ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ އަންހެނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރު ކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވެފައިވަނީ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ފަސް އަހަރުގެ ސްޓެރެޓެޖިކް ޕްލޭން އިފްތިތާހުކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.
ރާއްޖޭގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވުމަށް އޮތް ފުރުސަތުތައް ކުރިއަށްވުރެ ފުޅާވެގެން ގޮސްފައިވާ ކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެކަން ފާހަގަކުރައްވާ ޑިމޮކްރަސީ ނެގެހެއްޓުމަށާއި ކުރާ ކޮންމެ ކަމެއްގައިވެސް ހަމަހަމަ އުސޫލުތައް ގެންގުޅުމާއި އަގުލަބިއްޔަތަށް މުހިންމުކަން ދިނުމަކީ މުހިންމު ކަމެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޑިމޮކްރަސީ ދުވަސް ފާހަގަކުރަމުންދާއިރު، އ.ދ.ގެ 76 ވަނަ ސެޝަންގެ ރިޔާސަތާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގަންނަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާއި ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބޮޑެތި ގައުމުތަކުގެ ކުރިމަތީގައި ވެސް މުހިންމު ގައުމެއްކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވިދާޅުވިއެވެ.