ގާޒީ އަލީ ނަސީރު ބަދަލުކުރީ ފެލިދޫ ކޯޓަށް

ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަލީ ނަސީރު --- ފޮޓޯ/ ރައީސް އޮފީސް

ސިވިލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި ގާޒީ އަލީ ނަސީރު ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ބަދަލުކޮށްފިއެވެ.

ގާޒީ އަލީ ނަސީރު ހުންނެވި މަގާމުން ޑީމޯޓުކޮށްފައިވަނީ އަދުލު އިންސާފު ގާއިމު ކުރުމުގެ އަސާސީ އުސޫލުތަކާ ޚިލާފުވިކަން ސާބިތުވުމާ ގުޅިގެންނެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެހެން ކޯޓަކަށް ބަދަލުކުރުމުގެ ގޮތުން ގާޒީ އަލީ ނަސީރަށް ވަނީ ތިން ރަށެއް ހުށަހަޅައިފައެވެ. އެގޮތުން ހއ. ދިއްދުއާއި ވ. ފެލިދުއާއި ގދ. ތިނަދޫ ހުށަހެޅިއިރު، ގާޒީ އަލީ ނަސީރު އިޚްތިޔާރުކުރެއްވީ ފެލިދުއެވެ.

ގާޒީ އަލީ ނަސީރު މެޖިސްޓްރޭޓަކަށް ބަދަލުކުރަން ނިންމައިފައިވަނީ މި މަހުގެ 22 ވަނަ ދުވަހުއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން އެ ދުވަހު ބުނީ ސިވިލް ކޯޓުގެ ގަޒިއްޔާއެއްގައި ހިމެނޭ ޚަސްމުން އެ ދެ ގަޒިއްޔާ ނިންމުމަށް އެދެމުން ދަނިކޮށް، އަހަރު ދުވަސްވެފައިވާ ގަޒިއްޔާއެއް ގާޒީގެ ސެކްޝަނުގައި ނުބޭއްވުމުގެ މަގްސަދުގައި މައްސަލައިގެ ޚަސްމުން އެދިފައިނުވާ ގޮތަކަށް ހުކުމްކޮށް އެ މައްސަލަ ކޯޓުން ބޭރު ކޮށްލައިފައިވާ ކަމަށެވެ.

އެ ކަމަކީ އަދުލުއިންސާފު ގާއިމުކުރުމުގެ އަސާސީ އުސޫލުތަކާ ހިލާފު އަދި ފަނޑިޔާރުގޭގެ މުގައްދަސް ކަމާއި އިތުބާރަށް އެކަމުގެ ސަބަބުން އަސަރުކޮށް ނާޖާއިޒުގޮތުގައި ކޯޓުގެ ނިންމުންތައް ބޭނުންހިފުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ހުޅުވިގެން ދާފަދަ ކަމެއް ކަމުގައި ވެސް އެ ބަޔާނުގައިވެއެވެ.

ގާޒީ އަލީ ނަސީރުގެ އެ އަމަލަކީ ފަނޑިޔާރުންގެ ގާނޫނުގެ 32ވަނަ މާއްދާގެ (ހ)ގެ ފަސްވަނަ ނަންބަރާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 3.1 ވަނަ ނަންބަރާ ހިލާފު އަމަލެއް ކަމުގައި ޖޭއެސްސީގެ ތަހުގީގުން ނިންމައިފައިވެއެވެ.

މި މައްސަލައިގެ އިތުރުން ވެސް އޭނާގެ ގިނަ މައްސަލަތަަކެއް ޖޭއެސްސީއަށް ހުށަހަޅައިފައިވެއެވެ. އެގޮތުން ދާދިފަހުން ފެންމަތިވި ރިހިވެލި ރިސޯޓުގެ މައްސަލައިގައި ވެސް ހުކުމް ކުރުމުގެ ކުރިން މައްސަލަ ހުށަހެޅި ފަރާތަށް ހުކުމް ކުރާނެގޮތް އެނގިފައިވާ ކަމަށް ބުނެ އަލީ ނަސީރުގެ މައްސަލައެއް ޖޭއެއްސީއަށް ހުށަހަޅައިފައިވެއެވެ.

comment ކޮމެންޓް