އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް ހޮނިހިރު ދުވަހު ފަށަނީ

ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ މިއަހަރުގެ މައިލޯ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތް އަންނަ ހޮނިހިރު ދުވަހު ފަށާނެ ކަމަށް ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްއިން ބުނެފި އެވެ.

މާފަންނު ޓާފް ދަނޑުގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގައި ބައިވެރިވާ ހަތަރު އުމުރު ފުރައަކީ، 11 އަހަރުން ދަށާއި، 13 އަހަރުން ދަށާއި، 15 އަހަރުން ދަށް އަދި 18 އަހަރުން ދަށެވެ.

އެފްއޭއެމް އިން ބުނީ، މުބާރާތް ހުޅުވައިދިނުމުގެ ގޮތުން އަންނަ މަހުގެ ތިން ވަނަ ދުވަހު އޮންނަ، މެޗުގައި ފުރަތަމަ ބައްދަލުކުރާ ދެޓީމަކީ 13 އަހަރުން ދަށުގެ ގްރޫޕް އެކެއްގެ ފަޅިން ބައްދަލުކުރާ ޣިޔާސުއްދީން ސްކޫލާއި ޖަމާލުއްދީން ސްކޫލް ކަމަށެވެ.

އަދި 13 އަހަރުން ދަށުގެ ގްރޫޕް އެކެއްގައި ހިމެނޭ ޓީމް ތަކަކީ ޣިޔާސުއްދީން ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި އެންމެ ފަހުގެ ޗެމްޕިއަން އިސްކަންދަރު ސްކޫލެވެ. ގުރޫޕް ދޭއްގައި އޮތީ އިމާދުއްދީން ސްކޫލާއި މުހުޔުއްދީން ސްކޫލާއި އަރަބިއްޔާ ސްކޫލް އަދި ބިލަބޮންގް އިންޓަނޭޝަނަލް ހައި ސްކޫލެވެ.

މި މުބާރާތުގެ 11 އަހަރުން ދަށުގެ ބައިގައި ނުވަ ޓީމު ވާދަކުރާއިރު، އެޓީމް ތަކަކީ ޖަމާލުއްދީނާއި ބިލަބޮންގާއި އިސްކަންދަރާއި ގިޔާސުއްދީނާއި މުހުޔިއްދީނާއި ލާލޭ ޔޫތާއި ކަލާފާނާއި ތަޖުއްދީން އަދި އަރަބިއްޔާ އެވެ.

މުބާރާތުގެ 15 އަހަރުން ދަށުގެ އުމުރުފުރާގެ ޓީމްތައް ވެސް ދެ ގްރޫޕަކަށް ބަހާލައިފައި ވާއިރު، ގްރޫޕް އެކެއްގައި ހިމެނޭ ޓީމްތަކަކީ ހުޅުމާލޭ ގާޒީ ސްކޫލާއި ޖަމާލުއްދީނާއި މަޖީދިއްޔާ ސްކޫލާއި ތާޖުއްދީނެވެ. އަދި ގުރޫޕް ދޭއްގައި އޮތީ އިސްކަންދަރާއި ދަރުމަވަންތަ ސްކޫލާއި ކަލާފާން ސްކޫލް އަދި މުހުޔިއްދީނެވެ.


މި މުބާރާތުގެ 18 އަހަރުން ދަށުގެ އުމުރު ފުރާގައި 13 ޓީމް ބައިވެރިވާއިރު، މިއުމުރު ފުރާގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން މިއުމުރު ފުރާގެ ގުރޫޕް އެކެއްގައި ވާދަކުރާ ޓީމްތަކަކީ އަހުމަދިއްޔާ އާއި ބ. އަތޮޅު މަދަރުސާ އާއި އިމާދުއްދީނާއި ގަލޮޅު މަދަރުސާ އަދި ގުރައިދޫ ސްކޫލެވެ. އަދި ގުރޫޕް ދޭއްގައި އޮތީ ދަރުމަވަންތަ ސްކޫލާއި އަރަބިއްޔާ އާއި މަޖީދިއްޔާ އަދި އަމީރު އަހުމަދެވެ. ގުރޫޕް ތިނެއްގައި އޮތީ ގާޒީ ސްކޫލާއި ވިލާ އިންޓަނޭޝަނަލް އާއި ސީއެޗްއެސްއީ އަދި މުހްޔިއްދީނެވެ.

މުބާރަތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މެންދުރު ކުރީގައި ދެމެޗާއި މެންދުރު ފަހު އެއް މެޗެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު