ތިޔަ ލޯބި އެދިގެން... - 06

ގަސްތަކުގެ ހިޔަލުގެ ތެރެއިންލާފައި ގޮސް އޭނާ ރަށުގެ ސިއްހީ މަރުކަޒުގެ ގޭޓް ހުރަސްކޮށްފައި ގޮސް ވޯޑަށް ވަނެވެ. އޭރު އޭނާގެ ބައްޕަގެ އެނދު ކައިރީގައި ޒުވާނަކު އިށީނދެލައިގެން އިނެވެ. އޭނާ އިނީ މިންހާއަށް ފުރަގަސްދީގެންކަމުން އެއީ ކާކުކަމެއް އޭނާއަކަށް ނޭނގުނެވެ. ހަނީފްގެ ނަޒަރު މިންހާއަށް އަމާޒުވުމާއެކު، އެ ޒުވާނާވެސް ފަސްއެނބުރި ބަލައިލައިފިއެވެ.

އެއީ އޭނާއަށް މީގެ ކުރިން ފެނިފައިވާ ޒުވާނެއް ނޫނެވެ. އެންމެ ފުރަތަމަވެސް މިންހާގެ ދެ ލޮލުގައި އަޅައިގަތީ އެ ޒުވާނާގެ "ޓާކިޝް ގްރީން" ކުލައިގެ ދެލޮލެވެ. އެ ހުރީ އަނެއްކާ ލެންސެއް ލައްވާފައި ހެއްޔެވެ؟ ރާއްޖެއިން މީގެ ކުރިން އޭނާ އެފަދަ ދެ ލޮލެއް ދެކެފައި ނުވެއެވެ. އެ ދެލޮލުގައި ވަނީ އާދަޔާ ހިލާފު ވިދުވަރެކެވެ. އެ ނަޒަރު މާނަ ކުރާކަށް މިންހާއަކަށް ނޭނގުނެވެ. މިންހާ ފެނުމާއެކު ލުއިލުއި ހިނިތުންވުމެއް އެ ޒުވާނާގެ ތުންފަތްމައްޗަށް ވެރިވެގެން ދިޔަތަން އޭނާއަށް ފެނުނެވެ. ހަމުގެ ކުލަ އަލިއިރު ރާއްޖެ ޒުވާނެއް ވައްތަރެއް ނުޖަހައެވެ. މިންހާ އެ ދިމާލަށް ލަސް ފިޔަވަޅުތަކެއްގައި ހިނގައިގަތުމުން އޭނާ ގޮނޑިން ހަމައިސްކޮޅަށް ތެދުވެލިއެވެ. ދިގު އިސްކޮޅަކަކާއެކު، އެ ޒުވާނާ ފެންނަލެއް ނުހަނު ސްމާޓެވެ. ފިރިހެންވަންތައެވެ. ރާއްޖޭން އެހާ ރީތި ޒުވާނަކު އޭނާ މި ވީހާތަކަށް އަދި ފެނިފައެއް ނުވެއެވެ. ލާފައިވާ އަޅިކުލައިގެ ޓީޝާޓް ގަޔަށް ހިފާލާފައިހުރިއިރު، އޭނާގެ ކަސްރަތީ ހަށިގަނޑުގެ ބައްޓަން އެނގޭހާވެއެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު، އެ ހަތަރެސްކަން މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ހީލުމާއެކެ، އޭނާގެ ވައަތް ފަރާތު ކޮލަށް އެޅުނު އަޑިކޮޅުގެ ސަބަބުންނެވެ. ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން ވެސް އޭނާގެ ރީތިކަން އިތުރު ކޮށްދެއެވެ. އެ ޒުވާނާގެ ރީތިކަމަށް މިންހާއަށް ހިތާހިތުން ތައުރީފް ކުރެވުނެވެ. ހާއްސަކޮށް އެ ޒުވާނާގެ އެ ތަފާތު ދެލޮލަށެވެ. އެ ޒުވާނާ ކިތަންމެ ރީތިވިނަމަވެސް، އޭނާގެ ހިތެއް އެ ޒުވާނާއަކަށް ނުދެވުނެވެ. އެ ހިތަކީ ހަމައެކަނި އާހިލްގެ މިލްކެކެވެ.

މިންހާ އައިސް ހަނީފް ކައިރީގައި ހުއްޓުމަށްފަހު ވެސް އެ ޒުވާނާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ނުވެސް ދަންނަ ޒުވާނަކު ބައްޕަ ކައިރީގައި އިނުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އެ ޒުވާނާއާ ބައްޕައާ ވަނީ ކޮން ގުޅުމެއް ހެއްޔެވެ؟ އެއީ އަނެއްކާ ދިވެއްސެއް ބާވައެވެ. ނޫނީ މިތަނުގައި މަސައްކަތްކުރާ ޑޮކްޓަރެއް ބާއެވެ. އެހެން ވިޔަސް އޭނާގެ ބައްޕަ ކައިރީގައި އެ ގޮތަށް އިށީނދެގެން ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

"ދަރިފުޅާ!...." ހަނީފް ބަލި އަޑަކުން މިންހާއަށް ގޮވައިލިއެވެ. އޭރުވެސް އެ ޒުވާނާ އެތަނުގައި ހުއްޓެވެ. މިންހާ އައެއް ކަމަކު، އޭނާ އެތަނުން ނުކުމެގެން ދާކަށް ނޫޅުނެވެ. މިންހާ އެ ޒުވާނާއާ ބެހޭގޮތުން ކިތަންމެ އަހަން ބޭނުންވެފައި ހުރި ނަމަވެސް، އޭނާއަށް އެ ސުވާލު ބައްޕައާ ކުރާކަށް ނުކެރުނެވެ. ހިތުގައި އުތުރި އަރަމުންދިޔަ ޝައުގުވެރިކަން ފޮރުވޭތޯ އޭނާ މަސައްކަތްކުރިއެވެ. ކާއެއްޗެހި ބަހައްޓަމުން، އޭނާ ހަނީފަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ހީވާ ކަަހަަލައެވެ. އޭނާ ބޭނުންވަނީ ހަނީފްގެ ޖަވާބެކެވެ. ހަނީފް އެއްޗެއް ނުުބުނެ އިރުކޮޅެއްވީ ފަހުން މިންހާ ވާހަކަ ދެއްކިއެވެ.

"ބައްޕާ އެއްޗެއް ކާން އުޅެންވީނު..." މިންހާ ބުނެލިއެވެ.

"ދަރިފުޅާ އިށީނދެބަލަ!" އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ހަނީފް ބުނެލިއެވެ. އެއަށްފަހު، އޭނާ އެ ޒުވާނާއަށް ބަލައިލިއެެވެ. އޭނާ އެދުނީ އަނެއް ފަރާތުގައި ހުރި ގޮނޑީގައި އިށީނުމަށެވެ. އެ ޒުވާނާވެސް ގޮނޑީގައި އިށީނދެލިއެވެ. އޭނާގެ ނަޒަރު އެތައް ފަަހަރަކު މިންހާއަށް ހުއްޓުނެވެ. އެއިން ކޮންމެ ފަހަރަކު އޭނާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެއެވެ. ހަމުގެ ކުލަ އަލިއިރު މިންހާއަށް ގުދުރަތީ ގޮތުން ދެއްވާފައިވާ ސިފަތަކުގެ ސަބަބުން މިންހާ ވަރަށް ރީއްޗެވެ.

"ދަރިފުޅާ!..."

"ކީކޭ ބައްޕާ..." މިންހާގެ އަތުގައި ހިފާލި ހަނީފްއަށް ބަލައިލަމުން މިންހާ، އޭނާގެ ޝައުގުވެރިކަން ހަނީފްއަށް ހުއްޓައިލިއެވެ. ހަނީފް ދައްކަން އުޅޭ ވާހަކައަށް ސަމާލުކަން އޭނާ ދިނެވެ.

"މީ ޝިޒާން..." ހަނީފް އެ ޒުވާނާ މިންހާއަށް ތައާރަފް ކޮށްދިނެވެ.

"ޝިޒާން... މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު.." ޝިޒާންއަށް ބަލައިލަމުން ހަނީފް ބުނެލިއެވެ. އެއާއެކު މިންހާ އެ ޒުވާނާއަށް ބަލައިލީ ބައްޕަ އެ ޒުވާނާއާ ދިވެހިން ވާހަކަ ދެއްކުމާ އެކުގައެވެ. އެއީ އަނެއްކާ ދިވެއްސެއްބާވައޭ އަނެއްކާވެސް އޭނާގެ ހިތަށް އެރިއެވެ. ތައާރަފް ކޮށްދިނުން ފިޔަވާ އިތުރު އެއްޗެއް އެ ޒުވާނާއާ ބެހޭގޮތުން ހަނީފް ނުބުނެއެވެ. އެ ޒުވާނާ ވެސް އިތުރު އެއްޗެއް ނުބުނެއެވެ. މިންހާގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ. މިންހާއާ ހަތަރުކަޅި ހަމަވާ ކޮންމެ ފަހަރަކު އެ ޒުވާނާ ހިނިތުންވެލައެވެ.

މިންހާ އޭނާގެ ބައްޕައަށް ގެނައި ކާ އެއްޗެހި އަޅާފައި ހުރި ތަށިތައް ނަގާ ބައްޕައަށް ކެވޭ ގޮތަށް ހަދައިދިނެވެ.

"ދަރިފުޅާ... ޝިޒާންއަށް ކޮޓަރީގެ ތަޅުދަނޑި ހަވާލުކޮށްލައްޗޭ. ޝިޒާން ހުންނާނީ ގޭގައި." ހަނީފް ބުނެލިއެވެ. އިތުރު އެއްޗެއް އެވަގުތު ބުނާކަށް މިންހާއަކަށް ނުކެރުނެވެ. ބައްޕަގެ އެ ވާހަކައިން އޭނާއަށް ޔަގީންވީ ކަމަކީ އެއީ މިރަށު ޒުވާނެއް ނޫން ކަމެވެ. އަދި ރަށު ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރެއް ވެސް ނޫން ކަމެވެ. އޭނާ ހަމައެކަނި ބޯ ޖަހައިލީއެވެ. އެ ޒުވާނާއާ ހެދި ބައްޕަ އެހާ ވަރުން އެ އުޅެނީ އަނެއްކާ ކިހިނެއްވީ ހެއްޔެވެ؟ އެއީ ބައްޕައާ ކޮން ގުޅުމެއް އޮތް މީހެއް ހެއްޔެވެ؟ އޭނާގެ ލޮލުގައި އެއް ފަރާތުގައި ބަހައްޓާފައި ހުރި ދަބަސް އަޅައިގަތެވެ. އެ ޒުވާނާ ދެންމެ ރަށަށް އައިކަން ދެނެގަނެވުނީ ދެނެވެ. އެކަމަކު ކީއްވެ ހެއްޔެވެ؟ އައި ގޮތަށް އޭނާގެ ބައްޕައާ ބައްދަލުކުރަން އެ ޒުވާނާ އަންނަން ޖެހުނު ސަބަބަކީ ކޮބައި ހެއްޔެވެ؟ މީގެ ކުރިން ދުވަހަކުވެސް އެ ޒުވާނާ އެ ރަށަށް، އެ މީހުންގެ ގެއަށް އައިސްފައެއް ނުވެއެވެ. ނުވިތާކަށް ޝިޒާން ކިޔާ މީހަކުގެ ވާހަކަވެސް އޭނާގެ ބައްޕަ ދުވަހަކުވެސް ދައްކާފައެއް ނުވެއެވެ.

ޝިޒާން ކޮންމެވެސް އެއްޗެއް ބުނަން އުޅުނު ނަމަވެސް، އޭނާއަށް އެކަން ކާމިޔާބެއް ނުވީ އޭނާގެ ފޯނު ރިންގް ވުމާއެކުގައެވެ. އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.

"އެކްސް ކިއުޒް މީ..." ފިރިހެންވަންތަ އަޑެެކެވެ. އެ އަޑުގެ ރީތި ކަމަށް މިންހާއަށްވެސް ތައުރީފް ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ބަލައިލަމުން، އޭނާ ހަނީފަށް ބަލައިލަމުން އެ ތަނުން ނުކުތުމުގެ އިޒުނައަކަށް އެދުނެވެ. ހަނީފް ބޯ ޖަހައިލުމާއެކު ހިނިތުންވެލުމަށްފަހު، ޝިޒާން ވޯޑުން ނުކުމެގެން ސިއްހީ މަރުކަޒުގެ ގޭޓާ ދިމާލަށް ހިނގައިގަތެވެ. އެ ވަގުތު ކައުންޓަރުގައި ތިބި ތިން ނަރުސް ކުދިންވެސް ކަޅި ޖަހާނުލާ ޝިޒާންއަށް ބަލަން ފެށިއެވެ. އެ ފިރިހެންވަންތަ ކަމަށް ހިތާހިތުން އެ މީހުންނަށް ތައުރީފް ކުރެވުނެވެ. އެއް ކުއްޖަކު ތުއިވެލާފައި ހިނިތުންވެލިއިރު، އަނެއް ކުއްޖާވެސް މައުނަވީ ގޮތަކަށް ހިނިތުންވެލައިފިއެވެ. އެއިން އެއްވެސް ކަމަކަށް ޝިޒާން ފަރުވާލެއް ނުބަހައްޓައެވެ. އޭނާ ހިނގާލާފައި ގޮސް ނުކުތީ ގޭޓު ކައިރިއަށެވެ. އެއަށްފަހު އޭނާ ފޯނަށް ޖަވާބު ދިނެވެ.

ބައްޕަ ކަމުންދިޔައިރު، ޝިޒާންއާ ބެހޭގޮތުން ސުވާލުކުރަން ބޭނުންވެފައި އިން މިންހާއަށް އިރުއިރުކޮޅަކާ ހަނީފަށް ބަލައިލެވެއެވެ.

"ދަރިފުޅާ..." މިންހާ ސިހުނީ ހަނީފްގެ އަޑަށެވެ.

"ކީކޭ ބައްޕާ... ކަމެއް ބޭނުންވީތަ؟" މިންހާ އަވަސް އަވަހަށް ސުވާލުކޮށްލިއެވެ.

"ޝިޒާންއަށް ގޭގެ ކޮޓަރީގެ ތަޅުދަނޑި ހަވާލުކޮށްލަން ދޭބަލަ! ދިގު ދަތުރަކަށްފަހު، އަރާމުކޮށްލަންވެސް ބޭނުންވެފައެއްނު ހުންނާނީ..." ހަނީފް ބުނެލިއެވެ. މިންހާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިރުކޮޅަކު އިނދެވުނެވެ.

"އައިހަމް އުޅޭ ކޮޓަރި ނޫން އަނެއް ކޮޓަރި ހުންނާނެއެއްނު!. އައި ގޮތަށް ފުރަތަމަވެސް އެ އައި ބައްޕަ ކައިރިއަށް ވިއްޔަ!" ހަނީފް އިތުރަށް ބުނެލިއެވެ. ޝިޒާންއާ ބައްޕައާ އެހާ ގާތްވީ ކޮން އިރަކު ބާއޭ މިންހާގެ ހިތަށް އެރިއެވެ. މިންހާ ބޯ ޖަހައިލިއެވެ. އޭނާ އިތުރު އެއްޗެއް ނުބުނެއެވެ. އިރުކޮޅަކުން އަނެއްކާވެސް ޝިޒާން އައިސް އެތެރެއަށް ވަނެވެ.

"ޝިޒާން... މިކޮޅުގައި ހުންނާނެ ތަނެއް ހަމަޖެހިފަތަ ހުރީ؟ އެވަރުވެސް ނާހާ ހުރިހާ ކަމެއް މި ނިންމައިލެވެނީ!" ހަނީފް ސުވާލުކޮށްލިއެވެ. މިންހާއަށް ބަލައިލެވުނީ ބައްޕައަށެވެ. ބައްޕަ ތަޅުދަނޑި ހަވާލުކުރާ ވާހަކަ ދެއްކީ އެކަންވެސް އޮޅުން ނުފިލުވާ ހެއްޔެވެ؟

"ނިންމީ ތަންކޮޅެއް ދުރުގައި ހުރި ގެސްޓް ހައުސްއެއްގައި ހުންނަން..."

"ނޫނޭ... ޝިޒާން ހުންނަންވާނީ އަހަރެމެންގެ ގޭގައި... ހުންނާނެ ހުސް ކޮޓަރިއެއް..." ޝިޒާންގެ ވާހަކަ ހުއްޓުވާ ހަނީފް ބުނެލިއެވެ.

"އެ އޯކޭވާނެ. އެތަންވެސް ހަމަ ރަނގަޅޭ." ޝިޒާން ހިނިތުންވެލިއެވެ.

"ނޫނޭ... ކަމަކު ނުދާނެ. ޝިޒާންއަކީ މިހާރު އަހަރެމެންގެ މެހެމާނެއް، އެހެންވީމަ އަހަރެމެންނަށް މެހެމާންދާރީ އަދާކުރަން ފުރުސަތުދީ." ހަނީފް ކެނޑިނޭޅި ބުނަމުންދިޔައެވެ. އެވަރަށް ކިޔަންފެށުމުން ހަނީފްއާ ދެކޮޅު ހަދާކަށްވެސް ޝިޒާންއަކަށް ނުކެރުނެވެ. އެންމެފަހުން އޭނާ އެއްބަސްވިއެވެ.

"މިންހާ ދާނެ ކޮޓަރީގެ ތަޅުދަނޑި ހަވާލުކޮށް ކޮޓަރި ދައްކަން. އިރުކޮޅަކުން ބޮޑުދައިތަވެސް އަންނާނެ..." ހަނީފް މިންހާއަށް ބަލައިލަމުން ބުނެލިއެވެ. އޭނާ ކައި ނިންމާފައި މިންހާ ކައިރީ ޝިޒާން ގޮވައިގެން ގެއަށް ދާން އެދުމުން ވެސް މިންހާއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާ ބޯ ޖަހައިލިއެވެ.

ޝިޒާން އޭނާގެ ދަބަސް ކޮނޑުގައި އަޅުވައިލިއެވެ. އެއަށްފަހު، މިންހާއާ އެކު ހިނގައިގަތެވެ. މިންހާއާ ދާދި އެއްވަރެއްގައި ހިނގާލާފައި އޭނާ ސިއްހީ މަރުކަޒުން ނިކުންނަން ހިނގައިގަތްއިރު، އެތަނުގައި ތިބި ނަރުސް ކުދިންވެސް ތިބީ ސުވާލުގެ ނަޒަރަކުން މިންހާއަށް ބަލަހައްޓައިގެންނެވެ. އެ މީހުން އެކަކު އަނެކަކުގެ ކަންފަތް ބުޑުގައި ސިއްރުން ވާހަކަތަކެއް ދެއްކިކަން މިންހާގެ އިތުރުން ޝިޒާންއަށް ވެސް އެނގުނެވެ. އެކުގައި ގޮސް ސިއްހީ މަރުކަޒު ގޭޓުން ނުކުތްތަނާ އެތެރޭގައި ހުރި ކުއްޖަކު ބޯ ދިއްކޮށްލާފައި އެ ދެމީހުންނަށް ބަލައިވެސް ލިޔެވެ. އެކަން ޝިޒާންއަށް އެނގުމުން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް އޭރުވެސް އިރުއިރުކޮޅަކާ ބެލެނީ މިންހާއާ ދިމާލަށެވެ.

އެ ދެމީހުން ހިނގާލާފައި ދިޔައިރުވެސް، މަގުމަތިން ދާ މީހުންގެ ނަޒަރުތައް އެ ދެމީހުންނަށް ހުއްޓެމުންދިޔައެވެ. އެ ރީތި ޒުވާނާއަކީ ކާކުކަން އެނގުމުގެ ޝައުގުވެރިކަން އެ މީހުންގެ ހިތުގައިވާ ކަހަލައެވެ.

"ރަށްފުށުގެ މާހައުލު ހާދަ ހިތްގައިމޭ..." ހަމަހިމޭންކަން ފޫދުއްވައިލަމުން ޝިޒާން ވާހަކަ ދެއްކުމާއެކު، މިންހާއަށް ޝިޒާންއާ ދިމާލަށް ބަލައިލެވުނެވެ. ހަތަރުކަޅި ހަމަވުމާއެކު އޭނާ ނިކަން އަވަސްއަވަހަށް އެ ނަޒަރު ވަކިކޮށްލައިފިއެވެ.

"އަހަންނަށް އަބަދުވެސް ރަށްރަށުގެ މާހައުލު ވަރަށް ކަމުދޭ..." އެ ޒުވާނާގެ ވާހަކަތަކުން މިންހާއަށް އެނގުނީ އޭނާއަކީ، މާލޭގައި، ނޫނީ ރާއްޖޭން ބޭރުގައި އުޅެމުންދާ ޒުވާނެއް ކަމެވެ.

"އަލަށްތަ ރާއްޖެތެރޭގެ ރަށަކަށް ތިއައީ؟" މިންހާ ސުވާލުކޮށްލިއެވެ.

"ނޫނޭ! މަދުމަދުން ބައެއް ރަށްރަށަށް ދަތުރު ކުރެވުނު..." ޝިޒާން ޖަވާބުދިނެވެ. އޭނާ ދިޔައީ ވަށައިގެން ބަލަމުންނެވެ. އަވި ގަދަކަމުން އޭނާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ދަލުގެ އަސަރު ފާޅުވަމުންދިޔައެވެ.

ގެއާ ހިސާބަށް އާދެވުމުން މިންހާ ގޭތެރެއަށް ވަނެވެ. ޝިޒާންވެސް މިންހާގެ ފަހަތުން ވަނެވެ. ޝިޒާންގެ ގާތުގައި މަޑުކޮށްލަން ބުނެފައި މިންހާ ހަނީފްގެ ކޮޓަރިއަށް ވަދެފައި، ތަޅުދަނޑި ހިފައިގެން ނުކުތެވެ. އޭނާ ޝިޒާން ގޮވައިގެން ކޮޓަރި ހުންނަ ފަރާތު ގޯއްޗަށް ނުކުތްއިރު، ޖޯލީގައި އައިހަމްއާ ރައިހާންގެ އިތުރުން ޔޫލިންވެސް ތިއްބެވެ. މިންހާ ކޮޓަރިތަކާ ދިމާލަށް ހިނގައިގަތް ތަނާ އެ ތިން މީހުންގެ ނަޒަރު މިންހާއާ މިންހާގެ ކައިރީގައި ހުރި ޒުވާނާއަށް އަމާޒުވެގެންދިޔައެވެ. ޝިޒާން ގޮވައިގެން ގޮސް ކޮޓަރި ދެއްކުމަށްފަހު، މިންހާ ޝިޒާންއާ ތަޅުދަނޑި ހަވާލުކޮށްލިއެވެ.

"ތޭންކްސް..." ޝިޒާން ޝުކުރު އަދާކޮށްފައި، މިފަހަރުވެސް މައުނަވީ ގޮތަަކަށް މިންހާއަށް ބަލައިލިއެވެ. އެއަށްފަހު އޭނާ ކޮޓަރީގެ ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ދޮރު ލައްޕައިލަމުން ޝިޒާން ކޮޓަރިއަށް ވަށައިގެން ބަލައިލިއެވެ. އެނދަކާއި، އަލަމާރިއަކާއި ޑްރެސިން ޓޭބަލްއެއްގެ އިތުރުން، ސްޓަޑީ ޓޭބަލެއްވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ. އޭގެ އިތުރުން ހެދުން އަޅުވާ ސްޓޭންޑަކާއި، އިސްތިރި ކުރާ މޭޒުވެސް ހުއްޓެވެ. ފާރުތަކުގައި ލާފައިވާ ހުދުކުލައާއި އެނދުގައި އަޅާފައިވާ ހުދުކުލައިގެ ބެޑްޝީޓްއާއި ކުއިލްޓްގެ ސަބަބުންވެސް ތަނުގެ ސާފުތާހިރުކަން ވަޒަންކޮށްލެވެއެވެ. އޭނާ އޭސީ ރިމޯޓް ނަގާ އޭސީ ޖައްސައިލިއެވެ. ހޫނުވެފައި ހުރިވަރުން ބޭނުންވީ ފެންވަރާލާށެވެ. ހެދުން އަޅުވާ ސްޓޭންޑުގައި ޓީޝާޓު އަޅުވައިލަމުން، އޭނާ ތުވާލި ނަގާ އެ ހިފައިގެން ފާހާނާއަށް ވަނެވެ.

*****

މިންހާ މަޑު ފިޔަވަޅުތަކެއްގައި ގޮސް ޔޫލިންމެން ކައިރީގައި ހުއްޓުނެވެ.

"ކޮން ބިޓެއް ގޮވައިގެން ތިއައީ؟ ހާދަ ސަޅި ސޮރެކޭ... އަނެއްކާ އެހެރަ ދެ ލޮލެއް... ނޫނީ ލެންސެއްތަ؟" ޔޫލިން ދިމާކޮށްލިއެވެ.

"ނޭނގެ ކާކު ކަމެއް؟ ބަލާބެލުމަށް ޑީސެންޓް ދޯ..." މިންހާ ބުނެލިއެވެ.

"ދެން ބުނެބަލަ! ކާކުތަ އެއީ؟" ރައިހާން ސުވާލުކޮށްލިއެވެ. އައިހަމްވެސް މިންހާއަށް ބަލައިލިއެވެ.

"އަހަންނަށް ކިހިނެއްތަ އެނގެނީ؟ ބައްޕަގެ 'މެހެމާނެކޭ އެއީ'" މިންހާ އެ ކޮޓަރިއާ ދިމާލަށް ބަލައިލަމުން ބުނެލިއިރު، ފަހު ބަސް ބުނެލީ ކުޑަކޮށް އަޑަށް ބާރުލާފައެވެ.

"ބައްޕައޭ؟ ދެޓް މީންސް އެއީ ކުއްޔަށް ހުންނަން އައި މީހެއް ނޫނޭތަ؟ މަ މި ހީކުރީ އެހެން ކަމަށް..." ޔޫލިންއަށް ހައިރާންކަމާއެކު ސުވާލުކޮށްލިއެވެ.

"ނޫނޭ...އަހަންނަކަށް ވެސް ނޭނގެ ކާކު ކަމެއް. އަހަރެން ކާއެއްޗެހި ހިފައިގެން ދިޔައިރު އޭނަ ހުރީ ބައްޕަ ކައިރީގައި... ބައްޕަ ބުނެފި ގޭގައި އޭނަ ބަހައްޓަން!" މިންހާ ދެ ކޮނޑު އަރުވައިލިއެވެ.

"ދެން... އޭނަގެ ނަމެއްވެސް ނޭނގޭ؟" އައިހަމް ވެސް ސުވާލުކޮށްލިއެވެ.

"އުނހުން. ޝިޒާން ކިޔަނީ..."

"އަނެއްކާ ބޭރު މީހެއްތަ؟" ޔޫލިން އަހައިލިއެވެ.

"ހަމަގައިމުވެސް އޭނަ ވާހަކަ ދައްކަނީ ދިވެހިން... އެކަމަކު ދިވެއްސެއް ވައްތަރެއް ނުޖަހާ ދޯ..." މިންހާ ބުނެލިއެވެ.

"އާނ... ދިގު، އަނެއްކާ ރާއްޖެ ކުދިންނާ ތަފާތު ގޮތެއް އެބަހުރި ދޯ... ވެދާނެ ބޭރު މީހެއް ކަމަށް. އެހާ ގިނަ ދުވަހު ރާއްޖޭގައި އުޅުނީމަ ދިވެހި ބަސް ދަސްވީކަމަށް ވާނީ..." ޔޫލިން އެކި މަންޒަރުތައް އޭނާގެ ސިކުނޑީގައި ކުރަހަމުންދިޔައެވެ. މިންހާއަށް ފޯނެއް އައީ އެ ވަގުތެވެ. ގުޅަނީ ބައްޕަކަމަށް ވުމާއެކު، އޭނާ ލަސްނުކޮށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ.

"ދަރިފުޅާ! ދަރިފުޅު ދެން އަރާމުކޮށްލަން ގޭގައި މަޑުކޮށްލާ. ބޮޑުދައިތަވެސް އެބައިން މިހާރު އައިސް. ބޮޑުދައިތަވެސް ބުނީ ރޭގައި ދަރިފުޅު ހޭލާ އިނީމަ ދެން ބުނާށޭ އަރާމުކޮށްލާށޭ." ހަނީފް ބުނެލިއެވެ.

"އެންމެ ރަނގަޅު! ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލާ އިނގޭ ބައްޕާ..." މިންހާ ބުނެލިއެވެ. އެއަށްފަހު، އޭނާ ފޯނު ބާއްވަމުން ޔޫލިންމެން ކައިރީގައި ވާހަކައިގައި މަޑުކޮށްލިއެވެ.

*****

ފިނިފެނުން ފެންވަރާލައިގެން ޝިޒާން ނުކުތުމާއެކު އޭނާގެ ހަށިގަނޑު ތާޒާ ވިއެވެ. ލޮޑުކަން ފިލާ މީހާގެ ހައްޓަށް އަރާމުވިއެވެ. އޭސީގެ ފިނި އޭރު ކޮޓަރިތެރޭގައި ހިފާލާފައިވެއެވެ. ބަނޑުހައިކަން އިހްސާސްވީ ދެނެވެ. ހެނދުނުވެސް އެއްެޗެއް ނުކައިހުރީތީ އޭނާ ބޭނުންވީ ކޮންމެވެސް އެއްޗެއް ކައިލާށެވެ. ރީތިވެލުމުގެ ބޭނުމުގައި އޭނާ ދަބަހުން ނެގީ ކަނޑުނޫކުލައިގެ ޓީޝާޓަކާއި، ކަޅުކުލައިގެ ސޯޓެކެވެ. އެ އެއްޗެހި އިސްތިރިކުރުމަށްފަހު، ލަމުން ދަބަހުން އޭނާގެ ރީތިވާ އެއްޗެހި ނަގާ ޑްރެސިންޓޭބަލް މަތީގައި އަތުރައިލިއެވެ. އެއްފަހު ރީތިވެލިއެވެ. އަރްމާނީ ކޯޑު ސެންޓުފުޅިން ގަޔަށް ބުރުވައިލުމާއެކު، މުޅި ކޮޓަރިތެރޭގައި ސެންޓުގެ ވަސް ހިފައިލިއެވެ. އަތު ކުރީގައި އޭނާގެ އަގުބޮޑު ރޮލެކްސް ގަޑި އަޅައިލަމުން، އޭނާ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލިއެވެ. ހިތްހަމަޖެހޭވަރު ވުމުން ވޮލެޓް ޖީބަށް ލަމުން، ޑްރެސިންޓޭބަލް މަތީގައި ބާއްވާފައި އޮތް އޭނާގެ އައިފޯނު ނަގައިގެން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.

ނުކުމެ ދޮރު ތަޅުލާފައި އޭނާ އެނބުރި ބަލައިލިއިރުވެސް، މިންހާމެން އެތަނުގައި ވާހަަކަ ދައްކަން ތިއްބެވެ. އަވި ގަދަ ވަގުތަކަށް ވިޔަސް ގޯތިތެރޭގައި ހައްދާފައިވާ ގަސްތަކުގެ ސަބަބުން މުޅި ސަރަހައްދަށްވަނީ ހިޔާ ފެތުރިފައެވެ. ލުއި ލުއި ވައިރޯޅިތައްވެސް ދިޔައީ ޖެހެމުންނެވެ. އެ މީހުންނަން ބަލަހައްޓައިގެން ޝިޒާން ހުރީ އެހީތެރިކަމަށް އެދެން ވީބާއޭ ހިތަށް އަރާ ހާލުގައެވެ. ރެސްޓޯރެންޓެއް ހުންނަތަން އަހަންވީއެވެ. ނޫނީ ރަށުތެރޭގައި ހިނގާލަން ދާންވީއެވެ. އޭރުންވެސް ފަހަރެއްގައި ރަނގަޅު ރެސްޓޯރެންޓެއް ފެނިދާނެއެވެ.

ޝިޒާން އެ މީހުންނާ ދިމާލަށް ބަލަން ހުރިތަން އެންމެ ފުރަތަމަ އަޅައިގަތީ ޔޫލިންއަށެވެ.

"އޭތް. އޭނަ ހާދަވަރަކަށް އެ ބަލަނީ؟" ޔޫލިން މިންހާއަށް ބުނެލިއެވެ.

"ކާކު؟" މިންހާވެސް ފަސް އެނބުރިލިއެވެ. އޭރުވެސް ޝިޒާން ހުރީ އެ މީހުންނަށް ބަލަހައްޓައިގެންނެވެ. އޭނާ ބަލަން ހުއްޓާ ޝިޒާން އެ ދިމާލަށް ފިޔަވަޅު އަޅަންފެށިއެވެ. ރައިހާންއާ އައިހަމްވެސް އެ ދިމާލަށް ބަލައިލިއެވެ.

"އެކްސް ކިއުޒް މީ..." ޝިޒާން އައިސް އެ އެންމެންގެ ކައިރިއަށް ހުއްޓިލިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު