މުއްދަތު ހަމަވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ -- ފޮޓޯ/ މަޖިލިސް

އާންމު ގަވައިދާ ބެހޭ ގާނޫނުގެ ޖަދުވަލް އެކަކާއި ދޭއްގައިވާ ގަވައިދުތަކުގެ ތެރެއިން މުއްދަތު ހަމަވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އަނެއްކާ ވެސް އިތުރުކޮށްފިއެވެ.

މި ގަވައިދަށް އަމަލުކުރަން މީގެ ކުރިން ފާސްކޮށްފައި އޮތީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

އާންމު ގަވައިދުތަކާބެހޭ ގާނޫނު ގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ގަވައިދުތަކަށް އަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ ގަވައިދު ކޮމިޓީން ހުށަހެޅި ރިޕޯޓުގައި ވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގަވައިދަށް އަމަލުކުރަން ފާސްކޮށްފައެވެ.

މި ގަވައިދުތަކާ ގުޅިގެން ހަދަން ޖެހޭ ބިލުތައް ވީހާވެސް އަަވަހަށް މަޖިލީހަށް ފޮނުވަން އެޓާނީ ޖެނެރަލް އޮފީހުގައި އެދެން ވެސް ރިޕޯޓުގައި ހިމަނައިފައިވެއެވެ.

މަޖިލީހުގެ ތަޅުމުގައި ކޮމިޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ ހާޒިރުވެ ތިއްބެވި 43 މެންބަރުންގެ ވޯޓުންނެވެ.

މިއީ ގާނޫނުތައް ނެހެދުމުގެ ސަބަބުން، ގަވައިދުތަކަށް އަމަލު ކުރުމުގެ މުއްދަތު މަޖިލީހުން އިތުރުކުރި 14 ވަނަ އަހަރެވެ.

comment ކޮމެންޓް