"ހަސަދަވެރިކަމާއިމެދު ހޭލުންތެރިވާށެވެ. އަލިފާން ދަރާއި ވިނަތައް ކާލާފަދައިން ރަގަޅު އަމަލުތައް ދިރުވައިލާނެއެވެ."

***

އަނދިރިކަމުގެ ތެރެއިން ކުޑަ ކުޑަ ހިޔަންޏެއް ފަދައިން ފެނުނު ކުއްޖާއާއިމެދު ޝައްކުވެގެން އޭނަ ސިޓިންރޫމްގެ ބޮކި ދިއްލާލައިފިއެވެ.

"ކަލޭ......." ކައިލް ހައިރާންކަމާއެކު ކިޔައިލިއެވެ. އޭނަގެ ލޮލުގެ ތޫނުކަމުން ނޫންނަމަ މިކުއްޖާ ވަކިކުރަންވެސް ނޭގުނީހެވެ. ކިތައްގޮތަށް ސިފަ ބަދަލުކުރާނެހެއްޔެވެ؟

"އަހަރެން ގެ ގޭގައި ކީއް ތިކުރަނީ؟" ޝޮކެއްގައި ހުރެ ކައިލް ނޯރާއަށް ނަޒަރު ހުއްޓާލިއެވެ. ގަޔަށް އެތައްތަނެއް ބޮޑު ޖިންސަކާއި ގަޔަށް ދޫކޮށް ހުރި ހެދުމެއްގައި ހުރިއިރު އެކުއްޖާ މާ "ނޯމަލް" ކަމުގައި ދައްކައެވެ. ސިފަ އެއްވެސް ވަރަކަށް ބަދަލުކޮށްފައި ނެތްކަން އޭނަ ދެނެގަތެވެ. ގުދުރަތީގޮތުން މުށިކުލައިގެ އިސްތަށިގަނޑު ގަތާލާފައި ހުޅިއެއްޖަހާލާފައި އޮތްއިރު އޭނަ ވަގުތުން ތޮފިގަނޑުން ފޮރުވާލައިފިއެވެ.

"މިއީ ތިޔަބޭފުޅާގެ ގެ؟"ނޯރާ ލޯބޮޑުކޮށްލިއެވެ. އެއާއެކު އަނގަމަތީގައި އަތްއެޅިއެވެ.

ނޯރާއަށް ނަޒަރު ހުއްޓައިލެވުނީ ކައިލްގެ ލެއިން ފޯވެފައިވާ މޫނަށެވެ. އެއްލޮލުގެމަތި ނޫ ދަނބުކުލައެއް އަރާފައެވެ." ސުބުހާނަﷲ..."

ވެގެން އުޅޭގޮތް ނޯރާގެ ސިކުނޑިއަށް ނަގައިގަންނަން އިރުގަނޑެއް ނެގިއެވެ. އިސްހާގުއަށް "މިކާލް"ކިޔާ ޒުވާނަކާއި ގުޅޭނެގޮތެއް ނުވެގެން އޭނަގެ ގާތު މަސައްކަތުގެ ފުރަތަމަ ދުވަސްކަމުގައި ބަލަން އެދުނެވެ. އެހެންވެ ނޯރާ ބޭކަރީގައި މަސައްކަތްފެށިއެވެ. އޭނަ ޑެލިވަރީއެއްވެސް ކޮށްދިނެވެ. އިސްހާގުގެ އަންހެނުން ވިހަންވެގެން ހޮސްޕިޓަލަށް ގެންގޮސް އަވަހަށް އެތަނަށް ދާންޖެހުނީ ކުއްލިއަކަށެވެ. ހުރިހާކަމެއް އެއްފަހަރާ ދިމާވުމުން ނޯރާއަށް މިހުރެވުނީ މިތާގައެވެ. އޭނަ ހާލަތު ކިޔާދީ ނިމުމުން ކައިލް ހައިރާންވީ ނޯރާއަކީ ކާކުކަން ރަގަޅަށް ނޭގި ވަޒީފާ ދިނީމައެވެ. އިސްހާގަކީ އެހާ ފަސޭހައިން ހަމަ މީހަކަށް އިތުބާރުކުރާނެ މީހެއްވެސް ނޫނެވެ.

"ވީއިރު ތިއީ މިކާލް......" ނޯރާ ލަދުވެތިކަމާއެކު ކިޔާލައިފިއެވެ." ޑިޑް އައި ޖަސްޓް......ޓު ޔޯ ފޭސް..."

ނޯރާ އަމިއްލަ ދެއަތްތިލައަށް ފަހު ކައިލްގެ މޫނަށް ނަޒަރު ހުއްޓައިލަމުން ލަފުޒުތައް އަމުނައިލަން މަސައްކަތްކުރިއެވެ. އޭނަ މިހާ ބާރުގަދަވީ ކޮންއިރަކުހެއްޔެވެ؟ ނޯރާ ގަބޫލުކުރީ ކައިލްގެ މޫނު ހަލާކުވީ އޭނަގެ ތަވާގެ ހަމަލާ އެރުމުން ކަމުގައެވެ. ކައިލްވެސް އަދި އެ ކުށްހީ ރަގަޅުކޮށްދޭކަށްވެސް ނޫޅުނެވެ.

"އާނ. ގާނޫނީގޮތުން މިވަގުތު ތިކުއްޖާ ޖަލަށްލުމުގެ ހައްގު އަހަންނަށް އެބައޮތް. އަހަރެންގެ ގައިގާ ތަޅައިގަތީނު." ކައިލްގެ އަޑަށް ސީރިޔަސްކަމެއް ގެނައެވެ. ނޯރާއަށް ކަންބޮޑުވުމާއެކު އަޑެއް ލައްވައިލެވުނެވެ.

"އޯނޯ ޕްލީޒް..." ނޯރާގެ ނަޒަރުގައި ވީ އާދޭހެވެ." އަހަރެން ހީކުރީ...ވަގަކު ވަދެގަތީކަމަށް. އިސްހާގުވެސް ހޮސްޕިޓަލަށް ދިޔައީ އަދި އަހަންނަކަށް ނޭގޭ ތިޔަ ބޭފުޅާ ވަޑައިގަންނަވާ ކަމެއް........."

"ދެން ނުދަނީތަ؟" ކައިލް ދޮރު ހުޅުވާލަދިނެވެ.

"ރޭގަނޑު މިގަޑީގައި އަންހެންކުއްޖަކު އެކަނިމާއެކަނި ފޮނުވައިލަން ތިއުޅެނީ؟" ނޯރާ ދެރަވާކަމަށް ހެދުނެވެ. އެންމެ ފަހަރަކުވެސް އޭނަގެ މޫނަށް ބަލައިލިނަމަ ގަދަކަމުން ލޮލަށް ގެނައި ކަރުނަތައް ފެނި ހަމްދަރުދީ ވީހެވެ. ނަމަވެސް ކައިލް އެއަށްވުރެ މާ ބޮޑާކަން ނޭގެއެވެ. އޭނަ ދޮރު ހުޅުވައިލިގޮތަށް ނޯރާ ނެރެން އަޒުމް ކަނޑައަޅައިގެން ހުރިފަދައެވެ.

"މިރޭ އަހަރެން މިގޭގައި މަޑުކުރިޔަ ނުދޭނަންތަ؟ ހަމައެކަނި މިރޭ. އަހަރެން މިތާއުޅޭކަން ފާހަގައެއްވެސް ވިޔަނުދޭނަން. އަހަރެން ދޮރުކައިރީ މިހެން އިނދެފައި ހެނދުނު ވީމަ ހިނގައިދާނަން. އަހަރެން ވައުދުވަން...." ނޯރާ އެތަނަށް ތިރިވެ ހަށިގަނޑުގައި އަތް ވަށާލައިގެންއިނެވެ." ބަލައިލަބަލަ. އަހަރެން އެހާ ބޮޑު ޖާގައެއްވެސް ނުނަގަމެއްނު...."

އޭނަ އިރުގަނޑަކުން އިސްއުފުލައިލީ ކައިލް ގަބޫލުވާނެކަމުގެ އުއްމީދުގައެވެ.

"އަހަރެންގެ ގޭގައި ބީރައްޓެއްސަކު ބަހައްޓަންވީ ކީއްވެ؟ ހެދުނު ހޭލާއިރު ހުރިހާ އެއްޗެއް ވަގަށް ނަގައިގެން ނުދާނެކަމުގެ ކޮން ޔަގީންކަމެއް އޮތީ؟ނޫނީ އެއަށްވުރެ ނުބައި. ނިދީގައި އަހަރެން މަރައިނުލާނެކަން އެނގެނީ ކިހިނެއް؟ އެހާ ފަސޭހައިން ބީރައްޓެހިންނަށް އިތުބާރުކުރާކަށް ނުވާނެ.."

ކައިލްއަށް އަދިވެސް އޮޅުން ފިލުވަން ދަތިވަނީ މިކުއްޖާއާއި މި ބައްދަލުވާގޮތެވެ. ފުރަތަމަ ފަހަރު އަޖައިބުކުރުވަނިވި ގޮތަކަށް ހެދުން އަޅާ ބޮލުގައި ރަތްކުލައިގެ އިސްތަށިގަނޑެއް ޖަހާލައިގެންނެވެ. އަދި އެތައް ދުރު ރާސްތާއަކަށް އޭނަގެ ފަހަތުން ހިނގާ އޭނަ އަތުލި ފައިސާ ހޯދަން އެދުނީއެވެ. އަނެއްކާ މިހާރު މިހިރީ މިތާގައެވެ. އަސްލު ސިފަ ޖެހި އޭނަގެ ގޭގައި އަދި އެގޭގައި ހުރުމަށް އެދި އެދިއެވެ.

"މީހެއްގެ ފަރާތުން ފިލަން ތިއުޅެނީ؟" ކައިލް އެއް ބުމަ އަރުވައިލިއެވެ. އެއްވެސް މީހަކު މިހެން ސިފަ ބަދަލުކޮށްލައިގެން އުޅުން ގަބޫލުކުރެވޭނެ ހަމައެކަނި އުޒުރަކަށް އޭނައަށް ފެނުނީ އެ ހާލަތެވެ. ނޯރާ ނިކަން އަވަހަށް ބޯ ހޫރައިގަތެވެ. އެއްގޮތަކަށްވެސް އޭނައަކީ ފިލައިގެން އުޅޭ ކުށްވެރިއެއްކަމަށް މިޒުވާނާއަށް ހީކުރެވިގެން ނުވާނެއެވެ.

"އެހެންވީމަ ބީރައްޓެއްސެއްގެ ގޭގައި މަޑުކުރާވަރަށް މީހަކަށް އިތުބާރުކޮށްފާނަން؟" އޭނަ ހަށަން ބަދެލިއެވެ. ބުރަ ދުވަހަކަށްފަހު އޭނަ ގެއަށް އައިއިރު މިފަދަ ކަމަކާއި ކުރިމަތިލާން ޖެހިދާނެކަމަށް އެއްގޮތަކަށްވެސް ހީކޮށްފައެއް ނެތެވެ.

"އަހަރެމެން ހަމަ އެއް އުމުރެއް. ތައުލީމު ހާސިލުކުރީ އެކީ."ނޯރާ ހައްތަހާ ބޮޑަށް މޫނަށް ނާޒުކްކަން ގެނައެވެ. އެހީތެރިކަމަށް ބޭނުންވެފައިވާ މޮޅިވެރި ކުއްޖެއްފަދައެވެ.

"އެހެންވީމަ؟" ކައިލްއަށް ގަބޫލުކުރަންވެސް ދަތިވިއެވެ. އޭނަ ފުން ނޭވައެއްލިއެވެ.

"ސުބުހާނަﷲ. މިއީ އަހަރެންގެ ދަރިއަކަށްވިނަމަ ކަންފަތުގައި ހިފައިގަތްގަތީނުން ރަތް އަރުވާލާނަން. ކޮންފަދަ އަދަބެއްނެތް ކުއްޖެއް." ނޯރާގެ މަސްނޫއީ ހިނިތުންވުމުގެ ތެރޭގައި އޭނަ ޚިޔާލުތައް ފޮރުވާލައިފިއެވެ.

"ޔޫ ނޯ ވަޓް؟ ބޭނުންގޮތެއް ހަދާ.."ކައިލްގެ ފަހު ޖުމްލަ އޭނަ ސިއްސުވާލައިފިއެވެ. ނޯރާ ބަލަންހުއްޓާ ދޮރު ލައްޕާލާފައި މާމަގެ ހާލު ބެލުމަށްފަހު އެހެން ކޮޓަރިއަކަށްވަދެ ނިވާވިއެވެ. ސިކުންތުކޮޅެއްފަހުން އިވުނީ ދޮރު ތަޅުލިއަޑެވެ."އޭނަގެ ކޮޓަރި ފަޅައިލަފާނެއޭ ހީކޮށް" ނޯރާ އަނގަޔަށް ވައްތަރެއް ޖެއްސިއެވެ. މިއީ އޭނަވެސް ދިރިއުޅެން ބޭނުންވާގޮތެއް ނޫނެވެ. އެކަމަކު އެހެން ރާސްތާއެއް ފެންނަން އޮތީއެއްވެސް ނޫނެވެ. އޭނަ ދާނެ އެހެން ތަނެއް ނެތްއިރު އަނދިރިކަން ދެކެވެސް އޭނަ ބިރުގަނެއެވެ.

ނާޔަލް ޖަލަށް ނުދިޔަނަމައެވެ. އޭނަގެ މީހަކަށް ދުނިޔޭގައި ހުރި ހަމައެކަނި އިންސާނަކީ އެއީއެވެ. އޭނަވެސް އެކަން ދެނެގަންނަން ޖެހޭނެ ނޫންހެއްޔެވެ؟ އަދި ޑޮކްޓަރަކަށްވެ މަސައްކަތް ފެށިވެސް ތަނާއެވެ. ޑޮކްޓަރުންގެ މަސައްކަތަކީ ބަލިމީހުންގެ ފުރާނަ ސަލާމަތްކުރުމެއް ނޫންހެއްޔެވެ؟ އެކަމަކު ނާޔަލް މީހެއްގެ ގަޔަށް ވަޅި ހަރައިލާ ޖަލުން ޖާގައެއް ކަށަވަރުކުރީއެވެ. އެއީ އޭނަ ދަންނަ ބޭބެ ނޫނެވެ. އޭނަ އަމިއްލަ ނަފުސަށް އެހާ ބޮޑު އަނިޔާއެއް ދޭންވީ ކީއްވެހެއްޔެވެ؟ އަދި ކޮއްކޮއަށްވެސް މެއެވެ. އޭނަ ނޯރާ ދުނިޔެއަށް ގިނަކޮށްލީއެވެ. އޭނަ ނައްތައިލަން ބޭނުންވާ މީހުންވެސް އެބަތިއްބެވެ. އޭނަގެ ބައްޕައެކޭ އެއްފަދައިންނެވެ. ނިދުނީ ކޮން އިރަކުކަމެއް ނޯރާއަކަށް ޔަގީނެއް ނޫނެވެ. އެކަމަކު އެއީ ލަވެންޑަރގެ މީރުވަސް ނޭފަތުގައި ޖެހިފައެވެ. އެއްވެސް އުއްބައްތިއެއް ނޫނީ ދުންދަނޑިއެއް ކަހަލަ އެއްޗެއް ހުރީއެއް ނޫނެވެ. އެކަމަކު ލަވެންޑަރގެ ވަސް އަޖައިބުވާފަދަގޮތަކަށް މުޅި ތަނުގައި ހިފާލާފައިވިއެވެ.

***

ނޯރާއަށް ލޯ ހުޅުވައިލެވުނީ ފަތިހުގެ ވަގުތެއްގައެވެ. އެއްވެސް މީހަކު ހޭލައްވާނުލާ ހިމޭންކަމާއެކު ގެއިން ނުކުތުމުގައި އޭނަ ކާމިޔާބުހޯދިއެވެ. މިއީ ރަސްމީކޮށް މަސައްކަތް ފަށާ ފުރަތަމަ ދުވަހެވެ. އަރައިގެން އަންނަ އިރު ފެނި ނޯރާގެ ލޯ ވިދައިގަތެވެ. އެއްވެސް މޭކަޕެއްނެތް ސާފު މޫނު އޮމާންވެފައި ވިދައެވެ. ދަތިއުދަގޫ ދިރިއުޅުމާއެކުވެސް އޭނަގެ ފޯކަސް އޭނަ ހިތް އުފާވާފަދަ ކުދި ކަންތައްތަކަށް ހުއްޓުވައިލައެވެ. އުޑުމަތިން އެ ފަވައިލާ އެކިކުލަތަކެވެ. ޗެރީ ބްލޮސޮމް ފިޔަތަކުގެ ލުއި ނެށުންތަކެވެ. ދޫނިތަކުގެ ލަވަ ކިޔުމެވެ. އޭނަ ހީލިއެވެ. ހެއްދެވިފަރާތުގެ ކުޅަދުންވަންތަކަމާއެވެ. އެފަރާތުގެ ފުރިހަމަ އުފެއްދެވުންތައްވެސް އޭނަގެ ހިތް ފުރުވައިލުމަށް ފުދެއެވެ. ﷲ އޭނަގެ ހުރިހާ ކަމެއް ބައްލަވާ ވޮޑިގެންވާކަމާއި އަޅަކަށް ނުއުފުލެވޭވަރުގެ ބުރައެއް ނުޖައްސަވާނެކަންވެސް އޭނަ ދަނެއެވެ. އޭނަ މަގުން ހިނގާފައި ދިޔައީ ޒިކުރާއި ދުޢާކުރަމުންނެވެ.

***

ޕެޓްރިކޯ ބޭކަރީގައި މަސައްކަތްކުރަމުން ދިޔައިރު ރޭގައި ހިނގި ހާދިސާ ނޯރާ އިސްހާގަށް ކިޔައިދިނެވެ. ކައިލްއަށް ލިބުނު ހައިރާންކަން ކިޔައިދިނުމުން އިސްހާގު ހޭންފެށިއެވެ. ނޯރާއަކީ އިސްހާގުގެ ކުރީގެ އެކުވެރިއެއްގެ ދަރިއެއްކަން އޭނަ ހޯދި ހޯދުމުން އެނގުނެވެ. މަހުމޫދު ގެއްލުނު ޚަބަރުވެސް އެނގި ނޯރާއާއިމެދު ހަމްދަރުދީވިއެވެ. އިސްހާގުގެ ކުޑަ ކުޑަ ތަންކޮޅެއް ކުއްޔަށް ދޫކޮށްފައި ހުރެއެވެ. އެތަނުން ރޭގަނޑު ނިދުމަށް އެނދާއި ހެނދުނު ނާސްތާ ފޯރުކޮށްދެއެވެ. އެތަނުން ނޯރާއަށް ކޮޓަރިއެއް ހަމަޖައްސައިދިނުމުންވެސް އޭނަ ހޮވީ ބޭކަރީގެ މަތީބައިގާ ހުންނަ ސްޓޯރެވެ. އެތަން ނޯރާއަށް ރަގަޅުވީ ރައްކާތެރިކަމާއި ފޮރުވިފައިވާކަން އިހުސާސްކުރެވިއެވެ. އެތަން ސްޓޯރެއްގެ ގޮތުގައި ބޭނުންވިޔަސް ދިރިއުޅެވޭނެހެން ފަރުނީޗަރުތައް ބަހައްޓާފައިވިއެވެ.

"އަންހެނުން ކިހިނެއް؟" ދަރިފުޅު ފެނިދާނެކަމަށް އުއްމީދުކުރަމުން ނޯރާ ސުވާލުކުރިއެވެ. އޭނަ ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވެއެވެ.

"އޯހ....ހަ....ހަމަ ވަރަށް ރަގަޅު.." ނޯރާއަށް ހީވި ހީވުމެއްކަމަށް ވިޔަސް އިސްހާގުގެ ގާތުން އަންހެނުންގެ ވާހަކަ އޮޅުން ފިލުވުމުންހިނިތުންވުން ފަނޑުވިކަން ފާހަގަކުރެވުނެވެ.

"ކީއްވެ ސްކޫލަށް ނުދަނީ؟މިތާ މަސައްކަތްކުރާ އެހެން ކުދިންވެސް ސްކޫލަށް ދޭ. ނޯރާވެސް ހައިސްކޫލްގައި ނޫންތަ އުޅެންޖެހެނީ.." ކަސްޓަރަމެއްގެ އޯޑަރު ދިނުމަށްފަހު އިސްހާގު ސުވާލުކުރިއެވެ.

"ތަންކޮޅެއް އަވަހަށް ސްކޫލް ދޫކޮށްލީ. ކޯހެއް ހަދަން ކަމަށް ކޮންމެހެން ފޮނިކެނޑުމުގެ ނިޔަތުގައެއްނޫން އެކަމަކު އަޅުގަނޑު ފުދޭވަރަކަށް ސްމާޓްވާނެ..."ނޯރާ އަމިއްލަ ނަފުސްގެ ދިފާއުގައި ވާހަކަދެއްކިއެވެ.

"ފުލްޓައިމްގައި މަސައްކަތްކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްތަ؟ މައްސަލއެއްނެތް ހާލްފް ޑޭގައި މަސައްކަތްކުރިޔަސް އެހެން މަސައްކަތްތަށް ފިރިހެންކުދިން ނިންމާނެ..." އިސްހާގުގެ ޚިޔާލު ފައުޅުކުރިއެވެ.

"އަޅުގަނޑު މިހާރުވެސް މިހިރީ އިހުސާންތެރިކަމުގެ އަދު އަދާނުކުރެވި ޝުކުރުވެރިވެފައި. ސަރ. އަޅުގަނޑު މުޅި ދުވަހު މަސައްކަތްކުރިޔަދީ އޭރުން މަތީބައިގާ ހުރުމުގެ އަގުވެސް އަދާކުރެވޭނެ...."ނޯރާ އަދަބުވެރިކޮށް ބުނެލިއެވެ. އޭނަ ކުލިދޭނެކަމަށްވެސް ވައުދުވިއެވެ. އަދި މިތާއުޅޭ ރަހުމްކުޑަ ފިރިހެނާއަކީ އިސްހާގުގެ ދަރިއެއް ނޫންކަންވެސް އޮޅުން ފިލިއެވެ. އުމުރުގައި ބޮޑުތަފާތެއް ހުއްޓަސް އެއީ އެކުވެރިއެކެވެ. އަދި އެއީ އޭނަފަދަ ޔަތީމްކުއްޖެވެ. ދިރިއުޅެނީ މާމައާއެކުގައެވެ.

***

ނޯރާ ގަނޑުފެން އަޅާފައި ސައިތަށްޓެއް ތައްޔާރުކޮށްލިތަނާ "މިކާލް" އޭނަގެ އެކުވެރިއަކާއިއެކު ބޭކަރީތެރެއަށް ވަދެގެން އަންނަ ތަން ފެނުނެވެ. މިތަނުންވެސް ނޯރާ ފެނުމުން ކައިލްއަށް ހައިރާންކަމެއް ލިބުނެވެ. އޭނަ ދާ ކޮންމެ ތަނަކުން ނޯރާ އެބަ ފެނެއެވެ.

"ހޭއި މިކާލް. ކުޑަކޮށް ނަމަ އީވިލްއެއް ނޫންތަ؟ އިސްހާގު ގާތު އަހަންނަކީ ވަގެކޭ ބުނީ......" ނޯރާ ހުރީ ކައިލްއާއި ތަޅާ ފޮޅައިގަންނަން ވަގުތަކަށް ބަލަބަލައެވެ. ނޯރާގެ ނަޒަރު ހުއްޓިފައިވަނީ ސީދާ ކައިލްގެ ލޮލަށެވެ. ހަގީގަތުގައި ނޯރާއަށް ނަން އޮޅުނީއެވެ. ކައިލްވެސް އެކަން ހަނދާންވިއެވެ. އޭނައަކީ މިކާލްކަމަށް ހީކުރެވުނީއެވެ.

މިކާލް ބުމަ އަރުވާލައިފިއެވެ."ވަޓް؟"

ކައިލް ކެއްސައިލީ މި އޮޅުމަށްޓަކާ ހެވެން އުޅުމުން އެކަން ފޮރުވުމަށެވެ."

އަހަރެން މިވާހަކަ ދައްކަނީ ކަލެއަކާއި ނޫން....."ނޯރާވެސް ކުޑަކޮށް ހައިރާންވިއެވެ.

"ދެންމެ ތިބުނީ އަހަންނަކީ އީވިލް މީހެކޭ؟" މިކާލް ބުމަ ކައިރިކޮށްލިއެވެ." އިސްހާގު. އަޅުގަނޑުމެންގެ ކްރޭޒީ ކަސްޓަމަރެއް އެބަހުރި މިތާގައި ވަޒީފާގައި އުޅޭކަމަށް ހެދިގެން."

މިކާލް އެ ޖުމްލަ ބުނެލީ ފުދޭވަރަކަށް ބާރަށެވެ. ނޯރާ ކަސްޓަމަރަށް އައިސް ކޮފީދޭން ހުއްޓާ އެ ޖުމްލަ އިވި ނޯރާއަށް ބަލައިލީ އެހެން ކަހަލަ ނަޒަރަކުންނެވެ.

"މިކާލް. އެކުވެރިޔާ ގާތު އަހަންނަކީ މޮޔައެއް ނޫނޭ ބުނެފާނަންތަ؟" ނޯރާ މޫނު ހެދިއެވެ.

"ސީރިޔަސްލީ؟ މި ކްރޭޒީ ކުއްޖާ. ކާކާއި ދިމާލަށް މިކާލް އޭ ތިކިޔަނީ؟ އަހަންނާއި ސަމާސަކުރަންތަ ތިއުޅެނޯ؟ އަހަންނަށް އެނގޭ މީހެއްވެސް ނޫނޭ ތިއީ.ކުއްޖާ.."

"ކީއްވެ އަހަންނާއި ވާހަކަ ތިދައްކަނީ؟" ނޯރާ އެސްފިޔަތައް ޖަހައިލިއެވެ. މިޒުވާނާ މޮޔަވީހެއްޔެވެ؟ކުއްލިއަކަށް އިސްހާގު ވަދެ މިކާލްގެ ކަންފަތުގައި ހިފާ ދަމައިލިއެވެ.

"މިކާލް ޔޫ ޔޫޒްލެސް ކިޑް. އަހަރެން ހާދަ ވަރަކަށް ހޯދައިފީމޭ. ފެމިލީއަށްވެސް ގުޅިން. އިއްޔެ ކޮންތާކު އުޅުނީ؟"

ކައިލްއަށް ސިއްރު ނަޒަރަކުން ބަލައިލެވުނީ ނޯރާގެ މޫނަށެވެ. ނޯރާއަށް ނަން އޮޅުން އެރިކަން އިހުސާސްވެ އެމޫނު ރަތްކަމުން އަލިފާންކޮޅަކަށްވިއެވެ. އެކުއްޖާ ލަދުގަތްވަރުން ތޮފިވެސް ތިރިކޮށްލައިފިއެވެ.އިސްހާގު އެޒުވާނުންނަށް ނޯރާ ތައާރަފުކޮށްދިނެވެ. އެއީ އެމީހުންގެ އާ މުވައްޒަފެވެ. އެތަނުން އެއްވެސް ޒުވާނަކަށް އެކަމުން އުފަލެއް ލިބުނުހެން ހިޔެއްނުވެއެވެ. ކައިލްގެ ޒާތީ މައްސަލައެކެވެ. މިކާލް ހީކުރީ މޮޔަ ކުއްޖެއް ކަމަށެވެ. އިތުރު ހައިރާންކަމެއް ނޯރާގެ ފަރާތުން ނުލިބޭނެކަމުގެ ޔަގީންކަމުގައި ހުއްޓާ ކައިލްއަށް ކުރެވުނީ ކުށްހީއެއްކަން އެނގިއްޖެއެވެ. ކައިލް ނިންމީ އާދައިގެ މަތިން ކުޑަ ހުސް ވަގުތުކޮޅެއް ނަގައިގެން ސްޓޯރ ރޫމްގައި އަރާމުކޮށްލަން ދިޔުމަށެވެ.

ނޯރާ ނަމާދުކޮށްގެން އޭނަގެ ހުދު ފޮށާ ނެގުމާއެކު ހުޅި ނެއްޓި އިސްތަށިގަނޑު ފައިބައިގަތެވެ. ގަދަ މުށިކުލައެކެވެ. ކަޅުކޮފީއަށް އިރުގެ އަލި އެޅިފައިވުމުން ހުންނާނީ އެފަދަ ހިތްގައިމު ކުލައެކެވެ. އިސްތަށިގަނޑު ދިގުކަމުން އިށީދެގެން އިންއިރުވެސް ބިންމަތީގައި ކޭއްތިލައެވެ. ކައިލް ފަހަރެއްގައިވެސް ނޯރާގެ އިސްތަށިގަނޑު ދިގުވެދާނެކަމަށް ޚިޔާލުކޮށްފައެއްނެތެވެ. އަބަދުވެސް ހުޅިއެއް ޖަހާ ތޮފިގަނޑުން ނިވާކޮށްލާފައިވާތީއެވެ. ކައިލް އަވަހަށް ނަޒަރު އެއްފަރާތްކޮށްލައިފިއެވެ. އަދި ނިކަން މަޑުމަޑުން ދޮރު ލައްޕާލައިފިއެވެ.

***

އިސްހާގު. އެކުއްޖާވެސް މިތާ ދިރިއުޅުނަ ދިނީތަ؟" ކައިލް އިސްހާގާއި ކުރިމަތިލީ ނުރުހުމުގެ ނަޒަރަކާއެކުގައެވެ.

"އެކުއްޖާ އުޅޭނެ ތަނެއް ނެތް..އަދި ކުރީގެ އެކުވެރިއެއްގެ ދަރިއަކަށްވާތީ އިތުބާރުކުރެވިދާނެކަން ދެނެގަނެވުނީ." އިސްހާގު ކޮނޑު އަރުވައިލިއެވެ." އެއީ ކަލޭގެވެސް އެކުވެރިއެއް ނޫންތަ؟"

ފޮރުވިފައިވާ ހިނިތުންވުމަކާއެކު އިސްހާގު ބުމަ އަރުވައިލިއެވެ.

"ބޭނުމެއްނެތް ގޮތުގައި މީހުންނާއި ގުޅުން ނުބާއްވަން."ކައިލް ކުރުގޮތަކަށް ބުނެލިއެވެ.

"އިސްހާގު. އަޅުގަނޑާއި ކައިލް ފުދޭވަރަކަށް ގާތްވެއްޖެ" މިކާލް ފަޚުރުވެރިގޮތަކަށް ހިނިތުންވެލިއެވެ."އެހެންވީމަ އަހަންނަކީ މިހާރު ވަރަށް އިމްޕޯޓެންޓް އެކުވެރިއެއް.........."

އެވަގުތު އިސްހާގު މާގަދަޔަށް ކެއްސައިގަތުމުން މާފަށް އެދިފައި އެތަނުން ދާން ހިނގައިގަތެވެ.

"ތަންކޮޅެއް ގަދަޔަށް އޭނަ އެބަ ކެއްސާހެން ހިޔެއްނުވޭތަ؟މިހާރަކަށް އައިސް އަބަދު ރޯގާ ޖެހިފައި އެހުންނަނީ....."މިކާލް ބުނެލިއެވެ."އަގް......އިސްހާގުއާއިހެދި އަހަރެން ރޯގާ ނުޖެހޭނެކަަމަށް އުއްމީދުކުރަން......"

މިކާލް ބުނި އެއްޗަކާއިމެދު ކައިލް ޚިޔާލުކޮށްލުމުން އެއީ ތެދެއްކަން އެނގުނެވެ. އިސްހާގުގެ ސިއްހަތު ކުރިއަށްވުރެ ބަލިކަމަށް ފެނުނެވެ.

***

ސިއެނާ ކުޑަކޮށް ޖާސޫސްކޮށްލުމާއެކު ކައިލް މަސައްކަތްކުރަނީ ކޮންތަނެއްގައިކަން ހޯދުނެވެ. އެ ބޭކަރީއަށް ބަލައިލެވުނީ ލޯ ހަނިކޮށްލަމުންނެވެ. މުއްސަދިކުއްޖެއް ނޫންތާއެވެ. ޔަތީމު ފަގީރުކުއްޖެކެވެ. އޭނަފަދަ އަންހެންކުއްޖަކު ރުހުން ހައްގުވާވަރުގެ ޒުވާނެއްވެސް ނޫނެވެ.ވީއިރު އޭނަގެ ހުށަހެޅުން ބޮލައިލާން ޖެހުނީ ކީކޭހިތަށް އަރައިގެން ހެއްޔެވެ؟ އެކުއްޖާގެ އެހެރަ ހިތްވަރެކެވެ. ސިއެނާ ހުރީ އޭނަގެ އަތުގައި އޮތް އެންމެ ރީތި ހެދުން އަޅައިގެންނެވެ. ފިޔާތޮށިކުލައިގެ ޓޮޕަކާއި ކުރު ސްކާޓެކެވެ. އޭނަގެ ދިގު ރީތި ދެފައި ފެންނާނެހެންނެވެ. އިސްތަށިގަނޑުވެސް ކުޑަކޮށް ބުޅިކޮށްލުމަށްފަހު ނިންމައިލީ ކަނދުރާގައި ފިޔާތޮށި ސްކާފެއް އޮޅައިލަމުންނެވެ. އޭނަގެ ހެދުމާއި ގުޅޭކުލައިގެ ކާރަކުން ފޭބިއެވެ. އޭނަ ހިނގައިގަތީ އަގުބޮޑު ހީލްގެ ޓޮއްޓޮއް އަޑު ބިމުގައި ހިފައިލާފައެވެ. އޭނަގެ ވިދާ ދޮންމޫނުގައި އިރުގެ ތޫނު އަލިން ސަލާމަތްކުރަމުންގޮސް ބޭކަރީއަށް ވަނެވެ. އޭނަ ދޮރު ހުޅުވާލުމާއެކު ދޮރުގައި ހަރުކޮށްފައިވާ ކުޑަ ރަގަބީލު ޖެހުނެވެ.

އޭނަގެ ނަޒަރުވެސް ކައިލްއަށް ހުއްޓުނެވެ. . ހަރުގަނޑަކަށް އަރާހުރެ ބޮކިތަކެއް ހަރުކުރަނީއެވެ. ސިއެނާއަށް އިހުސާސްކުރެވުނީ މޭ ފަޅައިގެންގޮސްދާނެ ހެންނެވެ. އެއޮންނަން ޖެހޭ މަގާމަށްވުރެ ކުއްލިއަކަށް ހިތް މާ ބޮޑުވެ ނުކަތައިގަތްހެން ވެސް ހީވިއެވެ. އެކަމަކު ކައުންޓަރުގެ ބިއްދޮށުން އަންހެންކުއްޖަކު ފެނުމާއެކު އޭނަގެ އިހުސާސްތައް ހަމަޔަކަށް އަޅުވަން ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މިތަނުގައި އަންހެންކުއްޖަކު މަސައްކަތްކުރާކަން އޭނައަށް އެނގިފައެއް ނުވެއެވެ. މިއީ ކާކުހެއްޔެވެ؟ ސިއެނާގެ ސަމާލުކަން އެ އަންހެންކުއްޖާ އަތުލައިފިއެވެ. މޭޒަކުން ޖާގަ ހޯދުމަށްފަހު އޭނަ އެކުއްޖާގެ ހަރާކްތައް ބަލަންފެށިއެވެ. ވަރުބަލިވެފައިވާ ބަލިކަށި ކުއްޖެކެވެ. ޓޭންވެފައިވާ އަލި ހަމެކެވެ. ފެޝަންކަމެއް ނެތް ދަނބު ތޮތްޕަކުން އިސްތަށިގަނޑު ފޮރުވާލާފައެވެ. އެހެންވެ މޫނުވެސް ކޮންމެވެސް ވަރަކަށް ނިވާވެފައެވެ. އޭނަގެ ރީތިކަމާއި އަޅާ ކިޔޭވަރެއް ނޫނެވެ. އޭނަ ކަންބޮޑުވާންވީފަދަ ކަމެއް ނެތެވެ. އެންމެ ނަޒަރަކުންވެސް މިކުއްޖާއަކީ ފިރިހެން މަރިޔަނބު ކަން ދެނެގަނެވިއްޖެއެވެ.

"މިސް. ކޯންޗެއް އޯޑަރުކުރައްވަން ބޭނުންވެލައްވަނީ؟" ފިރިހެންކުއްޖަކު ކުޑަ ނޯޓްފޮތެއް ހިފައިގެން އައެވެ. ނޭމްޓެގް ގައި "މިކާލް" ގެ ނަން އޮތެވެ. ސިއެނާ މޫނު ހެދިއެވެ. ކައިލް އޯޑަރު ނަގަން ނައީ ކީއްވެހެއްޔެވެ؟

"މެނޫގައިވާ ކޮންމެ ވައްތަރަކުން އެއްޗެއް ބޭނުމީ......." ސިއެނާ ނިކަން ހަމަޖެހިލާފައި ކައިލްއަށް ވެސް އަޑުއިވޭހާ ބާރަށް ބުނެލައިފިއެވެ.

"ޔަގީންތަ؟" މިކާލް ދެބުމަ އަރުވައިލިއެވެ.

"އަހަރެން ބުނި އެއްޗެއް ނީވުނީތަ؟" ސިއެނާއަށް ކައިލް އެދިމާލަށް ބަލައިލިތަން ފެނުނެވެ. ސިކުންތަކަށެވެ. ނޫނެެކެވެ. އެއަށްވުރެވެސް ކުޑަ ހިނދުކޮޅެކެވެ. އޭނަ ދަތްތައް ކާރުވައިގަތެވެ. އޭނަ ކައިލްއަށް ލޯބި ހުށަހެޅުމަށްފަހު އެހިތް އެނގިފައިވާއިރުވެސް ބަލައިލި ގޮތެކެވެ. އެލޯބި ޖޯކަކަށް ވާން ފަށައިފިއެވެ. އޭނަ ގެ އެއްވެސް އިހުތިރާމެއް ނެތެވެ. ސިއެނާ ގަނޑުކޮޅު ހިފައިގެންގޮސް ކައިލްގެ އަތަށް ދިނެވެ.އޭގައިވަނީ ސިއެނާގެ އެޑްރެހެވެ.

އަހަރެންގެ އޯޑަރު ޑެލިވާކޮށްދީފާނަންތަ؟ މާގިނައިރު އެބަވޭ. އިންތިޒާރުކުރާކަށް ވަގުތެއްނެތް...."

ކައިލް އަނގައިން ބުނުމެއްނެތި އެ ކަރުދާސްކޮޅު ހިފައިގެން ދާން ހިނގައިގަތެވެ. ސިއެނާ އެތަނުން ނުކުމެގެން ހިނގައިގަތްއިރު ރުޅިގަނޑު އިތުރުވަމުން ދިޔައެވެ. އޭނަގެ އާ ކެމެރާ ނިކަން ސިއްރުން ޕާސްއިން ނެގިއެވެ. އަދި ކައިލްގެ ފޮޓޯތަކެއް ނެގިއެވެ. އޭނަގެ ހުށަހެޅުން އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތި ގަބޫލުނުކުރީތީ ކައިލް ހިތާމަކުރާވަރު ކުރާނެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު