މަތީ ދަރަޖައިގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ ހަމަވާނެ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖައިގެ ހާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރުފަހު 3:00 އަކަށް ހަމަވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

އެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

ކުރިން އަހަރު ތަކެކޭވެސް އެއްފަދައިން މިއަހަރުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދޭން ކަނޑައަޅާފައިވަނީ ހަތަރު ގިންތިއަކުންނެވެ.

އެގޮތުން އިނާމު ދެއްވާ ފުރަތަމަ ގިންތިއަކީ މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ މީހުންނަށް އިނާމު ދޭ ގިންތިއެވެ.

އެ ގިންތީގައި ހިމެނޭނީ ގައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 10 ގެ ފާހަގަ ކުރެވޭ ކާމިޔާބީއެއް ހޯދި މީހުންނާއި އޮނިގަނޑު ލެވެލް ހަތެއް، އަށެއް އަދި ނުވައެކުން ފާސްވެ އެންމެ މަތީ ވަނަ ހޯދާ މީހުންނެވެ.

އެ އިނާމު ދޭން ހަމަޖެހިފައިވާ ދެވަނަ ގިންތިއަކީ، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދާ މީހުންނެވެ.

ތިންވަނަ ގިންތީގައި ބަލަނީ ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ހައްލެއް ހޯދުމުގެ ގޮތުން އާ އުފެއްދުމެއް އުފައްދައިގެން ނުވަތަ އިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހުންނެވެ.

އެ އިނާމު ދޭން ކަނޑައަޅާފައިވާ އެންމެ ފަހު ގިންތިއަކީ ހުނަރުވެރި، ފަންނުވެރި، މަސައްކަތްތެރި ޒުވާނުން ގައުމީ ތަރައްގީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ މީހުންނަށް އިނާމު ދެއްވާ ގިންތިއެވެ.

މަތީ ދަރަޖަ ހޯދާ މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްވާ މަތީ ދަރަޖައިގެ ހާއްސަ އިނާމަށް ނަން ހުށަހެޅޭނީ ރައީސް އޮފީހަށް ފޯމު ހުށަހަޅަން ބޭނުން ކުރާ ޕޯޓަލް އިންނެވެ.

comment ކޮމެންޓް