އެމްއާރްއެމްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ހަމައެކަނި ފާރިސް މައުމޫން

ފާރިސް މައުމޫން --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް)ގެ ރައީސް ކަމަށް އެ ޕާޓީގެ އިންތިގާލީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫން ކުރިމަތިލައްވައިފިއެވެ.

އެމްއާރުއެމްއިން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އެ ޕާޓީގެ ރައީސް ކަމަށް ކުރިމަތިލައްވާފައި ވަނީ ހަމައެކަނި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް އެވެ.

އެ ޕާޓީގެ ޒައީމް ކަމަށް ކުރިމަތިލައްވާނެކަން ރައީސް މައުމޫން މީގެ ކުރިން އިއުލާން ކުރައްވާފައިވާ އިރު، އެ މަގާމަށް ވެސް ކުރިމަތިލެއްވީ އެންމެ ކެންޑިޑޭޓެއްކަން އެމްއާރުއެމްއިން ހާމަ ކުރިއެވެ.

އެމްްއާރުއެމްގެ އިސް މަގާމުގަތަކާއި ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ދޭއްގައި ބާއްވާ އެ ޕާޓީގެ ފުރަތަމަ ނެޝަނަލް ކޮންވެންޝަނުގައެވެ. އަދި އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 4:00ގައި ހަމަވާނެއެވެ.

އެމްއާރުއެމްގެ ކޮންވެންޝަންގައި ޕާޓީގެ ޒައީމާއި ރައީސްގެ އިތުރުން ދެ ނައިބު ރައީސުން އިންތިހާބު ކުރާނެއެވެ. އަދި އެގްޒެކެޓިވް ކޮމިޓީ އާއި ޒުވާނުންގެ ކައުންސިލާއި އަންހެނުންގެ ކައުންސިލަށް ރައީސުންނާއި ނައިބު ރައީސުންނާއި މެންބަރުން ހޮވާނެއެވެ.

މީގެ އިތުރުން އިންތިހާބު ކޮމިޓީ އާއި ސުލޫކީ ކޮމިޓީ އާއި އިސްތިއުނާފު ކޮމިޓީއަށް 15 މެންބަރުން ހޮވާނެއެވެ.

ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރެޖިސްޓާ ކުރީ ޑިސެމްބަރު 20، 2019ގައިއެވެ.

comment ކޮމެންޓް