މަޝްހޫރު ރާޒުވާ ކުޅުންތެރިޔާ ނޯނާ ނެޓްފްލިކްސްއަށް ދައުވާކޮށްފި

ކުއީންސް ގޭމްބިޓް-- ފޮތޮ/ނެޓްފްލިކްްސް

މަޝްހޫރު ރާޒުވާ ކުޅުންތެރިޔާ ނޯނާ ގަޕްރިންޑަޝްވިލީ ނެޓްފްލިކްސްއާ ދެކޮޅަށް ދައުވާކޮށްފިއެވެ.

ނޯނާ، ނެޓްފްލިކްސްއަށް ދައުވާ ކޮށްދިނުމަށް އެދި އެލްއޭ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅީ ނެޓްފްލިކްސްއިން އޭނާއާ ބެހޭގޮތުން ދޮގު ހަބަރު ފެތުރި ކަމަށް ބުނާ މައްސަލައެއްގައެވެ.

އެއީ ނެޓްފްލިކްސްގެ މަޝްހޫރު ސީރީސްއެއް ކަމަށްވާ "ކުއީންސް ގޭމްބިޓް"ގައި ނޯނާ ގަޕްރިންޑަޝްވިލީ ފިރިހެން ރާޒުވާ ކުޅުންތެރިންނާ ދެކޮޅަށް ނުކުޅޭ ކަމަށް ބުނެ އޭނާއާ ބެހޭގޮތުން ދޮގު ހަބަރު ފަތުރާފައިވާތީއެވެ.

ކުއީންސް ގޭމްބިޓްއަކީ ފިކްޝަނަލް ރާޒުވާ ކުޅުންތެރިޔާ ބެތު ހާމަންގެ ދިރިއުޅުން ދައްކައިދޭ ސީރީޒްއެކެވެ.

އެ ސީރީޒްގެ ނިމޭ ބައިގައި ބެތު ކުޅޭތަން ބަލަން ހުންނަ އެނައުންސަރެއް ވަނީ ބެތު އާއި ނޯނާގެ ދިރިއުޅުން އަޅާ ކިޔާފައެވެ.

"ނޯނާ ގަޕްރިންޑަޝްވިލީއަކީ ދުނިޔޭގެ އަންހެނުންގެ އެއްވަނަ އެކަމަކު ނޯނާ ފިރިހެން ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެފައި ނުވޭ." އެނައުންސަރުގެ ވާހަކައިގައި ބުނެފައިވެއެވެ.

ނޯނާ ބުނާގޮތުން ނަމަ އެ ދޮގު ބަހުގެ ސަބަބުން އޭނާގެ މޮޅު ކުޅުންތެރިއެއް ކަމުގެ ރެޕުޓޭޝަން އުވާލައެވެ.

ނޯނާ އެ ޑައިލޮގު ސިފަކުރަނީ ވަރަށް "ގްރޮސްލީ ސެކްސިސްޓް" ޑައިލޮގެއްގެ ގޮތުގައެވެ.

ކުއީންސް ގޭމްބިޓްއިން ދައްކަނީ 1968ގައި ހިނގާ ކަންތައްތައް ކަމަށާއި އޭރު ނޯނާ ފިރިހެން ކުޅުންތެރިންނާ ދެކޮޅަށް ކުޅެ މޮޅުވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައިގައި ނެޓްފްލިކްސްއިން ބުނީ ނޯނާއަށް އިހްތިރާމް ކުރާ ކަމަށާއި މި މައްސަލައިގައި އެއްވެސް ހަގީގީ ބޮޑު ތެދެއް ނުވާ ކަމަށެވެ.

comment ކޮމެންޓް