އަފްގާނުގެ ގިނަ ކުދިންނަށް އެކިއުޓް މަލްނިއުޓްރިޝަން ޖެހިދާނެކަމުުގެ ބިރު ބޮޑުވެއްޖެ

އަފްގާނުގެ ކުދިން -- ފޮޓޯ/ސީއެންބީސީ

ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން އަފްގާނިސްތާނުގެ މިލިއަނެއްހާ ކުޑަކުދިންނަށް އެކިއުޓް މަލްނިއުޓްރިޝަން ބަލިޖެހިދާނެކަމުގެ ބިރު އެބައޮތްކަމަށް ޔުނިސެފުން ބުނެފި އެވެ.

އަފްގާނިސްތާނުގައި މިހާރު ހިނގަމުންދާ އިންސާނިއްޔަތާ ހިލާފު އަމަލުތަކާ ބެހޭގޮތުން އދ. ގައި ބޭއްވި ބައްދަލުވުމެއްގައި ޔުނިސެފްގެ އެކްޒެކެޓިވް ޑިރެކްޓާ ހެންރިއެޓާ ފޯ ވިދާޅުވީ މި ބައްޔަށް ރަނގަޅަށް ފަރުވާ ނުދެވޭނަމަ ގިނަ އަދަދެއްގެ ކުދިން މި ބަލީގައި މަރުވެދާނެކަމަށެވެ.

ތާލިބާން ޖަމާއަތުން އަފްގާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު އަފްގާނިސްތާނަށް މި ނާޒުކު ހާލަތުގައި ދުނިޔޭގެ އެހެނިހެން ގައުމުތަކުގެ އެހީ ބޭނުންވާނެ ކަމަށް ވެސް ހެންރިއެޓާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ 15ވަނަ ދުވަހު ތާލިބާނުން އަފްގާނިސްތާން އެމީހުންގެ ބާރުގެ ދަށަށް ގެންދިޔުމާ ގުޅިގެން ގިނަ ހުޅަނގުގެ ގައުމުތަކުން ވަނީ އަފްގާނަށް އެހީ ދިނުން ހުއްޓާލާފައެވެ.

އެއާއެކު ޔުނިސެފުން ދަނީ ތާލިބާނަށް ނޭނގޭ ގޮތެއްގައި، އެ ގައުމުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީ ފޯރުކޮށްދެވޭނެ މަގެއް ހޯދަމުންނެވެ.

އެމެރިކާއިން އިއްޔެ ވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަންއާއި އދ.ގެ ހައި ކޮމިޝަނާ ފޯ ރެފިއުޖީސް މެދުވެރިކޮށް އަފްގާނިސްތާނަށް 64 މިލިއަން ޑޮލަރުގެ އެހީއެއް ފޯރުކޮށްދޭނެކަމަށް ބުނެފަ އެވެ.

comment ކޮމެންޓް