ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗު ބައްލަވަން ސަރުކާރުގެ ވެރިން ތިއްބެވި ތާނގައި އިށީނދެވަޑައިގެންނެވުމުން އަމާޒުވި ފާޑުކިޔުންތަކަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރައްދުދެއްވައިފިއެވެ.
ގަލޮޅު ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗު ބައްލަވާލައްވަން ސަރުކާރުގެ ވެރިން ތިއްބެވި ތާނގައި އިށީނދެވަޑައިގެންނެވުމުން މީސް މީޑިއާގައި މަހުލޫފަށް ފާޑުކިޔުންތައް އަމާޒުވީ މަގާމުން ސަސްޕެންޑުކޮށްފައި ވަނިކޮށް އެތަނުގައި އިށީނދެވަޑައިގެންނެވުމުންނެވެ.
އެ ފާޑުކިޔުންތަކަށް ރައްދުދެއްވަމުން މަހުލޫފް މިއަދު "ސަން"އަށް ވިދާޅުވީ ސަސްޕެންޝަނުގައި ހުއްޓަސް ރަސްމީ މަސައްކަތްތައް ކުރުން ފިޔަވައި އެހެން ހުރިހާ އިމްތިޔާޒެއް ލިބިގެންވާ ކަމަށެވެ.
މަހުލޫފް ވިދާޅުވީ މަގާމުން ސަސްޕެންޑުކޮށް ރައީސް އޮފީހުން ފޮނުވި ސިޓީގައި އޭނާއަށް އަންގާފައި ވަނީ ހަމައެކަނި ރަސްމީ މަސައްކަތްތަކުގައި ބައިވެރިނުވުމަށް ކަމަށެވެ. ނަމަވެސް މިނިސްޓަރެއްގެ ހައިސިއްޔަތުން ލިބިދޭ އެހެނިހެން އިމްތިޔާޒުތައް ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޔޫތު މިނިސްޓްރީގެ ރަސްމީ އެއްވެސް މަސައްކަތެއްގަ އަޅުގަނޑުގެ ބައިވެރިވުން މި ނޯންނަނީ. ވަޒީރެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ލިބިދޭ އެހެން ހުރިހާ އިމްތިޔާޒުތަކެއް މިހާރުވެސް ހިނގާ، މުސާރަވެސް ހިނގާ، ކާރުވެސް އޮވޭ،" މަހުލޫފް ވިދާޅުވިއެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތުހުމަތުކޮށް މަހުލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް މައްސަލަ ފޮނުވުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އޭނާ ސަސްޕެންޑުކޮށްފައެވެ.
ރައީސް އޮފީހުން ބުނީ މަހުލޫފް ސަސްޕެންޑުކޮށްފައި ވަނީ އެ މައްސަލާގައި ދައުވާ ކުރުމާމެދު ޕްރޮސިކިއުޓާ ޖެނެރަލް ގޮތެއް ނިންވަމަވަންދެން ކަމަށެވެ.
މަހުލޫފްގެ މައްސަލާގައި ދައުވާކުރުން ލަސްވާތީ "ސަން"އިން ކުރި ސުވާލެއްގެ ޖަވާބުގައި ޕީޖީ ހުސައިން ޝަމީމް މީގެކުރިން ވިދާޅުވީ ކިތަންމެ ގިނަ ދުވަހެއް ވިޔަސް މަހުލޫފްގެ މައްސަލާގައި ގޮތެއް ނިންމާނީ ހޯދަންޖެހޭ ހެކިތައް ހޯދާފައި ކަމަށެވެ.