އޭޝިއާގެ މުބާރާތުގައި ގައުމީ ޓީޓީ ޓީމުތަކުން ތަފާތު ދައްކަނީ

އޭޝިއާ މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޓީޓީ ޓީމު

ގަތަރުގެ ދޯހާގައި މިހާރު ކުރިއަށްދާ އޭޝިއަން ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމުން ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެއްޖެއެވެ.

އޭޝިއާގެ ގައުމުތަކުގެ މެދުގައި ކުޅޭ އެ މުބާރާތުގެ ކުޅުން ފަށާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެ މުބާރާތް ކުރިއަށްދާނީ އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

އެ މުބާރާތުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީޓީ ޓީމު ވާދަކުރަމުން އަންނައިރު، އޭގެ ތެރޭގައި ޖުމްލަ އަށް ކުޅުންތެރިން ހިމެނެއެވެ.

އެ މުބާރާތުގެ އަންހެން ޑިވިޝަނުގައި އިއްޔެ އަންހެން ޓީމުން ވަނީ ދެ މެޗެއް ކުޅެފައެވެ. އެއީ މުބާރާތް ބާއްވާ ގަތަރާއި ބަންގްލަދޭޝްއާއެވެ. އަންހެން ޓީމުން ވަނީ އެ ދެ މެޗު ވެސް ކާމިޔާބުކޮށްފައެވެ.

އެގޮތުން ގަތަރުގެ މައްޗަށް ކުރިހޯދީ 3-1 އިންނެވެ. ފުރަތަމަ ޓައިގައި އައިޝަތު ރަފާ ނާޒިމް ތިން ސެޓު އެއް ސެޓުން މޮޅުވިއިރު، ދެ ވަނަ ޓައިގައި ފާތިމަތު ދީމާ ވަނީ ތިން ސެޓު ދެ ސެޓުން ބަލިވެފައެވެ. ތިން ވަނަ ޓައިގައި ލައިސާ ފަތުހުﷲ ވަނީ ސީދާ ތިން ސެޓުން މޮޅުވެފައެވެ. ދެން ކުޅުނު ޓައި އިން ދީމާ ވަނީ ތިން ސެޓުން މޮޅުވެފައެވެ.

އަންހެނުންގެ ދެ ވަނަ މެޗުގައި ބަންގްލަދޭޝްގެ މައްޗަށް އަންހެން ޓީމުން ހޯދީ ފުރިހަމަ މޮޅެކެވެ. ރަފާ އާއި ދީމާ އަދި ލައިސާ ކުޅުނު ތިން ޓައި ވެސް ވަނީ ކާމިޔާބުކޮށްފަ އެވެ.

މީގެ އިތުރުން އިއްޔެ ރާއްޖޭގެ ފިރިހެން ޓީމު ވަނީ 3-2 އިން އޮމާން ބަލިކޮށްފައެވެ. މި މެޗުގައި ފުރަތަމަ ޓައި އިން މޫސާ މުންސިފް ބަލިވި ނަމަވެސް، ދެވަނަ ޓައި އިން ޝައްފާން އިސްމާޢީލް ވަނީ 3-1 ސެޓުން މޮޅުވެފައެވެ. މެޗުގެ ތިންވަނަ ޓައި އިން ރާއްޖޭގެ ޒީސްތު ނަސީމް ބަލިވި ނަމަވެސް، ހަތަރު ވަނަ ޓައިގައި މުންސިފް ވަނީ 3-2 ސެޓުން މޮޅުވެފައެވެ. އަދި ފަސްވަނަ ޓައިގައި ޝައްފާން ވަނީ 3-1 ސެޓުން މޮޅުވެ، އެ މެޗުން ރާއްޖެ މޮޅުކޮށްދީފައެވެ.

އެ މުބާރާތަކީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު ރާއްޖޭގެ ގައުމީ ޓީޓީ ޓީމުން ބައިވެރިވާ ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތެވެ. ރާއްޖޭގެ ގައުމީ އަންހެން ޓީމުން ވަނީ ފަހުގެ ތާރީހުތަކުގައި ގިނަ މެޑަލްތަކެއް ޓީޓީއިން ހޯދައިފައެވެ.

comment ކޮމެންޓް