އަބްދުﷲ ރިޔާޒަކީ ގޮތެއްފޮތެއް ހުރި ބޭފުޅެއް ނޫން: ގާސިމް

މާމިިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކިނބިދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ރިޔާޒަކީ އެއްވެސް ގޮތެއްފޮތެއް ހުރި ބޭފުޅެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ހެޑް އޮފީސް ކަމުގައިވާ މ. ކުނޫޒްގައި މިއަދު ނޫސްވެރީންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ ކާނަލް ނާޒިމާއި އަބްދުﷲ ރިޔާޒަކީ އޭނާގެ ވަރަށް ގާތް ދެ ބޭޅުން ކަމަށެވެ. އޭގެ ތެރެއިންވެސް އަބްދުﷲ ރިޔާޒަކީ އާއިލީގޮތުން ގުޅިފައިވާ ބޭފުޅެއް ކަމުގައިވާތީ ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކިނބިދޫ ދާއިރާއަށް ރިޔާޒް ހޮވުނީ އޭނާގެ ބުރަ މަސައްކަތުން ކަމަށެވެ. އެގޮތުން އެތައް މިލިއަން ރުފިޔާއެއް ހޭދަ ކުރެއްވި ކަމަށް ގާސިމް ވިދާޅުވިއެވެ.

"ކިނބިދޫ ދާއިރާއަށް އަބްދުﷲ ރިޔާޒް ހޮވުނީ ކިތައް މިލިއަން ރުފިޔާ ހަރަދުކޮށްގެންކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގޭނެ. ދާއިރާގެ މީހުންނަށް ގޮވައިގެން އަންނައިރަށް ކިތައް މީހުންނަށް ބޭސްފަރުވާގެ އެހީ ދިނިންތޯ؟ އޭނާގެ ދާއިރާގެ ކިތައް މީހުންނަށް ސްކޯލާޝިޕް ދިނިންތޯ. ބޭރަށް ފޮނުވައިގެން ކިޔަވައިދިނިންތޯ،" ގާސިމް ވިދާޅުވިއެވެ.

"އެހެންވީމަ އަޅުގަނޑު ދަންނަވާނީ މީހެއްގެ ލަދުހަޔާތް ކުޑަވެގެން ދިޔަޔަސް ގޮތެއް ނެތިގެން ދިޔަޔަސް އެވަރުވީމަ އެއީ ދެން ތަންކޮޅެއް ބޮޑުވަރޭ،"

ގާސިމް ވިދާޅުވީ އަބްދުﷲ ރިޔާޒަކީ ވަރަށް އިތުބާރު ކުރައްވައިގެން ގެންގުޅުއްވި ބޭފުޅެއް ކަމަށެވެ. ނަމަވެސް އެންމެ ފަހު ވަގުތު މަސައްކަތްކުރީ ޕާޓީތެރެ ބައިބައިކޮށް، އޭނާގެ ބޮލަށް ފައިން އަރަން ކަމަށް ވިދާޅުވިއެވެ.

"އަބްދުﷲ ރިޔާޒަށްވެސް ނާޒިމަށްވެސް އަދި އެހެން ބޭފުޅުންނަށްވެސް ރަނގަޅަށް އެނގޭނެ އަޅުގަނޑަކީ މީހަކު އެއްޗެކޭ ބުނެގެން ރޯނެ މީހެއް ނޫންކަން. ދެރަ ވެގެން ޗޭ ވެގެން ދާނެ މީހެއް ނޫންކަން. އެއަށްވުރެ މާހަރުދަނާ ވަކި އުސޫލެއްގެ މަތީގަ ހުންނަ މީހެއްކަން،" ގާސިމް ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަކީ އަބަދުވެސް ނިދާފައި އޮންނަ ޕާޓީއެއް ކަމުގައި ވިދާޅުވެ، ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މީޑިއާގައި ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އެއީ ތެދެއް ކަމަށެވެ. ގާސިމް ވިދާޅުވީ ނިދާފައި އޮއްވާ ރިޔާޒަށާއި ނާޒިމަށްވެސް ގުޅެން އެނގުނީ ޖުމްހޫރީ ޕާޓީއާ ކަމަށެވެ.

"ނާޒިމްވެސް ވިދާޅުވީ މި ޖުމްހޫރީ ޕާޓީ އޮތީ ނިދާފައޭ. އެއީ ތެދެއް. މި ޕާޓީ އޮންނާނީ އަބަދުވެސް ނިދާފަ. އެހެން ތިއްބާ ރިޔާޒަށްވެސް، ނާޒިމަށްވެސް ގުޅެން އެނގުނީ މި ޕާޓީއާ. އަޅުގަނޑުމެން ބުނެކިޔައިގެނެއް ނޫން އެބޭފުޅުން އައިސް މި ޕާޓީއަށް ވަނީކީ. އަޅުގަނޑުމެން ބުނެކިޔާ އާދޭސްކޮށްގެން ގެނައި އެކަކުވެސް މި ޕާޓީއަކު ނުހުންނާނެ،" ގާސިމް ވިދާޅުވިއެވެ.

އަބްދުﷲ ރިޔާޒް އާއި ކާނަލް ނާޒިމް، ޖޭޕީން ވަކިވުމަށްފަހު، މިހާރު އަންނަނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެންއެންޕީ)ގެ ނަމުގައި އަލަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް