ސޮވަރިން ގެރެންޓީގެ ދަށުން އިންޑިއާއާއެކު ދެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެފްޑީސީން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ ލޯން އެއްބަސްވުމުގައއި އިންޑިއާގެ އެގްޒިމް ބޭންކާއެކު ސޮއިކުރަނީ -- ފޮޓޯ/ އެފްޑީސީ

ހައުސިން ޔުނިޓުތަކެއް އެޅުމަށް ދިވެހި ދައުލަތުގެ ސޮވެރިން ގެރެންޓީގެ ދަށުން ދެ ލޯނު އެއްބަަސްވުމެއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ސޮއިކޮށްފިއެވެ.

އެފްޑީސީން ސޮއިކޮށްފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 4000 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ޓަކައި ބޭނުންވާ ފައިސާ ހޯދުމުގެ ލޯން އެއްބަސްވުމުގައެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކާއެކުއެވެ. މި އެއްބަސްވުމުގެ ދަށުން ސޮއިކޮށްފައިވަނީ 116.45 މިލިއަން އެމެރިކާ ޑޮލަރާއި 110.5 މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ދިނުމަށެވެ.
އެފްޑީސީން ތަރައްގީކުރާ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އިންޑިއާފެ ދެ ކުންފުންޏަކާއެވެ. އެއީ އިންޑިއާގެ އެންބީސީސީ ކުންފުންޏާއި ޖޭއެމްސީ ޕްރޮޖެކްޓްސްއަށެވެ. ކޮންމެ ކުންފުންޏެއް ވެސް ކުރާނީ 2000 ހައުސިން ޔުނިޓުގެ މަސައްކަތެވެ.

އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު އެކަމަށް ޓަކައި ބޭއްވި ހާއްސަ ވާޗުއަލް ހަފްލާއެއްގައެެވެ. ކޮންމެ ކުންފުންޏެއް ވެސް ކުރާނީ 2000 ހައުސިން ޔުނިޓުގެ މަސައްކަތެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފްލާގައި އެފްޑީސީ އަދި އެގްޒިމް ބޭންކުގެ އޮފިޝަލުންވަނީ ބައިވެރިވެފައެވެ. ހަމައެއާއެކު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ ސަރުކާރުން ހާއްސަ އިސްކަމެއް ދޭކަމެއްކަމަށެވެ. އަދި 4000 ޔުނިޓު ހެޔޮ އަގުގައި ލިބުމަކީ ރައްޔިތުންނަށް ލުއިތަކެއް ލިބި އިގްތިސާދީ ފައިދާ ލިބޭނެ ކަމެއްކަމަށެވެ.

ހަމައެއާއެކު މި ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ މި މަޝްރޫއަކީ އެފަދަ އެހެން މަޝްރޫތަކަށް ވުރެ އަގު ހެޔޮ މަޝްރޫއެއްކަމަށެެވެ. އެއާއެކު ރާއްޖެއިން ހިންގާ މުހިންމު މަޝްރޫތަކަށް އިންޑިއާގެ އެހީ ލިބޭނެކަމަށް ސަފީރު ސަންޖޭ ވިދާޅުވިއެވެ.

ހައުސިން ޔުނިޓުތައް އެޅުމަށް ޓަކައި އިންޑިއާގެ ދެ ކުންފުންޏާ މި މަޝްރޫއުގެ ކޮންޓްރެކްޓުގައި ސޮއިކޮށްފައިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މި މަޝްރޫގެ ދަށުން އިމާރާތްކުރާނީ ދެ ކޮޓަރި އާއި ތން ކޮޓަރީގެ ހައުސިންް ޔުނިޓްތަކެވެ.

ދެ ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 650 އަކަފޫޓް ހުންނާއެވެ. ތިން ކޮޓަރީގެ ޔުނިޓްތަކުގެ ބޮޑު މިނުގައި 900 އަކަފޫޓޫ ހުންނާނެއެވެ.

comment ކޮމެންޓް