އެމްޑަބްލިޔުއެސްސީ ޝޯރޫމަށް ފަސް އަހަރު، ފެން ޓެސްޓު ކުރުމުގެ ހިދުމަތުން ޑިސްކައުންޓެއް ދެނީ

އެމްޑަބްލިޔުއެސްސީގެ ޝޯރޫމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ// އެމްޑަބްލިޔުއެސްސީ

މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)ގެ ޝޯރޫމަށް ފަސް އަހަރު ފުރުމާ ގުޅިގެން ފެން ޓެސްޓު ކުރުމުގެ ހިދުމަތުން ޑިސްކައުންޓެއް ދޭން އެ ކުންފުނިން ނިންމައިފިއެވެ.

އެމްޑަބްލިޔުއެސްސީ ޝޯރޫމަށް ފަސް އަހަރު ފުރުމާ ގުޅިގެން، ޝޯރޫމް ކަސްޓަމަރުންގެ އަގު ވަޒަން ކުރުމަށްޓަކައި އިއްޔެ އެ ކުންފުނިން ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފައިއެވެ. އެ ހަފްލާގައި ޝޯރޫމުން ވިޔަފާރި ކުރާ ކަސްޓަމަރުންވެސް ބައިވެރިވިއެވެ.

އެ ހަފްލާގައި އެމްޑަބްލިޔުއެސްސީން ވަނީ ޝޯރޫމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި އިއްޔެ ފަށާ ހާއްސަ ޕްރޮމޯޝަނެއް އިއުލާންކޮށްފައިއެވެ.

އެ ޕްރޮމޯޝަންގެ ދަށުން، އަންނަ ނޮވެމްބަރު މަހުގެ 30ގެ ނިޔަލަށް އެމްޑަބްލިޔުއެސްސީގެ ޝޯރޫމުން ފެން ޓެސްޓު ކުރުމުގެ ހިދުމަތުން 10 ޕަސެންޓު ޑިސްކައުންޓު ދޭނެއެވެ. އަދި ޝޯރޫމުން ގަންނަ ކޮންމެ ފެން މީޓަރަކުންވެސް 10 ޕަސެންޓު ޑިސްކައުންޓު ދޭނެއެވެ.

އެމްޑަބްލިޔުއެސްސީގެ ޝޯރޫމަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ// އެމްޑަބްލިޔުއެސްސީ

މީގެ އިތުރުން ޝޯރޫމުން ދިގު މުއްދަތަކަށް ވިޔަފާރިކޮށްފައިވާ 10 ކަސްޓަމަރަކަށް އިއްޔެގެ ހަފްލާގައި 10،000 ރުފިޔާގެ ވައުޗަރުވެސް ހަދިޔާކުރިއެވެ.

އެ ހަފްލާގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންގެންދަނީ ދިވެހި ރާއްޖޭގެ ސިނާއީ ދާއިރާއާ ގުޅުންހުރި ގިނަ އުފެއްދުންތަކެއް އެއްފުރާޅެއްގެ ދަށުން ބާޒާރަށް ނެރެ، ދުނިޔޭގައި ނަންހިނގާ މަޝްހޫރު ބްރޭންޑްތައް ދިވެހިންނަށް ވީހާވެސް ކައިރިން ލިބޭނެ ގޮތް މަގުފަހި ކޮށްދިނުމަށް ކަމަށެވެ.

ހަމައެއާއެކު ޝޯރޫމްގެ ވިޔަފާރި އިތުރަށް ތަރައްގީކޮށް، ކައިރި މުސްތަގުބަލެއްގައި އިތުރު ބްރޭންޑުތަކާއި ޕްރޮޑަކްޓުތައް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ޝާހު ވިދާޅުވިއެވެ. އަދި ޝޯރޫމުން ދޭ ހިދުމަތްތައް ވީހާވެސް ކައިރިން ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމަށްޓަކައި، ޑިޖިޓަލް ހިދުމަތްތަށް ތައާރަފް ކުރާނެކަން ޝާހު ފާހަގަކުރެއްވިއެވެ.

އެމްޑަބްލިޔުއެސްސީ ޝޯރޫމް ހުޅުވީ 2016 ވަނަ އަހަރުގައިއެވެ.

އެ ޝޯރޫމުން ދަނީ ފެނާއި ނަރުދާމާގެ ދާއިރާއާ ގުޅުންހުރި، ދުނިޔޭގެ ފެންވަރުގެ މަޝްހޫރު ބްރޭންޑްތަކުގެ އުފެއްދުންތައް ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އެ ބްރޭންޑްތަކުގެ ސޯލް ޑިސްޓްރިބިޔުޓަރަކީވެސް އެމްޑަބްލިޔުއެސްސީއެވެ.

އެ ޝޯރޫމުން ލިބޭ އުފެއްދުންތަކުގެ ތެރޭގައި އާރް.އޯ.ޕްލާންޓް، މެމްބްރޭންސް، ޕަމްޕު، ޓޭންކް، ޕައިޕް އަދި ފިޓިންސް، ފެން މީޓަރާއި އެހެނިހެން ސްޕެއާ ޕާޓްސް ހިމެނެއެވެ.

މީގެ އިތުރުން އެ ޝޯރޫމް މެދުވެރިކޮށް، އެމްޑަބްލިޔުއެސްސީގެ އައިއެސްއޯ 2005:17025 ސްޓޭންޑަޑްގެ ލެބޯރެޓަރީ އިން ދަނީ، ރިޒޯޓުތަކާއި، ފަންނީ ކޮންސަލްޓަންޓުން ފަދަ ފަރާތްތަކަށް، ވިޔަފާރީގެ އުސޫލުން ފެން ތަހުލީލު ކުރުމުގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

comment ކޮމެންޓް