އުރީދޫ އާއި ޔޫއެންޑީޕީގެ ހަވަނަ "މިޔަހެލި" ކޭމްޕް އަންނަ މަހު ބާއްވަނީ

ސޮނެވާފުށީގައި ކުރިއަށްގެންދިޔަ ސޯޝަލް އިނޮވޭޝަން ކޭމްޕް "މިޔަހެލި" ގެ ތެރެއިން -- ސަން ފޮޓޯ/ ޔޫއެންޑީޕީ

އުރީދޫ މޯލްޑިވްސް އާއި ޔުނައިޓެޑް ނޭޝަންސް ޑިވިލޮޕްމެންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)އިން އިންތިޒާމު ކުރާ "މިޔަހެލި" ކޭމްޕް އަންނަ މަހު ބާއްވަން ނިންމައިފިއެވެ.

ޑިޖިޓަލް އަދި އެހެނިހެން އާލާތްތަކުގެ އެހީގައި ޒުވާނުންގެ ޚިޔާލުތައް އެއްތަނަކަށް ގެނެސް، މުޖުތަމައުގައި ދިމާވާ ތަފާތު މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމަށް މަސައްކަތް ކުރުމަށް މިޔަހެލި ކޭމްޕް ބާއްވަން ފެށީ 2016 ވަނަ އަހަރުގައިއެވެ.

އެ ކޭމްޕު މި އަހަރު ކުރިއަށް ގެންދާނީ އަންނަ މަހުގެ 21އިން 23އަށެވެ. އަދި ކޭމްޕުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައިއެވެ. އެގޮތުން އަންނަ މަހުގެ ހަތެއްގެ ނިޔަލަށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ.

ނުވަދިހައަށް ވުރެ ގިނަ ޒުވާނުން ކޮންމެ އަހަރަކުވެސް ބައިވެރިވާ މިޔަހެލި ކޭމްޕަކީ އޮސްޓްރޭލިއާގެ ސަރުކާރާއި އެހެނިހެން ޕާޓްނަރުންނާ އެކުގައި، ޒުވާނުން ބާރުވެރި ކުރުވުމަށްޓަކައި ހިންގާ ކޭމްޕެކެވެ.

އެ ކޭމްޕް 2019ވަނަ އަހަރުން ފެށިގެން ހިންގަމުން ދަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ. އަދި މި އަހަރުގެ ކޭމްޕް ހިންގުމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އާއި ޔޫތު ކޯ: ލެބުންވެސް ބައިވެރިވާނެއެވެ.

މިއަހަރުގެ މިޔަހެލި ކޭމްޕުގައި އިސްކަން ދޭނެ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތަކާއި މުޖުތަމައުން އެކަހެރި ކުރެވޭ މީހުންނަށް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އެހީވުމާއި ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރުން ހިމެނެއެވެ.

އެ ކޭމްޕް ނިމުމުން، ކޭމްޕުގައި ހުށަހެޅި އެންމެ މޮޅު ފަސް ހިޔާލެއް ހޮވާނެއެވެ. އަދި އެ ހިޔާލުތައް ހަގީގަތަކަށް ހެދުމުގައި މާލީ އަދި ފަންނީ އެހީ އުރީދޫ އާއި ޔޫއެންޑީޕީން ފޯރުކޮށް ދޭނެއެވެ.

މިއަހަރުގެ ކޭމްޕް ހާއްސަކޮށްފައި ވަނީ އއ. އދ. ވ. އަދި ކ. އަތޮޅުގެ، 18 އަހަރާއި 30 އަހަރާ ދެެމެދުގެ މީހުންނަށެވެ. އަދި ބައިވެރިވާ ކޮންމެ މީހަކުވެސް ހުންނަން ވާނީ ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ޖަހާފައިއެވެ.

comment ކޮމެންޓް