާސްވިއެވެ.

"ޝިޒާން އާ ކައިވެނުކުރަން އެއްބަސްވޭ... ބައްޕައަށްޓަކާ..." ހަނީފް އަނެއްކާވެސް އެދުނެވެ. މިންހާގެ މުޅި ދުނިޔެ ބަނަވެގެން ދިޔަނަމަވެސް، ހަނީފް އެ ޙާލުގައި އޮއްވާ އޭނާ ލޯބިވާ މީހަކު ހުންނަކަމުގައި ބުނެ ދެބަސްވާކަށް އޭނާއަކަށް ނުކެރުނެވެ. ބާރަށް ރޮމުންދިޔަ ހިތުގައި އަތް އަޅައިލުމަށްފަހު، އޭނާ އަނެއްކާވެސް ތުންފަތުގައި ދަތް އަޅައިލިއެވެ. ދަތް އެޅުނުލެއް ބާރުކަމުން އަނގައިގައި ކޮންމެވެސް ވަރަކަށް ލޭ ރަހަވެސް ލިއެވެ. އެ ހުރިހާއިރުވެސް ޝިޒާން އިނީ މިންހާގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. މިންހާގެ ޖަވާބަކަށް އޭނާ ވެސް ދިޔައީ އިންތިޒާރުކުރަމުންކަން އެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރުތަކުން ދޭހަވެއެވެ.

"ދަރިފުޅާ!" މިންހާގެ ޖަވާބު ލަސްވެގެން އަނެއްކާވެސް ހަނީފް ގޮވައިލިއެވެ. މިންހާ އިސްޖަހާލައިގެން އިނދެ މަޑުމަޑުން ބޯ ޖަހައިލިއެވެ. އޭރު ކަރުނަތައް ކޯތާފަތް މަތިން ތިރިއަށް ރޮނގުދެމިގެން ގޮސްފިއެވެ. އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން، އޭނާ އިސްއުފުލައިލާ ހަނީފްއަށް ބަލައިލިއެވެ.

"ކައިވެނި... ކައިވެނި ކުރާނަން..." ތުރުތުރު އަަޅަމުންދިޔަ އަޑަކުން މިންހާ ބުނެލުމާއެކު، ހަނީފްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"ބައްޕައަށް އެނގޭ މި ނިންމުން ނިންމަން ދަރިފުޅަށް އުނދަގޫވާނެކަންވެސް... އެކަމަކުވެސް މީ އެންމެ ރަނގަޅު ގޮތް. މާދަމާވެސް ބައްޕަ ދުނިޔެ ދޫކުރާއިރު، ދަރިފުޅަށް ރަނގަޅުގޮތެއް ވާން ބައްޕަ އަބަދުވެސް ބޭނުންވަނީ... ޝިޒާންގެ ފަރާތުން ދަރިފުޅަށް ދެރަގޮތެއް އިރާދަކުރެއްވިއްޔާ ނުވާނެ. ޝިޒާން އަކީ ރަނގަޅު ޒުވާނެއް... ހަރުދަނާ ޒުވާނެއް... ދަރިފުޅު އުފަލުގައި ގެންގުޅޭނެ ޒުވާނެއް." ހަނީފް ވާހަކަ ދެއްކިއެވެ. މިންހާއަށް ކުރެވުނު ހާވެސް ކަމަކީ އެ ވާހަކަތައް އަޑު އަހަން އިނުމެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެހިތް އާހިލްއަށްޓަކައި ރޮމުންދިޔައެވެ. ކަރުނަ އަޅަމުންދިޔައެވެ. އެހެންނަމަވެސް އެއިން އެއްވެސް ވާހަކައެއް ބައްޕައާ ދައްކާނެހާ ހިތްވަރެއް ނުލިބުނެވެ. ބައްޕަ ބަލި އެނދުގައި އޮވެ އެ އެދުނު އެދުން ފުއްދައި ނުދީ ދެކޮޅު ހަދަން އޭނާއަށް ކެރޭނީ ކިހިނަކުން ހެއްޔެވެ؟ އޭނާގެ އުމުރުން ހަތަރު އަހަރުގައި މަންމަ މި ދުނިޔެއާ އަލްވަދާޢު ކިޔުމަށްފަހު، މިންހާއަށް ހުރިހާ އުފަލެއް ހޯދައިދޭން ރެއާ ދުވާލު މަސައްކަތް ކުރީ އެ ބައްޕައެވެ. އޭނާއަށް އެއްވެސްކަމެއް އުނިވޭތޯ ބަލާ އެ އެދުމެއް ފުއްދައިދިނުމަށް އަތުކުރި އޮޅާލީ ވެސް އެ ބައްޕައެވެ. ވީއިރު އެ ބައްޕަގެ އެދުން ބޮލާލާ ޖެހުމަކީ އޭނާއަށް ކުރަން ކެރޭނޭ ކަމެއްނޫނެވެ. އޭނާ އިންތިހާއަށް ބައްޕަ ދެކެވެސް ލޯބިވެއެވެ. ބަލި އެނދުގައި އޮތް އެ ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން މިންހާއަކަށް ނުކެރުނެވެ.

"ބައްޕަ ބޭނުންވަނީ ވީހާވެސް އަވަހަކަށް ދެ ކުދިންގެ ކައިވެނިކުރަން..." ހަނީފް އަނެއްކާވެސް ވާހަކަ ދެއްކިއެވެ. މިންހާއަށް ކުރެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ.

މިންހާ އެ ކައިވެންޏަށް އެއްބަސްވުމުން ޝިޒާންގެ މޫނުމަތިން ހަމަޖެހުމުގެ އަސަރުތައް ފެނިލިއެވެ. އެހެންނަމަވެސް، އޭނާއަށް ހިނިތުންވެލާކަށްވެސް ނުކެރުނެވެ. މިންހާއަށް އެއީ ކިހާ އުނދަގޫވާނެކަމެއްކަން އޭނާއަށް އެނގޭކަހަލައެވެ. އެ ހިތުގައި އުތުރި އަރަމުންދިޔަ ހިތާމައިގެ އަސަރުތައް އެ މޫނުމަތިންވެސް ފާޅުވަމުން ދިޔައެވެ.

"ޝިޒާން... އަހަރެންގެ ދަރިފުޅަށް ރަނގަޅަށް ބަލައްޗޭ... އެއީ އަހަރެންގެ ފުރާނައަކީ... މިހިތުގެ ދިރުމަކީ އެއީ. އަހަރެން އެ ދަރިފުޅު ބަލާ ބޮޑުކުރީ އެންމެ ކޫރުމެއްވެސް އެ ހަށިގަނޑުގައި އެޅުނު ނުދީ... އަހަރެން ޝިޒާންއާ އަހަރެންގެ ދަރިފުޅު މި ޙަވާލުކުރަނީ ވަރަށް އިތުބާރުކޮށްފަ. މިންހާއަށް ދެރަގޮތެއް ނުހަދާނެކަމަށް ޔަޤީންކޮށްފަ. " ހަނީފް ޝިޒާންއަށް ބަލައިލިއެވެ.

"ބައްޕަ! ހާސްނުވޭ... އިރާދުކުރެއްވިއްޔާ ބައްޕަގެ ތި އެދުން އަހަރެން ފުރިހަމަ ކޮށްދޭނަން..." ޝިޒާންގެ އަޑާއެކު މިންހާއަށް އިސްއުފުލައިލެވުނެވެ. އޭނާއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. އޭނާއާ އާހިލްގެ ދެމެދަށް ވަންނަން ޝިޒާން މީ ކާކުހެއްޔެވެ؟ އޭނާގެ ހިތުގައި ޝިޒާންއާ މެދު ރުޅިވެރިކަން އުތުރިއަރަން ފެށިއެވެ.

"ދަރިފުޅާ މިންހާ!... ރަން ކިޔުމުގެ ކަންތައް މާދަމާވެސް ކުރިއަށް ގެންދަން ބައްޕައަށް ފެންނަނީ... ބައްޕަ ދުނިޔެއާ ވަކި ވާނީ ކޮން އިރަކު ކިހިނެއް...."

"ނޫން ބައްޕާ...ތި ކަހަލަ ވާހަކަތައް ނުދައްކަބަލަ!" މިންހާއަށް ރޮވެން ފެށުނެވެ. އޭނާގެ ރުއިން ގަދަވެ ގިސްލުމަކަށް އެ އަޑު ބަދަލުވެގެން ދިޔައެވެ. މިންހާ އެހާވަރަށް ހިތުގައި ޖެހިފައި ރޯން ފެށުމުން ޝިޒާން ކަންބޮޑުވިއެވެ. ހަނީފް މިންހާ ގާތުން ރުއިން ހުއްޓާލަން އެދުނުނަމަވެސް، އެކަން ކުރަން މިންހާއަށް ވީ އުނދަގޫ ކަމަކަށެވެ. އެންމެ ފަހުން އޭނާއަށް ގޮނޑިން ތެދުވެވުނެވެ. އިތުރަކަށް އޭނާއަކަށް ކެތެއް ނުކުރެވުނެވެ. އޭރު ހަނީފްވެސް އޮތީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ދުވެފައި ކަހަލަ ގޮތަަކަށް މިންހާ އެތަނުން ނުކުތެވެ. ޝިޒާން އެއްފަހަރު އޭނާއަށް ގޮވައިލިކަން އެނގުނުނަމަވެސް، އެ އަޑަށްވެސް ސަމާލުކަން ނުދީ މިންހާ ދުވެފައި ދިޔައީއެވެ.

މިންހާ ރޮމުން ރޮމުން ނުކުތްތަން ފެނުމުން ޝިޒާން ގޮނޑިން ތެދުވެ ހިނގައިގަންނަން އުޅުނުނަމަވެސް، އެކަމަށް ހުރަސް އެޅީ ހަނީފްއެވެ.

"މިންހާއަށް ވަގުތު ބޭނުންވާނެ. މިތަނުގައި އިނދެވެސް ނުރޯން އެތައް ހިތްވަރެއް ކޮށްފި. އޭނަ ރޯލަން ފުރުސަތު ދީ. އެހިތުގައި ހުރި ޝަކުވާތައް ކަރުނައިގެ ސިފައިގައި ބޭރުކޮށްލެވުމުން ނޫނީ އެހިތަކަށް ހިތްހަމަޖެހުމެއް ނުލިބޭނެ." ހަނީފް ބުނެލިއެވެ. އެއާއެކު ޝިޒާން ގޮނޑީގައި އިށީނދެލިއެވެ. ބޯ ޖަހައިލި ނަމަވެސް، މިންހާއާ މެދު އޭނާ ވަނީ ކަންބޮޑުވެފައެވެ. މިންހާ އެކަނި ކޮށްލުމަކީ އެންމެ ރަނގަޅުގޮތްބާއޭ އޭނާގެ ހިތަށް އަރަމުންދިޔައެވެ.

"ހާސްނުވޭ. އަހަރެންގެ ދަރިފުޅު ގޯސް ފިޔަވަޅެއް ނާޅާނެ. އޭނަ ހަމައަކަށް އެޅުމުން އަމިއްލައަށް މިތަނަށް އަންނާނެ. އެކަމަކު މިހާރު އޭނާއަށް ބޭނުންވަނީ ވަގުތުކޮޅެއް. އެވަގުތު ކޮޅު އޭނާއަށް ދިނުން މުހިންމު. މިގަޑީގައި އެހުރީ އެއްވެސް އެއްޗެއް ވިސްނޭ ޙާލަތެއްގައެއް ނޫން. އަހަންނަށް އޭރުވެސް އެނގޭ މިންހާއަށް އަހަރެންގެ އެދުމުގައި ކޮޅުފައިން ޖަހަން ނުކެރޭނެކަން. އަހަރެންގެ ދަރިފުޅަށް ރަނގަޅަށް ބަލައްޗޭ ޝިޒާން. އަހަންނަށް ހީވާކަހަލަ! އަހަރެންގެ އަޖަލު ނުހަނު ކައިރިވެއްޖޭ..." ހަނީފްގެ އަޑުގައިވެސް ވަނީ ހިތާމަވެރިކަމެވެ.

"މިންހާއަށް ދުވަހަކުވެސް ހިތާމައެއް އަޅުގަނޑު ނުދޭނަން. އެ ޔަޤީންކަން އަޅުގަނޑު މިއަދު ބައްޕައަށް ދެން." ޝިޒާން ވައުދުވިއެވެ. މިންހާގެ ކޮންމެ ހިތާމައަކާއި، އުފަލެއްގައި އޭނާ ހިއްސާ ވާނެކަމަށް ބުނެއެވެ. އެހިތުގައި ދުވަހަކުވެސް ނުޖައްސާނެކަމަށް ބުނެއެވެ. މިންހާއަކީ ހަނީފް އޭނާއާއި ހަވާލުކުރާ އަމާނާތެއް ކަމުގައި ޝިޒާން ބުންޏެވެ. ދުވަހަކުވެސް އޭނާ އެ އަމާނާތައް ޚިޔާނާތްތެރި ނުވާނެކަމުގައި ވެސް ޝިޒާން ވައުދުވިއެވެ.

މަގުމަތީގައިވެސް މިންހާއަށް ދެވުނީ ރޮމުން ރޮމުންނެވެ. ރޭގަނޑުކަމީ ވެސް ނަސީބެކެވެ. އެހެންނޫންނަމަ މަގުމަތީގައި ހިނގާފައިދާ މީހުންގެ އަމާޒުފަތްގަނޑަކަށް އޭނާ ވީހެވެ. އަނގަމަތީގައި އަތްއަޅައިލީ އެ އަޑު ބޭރުވިޔަ ނުދިނުމަށެވެ. ދުވަމުން ދުވަމުން ކަހަލަ ގޮތަކަށް މިންހާއަށް ގެއާ ހިސާބަށް ދެވުނުއިރުވެސް އޭނާއަށް ގިސްލެވެއެވެ. ގޭތެރެއަށް ވަނުމަށްފަހު، ލަސްނުކޮށް އޭނާއަށް ދުއްވައިގަނެވުނީ ކޮޓަރިއާ ދިމާލަށެވެ. އެދިޔަ ގޮތަށް ގޮސް އެނދުމައްޗަށް ވެއްޓިގަތުމަށްފަހު، އޭނާއަށް ބާރަށް ރޮއިގަނެވުނެވެ. އިތުރަށް ރޮވުނީ އެ ކަރުނަތައް ފެންނާނޭ މީހަކު ނެތްކަން އެނގުމުންނެވެ. ބާލީހަށް ކަރުނަތައް އޮބެމުންދިޔައިރު، އޭނާއަށް ހިތާ ހިތާ ޝަކުވާ ކުރެވެމުންދިޔައެވެ. ތަޤުދީރާ މެދު ޝަކުވާ ކުރެވުނެވެ. އޭނާގެ އަލަތު ލޯތްބާ އޭނާ ދުރުކުރުވަނީ ކީއްވެހޭ އެ ކަރުނަތަކުން ސުވާލުކުރާ ކަހަލައެވެ. އާހިލްއާ ނުލާ އޭނާ އުޅޭނީ ކިހިނަކުންކަމެއް މިންހާއަކަށް ނޭނގެއެވެ. އަދި އެވެސް ނުދަންނަ މީހަކާ އެކުގައެވެ.

މާ ބާރަށް ރޮވެން ފެށުމުން މިންހާ ބާލީސް މޫނުމަތީގައި އެޅުމުން އެ އަޑު ކޮންމެވެސް ވަރަކަށް މަޑުވިއެވެ. އިރުކޮޅަކު ރޯން އޮތުމަށްފަހު، އޭނާ ޔޫލިންއަށް ގުޅައިލީ މިވަގުތު ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވާތީއެވެ. އެހިތާމަތައް އެކަނި ބަރުދާސްތުކުރުމަކީ، އޭނާއަށް ކުރެވޭނޭ ކަމެއް ނޫނެވެ. އޯގާތެރި އަތެއްގެ ފިރުމުންތައް އޭނާ ބޭނުމެވެ. އެހިތަށް ކޮންމެވެސް ވަރެއްގެ ޝިފާއެއް ބޭނުމެވެ. ތަސައްލީ އެއް ބޭނުމެވެ.

ޔޫލިން ފޯނެއް ނުނަގައެވެ. ފޫހިކަމާއެކު އޭނާ ފޯނު އެނދުމަތީގައި ބޭއްވިއެވެ. އެހެން އޮއްވާ އޭނާގެ ފޯނު ރިންގް ވުމާއެކު މިންހާއަށް ފޯނަށް ބަލައިލެވުނީ، ޔޫލިންއަށްވުމަށް އުންމީދުކުރަމުންނެވެ.

އެހެންނަމަވެސް ފޯނަށް އަރާފައިވާ އާހިލްގެ ނަން ފެނި މިންހާއަށް އިތުރަށް ރޮވެން ފެށުނެވެ. އާހިލްއާ މިވަގުތު ވާހަކަ ދެއްކުމުގެ އެއްވެސް ހިތްވަރެއް އޭނާގެ ނެތެވެ. ބައްޕަ އޭނާގެ ކައިވެނި އެހެން މީހަކާ ކުރުވަން އުޅޭކަމުގައި އޭނާ ބުނާނީ ކިހިނަކުންހެއްޔެވެ؟ އާހިލްގެ ހިތް ހަލާކުކޮށްލާނީ ކިހިނަކުންހެއްޔެވެ؟ އޭނާ އެކޭ އެއްގޮތަށް އާހިލް ވެސް އޭނާދެކެ އިންތިހާ ލޯބިވާކަން މިންހާއަށް އެނގެއެވެ.

*****

އައިހަމް ކޮޓަރިން ނުކުމެލުމަށްފަހު، ބަނބު ކެޔޮ ގަސްދޮށުގައި ހުރި ޖޯލިފަތީގައި ޖައްސައިލިއެވެ. މި ފާއިތުވެ ދިޔަ ފަސްދުވަހުވެސް އައިހަމްއަށް ޔޫލިންއާ ރަނގަޅަށް ވާހަކަ ދައްކައިލެވޭ ގޮތް ނުވިނަމަވެސް، އޭނާއަށް ޔަޤީންވީ އެއްކަމެއް ވިއެވެ. އޭނާއަށް ވެސް ޔޫލިން ކަމުދާކަމެވެ. ޔޫލިންއެކޭ އެއްގޮތަށް އޭނާގެ ހިތުގައިވެސް ޔޫލިންއަށްޓަކައި އިޙްސާސްތަކެއް އުތުރިއަރަމުންދާކަމަވެ.

ފޯނުގެ އިސްކްރީނުން އޭނާ ޔޫލިންގެ ނަންބަރަށް ބަލަހައްޓައިގެން އޮތުމަށްފަހު، ޔޫލިންގެ ނަންބަރަށް ގުޅައިލިއެވެ.

ފެންވަރާލައިގެން ނުކުތް ޔޫލިންއަށް އޭނާގެ ރިންގް ވަމުންދިޔަ ފޯނަށް ބަލައިލެވުނެވެ. އޭނާ ގޮސް ފޯނު ނަގާ ބަލައިލިއިރު، އައިހަމް ގުޅާތީ ކުޑަ ހައިރާންކަމެއް ވެރިިވި ނަމަވެސް، އަވަސް އަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ހަލޯ... ދޮންބެ ފޯނު ނުނަގަނީތަ؟" ފޯނު ނެގިގޮތަށް ޔޫލިން ސުވާލުކޮށްލިއެވެ.

"އަހަރެން މި ގުޅީ ރައިހާން ހޯދާކަށް ނޫނޭ... ލީން ހޯދަން ވެގެން..." އައިހަމް އެހެން ބުނުމާއެކު، ޔޫލިންއަށް ހުއްޓުން އަރާ ގޮތްވިއެވެ.

"އަހަރެން ހޯދަންނޭ... އެ ކީއްކުރަން؟" ޔޫލިންއަށް ސުވާލުކޮށްލެވުނީ ހައިރާންކަމާއެކުގައެވެ.

"އަހަންނާ ބައްދަލު ކޮށްލެވިދާނެތަ؟" އައިހަމް އެހެން އައިލީ ވެރިވި ކުޑަ ވަގުތު ކޮޅެއްގެ ހަމަހިމޭންކަމަކަށްފަހުއެވެ.

"މި ގަޑީގައި؟" ޔޫލިންް އެއްސެވެ.

"އާނ... އަހަރެން ބަނބުކެޔޮ ގަސްދޮށުގައި އިންތިިޒާރު ކުރާނަން..." އެހެން ބުނެލުމަށްފަހު، ޔޫލިންއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތު ނުދީ އައިހަމް ފޯނު ބޭއްވިއެވެ. ފޯނު ބާއްވަމުން މިންހާގެ މިސްކޯލް ފެނި ޔޫލިން މިންހާއަށް ގުޅައިލިއެވެ. އެހެންނަމަވެސް ފޯނެއް ނުނަގައެވެ. ޔޫލިންއަށް އާދައިގެ ޓޮޕް ކޮޅަކާއި ޖީންސްއެއްކަމުން ލޯގަނޑު ކުރިމަތީގައި ހުއްޓި އަމިއްލަ މީހާގެ ސޫރައަށް ބަލައިލެވުނެވެ. އައިހަމް އެގޮތަށް ބައްދަލުކުރަން އެދުމުން އޭނާގެ ހިތްވަނީ އާދަޔާ ޚިލާފަށް އަވަސްވެފައެވެ. ހިތްހަމަޖެހޭވަރުވުމުން ފުންނޭވާއެއް ލަމުން، ޔޫލިން އޭނާގެ ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ގެއިން ނުކުމެގެން އޭނާ މިންހާމެން ގޯއްޗާ ދިމާލަށް މިސްރާބުޖަހަމުން ވެސް މިންހާއަށް ގުޅައިލިއެެވެ. މިފަހަރުވެސް މިންހާ ފޯނެއް ނުނަގައެވެ. އޭނާ ގޮސް އެ ގޯއްޗަށް ވަތްއިރު، އައިހަމް އޭނާ ބުނިގޮތަށް ޖޯލީގައި އޮތެވެ. މޭތެރޭގައި އޮތް އޭނާގެ ހިތްވެސް ހީވަނީ ބޭރަށް ފުންމާލަފާނެހެންނެވެ. ލަސް ފިޔަވަޅުތަކެއްގައި އައިސް އޭނާ އައިހަމްގެ ކައިރީގައި މަޑުކޮށްލިއެވެ. ޔޫލިން ފެނުމާއެކު، އައިހަމްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

މިދިޔަ ދުވަސްތަކުގައި އައިހަމްގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިކަން ޚުދު ޔޫލިންއަށްވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އޭނާ ނުކުޅެދުނީ އެ ބަދަލުތަކުގެ ސިއްރު ހޯދުމަށެވެ.

"ނީށީންނާނަންތަ؟ އައިހަމް ބުނެލިއެވެ. ޔޫލިން މަޑުމަޑުން ޖޯލީގައި އިށީނދެލިއެވެ.

"އަހަންނާ ބައްދަލުކުރަން ބުނީ ކީއްކުރަން؟" ޔޫލިން އިސްވެ ސުވާލުކޮށްލިއެވެ. އައިހަމް ފުން ނަޒަރަކުން ޔޫލިންއަށް ބަލައިލިއެވެ.

މިންހާ އެނދުން ތެދުވެލީ އޭނާގެ ފޯނަށް ވެސް ބަލައިލުމެއް ނެތިއެވެ. ގުޅީ އާހިލްކަން އޭނާއަށް ޔަޤީން ކުރެވޭތީއާ ވެސް އެކުގައެވެ. އޭނާއަށް ދެން އިތުރަށް އެ ވާހަކަތައް އެހެން މީހަކާ ހިއްސާކޮށްނުލާ ކެތެއް ނުކުރެވޭނެއެވެ. އޭނާގެ ހުރިހާވެސް މީހަކީ ޔޫލިންއެވެ. މިންހާ ކޮޓަރިން ނުކުމެފައި ކަރުނަތައް ފުހެލިނަމަވެސް އަނެއްކާވެސް ތާޒާ ކަރުނައިން އޭނާގެ ކޯތާފަތް ފުރެމުންދިޔައެވެ. އެ ކަރުނަތަކަކަށް ނިމުމެއް ނައެވެ.

އޭނާ ގެއިން ނުކުތެވެ. ހިނގައިގަތްތަނާ ޖޯލީގައި އިން ޔޫލިން އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، ހަލުވި ފިޔަވަޅުތަކުގައި އެ ދިމާލަށް މިސްރާބުޖެހިއެވެ.

"އަހަރެން ވަރަށް ބޮޑު ވާހަކައެއް..."

"ލީން..." އައިހަމްގެ ވާހަކަ މެދު ކެނޑުނީ ކުއްލިއަކަށް މިންހާގެ އަޑު ޖެހުމުންނެވެ. ޔޫލިން ބަލައިލިއިރު، މިންހާ ހުރިގޮތް ފެނި އޭނާއަށް ވަގުތުން ކޮޅަށް ތެދުވެވުނެވެ.

"ލީން!. ކިހިނެއްވީ؟" ރޮވިފައިހުރި މިންހާ ޔޫލިންގެ ގައިގައި ބައްދައިގަނެފައި ރޯން ފެށިއެވެ.

"ލީން! އަހަރެން ކިހިނެއް އާހިލްއާ ނުލާ އުޅޭނީ..." މިންހާ އެހެން ބުނެލުމާއެކު، ޔޫލިންއަށް ވެސް ހައިރާންކަން ލިބުނެވެ. އޭނާ ހީކުރީ މިންހާއާ އާހިލްއާ މައްސަލައެއް ޖެހުނީ ކަމަށެވެ. އޭނާ މިންހާ ދުރުކޮށްލަމުން އުޅުމާއެކު، މިންހާ އެއަށްވުރެ ބޮޑަށް ޔޫލިންގެ ގައިގައި ބައްދައިގަތެވެ.

"އަހަންނަށް ނޫޅެވޭނެ. ލީން. އަަހަރެން ކިހިނެއް ހަދާނީ..." މިންހާއަށް އެތަނުގައި އިން އައިހަމް ވެސް ނުފެންނަ ފަދައެވެ. ޔޫލިން ގަދަކަމުން ކަހަލަ ގޮތަކަށް މިންހާ ދުރުކޮށްލަމުން އައިހަމްއަށް ބަލައިލުމަށްފަހު، މިންހާ ގޮވައިގެން ގޭތެރެއަށް ދާން ހިނގައިގަތެވެ.

"މިންނު. ހިނގާބަލަ ގެއަށް ގޮސް ވާހަކަ ދައްކަން..."

މިންހާމެން ގޮސް ގެއަށް ވަތްތަނުން ރައިހާން ވެސް އަތުވެއްޖެއެވެ.

"ހޭ މޭން. ކޮން ވިސްނުމަކަށް ގެއްލިފަ؟" ރައިހާން ސުވާލުކޮށްލިއެވެ.

"ނޫން ކަމެއް ނުވޭ..." އައިހަމް އެހެން ބުނެލި ނަމަވެސް، އެމޫނުމަތީގައިވި އަސަރުތައް ރައިހާންއަށް އެނގުނެވެ.

"ނޫނޭ ބުނޭ ކިހިނެއްވީ؟" ރައިހާން އަނެއްކާވެސް އަހައިލިއެވެ.

"މިންނު ދެންމެ ރޮމުން ރޮމުން އައިސްފި. ޔޫލިން އެބަހުރި މިންނު އާއެކު..." އައިހަމް އެހެން ބުނެލުމާއެކު، ރައިހާންގެ ނަޒަރު ގޭތެރެއަށް ހުއްޓުނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އެދިމާލަށް ހިނގައިގަނެވުނެވެ.

"އަންނާނަށް ބަލައިލާފަ. އަނެއްކާ މިންނު ބައްޕައަށް ކަމެއް ވީކަންނޭނގެ..." ރައިހާންއަށް ބުނެވުނެވެ.

"ނޫން. އެހެންނެއް ނޫނޭ...ރައިހާން..." އައިހަމްއަށް އެހެން ބުނެވެން ވާއިރަށް ރައިހާން ކުޑަކޮށް ދުއްވައިގަތެވެ.

*****

ލީން ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ!" މިންހާއަށް ބަލައިލަމުން ޔޫލިން ބުނެލިއެވެ. އެދެމީހުން ތިބީ ގޭތެރޭގައެވެ.

"އާހިލް އެއްޗެކޭ ކީތަ؟ އޭނަ މިންނުއާ ރުޅިވީތަ؟" ޔޫލިން ސުވާލުކޮށްލިއެވެ. މިންހާ ދެފަރާތަށް ބޯ ހޫރާލިއެވެ.

"ދެން ކިހިނެއްވީ؟" މިންނު. އަހަންނަށް ކިޔައިދީބަލަ!" ޔޫލިން އަނެއްކާވެސް ބުނެލިއެވެ. ޔޫލިންގެ އެތައް އާދޭހަކަށްފަހު، އެންމެ ފަހުން މިންހާ ކަރުނަތައް ފުހެލިއެވެ.

"ބައްޕަ ބޭނުންވަނީ އަހަރެން ކައިވެނިކުރަން..." މިންހާ އެހެން ބުނެލި އަޑު އޭރު އެ ހިސާބާ އަރާ ހަމަވި ރައިހާންގެ ކަންފަތުގައިވެސް ޖެހުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު